"އަހަންނާ ނަޒަރު ވަކިނުކޮށްބަ. ޕްލީޒް... އަހަރެންގެ ދެލޮލުން އައިރާއަށް ފެންނަނީ ކޯންޗެއްތަ؟" ޒަހްރާންގެ އަޑުގައިވަނީ ކޮންފަދަ އަސަރެއްހެއްޔެވެ؟ އެތައް ޖަޒުބާތުތަކެއް އެ އަޑުގައި މަސްހުނިވެފައި ވެއެވެ. "ބުނެބަލަ! ކޯންޗެއްތަ ފެންނަނީ؟"
"ޒަހް... ޒަހްރާން..." އައިރާގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. އޭނަގެ ހިތުގެ ތެޅުން އިންތިހާއަށް ބާރުވެގެން ދިޔައެވެ. އައިރާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭރުވެސް ޒަހްރާން ހުރީ އޭނައާ ނަޒަރު ސީދާކޮށްލައިގެންނެވެ. ހިންދިރުވައިލެވުނީ ވެސް އުނދަގުލުންނެވެ.
"މީހަ... މީހަކު އަތުވެދާނެ..." އަނެއްކާވެސް އައިރާގެ ދޫ ހަރަކާތްކުރިއެވެ. ކުރިއެކޭ އެއްފަދައިން މަޑުމަޑުންނެވެ.
"އެކަކުވެސް ނާންނާނެ. ޓެލްމީ. އައިރާއަށް އަހަރެންގެ ދެލޮލުން ފެންނަނީ ކޯންޗެއްތަ؟" ޒަހްރާން އައިރާގެ ދަތްދޮޅި ދަށަށް ލައްވާލާފައިވާ އަތް ނައްޓައިލުމާއެކު އައިރާ އިސްޖަހައިލަން އުޅުނު ނަމަވެސް، ޒަހްރާން އެކަން މަނާކުރިއެވެ.
"އައިރާ... އަހަރެންގެ ދެލޮލުން އައިރާއަށްޓަކައި ވާ ލޯބި ނުފެނޭތަ؟" އެންމެފަހުން ޒަހްރާން އޭނަގެ ހިތުގެ ޙާލު އައިރާގެ ކުރިމަތީގައި ބަންޑުންކޮށްލަން ފެށިއެވެ. އެތަކެއް ދުވަހަކު އޭނަ އެހިތުގެ އިޙްސާސްތައް ވަންހަނާ ކޮށްގެން ހުރެ ހުރެ ވަރުބަލިވެއްޖެއެވެ. ދެން ކެތެއް ނުވާނެއެވެ. މިރޭ ކޮންމެ ޙާލެއްގައިވެސް އޭނަ އެ ހިތުގެ ޙާލު އައިރާއަށް ހާމަކުރާނެއެވެ. އެހެން ނޫނީ އޭނާ މޮޔަވެދާނެއެވެ. އާއެކެވެ. އިޝްޤުގައި ޖެހުނު ހިތް ޤައިދުވީ އައިރާގެ ލޯބީގައެވެ.
"ޒަހްރާން ކީކޭތަ ތިކިޔަނީ؟" އައިރާ ފަސް އެނބުރުނީއެވެ. އޭނަ ދެތުންފަތުގައި ދަތް އަޅައިލިއެވެ. އެހެންނަމަވެސް ޒަހްރާން ހުރީ ދޫދޭގޮތަކަށް ނޫނެވެ. އޭނަ އަނެއްކާވެސް ގޮސް ހުއްޓުނީ އައިރާގެ ކުރިމަތީގައެވެ.
"ދުލުން ނުބުނާތީ އައިރާއަށް ނޭނގެނީތަ؟ މިހުރިހާ ދުވަހު އަހަރެންގެ ހިތުގައިވާ އިޙްސާސްތަކުގެ ކުޑަވެސް ހިލަމެއް އައިރާއަކަށް ނުވޭތަ؟ އަހަންނަށް ޔަޤީން ވާނެކަން. އެހެންވީމައެއްނު މިހާރު އައިރާ އަހަރެން އެވޮއިޑް ކުރަނީ؟ އަހަންނާ ދުރަށް ދާން މަސައްކަތްކުރަނީ؟" ޒަހްރާންގެ އަޑުގައިވާ އަސަރުތަކުން އައިރާ ފިނިވެއްޖެއެވެ.
"ޔެސް... އައި ލަވްޔޫ އައިރާ... އައި ލަވްޔޫ ސޯ މަޗް. ބުނެދޭން ނޭނގޭ ވަރަށް..." އެންމެފަހުން ޒަހްރާންގެ ދުލުން އައިރާ ދެކެ ލޯބިވާކަމަށް އިޤުރާރު ވިއެވެ. އެހިތުގެ ވިންދުތަކުގެ އަޑު އައިރާއަށް އިއްވިއެވެ. ހުއްޓުން އަރާފައި އައިރާއަށް ހުރެވުނުއިރު، އޭނައަށް ބުނާނެ އެއްޗެއް ނޭނގި ދެލޯ ބޮޑުކޮށްލެވުނެވެ. އެހާ ފާޅުކަން ބޮޑުގޮތެއްގައި ޒަހްރާން އެގޮތަށް އެ ވާހަކަ ހާމަކުރާނެކަމުގައި އޭނައަށް ވިސްނައިލެވިފައެއް ނެތެވެ.
"ކީކޭތަ ތިކިޔަނީ ޒަހްރާން. ތިކަހަލަ ސަމާސާ ނުކޮށްބަލަ." އައިރާ ފަހަތަށް ފިޔަވަޅެއް އަޅައިލިއެވެ. ޒަހްރާންގެ ދެލޮލުން ފެންނަނީ ތެދުވެރިކަން ނަމަވެސް އެކަން ޤަބޫލުކުރުމަށް ސިކުނޑި ދިޔައީ އުޒުރުވެރިވަމުންނެވެ.
"އައިރާއަށް އެނގޭ މީ ސަމާސާއެއް ނޫންކަން. ޕްލީޒް... އަހަރެން ހަމަ ހަޤީޤަތުގައިވެސް އައިރާ ދެކެ ވަރަށް ލޯބިވޭ... ވަރަށް ދުވަސްވެއްޖެ... މި ވާހަކަ ބުނަން ބޭނުންވެގެން އުޅޭތާވެސް އެތަކެއް ދުވަހެއް. އެކަމަކު ދެނެއް ކެތެއް ނުވާނެ... އަހަންނަށް ފުރުސަތެއް ދީބަ. އައިރާ އުފަލުގަ ގެންގުޅޭނަމޭ. ދުވަހަކުވެސް ދެރައެއް ނުދޭނަން. އަހަންނަށް އައިރާ ދެކެ ލޯބިވެވުނީ ނުވެސް އެނގި ހުއްޓަ. އެކަން އިޙްސާސްވިއިރު އިންތިހާއަށް ލޯބިވެވިއްޖެ." ޒަހްރާން އޭނަގެ ދުލުން ބޭރު ކުރަމުން ދިޔަ ކޮންމެ ލަފުޒަކާއެކު އައިރާގެ ހިތުގެ ތެޅުމަށް ބަދަލު އަންނަމުން ދިޔައެވެ.
"ނޫން... ނޫން...." އައިރާއަށް ބުނެވުނެވެ. ސިކުނޑިއަށް ޝޮކެއް ލިބުނީ ކަންނޭނގެއެވެ. ރަނގަޅަށް ވިސްނުމުގެ ޤާބިލުކަންވެސް އައިރާގެ ނެތްފަދައެވެ.
"އައިރާ... މީ ހަޤީޤަތް. ބުނެބަލަ، އައިރާގެ ހިތުގައި އަހަންނާ މެދު އެއްވެސް އިޙްސާސެއް ނުވޭތަ؟ ކުޑަވެސް؟ އައިރާ އެންމެ ފަހަރަކުވެސް ބުނެބަލަ." ޒަހްރާން އެދުނެވެ. އޭނަ ހުރީ ދޫ ދޭގޮތަކަށް ނޫނެވެ.
"އަހަންނަކީ ކާކުކަން ޒަހްރާނަށް އެނގޭތަ؟ އަހަންނަކީ...." އައިރާގެ ވާހަކަ މެދުކަނޑާލީ ޒަހްރާނެވެ.
"އައިރާ އިތުރަށް އައިރާގެ ތަޢާރަފެއް އަހަންނަށް ދޭކަށް ނުޖެހޭނެ. އަހަންނަށް އައިރާއަށް، އައިރާގެ އަމިއްލަ ނަފްސު އެނގޭވަރަށް ވުރެވެސް ބޮޑަށް އައިރާ އެނގޭ..." ޒަހްރާންގެ ވާހަކައިން މިފަހަރު އައިރާގެ ދުލުގައި ތަޅެއް ލެވުނެވެ. "އެހުރިހާކަމެއް އެނގިހުރެ އައިރާ ދެކެ ލޯބިވީ."
"އަހަންނާ ޒަހްރާން އެކަށީގެނެއް ނުވޭ... އަހަންނަކީ އެއްވެސް އަގެއް ނެތް މީހެއްކަން ޒަހްރާނަށް އެނގޭނެ. އެވެސް މީހަކު ބޭނުންނުވެގެން ވަރިކޮށްފަ ހުރި މީހެއް. ޒަހްރާންގެ ފެންވަރާ މެދު އެއްފަހަރު ވެސް ވިސްނާނުލަންތަ؟ މި ޢާއިލާގެ ޢިއްޒަތާ ޤަދަރަށް ވިސްނާނުލަންތަ؟ އަހަންނަށްވުރެ މާ ރަނގަޅު ރީތި، ޒަހްރާނާ ހުރިހާ ގޮތަކުންވެސް އެކަށީގެންވާ ކުދިން ޒަހްރާނަށް ލިބޭނެ." އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އައިރާ ވާހަކަ ދެއްކިއެވެ. އޭނަ މަސައްކަތްކުރަމުން ދިޔައީ އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވާށެވެ.
"ކާކުތަ ބުނީ އައިރާގެ އެއްވެސް އަގެއް ނެތޭ... މީހަކާ އިނދެ ވަރިކޮށްފަ ހުއްޓަސް، ފަޤީރަކަސް ނިކަމެއްޗަކަށް ހެޔޮ... އަހަންނަށް އައިރާ މުހިންމު... ޔޫ އާ ސޯ ޕްރިޝިއަސް ޓުމީ... އަހަރެން ހުރިހާކަމެއްވެސް އައިރާއަށް ކޮށްދެނީ ވަރަށް އުފަލުން. އައިރާއަށް އެނގޭނެ އަހަންނަށް އައިރާ މުހިންމުވަރު. އެހެން އެއްވެސް މީހަކަށްޓަކައި ނުކުރާ ކިތަންމެ ކަމެއް އަހަރެން އައިރާއަށްޓަކައި ކޮށްފިން. ހަމަ އެކަނި ލޯބިވާތީ...އިންތިހާއަށް ލޯބިވާތީ!" ޒަހްރާންގެ އަޑުގައިވަނީ ޔަޤީންކަމެވެ.
"ސޯ ޕްލީޒް... ގިވްމީ އަ ޗާންސް އައިރާ. ދުނިޔޭން ލިބިދޭ ހުރިހާ އުފަލެއް އަހަރެން އައިރާއަށް ދޭނަން." ޒަހްރާން އައިރާއާ ގާތަށް ޖެހިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައިވާއިރު، އައިރާގެ ހިތުގެ ޖަޒުބާތުތައްވެސް ވަނީ އިންތިހާއަށް ހަލަބޮލިވެފައެވެ.
"ޕްލީޒް... ޑޯންޓް ގޯ...." ޒަހްރާންގެ އަޑުގައިވި ފުން އަސަރުތަކުން ހަމަ ގައިމުވެސް އައިރާއަށް އަސަރުކޮށްފިއެވެ. އައިރާގެ ދެލޮލުން އެވަގުތު ފޭބި ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގުދެމިގެން ދާން ފަށައިފިއެވެ. ޒަހްރާން ފަދަ މީހަކު އޭނައަކަށް އެކަށީގެނެއް ނުވެއެވެ. ޒަހްރާނަކީ އުޑުގައި ވިދާ ތަރިއެއްނަމަ އޭނައަކީ ބިމުގައިވާ ހިލަކޮޅެކެވެ. އައިރާއަށް ދެމީހުން ފަރަޤު ކުރެވެން ފެށުނެވެ.
"ޒަހްރާން އައި... އައި ކާންޓް...." އައިރާ ބުނެލިއެވެ. އެއަށްފަހު އޭނަ ޒަހްރާނާ ފުރަގަސްދީފައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އެ މަންޒަރު ބަލަން ހުރި ޒަހްރާން، ބޮލުގެ އިސްތަށިގަނޑުގައި އަތުން ފިރުމައިލިއެވެ. ރެއިލިންގެ ކައިރިއަށް ޖެހިލުމާއެކު އޭނަ މައްޗަށް ބޯ އުފުއްލާލައިގެން ހުއްޓެވެ. އެއީ ނާކާމިޔާބީއެއްކަމުގައި ޤަބޫލުކުރުމަށް އޭނަގެ ނަފްސު އުޒުރުވެރިވިއެވެ. އައިރާއަށްޓަކައި އެ ހިތުގައިވާ ލޯބި ފާޅުކޮށްލީވެސް އައިރާގެ ފަރާތުން އެފަދަ އަމަލުތަކަކަށް ތައްޔާރުވެ ހުރުމުން ކަމުން މާބޮޑު ހައިރާންކަމެއް ޒަހްރާނަކަށް ނުލިބުނެވެ.
އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށް ވަނުމަށްފަހު އައިރާ ދޮރުފަތުގައި ލެނގިލިއެވެ. އިރުކޮޅަކު އެހެން ހުރެފައި ގޮސް އެނދުގައި އިށީނދެއްޖެއެވެ. މީހާ ފިނިވެފައި ހުރުމުން ކަންނޭނގެއެވެ. މަޑުމަޑު ތުރުތުރު އެޅުމެއްގެ އަސަރުވެސް ހަށިގަނޑުގައި ވިއެވެ. ރިމޯޓު ނަގާ އޭސީގެ ފިނި ދަށްކޮށްލުމާއެކު އޭނައަށް މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ. ޒަހްރާންގެ ވާހަކަތައް ސިކުނޑީގައި ގުގުމަން ފެށިއިރު، ޒަހްރާން ދުލުން އިޤުރާރުވި ކޮންމެ ލަފުޒެއްގައިވަނީ ތެދުވެރިކަންކަން ޚުދު އައިރާއަށްވެސް ޔަޤީންވެއެވެ. އެހެންނަމަވެސް އެގުޅުމަށް އޭނަ ފުރުޞަތު ދޭނީ ކިހިނަކުން ހެއްޔެވެ؟ މިރޭ އޭނައަށް އަމިއްލަ ހިތުގައިވާ އިޙްސާސްތައް ވެސް ފަހުމުވެއްޖެއެވެ. އެހެންނަމަވެސް، އެ ގުޅުމަށް ފުރުސަތު ދެވެން ނެތް ސަބަބުތައް ބައިވަރެވެ. ޒަހްރާނަށް ފަރަޤު ނުވިއެއްކަމަކު، މި ދުނިޔެ އެކަމެއް ނުދަންނާނެއެވެ. އެކަން އޭނައަށް ވުރެ ރަނގަޅަށް ތަޖުރިބާކޮށްފައިވާ އިތުރު މީހަކު މި ދުނިޔޭގައި ހުންނާނެހެނެއްވެސް ހިޔެއް ނުވެއެވެ.
*****
"ބަސްމާ..." ލެޕްޓޮޕުން އެއްޗެއް ޓައިޕްކޮށް ނިންމައިލި މުރާދު، ސޯފާއިން ތެދުވެގެން ގޮސް އެނދުގައި އިށީނދެލުމަށްފަހު، ބަސްމާއަށް ގޮވައިލިއެވެ. ބަސްމާވެސް ފޯނުން ނަޒަރު ވަކިކޮށްލަމުން ލޮލުގައި އަޅާފައިވާ އައިނު ނެގިއެވެ.
"ކިހިނެއްވީ ހާދަ ކަންބޮޑުވެފަ!" ބަސްމާ މުރާދުގެ އަތުގައި ހިފައްޓައިލިއެވެ.
"އައިރާއާ މެދު މި ވިސްނަނީ. ކިހާ ދުވަހަކުތަ އައިރާ މިގޭގައި ހުންނާނީ. އެނގޭ އޭނަ ދާނެ އިތުރު ތަނެއް ނެތްކަން. އެހީތެރިވާން ވެސް ބޭނުން. އެކަމަކުވެސް އެއީ ހިލޭ މީހެއްނު. އަބަދު އެހެނެއް ނޫޅެވޭނެއެއްނު." މުރާދުގެ ވާހަކައިގެ މިސްރާބު ދިޔަ ގޮތް ބަސްމާއަށް އެނގުނެވެ.
"އެނގޭ ހިލޭ މީހަކު އެގޮތަށް ގޭގައި ހުރުމަކީ މުރާދު އެހާ ގަޔާވާ ކަމެއް ނޫންކަން. އެކަމަކު އެކަމާ ކަންބޮޑުނުވޭ. އައިރާ ރަށަށް ދާން އުޅޭ ވާހަކަ އަހަރެންގެ ކައރީގައި ބުނެފި... އެކަމަކު...." ބަސްމާ ބުނެލިއެވެ.
"އެކަމަކު ކިހިނެއްވީ؟" މުރާދު ސުވާލުލޮށްލިއެވެ.
"އައިރާގެ އެއްވެސް މީހެއް ރަށުގައި ނެތްކަމަށް ވަނީ..." ބަސްމާ ބުނެލިއެވެ.
"އަހަންނަށް ފެންނަނީ އޭނައަށް އެހީތެރިކަމެއް ފޯރުކޮށްދޭން... އެނގޭ އަހަރެން މިހެން މިބުނަނީ ކީއްވެގެންކަން ބަސްމާއަށް އެނގޭނެކަން. އަހަރެމެންގެ ހަރަކާތްތަކަށް އަބަދުވެސް އިދިކޮޅުން އެތިބެނީ ފާރަވެރިވެގެން. ދައްކާނެ ވާހަކައެއް ނުލިބިގެން. ގިނަ ފަހަރަށް ހީވެސް ނުކުރާ ކަހަލަ ގޮތްގޮތަށް ވާހަކަތައް ފެތުރިގެން ދޭ... " މުރާދުގެ ވާހަކައަށް ބަސްމާވެސް ބޯ ޖަހައިލިއެވެ.
"އެކަމަކު މުރާދު. އައިރާ މިގެއިން ދިޔައިމަ ޒަހްރާން އަނެއްކާ ގެއަށް އައުން ހުއްޓާނުލާނެތަ؟ މީ ހަމަ އައިރާގެ ފަރާތުން އައި ބަދަލުތަކެއް..." ބަސްމާ ބުނެލިއެވެ. މުރާދުވެސް ބޯ ޖަހައިލަމުން އެކަމާ މެދު ވިސްނައިލިއެވެ. އެކަމަކު އިތިރަކަށް އެއްޗެއް ނުބުންޏެވެ. ބަސްމާ ވެސް އެ މައުޟޫއަށް ވާހަކަ ދެއްކުން ދޫކޮށްލީއެވެ.
*****
އައިރާއަށް އެ ހިތުގެ އިޙްސާސްތައް ހާމަކުރުމާއެކު، އައިރާ ކުރިއަށް ވުރެ ބޮޑަށް ޒަހްރާނަށް ފިލަން މަސައްކަތްކުރަން ފެށިއެވެ. އޭގެ އަނެއް ދުވަހުވެސް އެގެއަށް ޒަހްރާން ތިން ފަހަރަށް އައިސްގެންވެސް އައިރާއާ ދިމާވާގޮތެއް ނުވިއެވެ. މެސެޖުކުރުމުން ރިޕްލައިވެސް ވެސް ނުކުރިއެވެ. އެންމެފަހުން ޒަހްރާން އައިރާގެ ޙާލު އޮޅުން ފިލުވީ އީލާފް މެދުވެރިކޮށެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ އެފަދައެވެ. އެރޭވެސް ޒަހްރާން "މޭޕަލްވިލާ"އަށް އައެވެ. ދޮރުން ވަދެވުމާއެކު ލޮލުގައި އަޅައިގަތީ ކާކޮޓަރިއާ ދިމާލަށް ދިޔަ އީލާފްއެވެ. އޭނަ ދިޔައީ، ފޯނާ ކުޅެމުންނެވެ. ހޭވެރިކަންވެގެން ބަލައިލީވެސް ޒަހްރާން ގޮވާލުމުންނެވެ.
"ކުޑަބެ...." އީލާފް ގޮވައިލިއެވެ.
"ކޮބާ އައިރާ؟" ޒަހްރާން ސުވާލުކޮށްލިއެވެ.
"ކާންވެގެން މިދަނީ. މިހާރު އިންނާނެ ކަންނޭނގެ ޑައިނިން ހޯލްގަ. ކިހިނެއްވީތަ؟ ވަޓްސް ހެޕެނިންގ ބިޓްވީން ޔޫ ޓޫ. އައިރާވެސް އުޅެނީ ފާޑަކަށް." އީލާފް ބުނެލިއެވެ.
"ހިނގާ..." އެހެން ބުނެލާފައި ޒަހްރާން ކާކޮޓަރިއާ ދިމާލަށް ހިނގައިގަތީ އީލާފް ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތިއެވެ. އީލާފް ކުޑަކޮށް ހައިރާންވެސް ވިއެވެ. ޒަހްރާންގެ ފަހަތުން އޭނާވެސް ދިޔައެވެ. ކާކޮޓަރިއަށް ވަތްއިރު އައިރާ ފެންނާކަށް ނެތެވެ. މޭޒު ދޮށުގައި އިށީނދެގެން މުރާދުގެ އިތުރުން އަޔާޝް ތިބިއިރު، ބަސްމާ އޭރު ހުރީ ކޮޅަށެވެ. ޒަހްރާން ފެނުމުން އެންމެންނަށް ލިބުނީ ހައިރާންކަމެކެވެ.
"ރެން... އިށީނދޭ..." އިސްވެ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ބަސްމާއެވެ. އޭނަ ލުއިކޮށް ހީނވެސް ލިޔެވެ. އެހެންނަމަވެސް ޒަހްރާންގެ މޫނުމަތިން ފެނުނީ ހުސްކަމެވެ. އީލާފް ގޮސް އޭނައަށް ޚާއްސަ ގޮނޑީގައި އިށީނދެފައި ސުވާލުކޮށްލިއެވެ.
"ކޮބާ އައިރާ؟" އޭނަ އަހައިލިއެވެ.
"ބުނެފަ މިއައީ. މިހާރު އަންނާނެ." ބަސްމާ ބުނެލިއެވެ.
"ދަރިފުޅު... އިށީންނަންވީނު." މުރާދު ޒަހްރާނަށް ބުނެލިއެވެ. ޒަރްނާން ބަސްމާއަށާއި އަޔާޝްއަށްވެސް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނަ އިށީނދެލިއެވެ. އޭގެ އިރުކޮޅެއް ފަހުން އައިރާވެސް އަތުވެއްޖެއެވެ. ގޭގެ މީހުންނާއެކު އައިރާ ކެއުމުގައި ބައިވެރިވަނީ ބަސްމާގެ އެދުމުގެ މަތިންނެވެ. ޒަހްރާން ފުންކޮށް އައިރާއަށް ބަލައިލިއެވެ.
އެތަކެއް އަހަރެއް ފަހުން ޒަހްރާނާ އެކު އެއް މޭޒެއްގެ ދޮށުން ކެއުމުގެ ފުރުސަތު ލިބުމުން މުރާދަށްވެސް ބަލައިލެވުނީ އައިރާއަށެވެ. ބަސްމާ އެބުނި ވާހަކަތަކާ މެދު އިހުނަށްވުރެ ފުންކޮށް ވިސްނައިލަން އޭނައަށް މަޖުބޫރުވިއެވެ. ކެއުމުގެ ވަގުތުގައިވެސް ޒަހްރާންގެ ނަޒަރު އިރުއިރުކޮޅުން އައިރާއަށް ހުއްޓެމުންދާކަން، މުރާދަށް ފާހަގަކުރެވުނެވެ. އޭނައަށް ބަސްމާއަށް ވެސް ބަލައިލެވުނެވެ.
ކައި ނިމިގެން އައިރާ ބޭނުންވީ ކޮޓަރިއަށް ދާން ނަމަވެސް، ޒަހްރާން އޭނައަށް އެ ފުރުސަތެއް ނުދިނެވެ. އެންމެފަހުން، އައިރާއަށް ޖެހުނީ، ބަލި ޤަބޫލުކުރާށެވެ. އީލާފް ހުރުމުންނާ އެކީގައެވެ. ތިން މީހުން އެރީ ޓެރެސްއަށެވެ. އެއަށްފަހު ޖޯލީގައި ހަމަޖެހިލިއެވެ. ވާހަކަ ދައްކަން ތިބެފައި، ޒަހްރާން ލޮލުން އީލާފްއަށް އިޝާރާތްކޮށްލިއެވެ. އީލާފްއަށް އެބުނި އެއްޗެއް ނޭނގުމާއެކު ބުމަ އަރުވައިލެވުނެވެ. އައިރާ ދުރަށް ނަޒަރު ހުއްޓާލައިގެން އިންދާ، ޒަހްރާން، މިފަހަރު އިނގިރޭސިން "ގޯ" އޭ ބުނެ އިޝާރާތްކޮށްލިއެވެ. އީލާފް ތެދުވިއެވެ. އޭނަ އައިރާ ގާތު އެބަ އަންނަމޭ ބުނެފައި ގޮސް ގޭތެރެއަށް ވަނެވެ. އޭރު އަޔާޝްއައީ ޓެރެސްއަށް އަރަން ނަމަވެސް، އީލާފް އަޔާޝްގެ އަތުގައި ހިފައްޓާ އެކަން މަނާކުރިއެވެ.
"ކިހިނެއްވީތަ؟" އަޔާޝް ސުވާލުކޮށްލިއެވެ.
"ކުޑަބެ އެންޑް އައިރާ... އީލުވެސް މިދަނީ ކުޑަބެ އީލު ފޮނުވާލީމަ." އީލާފް ބުނެލިއެވެ.
"އޯހް..." އަޔާޝްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ޓެރެސްއަށް އެރުމުގެ ބަދަލުގައި އީލާފްއާއެކު އޭނަވެސް ފޭބީ ތިރިއަށެވެ.
"ކުރިއަށް ވުރެ ބޮޑަށް އަހަރެން އެވޮއިޑް ތިކުރަނީ ކީއްވެތަ؟" ޒަހްރާން އައިރާއާ ސުވާލުކޮށްލިއެވެ.
"އަހަރެން... ނުކުރަން." އައިރާ ބުންޏެވެ. އެއާއެކު ޒަހްރާން ލުއިކޮށް ހީނލިއެވެ.
"އައިރާއަށް އެނގޭތަ މިހާރު އައިރާއަށް އަހަރެން އެވޮއިޑް ތިކުރެވެނީ ކީއްވެގެންކަން؟" ޒަހްރާން ސުވާލުކޮށްލުމާއެކު، އައިރާއަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ސިކުނޑި ޣަރަޤުވެގެން ދިޔައީ ހުސްކަމެއްގެ ތެރެއަށެވެ.
"އަހަރެން ބުނީމެއްނު އައިރާއަށް އައިރާގެ އަމިއްލަ ނަފްސު އެނގޭވަރަށް ވުރެ ބޮޑަށް އަހަންނަށް އައިރާ އެނގެޔޭ... ބުނަންވީތަ ކީއްވެގެންކަން އައިރާ ތިގޮތަށް ކަންތައް ތިކުރަނީ؟" ޒަހްރާން މައުނަވީ ގޮތަކަށް ހީނލައިގެން އިނދެ ވާހަކަ ދެއްކިއެވެ. "އައިރާ މިކަމާ ކުރިމަތިލާން ބޭނުންނުވެގެން ތިއުޅެނީ ކޮންމެހެން އަހަންނާ ދޭތެރޭ އިޙްސާސްތަކެއް ތިހިތުގަ ނެތީމައެއް ނޫން. އައިރާއަށް ތި އުޅެނީ އައިރާގެ އަމިއްލަ އިޙްސާސްތައްވެސް އެކްސެޕްޓް ނުކުރެވިގެން. އެ އިޙްސާސްތަކަށް ދޭނެ ނަމެއް ނޭނގިގެން. ކީއްވެގެން އެނގޭތަ؟ އެއޯ އައިރާ އަހަންނާ ގުޅިއްޖެނަމަ ދެން ވާނެ ގޮތަކާ މެދު މާ ބޮޑަށް ވިސްނާތީ. އައިރާ ހިތަށް އަރަނީ އައިރާއަށް އަހަރެން ޑިޒާރވްއެއް ނުވެޔޭ... އެކަމަކު އަހަރެން ބުނަންތަ ވާހަކައެއް؟ ޔޫ ޑިޒާރވް އެވްރީތިންގ އިންދިޒް ވޯލްޑް. ބީ އިޓް ލަވް އޯ ހެޕިނެސް... އެރްވީތިންގ... ހަޤީޤަތުގައި އަހަންނަށް ކަންނޭނގެ އައިރާ ޑިޒާރވް ނުވަނީ. އެހެންވެ ކަންނޭނގެ އައިރާ ނުލިބެނީ..."
"އައިރާ ބިރުގަންނަނީނު؟ ކުރިން ކަންތައްވީހެން ކަންތައް ވެދާނެތީ. ދިރިއުޅުމުގަ އަބަދު އެއްގޮތަކަށް ކަންތަކެއް ނުވާނެ. ދެން އަނެއް ކަމަކީ އަހަރެންގެ ފެމެލީ.. އެމީހުންނަށް އޯލްރެޑީ އައިރާ ކަމުދޭ... ދެން..." އައިރާ އެއްޗެއް ނުބުނުމުން ދެންވެސް ވާހަކަ ދެއްކީ ޒަހްރާނެވެ. އެ އަޑު އަހަން އިނދެފައި މިފަހަރު އައިރާ ވާހަކަ ދެއްކިއެވެ.
"ޒަހްރާންގެ ޢާއިލާއަށް އަހަރެންގެ ހަޤީޤަތެއް ނޭނގެއެއްނު. އެނގުނީމަ ހުރިހާކަމެއް ވެސް ބަދަލުވާނެ." އައިރާ ބުނެލިއެވެ.
"ކޮންކަމެއް؟ އެއްކަމެއްވެސް ބަދަލެއް ނުވާނެ. އަހަރެންގެ ޢާއިލާގެ ކުރިމަތީގައި އައިރާ ޑިފެންޑް ކުރަން ޖެހުނަސް އެކަންވެސް ކުރާނަން. ޤަބޫލުކުރޭ... އެކަކަށްވެސް އައިރާއާ ދިމާލަށް އިނގިލި ދިއްކުރާކަށް ނުކެރޭނެ. އެ ފުރުސަތެއް ނުދޭނަން. މީ އަހަރެން ވާ ވަޢުދެއް." ޒަހްރާންގެ އަޑުގައި ވަނީ ސާބިތުކަމެވެ.
"އަހަރެން އަދި އިތުރު ގުޅުމަކަށް ފުރުސަތު ދޭން ތައްޔާރެއް ނޫން..." އައިރާ އެންމެފަހުން ބުނެލައިފިއެވެ.
"ތީގެ މާނައަކީ އައިރާގެ ހިތުގައި އަހަންނާ މެދު އިޙްސާސްތަކެއް ވެޔޭ ދޯ..." ޒަހްރާން ބުނެލިއެވެ.
"އެހެން އަހަރެން ނުބުނަމެއްނު." އައިރާ ދުރުބަލައިލިއެވެ. އޭރު ހިތުގެ ތެޅުން އިހުނަށްވުރެ، އަވަސްވެލައިފިއެވެ.
"ދެން ކީކޭ ތިބުނަނީ؟ ހަޤީޤަތުގައި އައިރާއަކަށް ނޭނގެ އައިރާއަށް ފީލްވާގޮތެއް ވެސް. އައިރާ ރެޑީވަންދެން އަހަރެން މަޑުކުރާނަމޭ ބުނެފިއްޔާ އަހަންނަށް ފުރުސަތު ދޭނަންތަ؟" ޒަހްރާން އަނެއްކާވެސް ސުވާލުކޮށްލައިފިއެވެ. އައިރާގެ ފަރާތުން އޭނަ ސީދާ ޖަވާބެއް ހޯދުމަށް ކުރަން ހުރި ހުރިހާކަމެއް ކުރާނެއެވެ.
"އަހަރެން...." އައިރާ ފަސްޖެހުނެވެ.
"ޕްލީޒް... ޕްލީޒް... ވަން ޗާންސް. ދުވަހަކުވެސް އައިރާ ރިގްރެޓްކުރާކަށް ނުޖެހޭނެ. އެފަދަ ދުވަހަކުން އައިރާ އަހަރެން ދޫކޮށްލާފަ ދިޔަޔަސް އަހަރެން އައިރާއެއް ނުހުއްޓުވާނަން. އައިރާ ތައްޔާރު ނޫނިއްޔާވެސް ބުނޭ.. އަހަންނަށްވެސް އެނގޭ އަދި އަވަސްކަން. ޔޫ އާރ ސްޓިލް ރިކަވަރިންގ ފްރޮމް އެވްރީތިންގ. ވިސްނާލަން ވަގުތު ނެގިޔަސް އެންމެ ރަނގަޅޭ! ޖަވާބަކަށް އަހަރެން އިންތިޒާރުކުރާނަން... ވަރަށް ވަރަށް ބޮޑަށް ލޯބިވޭ..." ޒަހްރާން ބުނެލިއެވެ.
"އަހަރެން.... ވިސްނާލަން ބޭނުން...." އައިރާއަށް ލަސްލަހުން ބުނެވުނެވެ. ހަޤީޤަތުގައި އެބަސްތައް އޭނަގެ ދުލާ ހިސާބަށް ގެނައުމަށް މަޖުބޫރުކުރިވީ އަމިއްލަ ހިތެވެ. އައިރާގެ ޖަވާބާއެކު ޒަހްރާންގެ ހިނިތުންވުން ފުޅާވިއެވެ.
"އައިލް ބީ ވެއިޓިން... އެކަމަކު އައިރާ ގޮތެއް ނިންމަން ވާނީ އައިރާއާ އާ މެދު ވިސްނާފަ. ތިހިތުގައިވާ އިޙްސާސްތަކާ ދޭތެރޭ ވިސްނާފަ. އަހަންނާ ދޭތެރޭ ވިސްނާލާފަ. އަހަރެންގެ ޢާއިލާއާ ދުނިޔޭގަ ދެން ލެއްވިހާ ކަމަކާ މެދު ވިސްނާފައެއް ނޫން. އެއްވެސް ޕްރެޝަރއެއް ނެތި އައިރާ ވިސްނަންވީ... އެހެންކަންތައްތަކާ މެދު ވިސްނާނީ ފަހުން. ޕްރޮމިސް؟" ޒަހްރާން ވާހަކަ ދެއްކިއެވެ. އައިރާ ބޯ ޖަހައިލިއެވެ.
*****
ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމާއެކު، ގޮސް ދޮރު ހުޅުވައިލީ ބަސްމާއެވެ. އޭރު ދޮރުމަތީގައި ހުރީ އަޔާޝްއެވެ.
"ބައްޕަ ކޮބާތޯ؟" އަޔާޝް ސުވާލުކޮށްލިއެވެ.
އަޔާޝްގެ އަޑު އިވުމާއެކު އާރމްޗެއާރގައި އިށީނދެގެން އިން މުރާދު ވެސް އޭނަގެ އަތުގައި އޮތް މެގަޒިން ތިރިކޮށްލިއެވެ.
ބަސްމާގެ ހުއްދައާއެކު އަޔާޝް އެތެރެއަށް ވަދެލިއެވެ. އޭނަ ވަނުމާއެކު މުރާދު އިޝާރާތްކުރީ ސޯފާއެވެ. އަޔާޝް ދައްކަން އެ އުޅެނީ މުހިންމު ވާހަކައެއްކަން އޭނައަށް އެނގުނެވެ. އެހެންނޫނީ އެ ގަޑީގައި އެގޮތަކަށް ނާންނާނެއެވެ. ބަސްމާ އެތަނުން ދާން އުޅުމުން އަޔާޝް އެކަން މަނާކުރިއެވެ.
"މަންމަވެސް މަޑުކޮށްލަދީ..." އަޔާޝް އެހެން ބުނުމާއެކު ބަސްމާވެސް އައިސް ސޯފާގައި އިށީނދެލިއެވެ. އަޔާޝް ވާހަކަ ފެށުމުގެ ކުރިން, ބަސްމާއާ މުރާދާ ދެމެދު ހިމޭންކަމުގެ ނަޒަރެއް ބަދަލުކުރެވުނެވެ.
"ދަރިފުޅު، މާ ބޮޑަށް ކަމެއް ވީތަ އަނެއްކާ؟ ބައްޕަ މިއިނީ އަޑު އަހަން." މުރާދު ހުރިހާ ސަމާލުކަމެއް އަޔާޝްއަށް ހުއްޓައިލުމާއެކު އަޔާޝް ބޯ ޖަހައިލުމަށްފަހު، ވާހަކަ ދައްކަން ފެށިއެވެ. އަޔާޝް ބުނެލި ވާހަކައާއެކު ބަސްމާއާ މުރާދަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ.
(ނުނިމޭ)