ލިއޮނަލް މެސީ ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ކުޅޭނެތޯ ކުރެވެމުންދިޔަ ސުވާލުތަކަށް، އާޖެންޓީނާގެ ޕްރިލިމިނަރީ ސްކޮޑުގައި އޭނާ ހިމެނުމާއެކު ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިއްޖެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ހޯމަ ދުވަހު އިޢުލާންކުރި 55 ކުޅުންތެރިންގެ ވަގުތީ ސްކޮޑުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ ވަނީ ހިމަނާފައެވެ.
އުމުރުން މިހާރު 38 އަހަރުގެ މެސީ އަކީ ސްކަލޯނީ ނެގި 16 ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ނަމަވެސް، އާޖެންޓީނާ އިން ތަށި ދިފާޢުކުރަން ނުކުންނައިރު، މެސީ އަދިވެސް އޭނާ ކުޅޭނެކަން މުޅިން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މެސީ މީގެ ކުރިން ބުނެފައިވަނީ އޭނާ މިހާރު ކުޅެމުންދަނީ ކެރިއަރުގެ އެންމެ ފަހު މެޗުތައް ކަމަށާއި، އެ ވަގުތުތަކުގެ އުފާ އެންމެ ފުރިހަމައަށް ހޯދަމުންދާ ކަމަށެވެ.
މެސީގެ އިތުރުން މި ސްކޮޑުގައި ޒުވާން ކުޅުންތެރިޔާ ޖިއަންލޫކާ ޕްރެސްޓިއާނީ ވެސް ވަނީ ހިމަނާފައެވެ. ނަމަވެސް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ހިނގި ހާދިސާއަކާ ގުޅިގެން ފީފާ އިން ވަނީ އޭނާ ހަ މެޗަށް ސަސްޕެންޑްކޮށްފައެވެ. މީގެ މާނައަކީ އާޖެންޓީނާގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ދެ މެޗުގައި އޭނާއަށް ބައިވެރިއެއް ނުވެވޭނެއެވެ.
މެސީގެ މުސްތަޤުބަލާ ގުޅޭގޮތުން ކޯޗު ސްކަލޯނީ ބުނީ ގޮތެއް ނިންމަން އަދި "ގިނަ ވަގުތު" އެބައޮތް ކަމަށެވެ. އެހެންނަމަވެސް، ޓީމުގެ އެހެން ކުޅުންތެރިން ތިބީ މެސީއާއެކު ކުޅެން ކެތްމަދުވެފައެވެ.
ޖޫލިއަން އަލްވަރޭޒް ބުނި ގޮތުގައި މެސީ ޓީމުގައި ހިމެނިގެން ކުޅޭނަމަ ޓީމަށް އިތުރު ލަނޑުތައް ޖެހުމަށް ވަރަށް ބޮޑަށް ފަސޭހަވާނެއެވެ. މީގެ އިތުރުން ރޮޑްރިގޯ ޑި ޕޯލް ބުނީ އާޖެންޓީނާގެ ގައުމީ ޓީމުގެ ހުރިހާ އުންމީދެއް ވެސް ގުޅިފަިއވަނީ މެސީ ދަނޑުމަތީގައި ހުރުމަކީ ވެސް ޓީމު އިތުރަށް ވަރުގަވެގެންދާނެ ކަމެއްކަމަށެވެ.
އެންމެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވުނު ވޯލްޑް ކަޕް މުބާރާތް އާޖެންޓީނާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި މެސީ ވަނީ އެ މުބާރާތުގައި 7 ލަނޑު ޖަހައިފައެވެ.
އުތުރު އެމެރިކާއަށް ނިސްބަތްވާ ތިން ގައުމުކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މިއަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 11 ގައެވެ. މި މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މެޗުގައި ޖޫން 16 ވަނަ ދުވަހު ބައްދަލުކުރާނީ އަލްޖީރިއާއާއެވެ.