ލޮލަށް ފެނުން ދަށްވުމަކީ، ލޮލަށް ސާފުކޮށް ފެނުމުގެ ގާބިލިއްޔަތު ގެއްލޭ ހާލަތެކެވެ. މިކަން ގިނަ ބަޔަކު ތަހައްމަލުކުރަނީ ލަސްލަހުން ކަމަށްވާއިރު ބައެއް މީހުންނަށް މިކަން ކުއްލިއަކަށް ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މިއީ ހަމައެކަނި ލޮލުގެ ވަރުބަލިކަމުން ދިމާވާ ކަމެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ބައެއް ހާލަތްތަކުގައި، ކުއްލިއަކަށް ފެނުން ދަށްވުމަކީ ސްޓްރޯކެއްގެ ކުރީކޮޅު ފެންނަ ނިޝާނަކަށް ވެދާނެ ކަމަށް އިންޑޮނޭޝިއާގެ އީއެމްސީ ހެލްތުކެއާގެ ނިއުރޮލޮޖީ ސްޕެޝަލިސްޓް ޑރ. ތްރީ ވަހްޔުދީ ވިދާޅުވެފައިވެއެވެ.
ސްޓްރޯކަކީ ސިކުނޑިއަށް ލޭ ފޯރުކޮށްދިނުން މެދުކެނޑި، ސިކުނޑީގެ ސެލްތަކަށް އޮކްސިޖަނާއި ނިއުޓްރިޝަން ނުލިބި ދިމާވާ ނުރައްކާތެރި ސިއްހީ ހާލަތެކެވެ.

ސްޓްރޯކެއް ޖެހި ސިކުނޑީގެ ވަކި ހިސާބަކަށް ލޭ ފޯރުވުން ހުއްޓި ނުވަތަ ދަށްވެއްޖެ ނަމަ، ފެނުމަށް ބޮޑެތި ބަދަލުތައް ދިމާވެދާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ
ފެނުމާ ގުޅުންހުރި ކަންކަން ކޮންޓްރޯލުކުރާ ސިކުނޑީގެ ހިސާބަށް ސްޓްރޯކްގެ އަސަރު ކޮށްފިނަމަ، ފެނުމުގެ މައްސަލަތައް ކުރިން ފެންނަ ނިޝާނެއްގެ ގޮތުގައި މިކަން ދިމާވެދާނެ ކަމަށް ޑރ. ތްރީ ވަހްޔުދީ ވަނީ ވިދާޅުވެފައެވެ.
ސްޓްރޯކްގެ ސަބަބުން ފެނުން ދަށްވަނީ ކިހިނެއް ހެއްޔެވެ؟
ޑރ. ތްރީ ވަހްޔުދީ ވިދާޅުވާ ގޮތުގައި، ލޮލުން ލިބޭ ތަސްވީރު ސިކުނޑިން ތަރުތީބު ކޮށް ދެނެގަތުމުގައި ސިކުނޑި އަދާކުރާ ދައުރު ވަރަށް ބޮޑެވެ. ސްޓްރޯކެއް ޖެހި ސިކުނޑީގެ ވަކި ހިސާބަކަށް ލޭ ފޯރުވުން ހުއްޓި ނުވަތަ ދަށްވެއްޖެ ނަމަ، ފެނުމަށް ބޮޑެތި ބަދަލުތައް ދިމާވެދެއެވެ.
ސްޓްރޯކްގެ ސަބަބުން ދިމާވެދާ ފެނުމުގެ ބައެއް މައްސަލަތަކުގެތެރޭ، ކުއްލިއަކަށް ލޮލަށް ފެނުން ފުސްވުން، ލޮލުގެ ބައެއް ހިސާބަށް ނުފެނި ދިއުން، ތަކެތި ދެ ގޮތަށް ފެނުން އަދި ތަކެއްޗަށް ފޯކަސް ކުރަން ދަތިވުން ހިމެނެއެވެ.
ޑރ. ތްރީ ވަހްޔުދީ ވިދާޅުވާ ގޮތުގައި، މި އަލާމާތްތައް ދިމާވަނީ ކުއްލިއަކަށެވެ. ދިރިއުޅުމުގެ ތެރޭގައި ދިމާވާ އާދައިގެ ފެނުމުގެ މައްސަލަތަކާއި ޚިލާފަށް، ސްޓްރޯކާ ގުޅިގެން ދިމާވާ ފެނުމުގެ ބަދަލުތައް ފެށޭނީ ލަސްލަހުން ކަމަށް ޑރ. ތްރީ ވަހްޔުދީ ވިދާޅުވެފައިވެއެވެ.
ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ބައެއް ކަންތައްތަކުގެ ސަބަބުން ލޮލުގެ ސިއްހަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.
އޭގެތެރޭގައި، ލޭ މައްޗަށް ދިއުން، ހަކުރު ބަލި، ކޮލެސްޓްރޯލް މަތިވުން، ދުންފަތުގެ އިސްތިއުމާލުކުރުން، ހަރަކާތްތެރި ދިރިއުޅުމެއްގައި ނޫޅުން އަދި ފަލަވުން ނުވަތަ (އޮބޭސިޓީ) ހިމެނެއެވެ.
މި ކަންތައްތައް ކޮންޓްރޯލް ކުރުމަކީ ސިކުނޑީގެ ސިއްހަތާއި ލޮލުގެ ސިއްހަތު އެއް ވަގުތެއްގައި ރައްކާތެރިކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަންކަން ކަމަށް ޑރ. ތްރީ ވަހްޔުދީ ވަނީ ވިދާޅުވެފައެވެ.

ސްޓްރޯކާ ގުޅިގެން ދިމާވާ ފެނުމުގެ ބަދަލުތައް ދިމާވަނީ ކުއްލިއަކަށް ކަމަށާއި އެއީ ނިދާލުމަށްފަހު އަރާމުކޮށްލުމުން ރަނގަޅުކޮށްލެވޭނެ ކަމެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ހެލްތުލައިން
އާދައިގެ ފެނުމުގެ މައްސަލައާއި ސްޓްރޯކްގެ ނިޝާނާ ތަފާތު ކުރާނީ ކިހިނެއް ހެއްޔެވެ؟
ހުރިހާ ފެނުމުގެ މައްސަލައެއް ނުރައްކާތެރިއެއް ނޫނެވެ. ނަމަވެސް ތަފާތު ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޮލާ މާކައިރިކޮށް ސްކްރީން ބެލުން ނުވަތަ ގެޖެޓް ބޭނުން ކުރުމުން ލޮލަށް ލިބޭ ވަރުބަލިކަން ފަދަ އާދައިގެ ފެނުމުގެ މައްސަލަތައް ދިމާވަނީ ލަސްލަހުންނެވެ.
ނަމަވެސް ސްޓްރޯކާ ގުޅިގެން ދިމާވާ ފެނުމުގެ ބަދަލުތައް ދިމާވަނީ ކުއްލިއަކަށެވެ. ނިދާ 'ރެސްޓް' ކޮށްލިޔަސް ރަނގަޅެއް ނުވެއެވެ. އަދި ގިނަ ފަހަރަށް ހަށިގަނޑުގެ އެއް ފަރާތް ބަލިކަށިވުން، މޫނު އެއް ފަރާތަށް ދެމިގަތުން، ނުވަތަ ވާހަކަ ދައްކަން ދަތިވުން ފަދަ އިތުރު އަލާމާތްތައް ވެސް ފެންނާނެ ކަމަށް ޑރ. ތްރީ ވަހްޔުދީ ފާހަގަކުރައްވާފައިވެއެވެ.
ކުއްލިއަކަށް ފެނުމަށް ބަދަލު އައިސް، ހާއްސަކޮށް ސްޓްރޯކްގެ އެހެން އަލާމާތްތައް ވެސް ފެންނަ ނަމަ، ލަސްނުކޮށް ވަގުތުން ސިއްހީ ފަރުވާ ހޯދަން ޖެހެއެވެ. ސްޓްރޯކްގެ ސަބަބުން ސިކުނޑިއަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނީ ވީހާ ވެސް އަވަހަށް ފަރުވާ ލިބިގެންނެވެ.
ސްޓްރޯކް ދިމާ ނުވުމަށާއި ލޮލުގެ ސިއްހަތު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންތައްތަކުގެތެރޭ، ލޭ ޕްރެޝަރު ގަވާއިދުން ޗެކް ކުރުން، ލޭގެ ހަކުރު ކޮންޓްރޯލް ކުރުން، ސިއްހަތަށް ފައިދާހުރި ބެލެންސް ޑައިޓެއް ގެންގުޅުން، ގަވާއިދުން ކަސްރަތު ކުރުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި މަސްތުވާތަކެއްޗާ ދުރުވުން ހިމެނެއެވެ.