ފްރާންސްގެ ހުޅަނގު ދެކުނުގައި އޮންނަ ބޯޑިއައުކުސްގައި ބަނދަރުކޮށްފައި އޮތް ކްރޫޒް ޝިޕެއްގައި ހުރި މީހަކު ނޮރޯވައިރަސް ބަލީގައި މަރުވި ކަމަށް ބެލެވޭތީ އެ ޝިޕްގައި ތިބި 1،700 އަށްވުރެ ގިނަ ފަސިންޖަރުން ކަރަންޓީން ކޮށްފިއެވެ.
އެމްބިޝަން ނަމަކަށް ކިޔާ މި ބޯޓު ފްރާންސާއި ސްޕެއިން ވަށައިގެން ދަތުރު ކުރަން ހަމަޖެހިފައި އޮތީ މި މަހުގެ އަށް ވަނަ ދުވަހު ފުރައިގެންނެވެ.
އެމްބިޝަން ބޯޓުގައި ތިބި 50 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ބަނޑުގެ ސީރިއަސް ބައްޔަކާ އެއްގޮތް އަލާމާތްތަކެއް ފެނިފައިވާ ކަމަށް ފްރާންސްގެ ޑިޕާޓްމަންޓް އޮފް ޖިރޮންޑޭގެ ލޯކަލް ހެލްތު އެޖެންސީން ބުނެއެވެ.
އެ ފަސިންޖަރުން ވަގުތުން ޑޮކްޓަރަށް ދެއްކުމަށްފަހު ކޮޓަރިތަކުގައި އައިސޮލޭޝަންގައި ބައިތިއްބާފައިވާ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެއެވެ.
ބޯޓުގެ އޮޕަރޭޓަރު އެމްބެސެޑަރު ކްރޫޒް ލައިނާ ހަވާލާދީ ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލީގެ އެއްވެސް އަލާމާތެއް ރިޕޯޓްކޮށްފައި ނުވި ނަމަވެސް މެއި މަހުގެ 10 ވަނަ ދުވަހު ބޯޓުގައި ހުރި 92 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ.
" ފުރިހަމަ ރިޕޯޓް ނިމެންދެން މަރުވި ސަބަބެއް އަދި ކަށަވަރުވެފައެއް ނުވޭ. މަރުވި މީހާގެ ރައްޓެހިންނާއި އާއިލާއަށް ހުރިހާ ސަޕޯޓެއް ފޯރުކޮށްދެމުން މިދަނީ މި ދަތި ދަނޑިވަޅުގައި އެމީހުންނަށް އެންމެ އިޚްލާސްތެރި ތައުޒިޔާ." ބޯޓު އޮޕަރޭޓަރު ވިދާޅުވިއެވެ.
ނަމަވެސް އެމްބިޝަން ބޯޓުގައި ފެތުރިފައިވާ ބަލިމަޑުކަމާއި ކްރޫޒް ޝިޕް ހޮންޑިއަސްގައި ފެތުރެމުންދާ ހަންޓާވައިރަސްއާ އެއްވެސް ގުޅުމެއް ނެތް ކަމަސް ސަރަހައްދީ ސިއްހީ އިދާރާއިން ބުނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޯޑޯގައި ފަސިންޖަރުން ފޭބުމަށް ރާވާފައިވާ މަސައްކަތް މެދުކަނޑާލާފައިވާއިރު، މެޑިކަލް ޓެސްޓްތައް ހަދަން ވަނީ ނިންމާފައެވެ. ބޯޑޯ ޔުނިވާސިޓީ ހޮސްޕިޓަލް (ސީއެޗްޔޫ) ގެ އިންފެކްޝަސް ޑިޒީޒް ޑިޕާޓްމަންޓުން ދަނީ ފަސިންޖަރުންގެ ސާމްޕަލްތައް ތަހުލީލު ކުރަމުންނެވެ.
ނޮރޯވައިރަސް އަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ މައިދާ އާއި ބޮޑު ގޮހޮރަށް އިންފެކްޝަން އަރައި، ދުޅަވާ ބައްޔެކެވެ. އެ ބަލި ޖެހުމުން ބޭރަށް ހިންގުން، ހޮނޑުލުން، މޭނުބައިކުރުން، ބަނޑުގައި ރިހުން، ހުންއައުން، ބޮލުގައި ރިހުން، ހަށިގަނޑު ރިހުން އަދި ވަރުބަލިވުން ފަދަ އަލާމާތްތައް ފެންނާނެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އާޖެންޓީނާއިން ފުރައިގެން ދަތުރުކުރަމުންދިޔަ "އެމްވީ ހޮންޑިއަސް" ކްރޫޒް ޝިޕްގައި ހަންޓާވައިރަސް ކިޔާ ބައްޔެއްވެސް ފެތުރި ނުރައްކާ ވަނީ ބޮޑުވެފައެވެ.
ހަންޓާވައިރަސް ޖެހުމުން އިންސާނުންގެ ކިބައިން އޭގެ އަލާމާތްތައް އާންމުކޮށް ފެންނަން ފަށަނީ ބަލިޖެހޭތާ އެއް ހަފުތާއާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތެއްގައެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކަކީ އާންމު ރޯގާގެ އަލާމާތްތަކާ އެއްގޮތް އަލާމާތްތަކެކެވެ. މީގެ ތެރޭގައި ގަދައަށް ހުން އައުން، ވަރުބަލިވުން، މަސްތަކުގައި ގަދައަށް ރިއްސުން (ޚާއްޞަކޮށް ފަލަމަސްގަނޑު، އުނަގަނޑު އަދި ބުރަކަށީގައި)، ބޮލުގައި ރިއްސުން، އަދި ބަނޑުގެ މައްސަލަތައް (މޭނުބައިކުރުން، ބޭރަށް ހިންގުން) ހިމެނެއެވެ.
ހަންޓާވައިރަސް އާންމުގޮތެއްގައި ފެތުރެނީ މީދާ ފަދަ ސޫފީގެ ނަޖިހުން ތަޣައްޔަރުވެފައިވާ ވައިގެ ޒަރީއާއިންނެވެ. ނަމަވެސް މި ކްރޫޒް ޝިޕުން ފެނިފައިވަނީ އިންސާނުންގެ މެދުގައި ގައިގޯޅިވުމުން ފެތުރޭ “އެންޑީސް” ސްޓްރެއިންއެވެ.