"ގުރުއާނާއިއެކު ވަގުތު ހޭދަކުރާށެވެ. އެއީ ހިތުގެ ބަލިއަށް އޮތް ޝިފާއެކެވެ. ކޮންމެދުވަހަކުވެސް ކުޑަ މިންވަރެއް ނަމަވެސް ކިޔަވައިލަންވާނެއެވެ. އަދި އޭގެ މާނަ ދެނެގަތުމަށް މަސައްކަތްކުރާށެވެ. ގުރުއާންގެ ތެރެއިން ﷲ ތިބާއަށް ދެއްވި މެސެޖްތައް ހޯދާށެވެ."
***
ހީރާ ދޮރުފަތުގެ ނިވަލުގައި ހުރެ އަޑުއަހަމުން ދިޔައީ އޭނަގެ ބޮޑު ދެލޯ ކުރިއަށްވުރެ ބޮޑުވެ މުދުނަށް އަރާފައެވެ. އަދަލްއަށްވެސް އެބުނާ ޖިންނި ފިރިމީހާ ފެންނަނީހެއްޔެވެ؟ މިލްސްއެންޑް ބޫންސްގެ ކެރެކްޓާއަކާއިވެސް ވައްތަރުކޮށްފިއެވެ. އަޒާލީ ގާތު މިވާހަކަ ބުންޏަސް ގަބޫލެއްނުކުރާނެއެވެ. ހީވާނީ އޭނަ ހަދަ ހަދައިގެން ދެއްކި ވާހަކައެއް ހެންނެވެ. ސިދްރާގެ ޖިންނި އަދަލްއާއިވެސް އަވަލީކަން ޔަގީނެވެ. ދެމީހުން ޖިންނިއާއި ވާހަކަދައްކަނީ ހަމަ އެއީ އާދައިގެ ކަމެއްކަމަށް ހަދައިގެންނެވެ.
ހީރާ ދުރަށް ދިޔަކަން ޔަގީންވުމުން އަދަލް ކޮފީތަށިން ކޯވަރެއް ދަމައިލިއެވެ.
"ހީރާ ގޮސް އެންމެން ކައިރީ ކިޔާނެ އަހަރެންވެސް ޖިންނި އަވަލާފައޭ. ހުސް ގޮނޑިއަކާއި ވާހަކަދެއްކީ އެހެންވެ.."
"އަހަންނަށް އެނގުނޭ..އަދަލްވެސް މީހުން ރުޅިއަރުވަން ތިއުޅެނީ؟"
އަަަދަލް ތެދުވުނެވެ."ބައެއް އާދަތައް ފިލުވަން އުދަގޫވާނެ..މަ އެކަންޏެއް ނޫން އެކަން ވާރުތަވެފައިހެން މިހިރީ..."
ސިދްރާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވިއެވެ. މައުސޫމްކަމާއެކުގައިވެސް އޭނައަށްވެސް ހަމަ "ނުލަފާ"ކަމެއް ދެއްވާފައިވަނީ ހެއްޔެވެ؟ އަމިއްލަ ސިއްރުތައް ނުހުންނާނީ ކާކުގެ ހެއްޔެވެ؟ ކޮންމެ އިންސާނެއްގެ ސިކުނޑީގައިވެސް އަނދިރި ފަރާތެއްވެއެވެ. އޭނަވެސް އަމިއްލަ ސަލާމަތާއި އެކަނިވެރިކަމުން ސަލާމަތްވުމަށް އަދި މި ކެހިވެރި އަނިޔާވެރި ދުނިޔޭގައި އުޅެންވެގެން ކުރާ މަސައްކަތަށް ކައިސް ވެސް އެއްބާރުލުން ދެނީއެވެ. ކައިސް ނެތްނަމަ އޭނައަށްވާނެގޮތް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ.
***
އަދަލްވެސް ކޮޓަރިތެރެއަށް ވަދެފައި ހުއްޓުންއެރިއެވެ. ހުވަން ރޯޅިއެއް އަރާފައިވާ ތަނެކޭ ތަފާތެއްނެތެވެ. އޭނަގެ މަންމަ އަޑުލަނީ ސަބަބަކާއި ނުލައެއް ނޫނެވެ. ކޮޓަރިތެރެ ސާފުކުރަން ފެށީ މަންމައަށް ފަސޭހައަކަށެވެ. މަންމަ ބުރަކޮށް މަސައްކަތްކުރާއިރު އޭނަގެ ޒިންމާއެއްވެސް އޮންނަންވާނެ ނޫންހެއްޔެވެ؟ އޭނަގެ ކޮޓަރި ސާފުކޮށް ހެދުންތައް ދޮވެ ފަށްޖަހާފައި އަލަމަރީގައި ހުންނަ ހަރުގައި އަޅުވާދެނީވެސް މަންމައެވެ. ރޮށި ފުޑުވާފައި މޮޑެދިނުމަށްފަހު ސަމުސާ ލާދިނުމުން ނޫނީ އޭނައަށް މީރުކޮށް ކެވޭކަމަކަށް ނުވެއެވެ. މަންމައަކީ ކޮންފަދަ މާތް އިންސާނެއްހެއްޔެވެ؟ގުރުއާނާއި ހަދީސްގައިވެސް އެކަން ވަނީ އަންގަވާފައެވެ. މަންމައަކީ އޭނަގެ މުޅި ދުނިޔެއެވެ. އެނޫނީ އޭނަގެ އެއްވެސް މީހަކު މި ދުނިޔެއަކު ނެތެވެ.
އަދަލް ކޮޓަރިތެރެ ތަރުތީބުކޮށްލުމަށްފަހު އެނދުގައި އޮށޯވެ ބާލީސް މޭމަތީގައި ބާއްވައިގެން އޮތްވާ ސިކުނޑިން އެއްފަރާތް ކުރަން މަސައްކަތްކުރި ޚިޔާލެއް ގަދަވެގަތެވެ. އެމިލީއާއިމެދު ވިސްނުނެވެ. އެމިލީއަށް އޭނަގެ މޫނު ރަގަޅަށް ނުފެނުނީ އެވަގުތު އޭނަ ފިލަން މަސައްކަތްކުރުމުންނެވެ. ޕޮޕްކޯން ކޮތަޅުން މޫނު ފޮރުވާ އަޑު ތަންކޮޅެއް ހިމަކޮށްލީވެސް ހަގީގަތް ވަންހަނާކުރުމަށެވެ. އޭނައާއި ދެމީހުން ދިމާވީ ވިިލިމާލެއަށް ދިޔަ ދަތުރެއްގައެވެ. އެމިލީ އޮޔާއިދަނިކޮށް އޭނަ ފަތާފައި ގޮސް ސަލާމަތްކޮށްދިނުމުން އެމިލީގެ ބައްޕަ ފޯނު ނަމްބަރު ހޯދާފައި އޭނައާއި ބައްދަލުކުރިއެވެ. ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދިނީ އަދަލްކަން އެނގުމުން މަންސޫރު ހުރީ އަންތަރީސްވެފައެވެ. އޭގެ ބަދަލުގައި ހަދިޔާކުރީ ފައިސާ ދަބަހަކާއި ފޯނެކެވެ. އޭނަ އެގެނައިގޮތަށް އަދިވެސް އަލަމާރި ފަޅުފިލުވަމުން ދިޔައީއެވެ. އޭނަ އެ ފައިސާ ބޭނުންކުރާހިތް ނުވީއެވެ.
އޭނަ ޖަޒުބާތުތައް ފޮރުވަން މޮޅީކަމަށް ނޫނީ އަބަދު ނާކާމިޔާބު ކިޔާތީ އެކަމާއި ކުރިމަތިލާ ކެތްކުރަން ދަސްކުރީކަމެއް ނޭގެއެވެ. އެނގެނީ ކުރިއަށް ދާނެ ހިތްވަރު ހުންނަކަމެވެ.
"މާޒީ ޑަސްބިނަށް ލާ އަދަލް..."އޭނަގެ ސިކުނޑިއަށް އަމުރުކުރިއެވެ.
ސަރަފީނާ ކޮޓަރިއަށް ވަންއިރު އަދަލް އޮތީ އެނދުގައި ބާ ރަޖާގަނޑުގެ ދަށަށް ވަދެ މޫނާއިއެކު ފޮރުވައިގެންނެވެ. ކޮޓަރިތެރެ ސާފުކޮށް ތަޅުންމަތިވެސް އޮފްއަރުވާފައިވާތަން ފެނުމުން ސަރަފީނާގެ ހިތް އުފަލުން ފުރުނެވެ. އަލަމާރި ހުޅުވާލާފައިވެސް އަނގަމަތީގައި އަތް އެޅުނެވެ. ތަރުތީބުކުރަން އަދަލް ވަރެއްނެތެވެ.
"އަދިވެސް ތަނު އެޅި ކުނަލެއްހެން އަދަލް ތިއުޅެނީ...ދައްތަގެ އާއިލާ ކިހާ އުފަލުގައި................"ސަރަފީނާ އޭނަގެ އެނދުގެ މަގަތުގައި އިށީނެވެ. އަބަދުވެސް މަންމަގެ ވާހަކަ ހުންނާނީ އެހެންނެވެ. ބަސް އެހިޔަސް މަންމަ އޭނަގެ ނާގާބިލުކަން ހަނދާންކޮށްދޭނެއެވެ. "މަންމަ މިއައީ ވާހަކައެއް ބުނެލަން...ބަދޫރާއްތަގެ ނޯޔާއާއި އިންނަން އަދަލް އެއްބަސްވާނެހެއްޔޭ އެހި.......ނަރުހެއްވީމަ ބޮޑު މުސާރަވެސް ލިބޭ...މަންމަ ބުނާގޮތަށް ހަދަންޏާ އެކަން ކުރޭ...."
***
އަދަލް ފުޓުބޯޅަ ކުޅެން ގޮސްފައި ގެއަށް އައި މަގުމަތީގައި އަޒުއާ ހައިޓްސްއަށް ވަނީ ކޮފީއެއް ބޯލުމަށެވެ. އޭނައަށް ވަދެވުނީ އެންމެ ބޭނުންތެރި ދަނޑިވަޅުގައެވެ. އޭނަފަދަ މީހެއްގެ އެހީތެރިކަމަށް ބޮޑުދައިތަވެސް ބޭނުންވެދާނެ ދުވަހެއް އަތުވެދާނެއެވެ. ކިތަންމެ އާދައިގެ ކަމަކަށްވިޔަސް އެވާނީވެސް ހެޔޮކަމެއް ކޮށްދެވުނުކަމަށެވެ. ހިނިތުންވުމަކީވެސް ސަދަގާތެއް ނޫންހެއްޔެވެ؟
ބޮޑުދައިތަ މާރިޔާ ސިޑީގެ ތިންވަނަ ފަތްތަރުމަތިން ވެއްޓި ފަޔަށް ތަދުވެ ނުހިނގިފައި އޮތްތަން ފެނުމާއެކު އަދަލް އެހީތެރިކަމުގެ އަތެއް ދިއްކޮށްލިއެވެ. އޭނަ ބޮޑުދައިތަ އުފުލާލައިގެން ގެނެސް ސިޓިންރޫމްގެ ސޯފާގައި ބާއްވާފައި އައިސްޕެކެއް ހިފައިގެން އައެވެ. އޭރުވެސް މާރިޔާ އަމުރުކުރަމުން ދިޔައީ ޒިހާމްމެންނަށް ގޮވުމަށެވެ.
"ބުނެފީމެއްނު ޒިހާމްއަށް ގުޅާށޭ؟ ކަަންފަތް ބީރުތަ؟" މާރިޔާ ރުޅިއަންނަ ގޮތްވިއެވެ.
"ދައްތާ..ޒިމްއާއި އެމިލީ ގެނެސްގެން ކޮންކަމެއްވާނީ؟ އަހަރެންގެ މޫނު އެމީހުންނަށް ފެނުނީމަ މުޅި ދުވަސް ޚަރާބުވާނެ..މި މޫނު ފެނި އެމީހުން ރުޅި އަރުވަން ބޭނުމީ؟ މިއީއޭ ސްޕްރެއިންވީމަ ފަރުވާއަކީ...." އޭނަ ބޮޑުދައިތަ ފައިދަށަށް ކުޝަންތަކެއް ލެއްވިއެވެ. އަދި ބިންމަތީގައި އިށީދެ މާރިޔާގެ ފައިތިލަ ބޮނޑިތާން ކުރަންފެށިއެވެ. ސިދްރާވެސް އަޑުގަދަވެގެން އައިގޮތަށް އެތަނުގައި ދެން ހުރި ސޯފާއެއްގައި އިށީނެވެ. ބޮޑު ބުރުގާއާއި ހަށިގަނޑުގެ ބައްޓަން ނޭގޭ ބޮޑު ހެދުމެއްގައި ހުރިއިރު މޫނުމަތިވަނީ އަވިން ރަންކުލަ އަރާފައެވެ.
މާރިޔާ ޒިހާމްގެ ނަމްބަރަށް ދެތިންފަހަރު ގުޅުމުން އެންމެފަހުން "ބިޒީ"ކޮށްލައިފިއެވެ.
"ބިޒީ ދޯ...ބުނީމެއްނު........މިހާރު ފަޔަށް ފަަސޭހަތަ؟"
އޭނަ އިރުކޮޅެއްވާންދެން ގަނޑުފެނުން ބޮނޑިތާން ކޮށްދީފައި މިސްރާބު ޖެހީ ބަދިގެއަށެވެ. ކޮފީތަށްޓަކާއެކުގައި ތަށި ފުރެންދެން ކާ ބާވަތްތައް އަޅައިގެން ޖައްސައިލީ ސޯފާގައެވެ. މުޅިތަނުގައި ހިފައިލީ ހަވާދާއި ކޮފީވަހެވެ. ހީރާއާއި އަޒާލީ އެތަނަށް ވަނުމާއެކު މޫނުގެ ކުލަ ބަދަލުވިއެވެ. ނޭފަތް ގުރުޑުކޮށްލާފައި އަނގަ ހަދައިލީ ފަކުރެއް ހެންނެވެ. އެކުދިންގެ ޒަމާނީ އަދި އަރާމު ލިވިންރޫމަކީ އަދަލްގެ "ބޭސް"ކަމުގައި ވެއްޖެއެވެ. އަމިއްލަ ގެ ބީރައްޓެހި ތަނަކަށް ވެއްޖެއެވެ.
"މަންމާ މިއީ ކޮންކަމެއްތަ؟ އަދަލް މި ސޯފާގައި އޮންނަތާ ދެގަޑިވެއްޖެ..އަދި ދަލުން ތަތްތެޅި ސޯފާވެސް ތެންމާލައިގެން. އަހަރެމެން ކިހިނެއް އިށީންނާނީ..."
"މަންމަ ފައި ފުރޮޅާލައިގެން ނުހިނގިފައި..."މާރިޔާ ލޯ މަރައިލިއެވެ.
"މަންމަގެ ފައިގަ ސެޓްޑެނެކް ޖެލް ކޮޅެއްލާންވީނު ކޮއްކޮމެން. އޭރުން ތަދު ކުޑަވެގެން ތި މައްސަލަ ބެލޭވަރުވާނެ..ޕެއިން ރިލީފް ނުލިބި ކިހިނެއް ޝަރީއަތް ކުރާނީ........."އަދަލް ބުނެލިއެވެ.
"މަންމާ..އަދަލް ކައިރީ ބުނެބަލަ އަހަރެމެންގެ އެއްޗެހި ކައި ހުސްނުކުރާށޭ..އެހާވަރުން ހެދި ޗީޒްކޭކުގެ އެއްފަޅި މި ތަށީގައި.އަދި އެ ކާ ޗިޕްސްތައް..އެވެސް އަަހަރެމެންގެ..އެއްވެސް ލަދެއްނުގަނޭ...އަޚުލާގާއި ސުލޫކު ކިޔަވަން ދާންވީނު...އަގު ދައްކާނަމޭ ކިޔާއިރު ދުވަހަކުވެސް ނުދައްކާނެކަން އަހަރެމެންނަށް އެނގޭ...އަދަލްއަކީ ދުވަހަކު ކަމެއްވާ މީހެއްނޫން.."
އަދަލް ހިނިތުންވެލިއެވެ. "ނިމުނީ؟"
"ނުނިމޭ....ދައްކަން ހުރި ވާހަކަ ބައިވަރު..."އަޒާލީގެ ލޮލުން ތީރުތައް އުކާފަދައެވެ.
"ރަގަޅަށް ތިބުނީ... އަހަންނަށް ދުވަހަކު ތި ފެންވަރަކަށް ނުދެވޭނެ..ތީ ކާމިޔާބު މީހުން..އަހަންނަކީ ނާގާބިލް......"
އަޒާލީ ރުޅިއައިސްގެން ބޮއްކެއްހެން ފަޅައިގެންވާރުވެ މޫނު ހަދާލައިގެން ހުރީ އަނގައިން ބުނަންވެސް ބޭނުންނުވެފައެވެ.
"ވިކްޓިމް ހެދޭނެކަމެއްނެތް...އަދަލް ކުޑައިރުއްސުރެ ބުލީކުރެއެއްނު އެހެން މީހުންނަށް........"ހީރާ އުކުޅުގައި އަތް ވިއްދައިލިއެވެ.
ސިދްރާ އަދަލްގެ ކައިރިއަށް ގޮސް އެހެން މީހުންނަށް ނީވޭހާ މަޑުން ބުނެލިއެވެ."ރަގަޅު.......އޭނަ މިގޭގައި އަދި އެހެން ބަޔަކު ދިރިއުޅޭކަން އެނގޭނީ..ބުނެބަލަ ދައްތަ ކައިރީ ކައިސް އެބަ އާދެއޭ...އޭރުން އެމީހުން ދެމިނިޓްވާންދެންވެސް މިގެއަކު ނުތިބޭނެ...ބިރުން ދުވެ ރައްކާވާނެ.........."
"ސިދްރާ..ތި ކައިސް ދޫކޮށްލާ މިހާރު..ތިހެން ހަދައިގެން މިގޭގައި އުޅޭ މީހުން މޮޔަވާން ކައިރިވެއްޖެ.."
ސިދްރާ ލޯ ހަނިކޮށްލަމުން އަޒާލީމެންނަށް ނަޒަރު ހިންގައިލިއެވެ."މޮޔަވުން ނޫން ދެން ކޮންކަމެއް؟ އެމީހުންނަށް ފައިސާނޫނީ ނުފެނޭ. އަހަރެމެންނާއި ދޭތެރޭ ދެކެނީ އެހާވެސް ދަށް ނަޒަރަކުން.... ފަގީރު މޮޔަ ނިކަމެތި ބަޔެއްކަމަށް..އެހެންވީމަ އެމީހުންނަށް އެމީހުންގެ ޖިންނިއާއި ޝައިތާނުން ދައްކަން ޖެހޭނެ...."
މާރިޔާ އަދަލްއަށް ގޮވައިލިއެވެ."ޢަދަލް..ޒިހާމް މެން ގެއަށް އަންނައިރު ގެ ހުންނަންވާނީ ރީތިކޮށް..ތިހެން ފްރިޖް ހުސްކޮށްފައި އެވަރުން ނުވެެން ތަން ހަޑިކުރުމުން ސާފުކުރާނީ ކާކު؟އެމިލީމެންނަށް މިކަހަލަ މަންޒަރު ފެނުނީމަ އެމީހުން ކައިރީ އަހަރެންގެ އަގު ވެއްޓުން ނޫންކަމެއްނުވާނެ..ކީއްކުރާނީ؟ސަރަފީނާވެސް އުޅެނީ އެހާ ނިކަމެތިކޮށް..."
"މަންމާ...އަދަލް ގާތު ބުނެބަލަ މިގެއަށް ނުވަންނަން...."އަޒާލީ ބުމަ ކައިރިކޮށްލިއެވެ.
"ހުއްޓާލާ...ސަރަފީނާއާއި ދިމާލަށް އެއްޗެކޭ ބުނެފިއްޔާ މުޅި ހިސާބުގައި އެވާހަކަދައްކާނެ..އަހަރެމެން ބަދުނާމުވާނީ..އެކަމަކު އަދަލްވެސް ތި ހުތުރުު އާދަތައް ދޫކޮށްލާފައި ތަންކޮޅެއް ތަހުޒީބުވެބަލަ...ނޯޔާވެސް ނޫނީ ކައިވެނި ހުއްޓާލަފާނެ..." މާރިޔާ ބުނެލިއެވެ.
އަދަލް ސިހޭގޮތްވިއެވެ. މަންމަ އެންމެނަށް އެ ޚަބަރުވެސް އިއުލާންކުރީއެވެ.
"ބޮޑު މާސިންގާ ގެއެއް އެހެރީ...އެގޭގައި އަދަލް އޮންނަން ތަން ކުޑަވެގެން މިގޭ ސޯފާގައި ޖަގަހަ ހަދައިގެން އޮންނަނީ؟"ހީރާ ކުދިކިޔަމުން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ."މި ސޯފާއަށް ނާރާތި ދެން...ނޯޔާ އަކީވެސް މޮޔައެއް ދޯ..މިވަރުކަން އެނގޭނަމަ އޭނަ އެއްބަސްނުވާނެ......."
މާރިޔާގެ އެއްވެސް ދަރިއަކު އޭނަ އެހާ ވޭނުގައި އުޅުނުއިރުވެސް އަޅައެއްނުލިއެވެ. އެކުދިންނަށް ބޮޑުކަމަކަށް ނުވީއެވެ. ޒިހާމްމެން ގެއަށް އައުމަށްފަހު ވަރުބަލިވެފައިވާކަމުގެ ބަހަނާ ދައްކާފައި ކޮޓަރިއަށް ދިޔައީއެވެ. މާރިޔާ ގޮވައިގެން ހޮސްޕިޓަލަށް ދާން ޖެހުނީ އަދަލްއެވެ. ގެއަށް ގެނެސް ބެންޑޭޖް އޮޅާލަދީ ބޭސްކާންދިނީވެސް އޭނައެވެ. ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމުންވެސް މާރިޔާގެ ފަރާތުން ހެޔޮ ބަހެއް ނުލިބުނުތާގައި އެރޭ އަޑުއަހަން ޖެހުނީ ރުޅިވެރިކަމުގެ ބަސްތަކެވެ. ޒިހާމް މެން ތިބިހާ ހިނދަކު އެގެއަށް ނާންނަން އަމުރުކުރިއެވެ. އަދަލް އުޅޭގޮތުން ބޮޑުދައިތަ ލަދުގަންނަނީއެވެ.
***
އަދަލްގެ ފޯނު ވެއްޓި ސްކްރީން ތެޅި ކޫރުން އެޅިފައިވަނީ އޭނަގެ ހިތް ފަދައިންނެވެ. ފޯނު މައްސަލަތައް ގިނަކަމުން މި ހަފްތާއެއްހާ ދުވަހު އޭނަ ފޯނުގައި އަތްނުލާ އޮށޯވެލައިގެން އޮވެ ކެއުންނޫންކަމެއް ނުކުރެވެއެވެ. ހުރިޙާ ސްޓްރެސްއެއް ފިލުވުމުގެ އެހީތެރިޔަކީ ކާނާއެވެ. އަދަލް ހޯލުގެ އެއްފަރާތުގައި ހުރި އުނދޯލީގައި އޮށޯވެގެން އޮތްވާ އޭނަގެ މަންމަ އައިސް މަގަތުގައި އިށީނެވެ.
"މަންމާ އައިފޯނެއް ގަނެދީބަލަ..."
"ކޮންތަނަކަށް ފައިސާ ހޯދަނީ....ބައްތި ފޯނެއް ގަންނަހާ ފައިސާވެސް އަތުގައި ނެތް.......މޮޅު އެއްޗެހި ހޯދަން މަސައްކަތްކުރޭ...އެހެންނޫނަސް ނޯޔާގެ އަތުގައި އައިފޯނެއް އޮވޭ...އޭނަވެސް އަދަލްއާއި ކައިވެނިކުރަން އެއްބަސްވީމަ ދޯ ބަދޫރާ އެވާހަަކަ އަހާނީ......"
"މުއްސަދިވުމަށް ދުއާކުރުން ކިހިނެއްވާނެ؟ "
"ދުޢާކުރަންވާނީ މަސައްކަތްކޮށްފައި...އޭގެ ފަހުން ވަކީލުކުރާނީ..ކާން ތެދުވޭ...ބަދޫރާ ދައްތަ އެބަހުރި ބޮނޑިބަތާއި ފިހުނު މަސް ފޮނުވާފައި......."
"މަންމަ ކާލާ..މިއަދު ކާހިތެއްނެތް...."އަދަލްއަށް ބޮނޑިބަތް މީރުވިޔަސް މަންމައަށް ދޭން ނިންމިއެވެ. މީރު އެއްޗެއް ލިބިއްޖެއްޔާ މަންމަ ނުކައި އޭނައަށް ދޭން މަސައްކަތްކުރާނެއެވެ. އެއްބައި ކާލާފައި އޭނަ ބުނާނީ ނުބައި ކަމަށެވެ. އެވަގުތު ފޯނެއް އައުމުން މަންމަގެ ލޮލުގެ ވިދުން ގަދަވެ ހުރިހާ ދަތްތައް ފެންނަވަރަށް ހީލުމާއެކު ވާހަކަދައްކަން ފެށިއެވެ. އެއާއެކު މަންމަގެ މޫނު އެއްކޮށް ހުދުވެގެން ދިޔަގޮތުން ކޮންމެެވެސް ބޮޑު ހާދިސާއެއް ހިނގިކަން އެނގުނެވެ.
ނުނިމޭ