"މިއީ ފަނާވެދަނިވި ދުނިޔެއެކެވެ. މި ދުނިޔޭގައި ކުރާ ކޮންމެ ހެޔޮ އަމަލީ އާޚިރަތުގެ މޭވާއެކެވެ. އެހެންކަމުން ﷲ ތައާލާގެ ރުހިވޮޑިގަތުން ލިބޭނެފަދަ ގޮތަކަށް ތިބާގެ ކޮންމެ ފިޔަވަޅެއް އަޅަން މަސައްކަތްކުރާށެވެ. އަބަދުވެސް ހަނދާންކުރަންވާނެ ކަމަކީ ﷲތައާލާއަށް ތިބާގެ ހިތް ދީފިނަމަ ހުރިހާކަމެއް ރަގަޅަށް ނިމިގެން ދާނެކަމެވެ. މިފަދަ ފިތުނަވެރި ދުނިޔެއެއްގައި އީމާންކަމުގެ އަލިކަން ދަމަހައްޓަން މަސައްކަތްކުރާށެވެ."

***

މެހެރް ކުޑަކޮށް ބޯ އަރިކޮށްލީ ކުއްލިއަކަށް ކަންފަތުގައި ޖެހުނު ހާސްވާފަދަ އަޑަކަށް ސަމާލުވި ބުޅަލެއްފަަދައިންނެވެ. މަޖާ ބެލުމެކެވެ."އުދަގޫވީއޭ؟މިއީ މިއުޒިކޭ..ކާދިން..މިއުޒިކަކީ ދިރިއުޅުން.. ދަރިފުޅަށްވެސް ދިރިއުޅުން ކޮށްޓަކަށް ނުލެވޭނެއްނު..."

ކާދިންގެ ދަތްތަކަށް ބާރުވެލިއެވެ."މިގަޑީގައެއްނޫން..އަޅުގަނޑު ބޭނުންވަނީ ހިމޭންކަން...ކުޑަ ވަގުތުކޮޅަކަށް..ޕްލީޒް.."

މެހެރް ކުޑަކޮށް ހީލިއެވެ. ބޯ ހޫރައިލަމުން އަނެއްކާވެސް ލަވަ ކިޔަންފެށިއެވެ. ކާދިން ކޮޓަރިއަށް ވަނީ އޭނަގެ އާދޭސްތަކުން މަންމަ ހަމްދަރުދީވެ އެއްބާރުލުން ދޭނެކަމުގެ އުއްމީދުގައެވެ. އެކަމަކު މަންމަ ހީވާގޮތުން އޭނައަށްވުރެ އިސްކަން ދެނީ ލަވައިގެ ދުނިޔެއަށެވެ. އޭނަގެ އިހުސާސްތަކަށްވުރެ ލަވަތަކަށް ހިތުގައިވާ ލޯތްބާއު ގަދަރު ހަމަ ބޮޑީއެވެ. ލަވައިގެ އަޑުބާރުވަމުންގޮސް އޭނަގެ ކަންފަތުގެ ތޫރިތައް ފަޅާލާފައި ސިކުނޑިއަށްވަދެ ލޮޅުން އަރުވައިފިއެވެ.

މިއީ މެހެރްގެ އާ ލަވައިގެ ރިހާސަލްއެވެ. ޝޯއަށް އަރަން ވީހާވެސް ރަގަޅަށް ތައްޔާރުވެލަން ބޭނުންވީއެވެ.

ކާދިންއަށް ކެތްނުވެގެން ދޮރު ހުޅުވާލާފައި ނުކުމެން އައިގޮތަށް ހުއްޓުނީ މަންމަގެ ކުރިމަތީގައެވެ."ހެޔޮނުވާނެ މަންމާ ތި ހުއްޓާލަބަލަ.."

މެހެރްގެ މޫނުމަތިން ފެނުނީ ޝައުގުވެރިކަމެވެ. ކާދިންގެ ޖުމްލައިން ލަވަ ހުއްޓާލާފައި ބަލަހަޓައިގެން އިނީ ހައިރާންވެފައެވެ." ކިހިނެއްވީ؟ މިލަވަ ކިހާ ރީތި.. ކާދިންގެ ރިޒޯޓުގައި ޓޫރިސްޓުންނަށް މި ލަވަ ހުށަހަޅާދީފާނަން.."

"މިތަނުގައި މިއުޒިކް ޝޯތައް ބޭއްވުމަކީ......އެއީ ދީނީ ނަޒަރަކުން ބަލާއިރު ހުއްދަކަމެއްނޫނެއްނު..." އޭނަގެ ލޮލުން ފެނުނީ އާ ވިސްނުމުގެ އަސަރެވެ."މިއުޒިކަކީ އިސްލާމްދީނުގައި އެންމެ ފުޅާކޮށް އިލްމުވެރިންގެ މެދުގައި ބަހުސްކުރެވޭ މައްސަލައެއް...ގިނަ ދަންނަބޭކަލުން ބުނަނީ އޯކޭއެއްނޫނޭ..މިއީ މަންމަ ކުރަން ހެޔޮވާ ވަރުގެ ކަމެއްނޫން..."

"ދަރިފުޅު..މިއީ ހަމައެކަނި ފަންނުވެރިކަމެއް..މަންމަގެ ދިރިއުޅުމުގެ ބޮޑުބައި ހޭދަކުރީ ލަވަކިޔުމުގައި...މިހާރު ކުއްލިއަކަށް ތިބުނާ ދީނީ ވާހަކަތަކަކުން މި މަަސައްކަތް ހުއްޓާލާނީ ކިހިނެއްތަ؟"

"ައަޅުގަނޑު ބޭނުންވަނީ މަންމަގެވެސް ވިސްނުން ބަދަލުވާނެ..މި ލަވަތަކާއި މިއުޒިކަކީ އަޅުގަނޑު ހިތްހަމަޖެހޭ އެއްޗެއްނޫން. ބޭނުންވަނީ ސާދާ ދީނީ ދިރިއުޅުމަކަށް ދާން..." އޭނަ ބުނެލިއެވެ.

"ތި އާ ފިކުރަކީ ކޮންތަނަކުން އައިއެއްޗެއް؟ މަންމަގެ ފަންނުވެރިކަމަކީވެސް ކާދިންގެ ދިރިއުޅުމަށް އެޅޭ ހުރަހަކަށްވީތަ؟" މެހެރްގެ މޫނުމަތިން މޮޅިވެރިކަމުގެ އަސަރުތައް ފެނުނެވެ. އޭނަ ޖަވާބެއް ނުދީ އަނެއް ފަރާތަށް އެނބުރުނެވެ. ދެއަތްތިލަ މަހައިލަމުން އިނގިލިތަކަށް ބާރުކޮށްލިއެވެ. މިއުޒިކް އަޑު ކަންފަތުގައި ޖެހުމުން އޭނަގެ ސިކުނޑިއާއި ހިތަށްވެސް ބުނަން ނޭގޭފަދަ އުދަގޫތަކެއްވެއެވެ. އޭނަގެ ވިސްނުން އެއްކޮށް ބަދަލުވެފައިވާކަން މަންމައަށް ވިސްނައިދޭން ކުރާ މަސައްކަތް މަންމައަށް ފެންނަނީ "ހަރުކަށި" ފިކުރެއްގެ ގޮތުގައެވެ.

އޭނަ ފުން ނޭވާއެއް ދޫކޮށްލިއެވެ."މަންމަ އަޑުއަހާބަލަ...މިއުޒިކާއެކު މަންމަގެ ލަވަ އަޑުއިވުމުން ލިބޭ އުފަލަށްވުރެ ބޮޑަށް އެއީ ވޭނަކަށްވަނީ.. މިއުޒިކަކީ ޔަގީނުންވެސް އަޅުގަނޑުގެ ހިތަށް ހަމަޖެހުމެއް ގެނެސްދޭ އެއްޗެއްނޫން..މިއީ ހައްތާވެސް ވޭން..."

"ވޭން؟ މިއީ މަންމަގެ ހުރި ހުނަރު..ﷲ ދެއްވި ހުނަރު..އެކި މީހުންނަށް ހުނަރު ދެއްވީ ހަމަ އޭގެ ބޭނުން ހިފަން...."މެހެރް ހައިރާންވެ އަނގަމަތީގައި އަތް އެޅިއެވެ. މެހެރް ސޯފާގައި އިށީނުމުން ކާދިންވެސް މަންމައާއި ޖެހިގެން އިށީނެވެ.

"މަންމަގެ އަޑަކީ ﷲ ދެއްވި ވަރަށް ބޮޑު ނިއުމަތެއް.."އޭނަ މެހެރްގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ."އެކަމަކު އެ ނިއުމަް މަންމަ ހޭދަކުރަނީ މިއުޒިކަށް...މަންމަ ދުވަހަކުވެސް ވިސްނައިލިން މަދަހައެއް ކިޔަން؟ ނޫނީ މަންމަގެ އަޑު ކީރިތި ގުރުއާން ކިޔެވުމަށް ބޭނުންކުރިނަމަ..މިއުޒިކްގެ ބަދަލުގައި ގުރުއާނުގެ އާޔަްތްތައް މަންމަގެ ރީތި އަޑުން ކިޔެވުމުން ކިހާ ހިތްގައިމުވާނެ.."

އޭނަ ފޯނު ހުޅުވާލާފައި ގުރުއާނުގެ ރީތި ގިރާއަތެއް ޖައްސައިލިއެވެ.

"މަންމާ..މި އަޑުއަހާބަލަ...މިއީ ހިތަށް ފިނިކަން ލިބޭ ހަގީގީ ހިތްހަމަޖެހުމަކީ..މިއުޒިކުން ހިތަށް ލިބެނީ ވަގުތޫ އުފަލެއް..އެކަމަކު ގުރުއާނުން ހިތަށް ލިބެނީ ދާއިމީ ހަމަޖެހުން..އަޅުގަނޑު ބޭނުންވަނީ މަންމަގެ މި ހުނަރު ގުރުއާން ކިޔެވުމުގައި ބޭނުންކުރުން..."

މެހެރްއަށް އޭނަގެ ދަރިފުޅުގެ މޫނަށް ބަލަން އިނދެވުނީ ހައިރާންވެފައެވެ. ދަރިފުޅު މިހާބޮޑަށް ބަދަލުވީ ކިހިނެއްހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ކާދިންގެ ވާހަކައިގާ ހުރި ހިތްހެޔޮކަމާއި ތެދުވެރިކަމުން މެހެރްގެ ހިތަށް އަސަރުކުރުވިއެވެ.

"މަންމަގެ ލަވައަކީ މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭ އެއްޗެއްކަމަށް މަންމަ ހީކުރީ...."މެހެރްގެ އަޑު މަޑެވެ."އެކަމަކު ދަރިފުޅުގެ ވާހަކަތައް އަޑުއަހާފައި މިއީ މަންމަ ވިސްނަން ޖެހޭ ކަމެއްކަމަށް ގަބޫލުކުރެވިއްޖެ..ދަރިފުޅަށް ވޭނަކަށް ވަންޏާ އެހެން މީހުންނަށް ކިހާވަރެއް ވާނީ..."

ކާދިން ހިނިތުންވެލިއެވެ. މިއީ އޭނަގެ މަންމަގެ ހިތް ބަދަލުކުރުމަށްޓަކާ އެޅި ފުރަތަމަ ފިޔަވަޅެވެ.

***

ކަންޒާ ކޮޓަރީގައި ވީޑިއޯ ކޯލު ޖައްސައިގެން އިންއިރު އޭނަގެ ކޮއްކޮމެން ރުޅިވެރިކަން ދައްކަމުން ދިޔައެވެ.

"ދޮންތާ...ކިހިނެއް ތި ކަންތައް ކުރަނީ؟ "އައިރްގެ އަޑު ދިޔަީ ގަދަވަމުންނެވެ."އެއީ އަހަރެމެންގެ މަންމަގެ ގާތިލް..އެހެންވެ އަހަރެމެން އޭނަދެކެ ރުޅިއަންނަން ދަސްކޮށްދިނީވެސް ދޮންތަ.ދެން މިހާރު ކޮންކަމަކާއި ހެދި އޭނަގެ ކައިރިން އެހީތެރިކަން ހޯދަނީ؟"

"ކިޔަވަން ލޯނު ހޯދަން އުޅުނީމަ އޭނަކަން ދިނީ އެނގުމުން ދޮންތައަށް އެއްވެސް އިތުބާރެއްނެތް..އޭނަގެ ފައިސާ އަދި އެހީއެއް އަހަރެމެން ބޭނުމެއްނޫން. މަންމަގެ ފުރާނައަށް ކަށްވަޅުގައިވެސް ހަމަޖެހުމެއް ނުލިބޭނެއްނު...ދޮންތަ ތިކަން ހުއްޓާނުލަނީސް ވާހަކަދައްކަން ބޭނުމެއްނޫން....."އާރާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އެކުދިން ކޯލް ކަނޑައިލީ ނުރުުހުމާއެކުގައެވެ.

ކަންޒާގެ ހިތް ފަޅައިގެންދާވަރުވިއެވެ. ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނެވެ. އޭނަ ކާދިންގެ އެހީތެރިކަން ހޯދީ އަމިއްލަ ނަފުސަކަށް ނޫނެވެ. ކޮއްކޮމެންނަށްޓަކައެވެ. ކިޔެވުމަށް މަގު ފަހިކުރުމުގެ ނިޔަތުގައެވެ. ނަމަވެސް ކޮއްކޮމެންގެ ވާހަކަތަކުގައި ހަގީގަތް އެކުލެވޭކަން ވިސްނުނެވެ.

އެދުވަހު ހަވީރު އޭނަ ކާދިންއާއި ބައްދަލުކުރިއެވެ. ކާދިންގެ މޫނުމަތިން އުފާވެރިކަން ފެނުނުއިރު އޭނަ ހުރީ މިލާ މޯޅިވެފައިވާ މަލެއްހެންނެވެ.

"ކާދިން..."އޭނަ ވާހަކަދައްކަން ފެށިއެވެ."އަހަރެންގެ ކޮއްކޮމެން....އެމީހުން ބޭނުމެއްނުވޭ ކާދިންގެ އެހީތެރިކަން ގަބޫލުކުރަން..އަހަރެމެންގެ މަންމަ....އެކަމާއި ގުޅިގެން ވަރަށް ރުޅިގަދަވެފައިތިބީ...އަހަރެން މިހިރީ ހަތަރު އަނގޮޅި ކަންމައްޗެއްގައި.ދާންވީ މިސްރާބެއްވެސް ނޭގޭ...ހަދާނެގޮތް ހުސްވެއްޖެ..އެކުދިން ބުނަނީ ދޮގެއްނޫން..އަހަންނަށް މަންމައާއި ވާހަކަދެއްކެން ނެތް..މަންމަ މިކަމާއި ދޭތެރޭ އުފާވަނީ ކަން ނޫނީ ދެކޮޅުކަމެއް އެނގޭނެ ގޮތެއްނެތް..."

ކާދިން އިރުކޮޅެއްވާންދެން އޭނަގެ މޫނަށް ބަލަހައްޓައިގެން އިންއިރު ދެލޮލުގައިވީ ހަމްދަރުދީގެ ކުލަވަރެވެ.

"އެކުދިންގެ ރުޅިއަކީ ތަބީއީކަމެއް ކަންޒާ...އަހަރެންވާނީ އަބަދުވެސް މަންމަ ނިޔާވި ސަބަބަކަށް މެދުވެރިވި މީހާ..ކޮންމެކަމަކަށް ސަބަބެއް މެދުވެރިކުރައްވާ.. ގަސްތުގައި ކުރިކަމެއް ނޫން..އެކަމާއިހެދި އަހަންނަށްވެސް.....އަހަރެންގެ މުޅި ދިރިއުޅުން ޗޭންޖުވި..އެކުވެރިންނާއި ދުރުވި..ހުރިހާ އުފަލަކާއި ނިންޖެއް އަދި އޭރުގެ ހަނދާންވެސް ގެއްލުނީ..ބޭނުންވީ އެކަމުގެ އަގު އަދާކޮށްދޭން..އެކަމަކު އެނގޭކަމަކީ ދުނިޔެ ހޯދާފައި ދިންނަމަވެސް ފުރާނައެއްގެ ބަދަލު ނުދެވޭނެކަން...ބޭނުންވީ ހަމައެކަނި ކަންޒާމެންގެ ކުރިމަގު އުޖާލާކޮށްދިނުން......"

"އެކަމަކު އައިރް މެންނަށް ވިސްނައިދޭނީ ކިހިނެއް؟"އޭނަގެ އަޑު ތުރުތުރުލާގޮތްވިއެވެ. "އައިރްމެން ބުނަނީ އެއީ މަންމައަށް ވެވޭ ޚިޔާނާތެއްކަމަށް....އަހަންނަށް އިތުބާރުނުކުރެވޭނެކަމަށް..."

"ކަންޒާ..ބައެއްފަހަރު އަަހަރެމެންނަށް ލިބޭ އެންމެ ރަގަޅު އެހީއާއިމެދުވެސް ގޯސްކޮށް ދެކެވެނީ.ދެން ކިހިނެއް ހަދަންވީ؟އަހަރެން އެހީތެރިކަން ދޫކޮށްލަންވީ؟" ކާދިންގެ ސުވާލުން އޭނަގެ ހިތަށް ނުބައިގޮތެއްވިއެވެ. ދެކުދިންގެ ކުރިމަގަށް ވާނީ ކިހިނެއްހެއްޔެވެ؟ ﷲއާއި ވަކީލުކުރުން ނޫން މަގެއް ނުފެނުނެވެ.

އޭނައަށް އެ ސުވާލުގެ ޖަވާބުދިނުން ފަސޭހަކަމަކަށް ނުވިއެވެ. އެއްފަރާތުން އަމިއްލަ މުސްތަގުބަލެވެ. އަނެއްކޮޅުން ކޮއްކޮމެންގެ ލޯތްބާއި ގުޅުމެވެ.

***

ކަންޒާގެ ކޮއްކޮމެންނާއި ޖެހިފައި އޮތް މައްސަލަ ހައްލުނުވެގެން އެކަމާއި ހާސްވެފައި ހުރިވަރުން ހިނގައިލަން ބޭރަށް ނުކުތެވެ. ގޮނޑުދޮށަށް ގޮސް ހުސްފަޔާއ ހިނގައިލާ ރާޅުތަކުގެ ލަވަތަށް އަޑުއަހައިލުމުން ސްޓްރެސްފިލައެވެ. ބައިގަޑިއެއްހާއިރުވަންދެން ހިނގައިލުމަށްފަހު ބީޗްގޮނޑިއެއްގައި ޖައްސައިލިއެވެ. ޗޮކްލެޓެއް ނިއުޅައިލިއެވެ. މެހެރް އަންނަންތަން ފެނުމުން ހިތަށް ފިނިވިއެވެ. އެމޫނުމަތި ފެނުމާއެކު ކަމެއް ގޯސްވެފައިވާކަން ދެނެގަނެވުނެވެ.

"ކަންޒާ..ދެން މިހާރު ކާދިންގެ ތެރަޕީބައި ނިމިއްޖެހެން ހީވޭ..ދެން މާލެ ދާންވީނު..."

"އަދި ދުވަސްކޮޅެއް ނަގާފާނެހެން ހީވޭ..."

"އެހެންތަ؟ އެކަމަކު ކާދިންއަށް ބާރު ފޯރުވަންފަށައިފިހެން ހީވޭ..."މެހެރްގެ ބުމަ ކުޑަކޮށް ގާތްވާން އުޅުނެވެ. ރުޅި މައިތިރިކުރަން ގަދަކަމުން މަސައްކަތްކުރާފަދައެވެ.

ކަންޒާ ހިމޭނުން އިނެވެ.

"ކަންޒާ ތިއުޅެނީ ކާދިންގެ މުއްސަދިކަމުގެ ފައިދާ ނަގަންހެން ހީވެއްޖެ..ކަލޭގެ މަންމަގެ ނަމުގައި ކާދިން ލައްވާ މިސްކިތް ބިނާކޮށް ހައްޖުކުރުވީމަ ދެން އެވަރުން ނުފުދުނު؟މިއީ ހަމަ ބޭކާރު ޚަރަދުތަކެއް..މީހަކު މަރުވީމަ ދެން އެހެން ބަޔަކު ކުރާކަމަކުން އެމީހަކަށް ވާނީ ކޮން ފައިދާއެއް؟ދެން ކާދިން ލައްވާ ފައިސާ އިސްރާފުކުރުވަނީ؟" މެހެރްއަށް ދީނީ ކަންތައް އޮޅުން ފިލާފައި ނެތުމުން އޭނަގެ ވިސްނުން ހާމަކުރިއެވެ.

"މަންމަގެ މަތިން ހައްޖުކުރިކަމެއް ނޫނީ މިސްކިތެއް ބިނާކުރިކަން...ނުދެނެހުރިން...."އޭނަގެ ހިތް ހުއްޓުނުފަދައެވެ. ދުނިޔެ އެނބުރިގަތެވެ. ކާދިން އޭނަގެ މަންމައަށްޓަކާ އެވަރުގެ ބޮޑެތި ކަންތައްތަކެއްކުރަމުން ދާކަމެއް އޭނައަށް އެނގިފައެއްނެތެވެ. ހަނދާނަށް އައީ މަންމަގެ ހުވަފެނެވެ. މަންމަގެ އަލި މޫނާއި އުފާވެރިކަމެވެ. އޭނަގެ އަތުގައި ބީހިލި ރޯޅިއާއެކު ހީބިހި ނެގިއެވެ. ލޮލުން ކަރުނަ ހިލުނެވެ.

"ކާދިން...ކީއްވެ އެކަހަލަކަމެއް ކުރަންވީ..އޭނަ އެއީ...."

"ބުނަން ތިއުޅެނީ ހަމަ އެކައްޗެއް.ކާދިން ކަލޭގެ މަންމަ މަރައިލީއޭ..މަންމަ ފުރާނަ ދުއްވައިލިމީހަކު މަންމައަށް ސަދަގާތްކޮށް ހައްޖުވެ މިސްކިތް އެޅީމަ އެކަމުން މަންމައަށް ހެޔޮ ފައިދާއެއްކުރާނެކަމަށް ހީކުރަނީ؟ ޔަގީނޭ ހަމަ މީނަ ބުނެގެންކަން ކާދިން އެހެން އުޅޭނީ......ކަންޒާ އަހަރެން ރީތިކޮށް މިބުނަނީ..ކާދިން އެކަނި ހާލާއިގެން އުޅެން ދޫކޮށްފައި މިރަށުން ދޭ..."މެހެރް ދުރަށް ދާން ހިނގައިގަތްތަން ބަލަން އިންއިރު އޭނަގެ ލޮލުން ކަރުން ހިފެހެއްޓުމެއްނެތި އޮހިގަތެވެ.

އޭނަގެ ހިތުގައި ކާދިންއަށްޓަކާ ވިހާ ރުޅިއާއި ޝަކުވާތަކެއް ފިލާ ހިތް ސާފުވާވަރަށްވެސް ރޮވުނެވެ. މެހެރްއަށް އެނގޭނީ ކޮންކަމެއްހެއްޔެވެ؟ ދުނިޔެދޫކޮށްފައި ދިޔަސް ދެމިގެންވާ ސަދަގާތާއި ހައްޖުފަދަ އަޅުކަންތައް ގަބޫލުކުރައްވާނެއެވެ. އަމިއްލަ ދަރިންނަށްވެސް އެއްވެސް ކަމެއް ކޮށްނުދެވެނީސް ކާދިން މަންމައަށްޓަކާ އެކޮށްދިނީ ކޮންފަދަ މަތިވެރި އަމަލެއްހެއްޔެވެ؟އަމިއްލަ މުދަލުން ހޭދަކުރީއެވެ. ކުޑަ އެއްޗެއް ނޫނެވެ. އެތައް ލައްކަ ރުފިޔާއެއް މަންމައަށްޓަކާ ހޭދަކުރީއެވެ. ކާދިން ކުށަށް ތައުބާވެ އެކަމުން އަރައިގަންނަން އެކުރާ މަސައްކަތް އެހެން މީހުންނަށް ގޯސްކޮށް ފެންނަނީއެވެ. އެއި އިސްރާފެއްކަމަށް ދެކެނީ މެހެރް ކަހަލަ ދީން ނޭގޭ މީހުންނެވެ. އޭނަ އިލްމުވެރިޔަކަށް ނުވިޔަސް އެއީ ކިހާވަރެއްގެ ކަމެއްކަން އެނގުނެވެ.

"ކަންޒާ..ކިހިނެއްވީ؟ "ފަހަތުން އައިސް ކުރިމަތީގައި ކާދިން ހުއްޓުނުކަން އެނގުމުން އޭނަ އަވަހަށް ޓިޝޫއިން މޫނު ފޮހެލާފައި ކަކުލުން ބޯ ނެގިއެވެ.

"ކާދިން، ކީއްވެ އެވާހަކަ ސިއްރުކުރީ؟"އޭނަެ ލޮލުން ކަރުނަ ފައިބައިގަތެވެ."މަންމަގެ ނަމުގައި މިސްކިތެއް ބިނާކޮށް ހައްޖުކުރުވީ ކީއްވެ؟ އަހަރެމެންނަށްވެސް އެވަރުގެ ފުދުންތެރިކަމެއްނެތް...އެހެން މީހުން ކާދިންއަށް ފާޑުކިޔަނީ...މީހަކު މަރުވުމުން އެހެން މީހުން ކޮށްދޭ ކަންތައްތައް ބޭކާރުވާނެކަމަށް ބުނަނީ...."

"މަރުވުމަށްފަހު ސަދަގާތް ދެމިގެންދާނެކަން އެހެންމީހުންނަށް ނޭގެނީ ކަމަށްވާނީ..އަހަންނަށް ކުރެވުނު ކުށުގެ ބަރުދަން ލުއިވާނީ އަހަރެންގެ ހިތުގެ ތެދުވެރިކަމުން..އެހެޔޮ އަމަލަކީ މަންމައަށްޓަކާ އަހަންނަށް ކޮށްދެވުނުކަމެއް..އެކަމަކު އެއީ އަހަރެންގެ ހިތަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއް.."

ކާދިންގެ ވާހަކަަތައް އިވުމުން ހިތަށް އިތުރު އަސަރުތަކެއްކޮށް ރުއިން ގަދަވިއެވެ. ކާދިންގެ ހިތްހެޔޮކަން ފެނުމުން ހިތުގައިވާ ގަދަރު އެތައް ގުނަ އިތުރުވިއެވެ.

***

ރޭގަނޑުގެ ހިމޭން ވަގުތެވެ. ގޮނޑުދޮށުގައި ބީއްސާލާ ރާޅުތަކުގެ ލުއި ރާގު ފިޔަވާ އެހެން އަޑެއްނީވެއެވެ. ކާދިން އިނީ ދޮންވެލިގަނޑުގެ މަތީގައި ކަކޫމަތީގައި ދެއަތް ބާއްވަލައިގެން އުޑުމަތީގައި ފެތުރިވިދާ ބަބުޅާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނަގެ ހިތް އޮތީ ބަރުވެފައެވެ. މަޒީގެ ކުށްތަކާއި އެހެން މީހުންގެ ނަފްރަތާއިއެކު ދުނިޔެއިން ބާކީވީކަމުގެ އިހުސާސްވިއެވެ. ނަމަވެސް އެންމެން އޭނަ ދޫކޮށްލިޔަސް ﷲތައާލާ އެކީގައި ވޮޑިގެންވާނެ ނޫންހެއްޔެވެ؟ އޭނަ ހަނދާންވީ ޟުހާ ސޫރަތެވެ. އޭނަ މިދުވަސްކޮޅު ފަރުވާ ހޯދަނީ ގުރުއާނުގެ މޫރިތި އާޔަތްތަކުންނެވެ. ކަންޒާ އޭނައަށް ބުނެދިނީ އެއީ ޝިފާ ލިބުމަށް ޚިޔާރުކުރަންވީ އެންމެ ރަގަޅު ވަސީލަތްކަމުގައެވެ.

"ޔާﷲ...އަޅަމެންގެ ހިތްތަކުގައިވާ އުދަގޫތައް ފިއްލަވާ ހަމަޖެހުން ދެއްވާދޭވެ...."އޭނަ ލޯ މަރައިލަމުން ހިތާހިތުން ދުޢާކުރިއެވެ. ލޯ ހުޅުވައިލިއިރު ފެނުނީ އުދުހޭ ތަރިއެކެވެ.އެ ސިކުންތުކޮޅު އެކަނިވެރިކަމުގެ ބަދަލުގައި އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ. އެއީ އޭނަގެ ދުޢާތައް އިޖާބަކުރައްވާކަމުގެ ނިޝާނެއްފަދައެވެ. ފަހަތުން ފިޔަވަޅެއްގެ އަޑު އިވުމުން އެނބުރި ބަލައިލިއއެވެ. ކަންޒާ ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. އޭނައަށްވެސް އެ ތަރި ފެނުނުކަން ޔަގީނެވެ.

ކަންޒާ މަޑުމަޑުން ހިނގާލާފައި އައިސް ކުޑަތަންކޮޅެއް ދުރުގައި އިށީނެވެ. އޭނަގެ ހިތުގައި އޮތީ އެހެން ޚިޔާލެކެބެ. އޭނަގެ ކޮއްކޮމެން ކިތަންމެ ރުޅިއަޔަސް އޭނަ ކާދިންެ މަސައްކަތް ބަލައިގަންނާނެއެވެ. ކާދިން އޭނަގެ މަންމައަށްޓަކާ ކޮށްދިން މަތިވެރިއަމަލުތައް އެހެން މީހަކަށް ކޮށްނުދެވޭނެއެވެ.

"ތަރިތައް ހާދަ ރީއްޗޭ...އެންމެ ރީތި ހުރިހާ އެއްޗެއް ހެެއްދެވި ފަރާތުގެ ކުޅަދުންވަންތަކަމާއެވެ..."ކަންޒާ މަޑުމަޑުން ބުނެލިއެވެ.

"އޭނަ ކަންޒާެ މޫނަށް ބަލައިލިއެވެ." އާނ އަހަންނަށްވެސް އެކަން އިހުސާސްވި. މީހުން ކިޔާ އެއްޗަކަށް އަޅާލާނެކަމެއްނެތް. އެންމެ މުހިއްމު ކަމަކީ ހެއްދެވިފަރާތަށް ތެދުވެރިވުން..."

އޭނަ ކޮއްކޮމެން ކައިރީގައިވެސް ކާދިންއާއި ކައިވެނިކުރަން މިހާރު ނިންމި ސަބަބެއް ނުބުނެއެވެ. އެހެން ބުނެފިއްޔާ އިތުރަށް ރުޅިގަދަވުން ނޫންކަމެއްނުވާނެއެވެ.

"ކާދިން..."ކަންޒާ ޖެހިލުންވެފައި އިނދެ ގޮވައިލިއެވެ."އަހަރެން ބޭނުމީ ކާދިންއާއެކު ދިރިއުޅުމެއް ފަށަން.މީހުން ބުނާނެ އެއްޗެއް ވިސްނާގޮތެއް މުހިއްމެއްނޫން. މިއީ އަހަރެންގެ އަމިއްލަ ނިންމުން....."

ކާދިންއަށްވެސް ލިބުނީ ހައިރާންކަމެކެވެ. ކަންޒާގެ މި ނިންމުމަކީ އޭނަގެ ހިތަށް ލިބުނު އެންމެ ބޮޑު އެއް އުފަލެވެ. އެކަމަކު ކަންޒާ އޭނަގެ ހަޔާތް އޭނައަށް ހަދިޔާކުރަން ނިންމީ ކިހާވަރެއްގެ ލޯތްބެއް ހިތުގައި އޮވެގެން ހެއްޔެވެ؟ އޭނަގެ ފަރާތުން މަންމައަށް ކޮށްދިން ހެޔިކަމުގެ ބަދަލުގައިހެއްޔެވެ؟

ނުނިމޭ

މި ލިޔުމުގައި ފެނިގެންދަނީ ކާދިންގެ ދިރިއުޅުމަށް އައިސްފައިވާ ދީނީ ބޮޑު ބަދަލެވެ. އޭނާގެ މަންމަ މެހެރްގެ މިއުޒިކީ ހުނަރު ޤުރުއާން ކިޔެވުމަށް ބަދަލުކުރުމަށް ކާދިން ނަސޭހަތްތެރިވެއެވެ. އަނެއްކޮޅުން، ކަންޒާގެ މަންމަގެ މަރުގެ ޒިންމާ ކާދިންގެ ބޮލުގައި އެޅިފައިވީ ނަމަވެސް، ކާދިން ސިއްރުން ވަނީ އެ މަންމަގެ ނަމުގައި މިސްކިތެއް ބިނާކޮށް ޙައްޖުކޮށްފައެވެ. މި ހެޔޮ އަމަލުތަކުގެ ސަބަބުން ކަންޒާގެ ހިތުގައި ކާދިންއަށް ދެވިފައިވާ ޤަދަރު ބޮޑުވެ، އެހެން މީހުންގެ ފާޑުކިޔުންތަކަށް ބެލުމެއްނެތި ކާދިންއާ ކައިވެނިކުރަން ނިންމައެވެ.

  • ކާދިން އޭނާގެ މަންމަ މެހެރްގެ މިއުޒިކް ދޫކޮށް ދީނީ މަގަށް ރުޖޫޢަވުމަށް ބާރުއެޅުން.
  • ކަންޒާގެ ކޮއްކޮމެން ކާދިންގެ މާލީ އެހީތެރިކަން ޤަބޫލުކުރަން ދެކޮޅުހެދުން.
  • ކަންޒާގެ ނިޔާވެފައިވާ މަންމަގެ ނަމުގައި ކާދިން މިސްކިތެއް ބިނާކޮށް ޙައްޖުކުރިކަން މެހެރްގެ ފަރާތުން ކަންޒާއަށް އެނގުން.
  • މާޒީގެ ހިތާމަތަކުން އަރައިގަތުމަށް ކާދިން ޤުރުއާނުގެ ތެރެއިން ހިތްހަމަޖެހުން ހޯދުން.
  • އެންމެންގެ ނުރުހުމާއެކުވެސް ކާދިންއާއެކު އާ ދިރިއުޅުމެއް ފެށުމަށް ކަންޒާ ނިންމުން.
  • ހެޔޮ އަމަލުތަކުގެ ސަބަބުން މީހުންގެ މެދުގައި އޮންނަ ނަފްރަތު ލޯތްބަށް ބަދަލުވުން.
  • ދީނީ ކަންކަމަށް އިސްކަންދިނުމުން ނަފްސާނީ ގޮތުންނާއި ރޫޙާނީ ގޮތުން ހިތްހަމަޖެހުން ލިބުން.
  • މާޒީގެ ކުށްތަކަށް ތައުބާވެ، ހެޔޮ އަމަލުކުރުމުން ދިރިއުޅުމުގެ މިސްރާބު ރަނގަޅުވުން.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު