ސްކައުޓް ހަރަކާތަކީ ޒިންމާދާރު ޖީލެއް ބިނާކޮށްދޭ، އެކަކު އަނެކަކަށް އަޅައިލުމުގެ ވަރުގަދަ ބިންގަލެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު ސްކައުޓު ހަރަކާތްތެރިވާ ފަރާތްތަކާއި އެކު މީގެ ކުރިން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން.. ފޮޓޯ/ ރައީސް އިފީސް

ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އަޅައިލައި އެހީތެރިވުމުގެ މައްޗަށް ބިނާވެފައިވާ، އަދި ނަފްސު އިސްލާހުކުރުމާއި ރިވެތި އަޚްލާގުގެ ބިންގަލުގެ މަތީގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ ޒިންމާދާރު ޖީލެއް ބިނާކޮށްދޭ ޢަމަލީ ތަރުބިއްޔަތުގެ މައިދާނެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ބަލާލިކަމުގައިވިޔަސް، މި ސްކައުޓް ހަރަކާތަކީ ޖަޒީރާ ރަށްތަކުގެ މެދުގައި އޮންނަ ޖޯގުރަފީ ދުރުމިން ކައިރިކޮށް، އެއްބައިވަންތަކަމުގެ ވަރުގަދަ ފާލަމަކުން ދިވެހި ޒުވާނުން ގުޅުވައިދޭ ބާރެއް ކަމަށެވެ.

70 ވަނަ ގައުމީ ސްކައުޓްގެ ދުވަސް ފާހަގަކުރުން...

ސްކައުޓުންގެ ކިބައިން ފެންނަ ހިތްވަރާއި ޢަޒުމަކީ ކާބަފައިންގެ ކިބައިން ވާރުތަވެފައިވާ އިޙްތިރާމް ކުރުމާއި އުސޫލުތަކަށް ތަބާވުމުގެ ރީތި މިސާލެއްކަން ފާހަގަކުރައްވަމުން، މިއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމްދީނުގައި ބާރުއަޅުއްވާފައިވާ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ސިފަ ސްކައުޓުންގެ ފަރާތުން އަބަދުވެސް ފެންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

" ސްކައުޓް ހަރަކާތަކީ، އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ލާމަސީލު ނަމޫނާއެއްކަންވެސް ހަނދާންކުރަންޖެހޭ. އިންސާނިއްޔަތަށް ޚިދުމަތް ކުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވައި އަޅުގަނޑުމެންނަށް ގޮވާލައްވައިފައިވާ ކަމެއް." ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ގައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ސްކައުޓުން ވަނީ އެއްވެސް ޖެހިލުމެއްނެތި ގައުމީ ޚިދުމަތަށް ނުކުމެ، އެބޭފުޅުންގެ ހުސިޔާރުކަމާއި ހިންގުންތެރިކަން ސާބިތުކޮށްދީފައެވެ. ސްކައުޓުންގެ ހިތްތަކުގައިވާ ހިލޭ ސާބަހަށް ޚިދުމަތް ކުރުމުގެ ރޫޙަކީ މުޅި މުޖުތަމަޢަށް ހުރި ނަމޫނާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ސްކައުޓް އޮފީހުގައި ސްކައުޓް މެންބަރުންތަކެއް: -- ފޮޓޯ: ސްކައުޓް އެސޯސިއޭޝަން

"އަޅުގަނޑުމެންގެ ގައުމީ ހަޔާތުގައި ކުރިމަތިވި ކޮންމެ ބޮޑު ކާރިސާއެއްގައި، އަދި ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޚާއްސަކޮށް 2004 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު މުޅި ރާއްޖެއަށް ކުރިމަތިވި ސުނާމީގެ ނުރައްކާތެރި ބިރުވެރި ކާރިސާއިންވެސް، އެއްވެސް ޖެހިލުމެއްނެތި ގައުމީ ކަންކަމުގައި އަބަދުވެސް ތައްޔާރަށް ތިބޭނޭ އެއްބަޔަކީ، އަޅުގަނޑުމެންގެ ލޮބުވެތި ސްކައުޓުންކަން ވަނީ ސާބިތުކޮށްދީފަ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.

ތަޢުލީމީ ހަޔާތުގައި ސްކައުޓް ހަރަކާތުން ލިބޭ ހުނަރާއި ތަޖުރިބާއަކީ ދިރިއުޅުމުގެ ކޮންމެ ފިޔަވަޅެއްގައި މަގުދައްކައިދޭ ކަންކަމެވެ. ކަބް ސްކައުޓް މޮޓޯ ކަމުގައިވާ "ޑޫ ޔުއަރ ބެސްޓް" އަދި ސްކައުޓް މޮޓޯ "ބީ ޕްރިޕެއަރޑް" އަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އަށަގަންނުވަންޖެހޭ މުހިންމު އުސޫލުތަކެއްކަމާއި، މިފަދަ ތަޖުރިބާތަކަކީ މިއަދުގެ ޒުވާނުންނަށް ނުހަނު ބޭނުންތެރި ކަންތައްތަކެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ސްކައުޓް ކުދިންތަކެއް ބަޔަކަށް އެހީތެރިވަނީ.. ފޮޓޯ/. ސްކައުޓް އެސޯސިއޭޝަން

ސަރުކާރުގެ ފަރާތުން ވަނީ ރާއްޖޭގެ ސްކައުޓް ހަރަކާތްތައް އިތުރަށް ފުޅާކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ކުރާ މަސައްކަތްތަކަށް ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފައެވެ. މި ހަރަކާތުގެ ސަބަބުން ކިޔަވާކުދިންނާއި ޒުވާނުންގެ މެދުގައި އަޚުވަންތަކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ރަސްމީކޮށް ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސް ވަނީ މި ހަރަކާތް ތަރައްގީ ކުރެއްވުމަށް މަސައްކަތް ކުރެއްވި އެންމެހައި ބޭފުޅުންގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދުނިޔެ ދޫކުރައްވާފައިވާ ބޭފުޅުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާ ކުރައްވައި، ސްކައުޓް އާއިލާގެ އެންމެހައި މެންބަރުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

މި އަހަރި ޙައްޖުގެ އަޅުކަމަށް ފުރި ޙައްޖާޖީން ފުރުވުމުގައި އެހީތެރިވެދިން ސްކައުޓް ކުދިން... ފޮޓޯ/ ސްކައުޓް އެސޯސިއޭޝަން

ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްސަ ޙަރަކާތެއްގެ ގޮތުގައެވެ.

މަޖީދިއްޔާ ސްކޫލުން މީގެ 70 އަހަރުކުރިން ފެށި ސްކައުޓު ޙަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ބައިނަލްއަގުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގައެވެ. އެ ނިންމުމާއެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި، ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ވެސް ބައިވެރިވެފައެވެ. އަދި ރާއްޖޭގައިވެސް މުހިއްމު ޖަމްބޮރީތައްވަނީ ބާއްވާފައެވެ.

މީގެ އިތުރުން ރާއްޖެއިން ދަނީ ސްކައުޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ޙާސިލްކުރަމުންނެވެ.

ދިވެހިރާއްޖޭގައި ސްކައުޓް ހަރަކާތް ފެށުނުތާ 70 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ޚާއްޞަ ޚިޠާބެއް ފޮނުއްވާފައެވެ. މި ޚިޠާބުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ސްކައުޓް ހަރަކާތަކީ އެކަކު އަނެކަކަށް އެހީތެރިވެ، ރިވެތި އަޚުލާގުގެ މަތީގައި ޒިންމާދާރު ޖީލެއް ބިނާކުރުމުގެ މުހިންމު ބިންގަލެކެވެ. މީގެއިތުރުން، 2004 ވަނަ އަހަރުގެ ސުނާމީ ފަދަ ގައުމީ ބޮޑެތި ކާރިސާތަކުގައި ސްކައުޓުން ދައްކައިދީފައިވާ ނަމޫނާއާއި ހިތްވަރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މި ހަރަކާތް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 1956 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުން ފެށުނު މި ހަރަކާތް މިއަދު ވަނީ މުޅި ރާއްޖެއަށް ފުޅާވެ، ބައިނަލްއަގުވާމީ ފެންވަރުގައިވެސް ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

  • ސްކައުޓް ހަރަކާތަކީ ޒިންމާދާރު ޖީލެއް ބިނާކޮށްދޭ މުހިންމު ވަސީލަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
  • ސުނާމީ ކާރިސާ ފަދަ ދަނޑިވަޅުތަކުގައި ސްކައުޓުން ކޮށްފައިވާ ގައުމީ ޚިދުމަތްތަކަށް ތަޢުރީފުކުރެއްވިއެވެ.
  • ސްކައުޓް އެސޯސިއޭޝަނުގެ މަސައްކަތްތައް ފުޅާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެކަމަށް ވިދާޅުވިއެވެ.
  • 1956 ގައި ފެށުނު މި ހަރަކާތް މިހާރު ވަނީ ބައިނަލްއަގުވާމީ ފެންވަރުގައިވެސް ކުރިއެރުންތަކެއް ހޯދާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު