ސިއްރުން ކައިވެންޏެއް ނުކުރާނަން: ކަންގަނާ

ބޮލީވުޑްގެ ބަތަލާ އަދި ސިޔާސީ ލީޑަރު ކަންގަނާ ރަނައުތު، އިންޑިއާގެ ކައިވެނީގެ ސަގާފީ ހެދުމާއި ކައިވެންޏަށް ފަހު ބޭނުންކުރާ ޚާއްސަ ގަހަނާއާ އެކު ފެންނަ ވީޑިއޯތަކެއް އާންމުވުމާ އެކު، ކަންގަނާ ސިއްރުން ކައިވެންޏެއް ކުރީތޯ ގިނަ ބަޔަކު ސުވާލު އުފައްދައިފިއެވެ.

އިއްޔެ ހެނދުނު ސޯޝަލް މީޑިއާގައި ދައުރުވާން ފެށި މި ވީޑިއޯއާ އެކު، ކަންގަނާގެ ސަޕޯޓަރުންގެ ސަމާލުކަން މި ވީޑިއޯތަކަށް ލިބި ސުވާލު އުފައްދަން ފެށުމާ ގުޅިގެން ބަތަލާ ވަނީ އެ ކަމަށް ޖަވާބުދާރީވެފައެވެ.

އުމުރުން 40 އަހަރުގެ ބަތަލާ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނީ، ވައިރަލްވެފައިވާ ވީޑިއޯއަކީ އެއީ 2013 ވަނަ އަހަރު ރިލީޒްކުރި "ކުއީން" ފިލްމުގެ ސީކުއަލް ކަމަށްވާ "ކުއީން ފޮރެވާ"ގެ ޝޫޓިންގްތެރޭ ނަގާފައިވާ ވީޑިއޯއެއް ކަމަށެވެ.

ކަންގަނާ ފިލްމު "ކުއީން"ގެ މަންޒަރެއްގައި--ފޮޓޯ/ޑީއެންއޭ

"އަހަރެން ކޮންމެ ދުވަހަކު ވެސް އިންޑިއާގެ އެކި ސިޓީގެ ސަރަހައްދުތަކުގައި ފިލްމުގެ މަސައްކަތް ކުރަމުން ދަނީ. ކޮންމެ ވެސް މީހަކު ފިލްމުގެ މޭކަޕްގައި ހުއްޓާ މި ނެގި ފޮޓޯއަކާ ގުޅިގެން ވަރަށް ގިނަ ފޯން ކޯލްތައް އެބަ ލިބޭ. މީހަކާ އިނދެގެން އުޅޭ އަންހެނެއްގެ ސިފަ ޖެހިގެން ހުރުމަކީ އެހާ ބޮޑު ކަމެއްތަ؟ އެކްޓަރުންނަކީ އެކި ކަހަލަ ރޯލުތައް ކުޅޭ ބައެއް. އަހަރެން ސިއްރުން ކައިވެންޏެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަން،" ކަންގަނާ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓުގައި ބުނެފައިވެއެވެ.

ބޮޑު މަގުބޫލުކަމެއް ހޯދި "ކުއީން" ފިލްމުގެ ދެވަނަ ބައިގައި ވެސް ކަންގަނާ ކުޅެފައިވަނީ ރާނީ މެހެރާގެ ކެރެކްޓާއެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ކަންގަނާ ވަނީ 2013 ވަނަ އަހަރުގެ އެ ފިލްމުގެ ސީކުއަލްގެ ޝޫޓިން މުމްބާއީގައި ފަށާފައެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ ބަތަލާއިންގެ ތެރޭ ހިމެނޭ ކަންގަނާ ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި އަންނަ މަހު ރިލީޒްކުރާ ފިލްމު "ބާރަތު ބާގްޔާ ވިދާތާ"އިންނެވެ.

ކަންގަނާ އަންނަނީ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ޓިކެޓުގައި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ (ލޯކް ސަބާ) ގޮނޑިއެއް ކާމިޔާބުކޮށް، ބަތަލާ ނިސްބަތްވާ ހިމާޗަލް ޕްރަދޭޝްގެ މަންޑީ ދާއިރާ ތަމްސީލުކުރަމުންނެވެ. ކަންގަނާގެ މިޒާޖުގައި ހުންނަ ހަރުކަށި އަދި ސީދާ ބަހުގެ ހަމަލާތަކުގެ ސަބަބުން ފިލްމު އިންޑަސްޓްރީގެ އިތުރުން އިންޑިއާގެ ސިޔާސީ މައިދާނުގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް ބަތަލާއަށް އެކިފަހަރުމަތިން އަމާޒުވެފައިވެއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަންގަނާ ރަނައުތު، ކައިވެނީގެ ހެދުމެއްގައި ހުރި ވީޑިއޯއެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާ ސިއްރުން ކައިވެނިކުރީތޯ ސުވާލު އުފައްދާފައެވެ. މިކަމަށް ރައްދުދެމުން ކަންގަނާ ވަނީ އެއީ 2013 ވަނަ އަހަރު ނެރުނު ފިލްމު ކުއީންގެ ދެވަނަ ބައި ކަމަށްވާ ކުއީން ފޮރެވާގެ ޝޫޓިން މަންޒަރެއްކަން ހާމަކޮށްފައެވެ. އަދި އޭނާ ދުވަހަކުވެސް ސިއްރުން ކައިވެނި ނުކުރާނެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ވަނީ ދީފައެވެ.

  • ވައިރަލްވެފައިވާ ވީޑިއޯއަކީ ފިލްމު ކުއީން ފޮރެވާގެ ޝޫޓިން މަންޒަރެކެވެ.
  • އެއްވެސް އިރެއްގައި ސިއްރުން ކައިވެންޏެއް ނުކުރާނެކަމުގެ ޔަގީންކަން ކަންގަނާ ވަނީ ދީފައެވެ.
  • ކަންގަނާގެ އައު ފިލްމު ބާރަތު ބާގްޔާ ވިދާތާ އަންނަ މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.
  • ފިލްމީ ދާއިރާގެ އިތުރުން ކަންގަނާއަކީ އިންޑިއާގެ ވެރިކަންކުރާ ޕާޓީ ތަމްސީލުކުރާ މަޖިލިސް މެންބަރެކެވެ.
comment ކޮމެންޓް