މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް، ދައުވާތަކެއް ސާބިތުވެ، ތިން އަހަރަށް ޖަލަށްލާން ކުރި ހުކުމާއެކު، އެއްވެސް ޑޮކިއުމަންޓެއް ހުށަހަޅާފައި ނުވާތީ އެ މައްސަލަ ހައިކޯޓުން ރިޖެކްޓްކޮށްފިއެވެ.
ހ. ޝީރީންވިލާ ގޭގެ ތެރޭގައި، ޏ. ފުވައްމުލަކަށް ނިސްބަތްވާ 22 އަހަރުގެ ޝިއާއު މަރާލުމަށްފަހު އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައި އޮއްވައި ފެނުނީ އޮގަސްޓް 6، 2022ގައެވެ.
އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރެއިން ބައެއް ދައުވާތަކުގެ ބާވަތް ވެސް އޮތީ ސިއްރުކޮށްފައެވެ.
ޝާހިލްގެ މައްސަލައިގައި އިއްވާފައިވާ ޖަލު ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ޝާހިލްގެ ފަރާތުންނެވެ. އެކަމަކު އިސްތިއުނާފު ފޯމާއެކު، މައްސަލައާ ގުޅޭ އެއްވެސް ޑޮކިއުމެންޓެއް ހުށަހަޅާފައި ނުވާތީ އެ މައްސލަަ ހައިކޯޓުން ވަނީ ބޭރުކޮށްލާފައެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްލީ އާދިއްތަ ދުވަހުއެވެ.
ހައިކޯޓަށް ޝާހިލް ހުށަހަޅާފައިވާ ދެ މައްސަލައަކީ، ދެ ދައުވާއެއް ސާބިތުވެ، ޝާހިލް ތިން އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކުރި މައްސަލައެވެ. ޝާހިލްގެ މައްޗަށް އިތުރު ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އަދިވެސް ކުރިއަށް އެބަދެއެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހިމެނެއެވެ.
ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައިވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން އޮގަސްޓު 7، 2022ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހުގައި ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.