އެމެރިކާއާއި އީރާނާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަމަށް ގެނައުމުގެ އެއްބަސްވުމަކާމެދު މަޝްވަރާކުރުމަށް އީރާނުގެ އޮފިޝަލުން ގަތަރުގައި ޒިޔާރަތްކުރައްވާފައިވަނިކޮށް އީރާނުގެ ދެކުނަށް އެެމެރިކާގެ އަސްކަރިއްޔާއިން ހަމަލާ ދީފިއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ އެ ހަމަލާ ދިނީ އީރާނުގެ ސިފައިންގެ ނުރައްކާތަކުން އެމެރިކާ ސިފައިން ރައްކާތެރި ކުރުމަށް އަމިއްލަ ދިފާއުގައި ކަމަށެެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދެމުގެންދާ ހަމަލާތަކަށް ގާތްގަޑަކަށް ތިން މަސްވެފައިވާއިރު، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމާމެދު މަޝްވަރާކުރުމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ އާއި ގާނޫނުހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަޣްރް ޣަލިބާފް އަދި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލްނާސަރު ހެމްމަތީ ގަތަރުގެ ދޯހާއަށް ވަޑައިގެންނެވީ އިއްޔެ ހަވީރުއެވެ.
ގަތަރުގައި މި މަޝްވަރާތައް ކުރިއަށް ގެންދަނީ އީރާނާއެކު ހަދާ އެއްބަސްވުމަކީ މާނަހުރި އެއްބަސްވުމަކަށް ވާން ޖެހޭ ކަަމަށާއި ނޫންނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.
ސެންޓްކޮމް އަމިއްލަ ދިފާއުގައި ހަމަލާ ދިނީ އީރާނުގެ ސިފައިންގެ ނުރައްކާތަކުން އެމެރިކާ ސިފައިން ރައްކާތެރި ކުރުމަށް ކަމަށް ބުނެއެވެ.
"ޓާގެޓްތަކުގެ ތެރޭގައި މިސައިލް ލޯންޗުކުރާ ތަންތަނާއި މައިން ހަރުކުރަން މަސައްކަތްކުރާ އީރާނުގެ އުޅަނދުތައް ހިމެނޭ،" ސެންޓްކޮމްގެ ތަރުޖަމާނު ނޭވީގެ ކެޕްޓަން ޓިމް ހޮކިންސް ހޯމަ ދުވަހުގެ ރޭ ދަންވަރު އަލް ޖަޒީރާއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ނަމަވެސް އެކަމާގުޅޭ އިތުރު ތަފްސީލެއް ސެންޓްކޮމް އިން ނުދެއެވެ.
އަލް ޖަޒީރާއަށް މައުލޫމާތު ދެމުން އީރާނުގެ މަސްދަރުތަކުން ބުނީ އެމެރިކާގެ ހަމަލާތަކުގެ ކުރިން އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަނީ ކަނޑުމަތީގައި އޮތް އުޅަނދަކަށް ހަމަލާ އަމާޒުކޮށްފައި ކަމަށެވެ.
އެެމެރިކާއާއި އީރާނުން ދިން ހަމަލާތައް އޭޕްރީލް މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް، އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އެ ގައުމުން ވަނީ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ނަގައި ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އަޅާފައެވެ. ހުރްމުޒް ކަނޑުއޮޅިން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާއިންވެސް ވަނީ ހުރަސްއަޅާފައެވެ.
އީރާނާއި އެމެރިކާގެ މަޝްވަރާތަކުގެ ބައެއް ނިންމުމަކަށް އައިސްފައިވާ ކަމަށާއި ނަމަވެސް މިކަމުގެ މާނައަކީ އެއްބަސްވުމެއްގައި ސޮއިކުރުން ގާތްވެފައިވާކަން ނޫން ކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު އިސްމާއިލް ބަޣާއީ ވަނީ ވިދާޅުވެފައެވެ.
ތެހެރާނުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބަޣާއީ ފާހަގަކުރެއްވި ގޮތުގައި މި މަރުހަލާގައި އީރާނާއި އެމެރިކާއިން ނިއުކްލިއާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ކަމަށާއި އެމީހުންގެ ފޯކަސް އޮތީ ފެބްރުއަރީ 28 ވަނަ ދުވަހު ފެށި ހަނގުރާމަ ނިމުމަކަށް ގެނައުމަށެވެ.