"މުސްލިމެއްގެ އެންމެ ބޮޑު އެއް ނިއުމަތަކީ އޭނަކުރާ ހެޔޮ އަމަލުތަކެވެ. ތިބާގެ އަޚުލާގުން އެހެން މީހުންނަށް އޯގާތެރިކަމާއި، އިހުތިރާމާއި، ތެދުވެރިކަން ދައްކައިދޭށެ. މީހުންނަށް މާފުކުރުމާއި އެހީތެރިވުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފަތަކެވެ. ދުއާއަކީ މުއުމިނުންގެ ހަތިޔާރެވެ. ތިބާގެ ހިތުގައިވާ ކޮންމެ ޝަކުވާއެއް ކޮންމެ އުއްމީދެއް ކޮންމެ ހާސްކަމެއް ﷲއަށް ހުށަހަޅާށެވެ. އެކަލާނގެއަކީ ތިބާގެ ހިތުގެ އެންމެ ފުންމިނުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިިގެންވާ ފަރާތެވެ."
***
"ކާދިން..."ކަންޒާ ޖެހިލުންވެފައި އިނދެ ގޮވައިލިއެވެ."އަހަރެން ބޭނުމީ ކާދިންއާއެކު ދިރިއުޅުމެއް ފަށަން.މީހުން ބުނާނެ އެއްޗެއް ވިސްނާގޮތެއް މުހިއްމެއްނޫން. މިއީ އަހަރެންގެ އަމިއްލަ ނިންމުން....."
ކާދިންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ކަންޒާގެ މި ނިންމުމަކީ އޭނަގެ ހިތަށް ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އެކަމަކު ކަންޒާ އޭނަގެ ހަޔާތް އޭނައަށް ހަދިޔާކުރަން ނިންމީ ކިހާވަރެއްގެ ލޯތްބެއް ހިތުގައި އޮވެގެން ހެއްޔެވެ؟ އޭނަގެ ފަރާތުން މަންމައަށް ކޮށްދިން ހެޔިކަމުގެ ބަދަލުގައިހެއްޔެވެ؟
***
ކައިވެނީގެ ފުރަތަމަ ރޭ ރިޒޯޓުގެ ހިތްގައިމު ކޮޓަރީގެ އެނދުގައި ރާޅުތަކުގެ އަޑުއަހަން އޮތްއިރު ކަންޒާގެ ހިތަށް އުފާވެރިކަމެއް ލިބުނަސް މާޔޫސްކަމުގެ އިހުސާސްވެސް ގަދަވިއެވެ. އައިރްއާއި އާރާގެ ހަނދާންތައް އޭނަގެ ހިތަށް ތަދުކުރަމުން ދިޔައެވެ. ކާދިން މަންމައަށްޓަކާ ކޮށްދިން ހެޔޮކަންތައްވެސް އެކުދިން ދެކުނީ ދެއްކުންތެރިކަމެއްކަމުގައެވެ. ކަންޒާ ހައްލާލައިގެން އުޅެނީކަމުގައެވެ. އެތައް ފަހަރު ތަކުރާރުކޮށް ގުޅުމުންވެސް ފޯނު ނުނަގާ ފަހުން އޮފްކޮށްލީއެވެ. އެންމެފަހުން މާޔޫސްކަމުގެ ކަނޑަކަށް ގެނބެނިކޮށް ނިދުނުތަނާ ފެނުނީ މަންމައެވެ. މަންމަ އޭނަގެ ބޮލުގައި ފިރުމައިލަދިނީ ހިނިތުންވުމާއެކުގައެވެ. އެއީ ރަގަޅު ނިޝާނެއްކަމުގައި އޭނަ ދެކުނެވެ.
ހޭލެވުނުއިރު ލޮލުން އޮހިގަތް ކަރުނަ ފޮހެލަދިނީ ހަޔާތުގެ ބައިވެރިޔާއެވެ.
"ދެރަނުވޭ......ކޮންމެވެސް ދުވަހަކުން އެކުދިންގެ ހިތްތައް މަޑުވާނެ ދުވަހެއް އަންނާނެ އިންޝާﷲ..ޓްރަސްޓްމީ...އަހަންނަށް އެނގޭތީ މިބުނަނީ..އަހަރެން ކަންޒާއާއެކުގައި އަބަދުވާނަން......." ކާދިން ހިތްވަރުދިނެވެ.
***
ކަންޒާ ތެރަޕިސްޓެއްގެ ކައިރިއަށް ދަމުން ގިނަވަގުތު ނަމާދުކޮށް ޒިކުރު ކުރަން ފެށުމުން ހިތާމަކުޑަވިއެވެ. މަންމަފަދައިން ކޮއްކޮމެންނާއި ވަކިވާން އޭނަގެ ހިތް ތައްޔާރެއް ނޫނެވެ. އަދި އެއީ މި ދުނިޔޭގައި ތިބެގެންނެވެ. ކާދިން ހިތްވަރުދޭން ކައިރީގައި ހުރުމާއި އަދި ރޫހާނީ ގުޅުން ވަރުގަދަވާން ފެށުމަކީ ހިތާމަ ކުޑަވެ ކުރިއަށް ދިޔުމަށް ލިބުނު ހިތްވަރެވެ.
ދުނިޔެއަކީ ކުޑަ ދުވަސްކޮޅެއްގެ މަންޒިލެކެވެ. ނަފްރަތާއި ހިތާމައާއި ރުޅިވެރިކަމުގެ ދިރިއުޅުމުގެ ފަޅި ސިކުންތު ގެއްލުވާލުމުގެ މާނައެއްނެތެވެ. މި ދުނިޔެއިން ނުވެއްޖެއްޔާ ގިޔާމަތް ދުވަހުން ކޮއްކޮމެންގެ މާފު ލިބިދާނެއެވެ. އެންމެންނަށް އެކީގައި ޖަންނަތުގައި އުޅެވިދާނެއެވެ. އެއީ އޭނަގެ ދުޢާއެވެ.
ބޭކާރު ވިސްނުންތަކާއި ޚިޔާލުތަކުގެ ދުނިޔެއެއްގައި އިނުމުގެ ބަދަލުގައި އޭނަ ވަގުތުތައް ހުސްކުރަންފެށީ ދީނީ ކަންތައްތަކަށެވެ. ކީރިތި ގުރުއާންުގެ އިލްމާއި ތަފްސީރު ކިޔުން އަދި ދީނީ ވާހަކަތަކާއި ލެކްޗަރުތައް ބެލުމަށެވެ. އިސްލާމިކް ސައިކޮލޮޖީ ކިޔަވަންފެށިއެވެ. އަޅުކަމުގައި ވަގުތު ހޭދަކުރުމަށްފަހު ކާދިންއާއި ގޭގެ ކަންތައްތަކަށް ވަގުތު ކަނޑައަޅާފައި އޮތުމުން ފަސޭހައެވެ. އޭނަ ދުރުހެލިވީ ސޯޝަލް މީޑިއާއާއެވެ. އެއީ އޭނަ ދެކުނުގޮތުން ހަމަ ވަގުތު ބޭކާރުކުރުވާކަމެކެވެ. އަދި ނަފްސާނީގޮތުން އަސަރުކުރުވާ ހިތް ހަމަނުޖެހުމަކަށް ވައްޓާލާކަމެކެވެ. ދިރިއުޅުން ރަގަޅުކުރަން ބޭނުމިއްޔާ ހަގީގީ މާނައެއްގައި އަޅުވެރިވާންވީއެވެ.
***
ހަނީމޫން ދަތުރުގެ ހަފްތާއަށް ފަހު ކާދިންއާއި ކަންޒާވެސް ދިރިއުޅުން މާލެއަށް ބަދަލުކޮށްފިއެވެ. ރިޒޯޓުގެ ވަޒީފާތަކަަށް މީހުން އައްޔަންކޮށްފައި ދެމަފިރިން މާލޭގައި އުޅެން ފައިސަލް ލަފާދިނީއެވެ. ފައިސަލް ކަންޒާއަށް ހެޔޮކޮށް ހިތާއިރު މެހެރްވެސް ބޭރުފުށުން ދެއްކުންތެރި ހިނިތުންވުންތަކާއިއެކު ކަންޒާ ބަލައިގެންފައިވާކަމަށް ހެދިގެން ހުންނަނީ ހުރި އެންމެ ދަރިފުޅުގެ އުފަލަށްޓަަކައެވެ. އެހިތުގައި އިތުރު ކޫރުމެއް އެޅުނަ ނުދިނުމަށެވެ. މެހެރް މިއުޒިކް ދުނިޔޭގައި ރަސްކަން ކުރަމުން ދިޔައިރު ކާދިންގެ ރާސްތާ މުޅިން ތަފާތެވެ.
ކަލަންޑަރުގެ ގަނޑުތައް އުކެމުންގޮސް މަސްތަކެއް ފާއިތުވެގެން ދިޔައީ ބަސްބުނާ ހިނދުކޮޅުގެ ތެރޭގައެވެ.
ފައިސަލްއާއި މެހެރް ކާ މޭޒުދޮށުގައި ތިއްބާ ކާދިން އަންނަތަން ފެނުމުން ދެމީހުންވެސް ހިނިތުންވެލިއެވެ. ކާދިން އިސްލާމީ ރީތި ސަލާމުން ސަލާމް ގޮވައިލިއެވެ. ކަންޒާ ނައުމުން ފައިސަލް ސުވާލުކޮށްލިއެވެ.
"ކުޑަކޮށް ބަލިކޮށް އުޅެނީ..."ކާދިން ގޮނޑި ދަމާލައިގެން އިށީނެވެ.
"ދަރިފުޅުމެން މާ އެކްސްޓްރީމް ވަނީހެން ވެސް މަންމައަށް ހީވާން ފަށައިފި...އަނެއްކާ އެކަހަލަ ޖަމާއަތަކާއި ގުޅުނީތަ؟ ބިރުވެރި ދިމާލަކަށް ނުދައްޗޭ...ޖަލަށް ވަންނަން ޖެހިދާނެ..."
"ޖަލަށް ވަންނާކަށް ނޫން މަންމާ.."
"ދެން؟"މެހެރް ކާދިންގެ މޫނަށް ބަލައިލީ ޝައްކުވެފައި އިނދެއެވެ.
"ކާދިން ބޭނުމީ ސުވަރުގެ..ދަރިފުޅު ހެޔޮ އަމަލުކޮށް ސޯލިހު ދަރިއަކަށްވީމަ އުފާކުރަންވީމަ މަންމަ މިއުޅެނީ ބިރުން...މި ކިހިނެއްވަނީ؟" ފައިސަލް ހީލިއެވެ."މެހެރް....ހާސްނުވޭ..ކާދިން ދަނީ ހަމަ ރަގަޅު ސީދާ މަގުން.."
"އަމިއްލަ ގެ ބީރައްޓެހިތަނަކަށްވެއްޖެ..މިބުނީ މިގެއިން މިއިޒުކް އަޑުއިވިގެން ނުވޭ..ކަންޒާ އިންނަނީ ގުރުއާން ނޫނީ ދީނީ ވީޑިއޯއެއް ބަލަން ޓީވީ ކައިރީގައި...މަންމަ ބޭނުންވާ ޑްރާމާއެއްވެސް ނުބެލޭ...ބަގަރާ ސޫރަތް ޖެހީމަ ޖިންނި ޝައިތާނުންގެ އުދަގުލެއް ނުފޯރާނެއޭ ކަންޒާބުނީ...އެހެންވެގެންނޯ ކޮންމެ ރެއަކު ބަގަރާ ސޫރަތް ޖަހަނީ..."
"މަންމަވެސް ޑްރާމާގެ ބަދަލުގައި އެންމެ ލެކްޗަރެއްވެސް ބަަލައިލަންވީނު...މިއުޒިކްގެ ބަދަލުގައި ގުރުއާން އަޑުއަހަން ފެށީމަ މަންމައަށް ހަގީގީ އުފާވެރިކަން ލިބޭނީ...."
"މާދަންރޭވެސް ޝޯއަށް އަރަން ޖެހޭ. ކީއްކުރާނީ؟ އެންމެން އާދޭސްކުރާވަރުން....މަންމަވެސް ހިތަށް އަރާ މިހާރު މިކަން ނުފެށުނުނަމައޭ...ކިތަންމެ ރީތި ލަވައަކަށްވެސް ފާޑުކިޔާނެ. ވާދަވެރިން އެބަތިބި..އެކަންތައްތަކާއި ބޮލުގައި ރިއްސާ..."
"ތިހުރިހާކަމަކުން ސަލާމަތްވެވޭނީ ދީނަށް އުޅުނީމަ މެހެރް..އަހަރެމެންނަށް ވާގޮތަކީ ކެރިއާ ނޫނީ ސިޔާސީ ކަންތައްތައް ނޫނީ އެންޓަޓެއިމެންޓް ކަހަލަ ކަންތައްތަކަށް ހުރިހާ ވަގުތެއް ބޭކާރުކޮށްލެވެނީ..އެހެން އުޅޭހިތްވާ މީހުންވެސް ބެލެންސްކުރާނެނަމަ..އެކަމަކު ކޮންމެވެސް ކޮޅަކަށްގޮސް ހުސްވަނީ ދޯ.....އުމުރު ފަހުކޮޅަށް އައީމަވެސް ގިނަމީހުންނަށް އެކަމެއް ނުވިސްނޭނެ..ދުނިޔޭގެ ޒީނަތްތެރިކަމަށް ހެއްލި ދުނިޔެ ފަހާ ދުވެވެނީ...ކަށްވަޅަށް ދިޔައިމަ ރިގްރެޓްކުރާނެ. އޭރުން ލަސްވާނެ...އެންމެންވެސް ވިސްނަންވީ އެހެން އިންސާނުންނަށްޓަކާ ވަގުތު ބޭކާރުނުކޮށް ހެއްދެވި ފަރާތަށް ކުރިމަތިލުން...."ފައިސަލް މެހެރްއަށް ވިސްނައިދޭން އުޅުނެވެ.
ކާދިން އޭނަގެ މަންމައަށް ދަރުސެއް ފޮނުވާފައި އެދުނީ ބަލައިިލުމަށެވެ. ގުރުއާންގެ ވީޑިއޯތަކެއްވެސް ފޮނުވާފައި އަޑުއަހަން އެދުނެވެ.
އެރޭ މެހެރްއަށް ފެނުނީ ރަގަޅު ހުވަފެނެއްނޫނެވެ. އެ ހުވަފެން ތައުރީބުކުރަން ޖެހޭނެއެވެ ނިދިން ހޭލެވިގެން ގަޑި ބަލައިލިއިރު ފަޖުރު ނަމާދު ވަގުތެވެ. ފައިސަލްވެސް މިސްކިތަށް ދިޔައީކަން ނޭގެއެވެ. އޭނަ ތެދުވެ ވުޟޫކޮށްލައިގެން ނަމާދުކުރަންފެށުމުން ސިކުނޑިއަށް ލުއިވިއެވެ. ގުރުއާންއަށްފަހު ދަރުސް އަޑުއަހަން ކޮފީތަށްޓެއް ހިފައިގެން ގޮސް އިށީންއިރު ވާރޭވެސް ވެހެމުން ދިޔައެވެ. ދަރުސްގައި ބުނެދިން ކަންތައްތަކުން ގައިން ހީބިހިނެގިއެވެ. އޭނައަށް އުޅެވޭގޮތާއިމެދު ފިކުރު ހިންގަން މަޖުބޫރުވިއެވެ.
އެރޭ ހަޔާތުގައި ފުރަތަމަ ފަހަރަށް ނިދަން ބިރުގަންނަގޮތްވިއެވެ.
އޭނަ ނިދީގައި ފުރާނަ ހިއްޕަވައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ ނިދީގައި ފުރާނަ ހަށިގަނޑު ދޫކޮށްދާކަން އޭނަވެސް ދަނެއެވެ.އެހެން އާލަމަށްގޮސް ފުރާނަތަކައި ބައްދަލުވާނެކަން އެނގެއެވެ. އެކަހަލަ ޚިޔާލެއްގައި އޮވެފައި ނިދުނުތަނާގެން ހުވަފެނުގައި އޭނަގެ މަންމަ ފެނުނެވެ. މަންމަ ހުރީ ކަމަކާއި ހިތްހަމަނުޖެހިފައެވެ.
މެހެރް ހޭލައިގެން އެކަމާއި ނުތަނަވަސްވެ ފައިސަލްގާތު ކިޔައިދިނެވެ.
"މަންމަ ހުރީ އަހަރެންދެކެ ހިތްހަމަނުޖެހިފައި..."
"މެހެރް ލަވަ ކިޔުން ހުއްޓައިލ.ާ...ވަރަށް ޒަމާނަށް ލަވަ ކިިއިއްޖެ..."
"އެކަމާއި އެބަ ވިސްނަން..."މެހެރް ފިނި ނޭވާއެއް ދޫކޮށްލިއެވެ.
ބައެއްފަހަރު މާދަމާ އިސްލާހުވެ ހެޔޮ އަމަލުތައް ކުރަން ނިންމާފައިވާ ކިތަންމެ ޒުވާނުންނެއްވެސް އެވަނީ ކަށްވަޅުގައެވެ.
***
ކާދިން ވެސް ކަންޒާގެ ހިތާމަ ފިލުވުމަށްޓަކައި ރިޒޯޓުގެ ކުޅިވަރުތަކަށް ކަންޒާ ގެންދިޔައެވެ.
އެއީ ވައި މަޑު ރީތި ދުވަހެކެވެ. ކާދިން ޖެޓް ސްކީއެއް ދުއްވައިލަން ދިޔައިރު ކަންޒާ ހުރީ ބަނދަރުމަތީގައި އެކުވެރިއަކަށް ފޯނުން ގުޅައިގެންނެވެ. އެހެން ހުރެފައި އެއްލި ކަޅިއަކުން އޭނައަށް ފެާދިންގެ ޖެޓް ސްކީގެ ދުވެލި ބާރުކަމުން ކޮންޓްރޯލް ނުވެ ފާލަމާއި ދިމާލަށް އަންނަ ތަނެވެ. ކާދިން ހަނދާން ނެތުނީހެއްޔެވެ؟ ކާރު ބާރަށް ދުއްވުމުން ލިބުނު ގެއްލުމުން އަދިވެސް މިއުޅެނީ އަރައިނުގަނެވިގެންނެވެ. ހަގީގަތަކީވެސް ކާދިން މާޒީގެ ހަނދާންނެތިފައި ހުރުމުން އަނެއްކާވެސް ކަށީގައި ހިފާފައިވާ އާދައަކަށް އަލުން ރުޖޫއަ ވެވުނީއެވެ. ބާރު ދުވެއްޔަކީ މަރަށް ދެވޭ ދައުވަތެކެވެ.
"ކާދިން...." އޭނައަށް ލިބުނު ސިހުމާއެކު ހަޅޭއްލަވައިގަނެވުނެވެ. އަތުން ފޯނު ދޫވިއެވެ. ޖެޓްސްކީ އައި ބާރުމިނުގައި ފާލަމުގައި ޖެހިފައި ކާދިން ވިއްސައިގެން ގޮސް ޖެހުނީ މޫދުގެ ފުން ހިސާބެއްގައެވެ. ކަންޒާގެ ހަޅޭކުގެ އަޑުން ރިޒޯޓްގެ މުވައްޒަފުން ދުވެފައި އައެވެ.
"ކާދިން....އެކްސިޑެންޓްވެފައި މޫދަށް ވެއްޓުނީ........."ކަންޒާ އިޝާރާތްކޮށްލިއެވެ. އެތަނުން ދެތިން މީހުން ފަތާފައިގޮސް ކާދިން މޫދުން ނެގިއިރު ބޮލުން ވަރަށް ބޮޑަށް ލޭ ފައިބަމުން ދިޔައެވެ. ކަންޒާގެ ހިތް ހުއްޓުނު ވަގުތުކޮޅެކެވެ. ކާދިންގެ ފުރާނަ ހުރިކަމެއްވެސް ނޭގެއެވެ. އޭނަވެސް ގަނޑުވެފައިވާ ބުދެއްހެން ހުރެފައި އެމީހުންގެ ފަހަތުން ދުއްވައިގަތެވެ.
އެ ހާދިސާގެ ސަބަބުން ކާދިންގެ ސިކުނޑިއަށް ލިބުނު ގުޑުމަކީ އޭނާގެ ހަނދާނުގެ ތަޅުދަނޑިއެވެ. އޭނާ ހޮސްޕިޓަލްގެ އެނދުގައި އޮވެ ލޯ ހުޅުވާލި އިރު ކުރިން އޭނާގެ ސިކުނޑީގައި އެއްފަޅީގައިވި އަނދިރި ފަރުދާ އެއްކޮށް ނެގިގެން ދިޔައެވެ.
އޭނާއަށް ސިފަވީ ކަންޒާގެ މަންމަގެ މޫނެވެ. އެ ހާދިސާ ހިނގި ރޭގެ ހުރިހާ މަންޒަރުތަކެއް ފިލްމެއްހެން އޭނާގެ ސިކުނޑިއަށް ފެންނަމުން ދިޔައީ ފިލްމެއްގެ ލަސްކޮށްފައިވާ މަންޒަރެއްހެންނެވެ. ކަންޒާ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީދެގެން އިންއިރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އަދިވެސް ހިތް ހަމަޔަކަށް ނޭޅެއެވެ. އޭނަގެ އަތުތެރެއަށް ކާދިންގެ އަތްތިލަ ލިއެވެ.
"ކަންޒާ..." ކާދިންގެ އަޑު ކުރެހުނެވެ. އޭނާގެ ލޮލުގައިވެސް ކަރުނައިގެ މުތީތައް ބަބުޅަން ފެށިއެވެ."އަހަރެންނަށް... އަހަރެންނަށް ހުރިހާ ކަމެއް މިހާރު އެނގިއްޖެ. އަހަރެންގެ ސަބަބުން...މަންމައަށް ވީ ގޮތް..."
ކަންޒާގެ ހިތް ހުއްޓުނު ކަހަލައެވެ. ކާދިންގެ ހަނދާންތައް އެނބުރި އައުމަކީ އޭނާ އުފާކުރަންވީ ކަމެއްކަން ނުވަތަ އެއީ އެ ދެމީހުންގެ ގުޅުން އެއްކޮށް ނިމުމަކަށް އަންނާނެ ކަން ޔަގީންކުރަން ނޭގުނެވެ. އެއާއެކު އަނެއްކާވެސް ކާދިންގެ ލޯ މަރައިލިއެވެ. ކަރުނަތިއްކެއް ލޮލުކޮޅުން ފައިބައިގެން ދިޔައެވެ.
***
ހޮސްޕިޓަލުގެ އެ ހިމޭން ކޮޓަރީގައި ހަމައެކަނި އިވެމުން ދިޔައީ ކާދިންގެ ހިތް މޮނިޓާ ކުރާ މެޝިންގެ ބީޕް އަޑެވެ. ކާދިން އެނދުން ތެދުވެ އިށީނދެލީ ބޯ އަނބުރާ ގޮތްވެފައި ހުރުމާ އެކުގައެވެ. ކަންޒާ އިނީ އެނދުގެ ކައިރީގައި ހުރި ގޮނޑިއެއްގައެވެ. އޭނާގެ ދެލޮލުގައި ވަނީ އުދާސްކަމާއި ނިދި މަދުވުމުގެ އަލާމާތްތަކެވެ. ކަރުނައެވެ. އެކަމަކު އެއީ ހަމައެކަނި ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ ބުނަން ނޭނގޭ ފަދަ ބަރުދަނެއް ހިތުގައި އުފުލައިގެން ހުރި މީހެއްގެ ރިހުމެވެ.
ކާދިން އޭނާގެ ދެއަތުން މޫނު ފޮރުވައިލިއެވެ. "ކަންޒާ... އަހަރެންނަށް މައާފްކުރޭ.....ހުރިހާ ހަނދާނެއް އަލުން އައީމަ.... މިހާރު އިހުސާސް މިވަނީ އަހަންނަކީ ދުނިޔޭގައިވެސް ހުންނަން އެކަށީގެންނުވާ މީހެއްހެން.. މިއީ ހަމަ މަގޭ ކުށް......"
ކަންޒާ މަޑުމަޑުން އައިސް ކާދިންގެ ކައިރީގައި އިށީނދެ އޭނާގެ ބޮލުގައި ފިރުމާލިއެވެ. "ކާދިން... އަހަރެންނަށް މިއީ ގަބޫލުކުރަން ވެސް ދަތި ކަމެއް. އެކަމަކު ހިތް ބުނަނީ ތިއީ ކޮންމެވެސް ގޮތަކުން ﷲގެ ރޭއްވެވުމެއް ކަމަށް. ހިކުމަތެއްވާނެ....ވީމަ ހުރިހާކަމެއް ރަގަޅުވާނެކަމަށް ބަލަމާ.....އެވަރަށް ނުވިސްނާ. ދެމީހުންވެސް ހަމަހަމަވީ...އެއަށްވުރެ ބޮޑެތި ފާފަތައްވެސް ފުއްސަވާދެއްވާ..އިންސާނެއްވެއްޖެއްޔާ ކުށްކުރެވޭނެ...ބައެއްމީހުން އެކުށުގެ ސަބަބުން ތައުބާވެ ހިތާމަކޮށް ﷲތައާލާއަށް ފާފަ ފުއްސެވުމަށް ދަންނަވާ..ކާދިން ގަސްތުގައެއްނޫން އެކަން ކުރީ...ވީމަ އަމިއްލަ ނަފުސް ކުށްވެރިކުރުން ހުއްޓާލާ...އެކަމުގެ ކައްފާރާ އަދާކުރެވިއްޖެ..މަންމަގެ އަމިއްލަ ދަރިންނަށް ކޮށްނުދެވޭވަރަށް މަންމައަށްޓަކާ ހެޔޮކަންތައް ކުރުވައިފި......."
ކާދިން ކަންޒާއާއި ދިމާލަށް ބަލައިލަން އޮތީ އަސަރާއި އެކުގައެވެ. "އެކަމަކު ކަންޒާ....ކާކުގެ އަތުގައި ތި ހިފަހައްޓަނީ؟ ތި ހިފަހައްޓައިގެން ހުރީ މަންމަގެ ފުރާނަ ދުއްވާލި އަތުގައި.. ތި އިނީ މަންމަގެ ގާތިލުގެ އަންބަކަށް ވެގެން...ހިތަށް ކިހާ ވޭނެއް ލިބޭނެ؟ގިލްޓީ ނުވޭތަ؟"
ކަންޒާގެ ލޮލުން ކަރުނަތިކިތައް ފައިބައިގެން ގޮސް އޭނާގެ އަަތަށް އެޅެމުން ދިޔައެވެ.
"އާނ ކާދިން. އެ އިހުސާސް އަހަރެންނަށް ކުރެވޭ. ކޮންމެ ރެއަކު ހޭލާއިރު ހިތަށް އަރަނީ މިއީ ހަގީގަތްބާވައޭ... އެކަމަކު ކާދިން މިފަހުން ތި އުޅުނު ދިރިއުޅުން ދެކުނިން.... ތައުބާވުމާއި މަންމައަށް ކޮށްދިން ހެޔޮކަންތައްތައް... އެއީ ހަމައެކަނި ދައްކާލުމަށް ކުރި ކަމެއް ނޫންކަން އެނގޭ. މަންމަގެ ނަމުގައި މިސްކިތް ބިނާކޮށް ހައްޖު ވެސް ކުރުވީ އެހެން އެއްވެސް މީހަކަށް އެ ހިތްވަރު ނެތް."
ކަންޒާ އެ އަތަށް ފިތައިލިއެވެ. "މީހުން އަހަންނާއި ދިމާލަށް ކިތަންމެ އެއްޗެއް ކިޔާނެކަން އެނގޭ... މިހިރީ ވެސް އާއިލާ އާއި ކޮއްކޮމެންނާއި ވަކިވެފައި. އެކަމަކު ކާދިންގެ ލޯތްބާއި ހިތް ހެޔޮކަން ގާތުން ދެކެފިން. އެވަރުން ފުދޭ.... ކުރެވުނުހާ ކުށަކަށް މައާފްކޮށްފިން."
ކާދިންވެސް ފެންކަޅިވިއެވެ. "އަހަންނަށް ކިހިނެއް ތި މޫނަށް ބަލާނީ؟ މަންމަގެ ލޯ އަހަރެންގެ ލޮލުން ދުށްފަދައިން މިހާރު ސިފަވަނީ. ކިހިނެއް މި ކުށުން އަރައިގަނެވޭނީ؟"
ކަންޒާ އޭނާގެ އަތްތިލަ ކާދިންގެ މޫނުގައި ޖައްސާލިއެވެ. "ކުރި ކަންތައްތަކަށް ފާފަ ފުއްސަވާ ދެއްވާނީ ﷲ. އަހަރެން މި ހުރީ ފަހަތުގައި. އެކަމަކު ކާދިން.... ހަގީގަތަކީ....އަހަރެން މިހާރު މި ހުރީ ވަރަށް ބޮޑު ކުށެއްގައި ބަދެވިފައި ދޯ..މަންމަ ދުނިޔެއާއި ވަކިވުމުގެ ސަބަބަކަށްވި ޒުވާނަކާއިއެކު ހަޔާތް ފެށިއިރު ހަގީގަތުގައި މިހިރީ ކިހާ ބޮޑު ހިތްދަތި ކަމެއްގައި ބަދެވިފައިކަން މީހުންނަށް ނުވިސްނޭނެ. އެކަމަކު ހިތްދަތިކަމާއެކު ހަމަ އުފަލުގައި މިއުޅެނީ....ދިރިއުޅުމުގައި އުފަލާއި ހިތާމަ އަންނާނީ..މިންވަރުފުޅަށް ރުހެން ޖެހޭނީ...ގަޟާގަދަރަށް އީމާންވުމުން އީމާންކަން ފުރިހަމަވާނީ..އަހަރެން މިހިރީ ހިތްހަމަޖެހިގެން...."
"ތެންކިއު ވައިފް..."ކާދިން ހިނިތުންވެލިއެވެ.
"ދެމީހުންވެސް ވަނީ ހަމަ ގަސްތަކާއި ނުލާ އެކްސިޑެންޓެއް ހިންގާފައި...އެންމެފަހުން ދެމީހުން މިތިބީ އެކީގައި ދިރިއުޅެން ގޮށް ޖަހާލައިގެން..އެހާ ފަސޭހައިން އެގޮށް މޮހެން ބޭނުމެއްނޫން.....އާޚިރަތް ދުވަހު އަދި ޖަންނަތުގައިވެސް އެކީ އުޅެން ބޭނުމީ...."
ކޮޓަރިތެރެއަށް ވެރިވެފައިވީ މަރުފަދަ ހިމޭންކަމެކެވެ.
ކާދިންގެ ބޯ އަނބުރާ ކަމުން ކަންޒާގެ މޭގައި ބޯ ޖައްސައިލެވުނެވެ. ދެމީހުންގެ ލޯތްބާއި ރިހުމާއި މާޒީގެ ބަރުދަން އެއްފަހަރާ އުފުލަން ޖެހުނުފަދައެވެ. ކަންޒާއަށް ވިސްނުނީ މިއީ ހަމައެކަނި ކައިވެންޏެއް ނޫންކަމެވެ. މިއީ އޭނާގެ މަންމަގެ ހައްގުގައި އޭނާ އަމިއްލަ ނަފްސު ޤުރުބާންކޮށްގެން އުފުލާ ބޮޑު އިމްތިހާނެއް ކަމެވެ.
***
ދެ މަސް ދުވަސް ފާއިތުވެގެން ދިޔައީ ހޮސްޕިޓަލާއި ގެއާ ދެމެދުގައެވެ. ކާދިންގެ ޖިސްމާނީ އަނިޔާތައް ރަނގަޅުވަމުން އައި ނަމަވެސް، އޭނާގެ ނަފްސާނީ ހާލަތު އޮތީ ވަރަށް ދަށުގައެވެ. ކަންޒާ އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ ކާދިން އާއެކުގައެވެ. އެކަމަކު ރޭގަނޑުގެ ހިމޭން ވަގުތުތަކުގައި ކަންޒާގެ ހިތް އެނބުރި ދަނީ އޭނާގެ ދެކޮއްކޮމެން ކަމަށްވާ އައިރްއާއި އާރާގެ ގާތަށެވެ.
ދުވަސްކޮޅަކުން ކާދިން ގެއަށް ފޮނުވައިލުމުން އެގޭގެ ދިރުން އަނބުރާ އައިފަދައެވެ.
ކަންޒާ ބެލްކަނީއަށް ނުކުތްއިރު ހަނދު އޭގެ ފުރިހަމަކަމާއެކު ހިނިތުންވެލައިގެން އިނެވެ. އޭނާގެ ޚިޔާލުގައިވަނީ ކޮއްކޮމެންނެވެ. "އަހަރެންގެ ދިރިއުޅުން މިވަނީ ބިނާކުރެވިފައި ވޭނެއްގެ މައްޗަށް. ކާދިންއަށް މައާފްކުރި ނަމަވެސް އާއިލާ އާއި ލޭގެ ގުޅުންތައް ކެނޑިެއްޖެ. ދުނިޔެއިން ހުރިހާ އުފަލެއް ނުލިބޭނެ..މަންމަވެސް ހުރިނަމަ....."
ކަންޒާ އެރޭ ނިންމީ ކާދިންއާއި އެކީ އަބަދަށްޓަކާ ހުރުމަށެވެ. ތަގުދީރުގައި އެހެން ގޮތަކަށް ލިޔުއްވާފައި ނުވާނަމަ ކާދިންއާއެކު ޖަންނަތުގައިވެސް ވުމަކީ އޭނަގެ އުއްމީދެވެ. އުފަލެވެ. ކޮއްކޮމެންނާއި އޮތް ގުޅުން ބަދަހިކުރަން މަސައްކަތް ކުރަން ޖެހޭނެއެވެ. އެމީހުންގެ މާފު ހޯދުމަކީ ކަންޒާގެ ހަޔާތުގެ އެންމެ ބޮޑު އަމާޒަށް ހަދަން އޭނާ ގަސްތުކުރިއެވެ.
އެދުވަސްކޮޅު ކަންޒާގެ ހަށިގަނޑަށް އައި ބަދަލުތަކެއް އޭނާގެ ސަމާލުކަމަށް އައެވެ. ކަންޒާގެ ހިތް ތެޅިގަތެވެ. އޭނައަށް ޝައްކުވާންފެށުމުން އަވަހަށް ލެބޯޓްރީ ޓެސްޓެއް ހެދިއެވެ. ޓެސްޓްގެ ނަތީޖާ ފެނުމާއެކު އޭނާގެ ލޮލުގައި ވިދަންފެށީ އުފާވެރިކަމުގެ ކަރުނައެވެ. ކުރިން މިދުވަސް އަތުވެދާނެކަމަށް އޭނަގެ އެންމެ ނުބައި ހުވަފެނުގައިވެސް ދެކެފައެއްނުވެއެވެ. ދުނިޔޭގައި ހުރި އޭނަ އެންމެ ނަފްރަތުކުރި މީހާއާއެކު ހަޔާތުގެ ދަތުރުގައި ދުރަށް އާދެވިއްޖެއެވެ. އައިރްމެން ބުނާނީ މަންމަގެ ގާތިލުގެ ދަރިއެއްކަމަށެވެ.
އޭނަ ކޮޓަރިއަށް ވަންއިރު ކާދިން ފެންވަރާލައިގެން ނުކުތީއެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބިއްލޫރި ދޮރުތަކުން އިރުގެ ރަން ދޯދިތައް ކޮޓަރިތެރެ އުޖާލާކޮށްލާފައިވާއިރު ނިކަން ހިތްގައިމެވެ. ކަންޒާ ހިނިތުންވެލިއެވެ.
"ހާދަ....އުފާވެފައި..ކިހިނެއްވީ؟"
އޭނަ ޖަވާބެއް ނުދީ ކާދިންގެ އަތުތެރެއަށް އެ ޓެސްޓް ރިޕޯޓު ލައްވައިލިއެވެ. ކަދިން އެ ބަލާލުމަށްފަހު ހައިރާންވެފައި ކަންޒާގެ މޫނަށް ބަލައިލިއެވެ. ކާދިންއަށް ލޯ ބޮޑުކޮށްލެވުނެވެ.".މިއީ.........ކަންޒާގެ......"
ނުނިމޭ