މުޅި ސޯޝަލް މީޑިއާގައި މީހުން އީދަށް ތައްޔާރުވާ މަންޒަރެވެ. އެއްބަޔަކު ފުރަން ފޮށި ހިފައިގެން ތަންތަނަށް ދާއިރު އަނެއް ބަޔަކު ފިހާރައިގައި 'ޝޮޕިން' ގައެވެ. ރަށްރަށުގައި އަދި މާ ފޯރިގަދައެވެ. ބޮޑުބެރާއި، ދަނޑިއާއި، މާފަތި ނެށުން ފަދަ ހުށަހެޅުންތަކަށް ޕްރެކްޓިސް ކުރަނީއެވެ. ކައިރީ އިން ރައްޓެއްސަކު ސްނެޕެއް ހުޅުވާލިޔަސް ހަމަ ސަގާފީ ލަވަތަކަށް ނަށާ އަޑެވެ.
ސޯޝަލް މީޑިއާ ހާވަނިކޮށް ލޮލުގައި ތަފާތު މަންޒަރެއް އަޅައިގަތެވެ. މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމް ހިއްސާކުރި ވީޑިއޯއިން ފެންނަނީ "ކިނބިދޫ ބޮޑު ކުނބުސް" ޖަހާފައިވާ ޕެކްތަކެއް ފޯރިއާއެކު ބަޔަކު ތައްޔާރުކުރާ މަންޒަރެވެ.
ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ތައްޔާރުކުރާ "ބޮޑު ކުނބުސް" އަކީ އެ ރަށުގައި ކާބަފައިންގެ ޒަމާނުންސުރެ އޮތް ސަގާފަތެކެވެ. އަދިވެސް މި ސަގާފަތް އޮތީ ހަމަ އެ ގޮތަށެވެ. މިއީ އެ ރަށުގެ އެންމެން ގުޅިގެން ތައްޔާރުކުރާ ޚާއްސަ "މެޓާގަނޑެ"ކެވެ.
View this post on Instagram
މިއީ ފުށާއި، މާމުޔާއި، ހަކުރާއި، ކާށި ކިރުގެ އިތުރުން ގަބުޅި ހުނި ބޭނުންކޮށްގެން ތައްޔާރުކުރާ މީރު ފޮނި އެއްޗެކެވެ.
މީގެ އެންމެ ޚާއްސަ ކަމަކީ މި ކުނބުހުގެ ސައިޒެވެ. ދިގުމިނުގައި އަށް ވަރަކަށް ފޫޓު އަދި ފުޅާމިނުގައި ތިން ވަރަކަށް ފޫޓު ހުންނަ މި ބޮޑު ކުނބުސް އެޅުމަށް 100 އަށްވުރެ ގިނަ ގަބުޅު ބޭނުންވެއެވެ. އަދި މިއީ އާދައިގެ އުނދުންތަކުގައި ފިހެވޭ ވަރަށް ވުރެ ބޮޑު އެއްޗަކަށް ވާތީ، މި ފިހަނީ ރަށު ތެރޭގައި ޚާއްސަ ވަޅެއް ކޮނެ، އެ ވަޅުގައި އަލިފާން ރޯކޮށްގެންނެވެ. ކެޔޮ ފަތަށް ލައިގެން މި ކުނބުސް ފިހާނީ ގިނިގަނޑު ރަނގަޅަށް އަނދައި ނިމުމުން އޭގެ ތެރޭގައެވެ.
ފިހެ ނިމުމުން ދެން އެ ކެފުމުގެ މަރުހަލާ ފެށުނީއެވެ. އާއްމުކޮށް ބޯކިބަލެއް އެއްޗެއް ފިހުމަށްފަހު ވަޅިން ކަފާ ގޮތާ ޚިލާފަށް މި ކުނބުސް ކަފަނީ ފަތިގަނޑު ވެސް ބޭނުން ކޮށްގެންނެވެ. އެއްވަރަކަށް، މިން އަޅައިގެން ކެފުމަށްފަހު ދެން ވަރަށް ރީތިކޮށް އެ ޕެކް ވެސް ކުރެއެވެ. އޭގެ ބޭނުމަކީ ރަށުގެ ކޮންމެ ގެއަކަށް އީދަށް ކުނބުސް ބެހުމެވެ.
މިއީ ރަށުގެ ވަރަށް ގިނަ މީހުން އެކުވެގެން މަޖަލާއި އުފަލާއެކު ކުރާ ކަމެކެވެ.
މޫސާ ވަސީމް ބުނާހެން "ހަމަ ކުޑަ ފެކްޓްރީ"އެކެވެ.