ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން، ބަހުރައިން، ކުވައިތު، ޤަތަރު، ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ޖޯޑަން އިން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ދިވެހިރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފިއެވެ.
މި ގަރާރަކީ ހޮރްމޫޒު ކަނޑުއޮޅިއާއި, ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، މިނިވަންކަމާއެކު އުޅަނދު ފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤުތަކާއި ބައިނަލްއަގުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތައް ހިމާޔަތްކުރުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ގަރާރެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މި ގަރާރު ދިވެހިރާއްޖެއިން ކޯ ސްޕޮންސާ ކުރަން ނިންމި ނިންމުމުގެ ސަބަބުން، ޔުނައިޓަޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ ހިމެނޭހެން ކަނޑުގެ ޤާނޫނުތަކާ ގުޅޭ ގޮތުން ރާއްޖެއިން ޤަބޫލުކުރާ އުޞޫލުތަކާއި، މިނިވަންކަމާއެކު އުޅަނދުފަހަރު ދަތުރުފަތުރުކުރުމުގެ ޙައްޤު ދެމެހެއްޓުމާއި، އަދި ކަނޑުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖެ ފަދަ، އާޗިޕެލަޖިކް ޤައުމުތަކަށް ލިބިގެންވާ ޚާއްސަ ޙައްޤުތަކާއި އިހްތިޞާޞްތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ.
އަދި މި ނިންމުން ނިންމާފައި ވަނީ އެ ގަރާރުގެ ސަބަބުން ރާއްޖޭގެ ޤައުމީ މަޞްލަޙަތަށް، ނުވަތަ ކަނޑުގެ ސަރަޙައްދީ އިޚްތިޞާޞަށް، ނުވަތަ ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން ޖަޒީރާ ޤައުމުތަކަށް ލިބިގެންވާ ޙައްޤުތަކަށް އަސަރުކޮށްފާނެ ފަދަ އެއްވެސް މާނަކުރުމަކަށް އަމަލުކުރަން ދިވެހިރާއްޖެ އިން އިސްތިސްނާވާ ގޮތުގެ މަތިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ގަލްފުގެ މަސްރަޙު އިތުރަށް ގޯސްވިޔަނުދީ, ބައިނަލްއަޤުވާމީ ވިޔަފާރިއާއި މުދާ އުފުލާ ނިޒާމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ އަދި ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އިސްކަން ދިނުމަށް ދިވެހިރާއްޖެ އިން ދަނީ ބާރުއަޅަމުންނެވެ.
އެ ގަރާރު ރާއްޖެއިން ކޯ-ސްޕޮންސާ ކޮށްފައި ވަނިކޮށް އީރާނުން ވަނީ އެއީ އެމެރިކާއިން އެކުލަވާލާފައިވާ ސިޔާސީ މަގުސަދުތަކެއް އެކުލެވޭ އަދި ވަކި ކޮޅަކަށް ބުރަވެފައިވާ ގަރާރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އެ ގަރާރަށް ތާއީދުކުރާ ގައުމުތަކުގެ ނަން ބޭނުންކޮށްގެން، އެ ގައުމުން މިހާރު ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތަކަށް ބައިނަލްއަގުވާމީ ފުޅާ ތާއީދެއް އޮތްކަން ދެއްކުމަށާއި، އިތުރު އަސްކަރީ ހަމަލާތަކެއް ދިނުން މަގުފަހިކުރަން އުޅޭކަން މިހާރު ވަރަށް ސާފުކޮށް އެނގޭ ކަމަށް ވެސް އީރާނުން ބުންޏެވެ.
އެމެރިކާއިން އިތުރު ހަމަނުޖެހުމެއް އުފައްދައިފިނަމަ، އެ ގަރާރަށް ތާއީދުކުރި ހުރިހާ ގައުމުތަކަކުން ވެސް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ.