ޗައިނާގެ ޗޮންގޗިންގްގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "ބެލްޓް އެންޑް ރޯޑް އެތުލެޓިކްސް އިންވިޓޭޝަނަލް މީޓިން" ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ބާރުދުވުންތެރިޔާ އައިޝަތު ޝަބާ ސަލީމަށް ދޭން އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ނިންމައިފިއެވެ.
އެ އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 18 އިން 19 އަށް ކުރިއަށްދާ މި މުބާރާތުގައި ޝަބާ ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. މި މުބާރާތަށް ފުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ޝަބާއަކީ ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެއަށް ރަނގަޅު ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ އެތުލީޓެކެވެ. އެގޮތުން، މިއަހަރު ޗައިނާގެ ސަންޔާގައި ބޭއްވި އޭޝިއަން ބީޗް ގޭމްސްގައި އޭނާ ވާދަކޮށްފައިވާއިރު، މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ބޭއްވި 6 ވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުންވެސް ޝަބާ ވަނީ ޖާގަ ހޯދާފައެވެ.
ބައިނަލްއަގްވާމީ މުބާރާތްތަކުގެ އިތުރުން، ރާއްޖޭގައި ބޭއްވޭ ގައުމީ މުބާރާތްތަކާއި އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ޝަބާ އަންނަނީ އޭނާގެ ދުވުމުގެ ވަގުތު (ޓައިމިން) އިތުރަށް ރަނގަޅު ކުރަމުންނެވެ.