ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފްރެންޗައިސް "ދްރިޝްޔަމް"ގެ ތިން ވަނަ ބައިގެ މަޅަޔާލަމް އަދި ހިންދީ ފިލްމުން ފެންނާނީ މުޅިން ތަފާތު ދެ ވާހަކައެއް ކަމަށް އެ ދެ ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުން ބުނެފިއެވެ.
ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ޕާތަކް އަދި ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނެފައިވަނީ މީގެ ސަބަބުން ބެލުންތެރިންނަށް އެއް ފްރެންޗައިޒްއެއްގެ ދަށުން ތަފާތު ދެ ސިނަމެޓިކް ތަޖުރިބާއެއް ކުރެވޭނެ ކަމަށެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ، ޕީޓީއައި އަށްދިން އިންޓަވިއުއެއްގައި، އަބީޝެކް ޕާތަކް ބުނީ މި ދެ ފިލްމުގެ މިޒާޖާއި ވާހަކަ ހުށަހަޅައިދޭ ގޮތް ވަރަށް ބޮޑަށް ތަފާތުވާނެ ކަމަށެވެ.
"މަލަޔާޅަމް ފިލްމު ބޮޑަށް ބިނާވެފައި ވަނީ އާއިލީ އަސަރުގަދަ ޑްރާމާއަކަށް. ނަމަވެސް ހިންދީ ފިލްމު ބޮޑަށް ބުރަވާނީ ޑްރާމާ-ތުރިލާ އަކަށް. އެއް ވާހަކައެއް ތަފާތު ދެ ގޮތަކަށް ކުރިއަރައިގެންދާ ގޮތް ބަލާލުމަކީ ބެލުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ" ހިންދީ ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ބުނެފައިވެއެވެ.

ފިލްމު "ދްރިޝްޔަމް"ގެ މަޅަޔާލަމް އަދި ހިންދީ ފިލްމުން ފެންނަ މުހިއްމު ތަރިން ކަމަސްވާ ތައްބޫ، އަޖޭ ދޭވްގަން އަދި މޯހަންލާލް--ފޮޓޯ/އެންޑީޓީވީ
މި ފްރެންޗައިޒް އެންމެ ފުރަތަމަ ފެށުނީ 2013 ވަނަ އަހަރު މަޅަޔާލަމް އެކްޓަރު މޯހަންލާލް މުހިންމު ރޯލު ކުޅުނު މަލަޔާޅަމް ފިލްމުންނެވެ. އޭގެ ފަހުން 2022ގައި އެ ފްރެންޗައިސްގެ ދެވަނަ ބައެއް ވަނީ ނެރެފައެވެ. މި ދެ ފިލްމުވެސް ޑައިރެކްޓްކުރީ ޖީތޫ ޖޯސެފްއެވެ.
"ދްރިޝްޔަމް 3"ގެ މަލަޔާޅަމް ފިލްމު ސިނަމާތަކަށް އަންނާނީ މި އަންނަ ބުރާސްފަތި ދުވަހުއެވެ.
މަޅަޔާލަމް ފިލްމު "ދްރިޝްޔަމް"އަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު، ހިންދީ، ތަމަޅަ، ތެލެގޫ، ކަންނަޑާ، މެންޑަރިން އަދި ސިންހަޅަ ބަހުންވެސް މި ފިލްމުގެ ރީމޭކްތައް ވަނީ އުފައްދާފައެވެ.
ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން މުހިންމު ރޯލު ކުޅެފައިވާ، މި ފްރެންޗައިސްގެ ހިންދީ ފިލްމު ރިލީޒްކުރީ 2015ގައެވެ. އަދި އޭގެ ދެވަނަ ބައެއް 2022ގައި ޑައިރެކްޓަރު އަބީޝެކް ޕާތަކް ވަނީ ގެނެސްދީފައެވެ.
ހިންދީ ވާޝަން "ދްރިޝްޔަމް 3" ރިލީޒްކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ދެ ވަނަ ދުވަހުއެވެ.
އަބީޝެކް ބުނި ގޮތުގައި، މި ދެ ފިލްމުވެސް ތައްޔާރުކޮށްފައި ވަނީ އެ ފިލްމުތައް ބަލާ ބެލުންތެރިންގެ ބޭނުންތަކާއި ޝައުގުވެރިކަމަށް ރިއާޔަތްކޮށް، ވަކިވަކިންނެވެ.
"އަހަރެން ހިންދީ ފިލްމުގެ ވާހަކަ ލިޔުނީ ވިޖޭ ސަލްގާއޮންކަރްގެ ކެރެކްޓާއާ މެދު ބެލުންތެރިން ކުރާ އުންމީދުތަކަށް ބަލައިގެން. ޖީތޫ ޖޯސެފް އޭނާގެ ވާހަކަ ތައްޔާރުކުރީ މަލަޔާޅަމް ބެލުންތެރިންނަށް ކަމުދާނެ ގޮތަށް. އޭގެ ފަހުން އަހަރެމެން ދެމީހުންގެ ސްކްރިޕްޓް ބަދަލުކޮށް ބަލާލިއިރު، ދެމީހުން ލިޔެފައިވާ ގޮތްވެސް ވަރަށް ބޮޑަށް ކަމުދިޔަ" އާމިލް ކިޔާން ޚާން އަދި ޕަރުވޭޒް ޝައިޚްއާ ގުޅިގެން ސްކްރީންޕްލޭ ލިޔުނު ޑައިރެކްޓަރު ބުންޏެވެ.
އޮކްޓޫބަރު މަހު ސިނަމާތަކަށް އަންނަ "ދްރިޝްޔަމް 3" އިން އަޖޭ އަނެއްކާވެސް ބެލުންތެރިންނާ ބައްދަލުކުރާނީ، ވިޖޭ ސަލްގާއޮންކަރްގެ ރޯލުންނެވެ. މީގެ އިތުރުން ވިޖޭގެ އަންހެނުންގެ ރޯލުން ޝްރިޔާ ސަރަން އަދި އައިޖީ މީރާ ދޭޝްމުކްގެ ރޯލުން ތާބޫ ވެސް މި ފިލްމުން ފެންނާނެއެވެ. މި ފިލްމުގައި ކުރިން އަކްޝޭ ކަންނާ ކުޅުމަށް ހަމަޖެހިފައި އޮތް ރޯލުން މިފަހަރު ފެންނާނީ އެކްޓަރު ޖައިދީޕް އަހްލާވަތެވެ.