ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ (އެފްއައިވީބީ) ގެ ރޭންކިން ސިސްޓަމްގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ފުރަތަމަ ފަހަރަށް ހިމެނި، ތާރީޚީ ކާމިޔާބީއެއް ހާސިލްކޮށްފިއެވެ.
ޖުމްލަ 93 ގައުމު ހިމަނައިގެން އެފްއައިވީބީން އާންމުކުރި ދުނިޔޭގެ ރޭންކިންގައި ރާއްޖެއަށް ލިބިފައިވަނީ 63 ވަނަ މަގާމެވެ. އަދި އޭޝިއާ ސަރަހައްދަށް ބަލާއިރު ރާއްޖެ އޮތީ 12 ވަނައިގައެވެ.
މި ފަހަރުގެ ރޭންކިންއަށް ބަލާއިރު، އަންހެން ވޮލީގައި ދެވަނައަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ދެކުނު އޭޝިއާގެ ތިން ގައުމަކުންނެވެ. އެއީ ރާއްޖޭގެ އިތުރުން ނޭޕާލް އަދި ބަންގްލަދޭޝްއެވެ.
"ސަން" އާއި ވާހަކަދައްކަވަމުން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ މުބާރާތްތަކުގެ އިތުރުން ވޯލްޑް ރޭންކިންއަށް ބެލުމަށްފަހު ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ މުބާރާތްތަކުންވެސް ދެން ކޮލިފައިވެވޭނެ ކަމަށެވެ.
މީގެއިތުރުން މި ރޭންކިން މިގޮތުގައި ހިފެހެއްޓިއްޖެ ނަމަ 2028 ގެ އޭޝިއަން ގޭމްސްއަށް ރާއްޖެ ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި، އެހެންކަމުން ރޭންކިން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ރާއްޖެއަށް މި މަގާމު ލިބުނީ މިހާރު ކުރިއަށްދާ ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕްގައި އިއްޔެ ކިރްގިސްތާން އަތުން 3-0 ސެޓުން ބަލިވި މެޗުގެ ސްކޯރިންއަށް ބަލައި، ޕޮއިންޓް ދިނުމަށްފަހުގައެވެ.
އެ މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-19، 25-16 އަދި 25-22 އިންނެވެ. މި ވަގުތު ރޭންކިންގެ 62 ވަނައިގައި 53.39 ޕޮއިންޓާއެކު ކިރްގިސްތާން އޮތްއިރު، ރާއްޖެ 63 ވަނައިގައި އޮތީ 51.74 ޕޮއިންޓާއެކުގައެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ބަލާއިރު، އެންމެ ކުރީގައި އޮތީ ދުނިޔޭގެ 60 ވަނައިގައި އޮތް ނޭޕާލެވެ. ދެވަނައިގައި ރާއްޖެ އޮތްއިރު، ތިންވަނައިގައި އޮތީ 67 ވަނައިގައި އޮތް ބަންގްލަދޭޝްއެވެ. އަދި އިންޑިއާއަށް ލިބެނީ 70 ވަނަ މަގާމެވެ. މި ސަރަހައްދަށް ބާކީ ތިބި ސްރީލަންކާ، ޕާކިސްތާން އަދި ބޫޓާނަށް މި ރޭންކިންއިން އަދި ޖާގައެއް ނުލިބެއެވެ.
ރާއްޖޭގެ ގައުމީ ފިރިހެން ވޮލީ ޓީމަށް ވެސް އަދި އެފްއައިވީބީގެ ރޭންކިންއެއް ލިބިފައެއް ނުވެއެވެ.
އޭޝިއާގެ 12 ވަނަ މަގާމުގައި ރާއްޖެއަށް ހިފެހެއްޓިއްޖެނަމަ، އޭޝިއާ ލެވެލްގެ އެންމެ މަތީ ރޭންކްތަކުގެ ޓީމުތައް ވާދަކުރާ ޝަރަފްވެރި މުބާރާތްތަކުން ރާއްޖެއަށް ފުރުސަތު ހުޅުވިގެންދާނެއެވެ.
ނޭޕާލްގެ ކަތުމަންޑޫގައި ކުރިއަށްދާ ކާވާ މުބާރާތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް އަމާޒަކީ ވެސް ރޭންކިން އިތުރަށް ރަނގަޅުކުރުމެވެ.
މި މުބާރާތުގައި މިއަދު ރާއްޖެ ނުކުންނާނީ ވަރުގަދަ އިންޑިއާއާ ދެކޮޅަށެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މާދަމާ ނޭޕާލާ ބައްދަލުކުރާނެއެވެ.
ގްރޫޕް ސްޓޭޖަށްފަހު، މި މަހުގެ 26 އާއި 27 ގައި ކުރިއަށްދާނީ 5 ވަނައާއި 8 ވަނައާ ދެމެދުގެ މަގާމުތައް ހޮވުމަށް ކުޅޭ ކްލަސިފިކޭޝަން ބުރެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު އޮންނާނީ މި މަހުގެ 28 އާއި 29 ގައެވެ.