ޒޯޔާގެ އޮފީހުން 66 ހާޑް ޑިސްކް ވަގަށް ނަގައިފި

އިންޑިއާގެ ފިލްމު ޑައިރެކްޓަރު ޒޯޔާ އަހްތަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ޒޯޔާ އަޚްތަރާއި ރީމާ ކާގްތީ ގުޅިގެން ހިންގާ ފިލްމު ކުންފުނި "ޓައިގަ ބޭބީ ޑިޖިޓަލް އެލްއެލްޕީ" އޮފީހުން ގިނަ އަދަދެއްގެ ހާޑް ޑިސްކުތަކެއް ވަގަށް ނެގި މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ފިލްމު އުފެއްދުމާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ހުރި މި 66 ހާޑް ޑިސްކު ގެއްލުނުކަން ޒޯޔާ ވަނީ ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ކަށަވަރުކޮށްދީފައެވެ.

"އަޅުގަނޑުގެ އޮފީހުން ވައްކަންކޮށް، ހާޑް ޑިސްކުތަކެއް ވަނީ ގެންގޮސްފައި. އަޅުގަނޑުމެން ވާނީ އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައި، އަދި އެ މައްސަލައިގައި ފުލުހުން މިހާރު ވަނީ ބައެއް މީހުން ހައްޔަރު ވެސް ކޮށްފައި. މިއީ އޮފީހުގެ އެތެރޭގެ މީހަކު ކުރި ކަމެއް. ފައިސާ ހޯދުމަށް ޓަކައި މީހުން މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގުމަކީ ވަރަށް ހިތާމަވެރި ކަމެއް،" މި މައްސަލައާ ގުޅިގެން ޒޯޔާ ބުނެފައިވެއެވެ.

ޒޯޔާ ކޮއްކޮ ފަރުހާންއާ އެކު--ފޮޓޯ/ކޮއިމޮއި

"ނަސީބަކުން ހުރިހާ އެއްޗެއްގެ ބެކަޕް ފައިލްތައް އަޅުގަނޑުމެން އަތުގައި އެބަހުރި،" ޒޯޔާ އިތުރަށް ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ކުންފުނީގެ އެގްޒެކެޓިވް އެސިސްޓަންޓް އަދި އެޗްއާރް އެޑްމިނިސްޓްރޭޓަ މަހްޖަބީން މުޝްތާޤު ޝައިޚެވެ. މި މައްސަލައިގައި މުމްބާއީގެ ބަންޑްރާ ފުލުހުން ވަނީ މުޙައްމަދު ޝާހިދު އަޒީމް ޚާން އަދި ރިތޭޝް ސުރޭޝް ޝާހުގެ މައްޗަށް އެފްއައިއާރް ރަޖިސްޓްރީކޮށްފައެވެ. އަދި މި ދެ މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ވައްކަން ފަޅާއެރީ މި މަހުގެ 21 ވަނަ ދުވަހު، އޮފީހުގެ މަސައްކަތްތަކަށް ބޭނުންވާ ބައެއް ހާޑް ޑިސްކުތައް ނުފެނިގެން މުވައްޒަފުން ހޯދަން ފެށުމުންނެވެ. ހާޑް ޑިސްކުތައް އަޅާފައި ހުރި ފޮށިތަކަށް ގެއްލުންދީ، ހުސްކޮށް ހުރިކަން ފަހުން ފާހަގަ ކުރެވުނު ކަމަށް އެ އޮފީހުގެ ބައެއް މުވައްޒަފުން ވަނީ ބުނެފައެވެ.

ކުންފުނީގެ އިންވެންޓްރީގައިވާ 119 ހާޑް ޑިސްކުގެ ތެރެއިން 66 ޑިސްކެއް ވަނީ ގެއްލިފައެވެ. ގެއްލުނު މި ޑިސްކުތަކަކީ 16 ޓީބީ އާއި 72 ޓީބީ އާ ދެމެދުގެ ކެޕޭސިޓީ ހުރި، ގިނަ އަދަދެއްގެ މައުލޫމާތު ހިމެނޭ ޑިސްކުތަކެކެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، ގެއްލުނު ޑިސްކުތަކުގައި ފިލްމުތަކުގެ ރޯ ފުޓޭޖް، އެޑިޓްކޮށްފައިވާ މަންޒަރުތައް، ޕޯސްޓް-ޕްރޮޑަކްޝަން ފައިލްތައް، އާކައިވް ބެކަޕްތައް، އިޝްތިހާރު ކެމްޕޭންތަކުގެ މައުލޫމާތު އަދި މިހާތަނަށް ރިލީޒް ނުކުރާ ފިލްމުތަކާއި އޯޓީޓީ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިމެނެއެވެ.

މީގެ ތެރޭގައި މަޝްހޫރު "މޭޑް އިން ހެވަން" އަދި "ގޯސްޓް ސްޓޯރީޒް" ފަދަ އުފެއްދުންތަކުގެ މައުލޫމާތު ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ފާއިތުވި މަސްތަކުގެ ތެރޭގައި އެކި ފަހަރުމަތިން ހާޑް ޑިސްކުތައް ވަގަށް ނަގައި، "ގްރޭ މާކެޓް"ގައި ވިއްކާފައިވާ ކަމަށް އިއުތިރާފުވެފައެވެ. މިހާރު ފުލުހުން ބަލަމުންދަނީ އެ ޑިސްކުތަކުގައި ހުރި މައުލޫމާތު އެހެން ތަނަކަށް ކޮޕީކޮށްފައިވޭތޯ ނުވަތަ އިންޓަނެޓްގައި ލީކުކޮށްލާފައިވޭތޯއެވެ.

ޒޯޔާ އަހްތަރު އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު އަންހެން ޑައިރެކްޓަރުންގެތެރޭ ހިމެނޭ ފަންނާނެކެވެ. ކުޅަދާނަ ޅެންވެރިޔާ ޖާވިދު އަހްތަރުގެ އަންހެން ދަރިފުޅު ޒޯޔާ އަކީ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާންގެ ދައްތައެވެ.

ޒޯޔާ ޑައިރެކްޓްކޮށްފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ، "ޒިންދަގީ ނާ މިލޭގީ ދޮބާރާ"، "ގައްލީ ބޯއި"، "ދިލް ދަޅަކްނޭ ދޯ" އަދި "ދަ އާޗީސް" ހިމެނެއެވެ.

ޒޯޔާ އަޚްތަރާއި ރީމާ ކާގްތީ ގުޅިގެން ހިންގާ ފިލްމު ކުންފުނީގެ އޮފީހުން 66 ހާޑް ޑިސްކު ވަގަށް ނެގުމާ ގުޅިގެން މުމްބާއީ ފުލުހުން ވަނީ ތަހުގީގު ފަށާފައެވެ. މިއީ އޮފީހުގެ އެތެރޭގެ ބަޔަކު ގުޅިގެން ހިންގާފައިވާ އަމަލެއްކަމަށްވާއިރު، މި މައްސަލައިގެ ތުހުމަތުގައި މިހާރު ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. ގެއްލުނު ޑިސްކުތަކުގައި ކުރިއަށް އޮތް ޕްރޮޖެކްޓުތަކާއި ފިލްމުތަކުގެ ރޯ ފުޓޭޖު ފަދަ މުހިންމު މައުލޫމާތުތައް ހުރި ނަމަވެސް، ހުރިހާ ފައިލްތަކެއްގެ ބެކަޕް ރައްކާތެރިކުރެވިފައިވާކަން ޒޯޔާ ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން މިހާރު ދަނީ މި މައުލޫމާތުތައް ލީކުކޮށްފައިވޭތޯ ބަލަމުންނެވެ.

  • ކުންފުނީގެ 119 ހާޑް ޑިސްކުގެ ތެރެއިން 66 ޑިސްކު ވަނީ ވަގަށް ނަގާފައި.
  • މި މައްސަލައިގައި ފުލުހުން ވަނީ އޮފީހުގެ މުވައްޒަފުން ހިމެނޭހެން ދެ މީހަކު ހައްޔަރުކޮށްފައި.
  • ޑިސްކުތަކުގައި ފިލްމުތަކުގެ ރޯ ފުޓޭޖާއި ޕޯސްޓް ޕްރޮޑަކްޝަން ފައިލްތައް ފަދަ މުހިންމު މައުލޫމާތު ހިމެނޭ.
  • ހައްޔަރުކުރި އެކަކު ވަނީ މި ޑިސްކުތައް ވަގަށް ނަގައި ވިއްކާފައިވާ ކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފުވެފައި.
comment ކޮމެންޓް