އޭޑީއެޗްޑީއަށް ބޭސްކުރަން މިތައިލްފެނިޑޭޓް ލިބޭނެ ގޮތް ހަދަން ރައީސްގެ ގަރާރެއް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގެ ތެރެއިން: މިތައިލްފެނިޑޭޓް' ލިބޭގޮތް ހެދުމަށް މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައީސް ވަނީ ގަރާރެއް ހުށަހަޅުއްވާފަ ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އޭޑީއެޗްޑީއަށް ފަރުވާކުރުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް ބޭސް ކަމަށްވާ މިތައިލްފެނިޑޭޓް ޤާނޫނީ ގޮތުން ލިބޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޤަރާރެއް ނެރުއްވާފައެވެ. މި ޤަރާރުގެ ދަށުން، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު އެކަކުން މި ބޭސް އުނިކޮށް، ބޭސްފަރުވާއަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހުގެ ލަފަޔާއި ރުހުމާއެކު ގެނެވުނު މި ބަދަލުގެ ސަބަބުން، މި ބަލީގެ މީހުންނަށް ބޭސް ހޯދުމުގައި ކުރިމަތިވަމުންދިޔަ ދަތިތަކަށް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.

  • ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މިތައިލްފެނިޑޭޓް ބޭސްފަރުވާއަށް ހުއްދަކުރުން
  • މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ޖަދުވަލު އެކަކުން މިތައިލްފެނިޑޭޓް އުނިކުރުން
  • ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުން މި އިޞްލާޙަށް ރުހުންދިނުން
  • އޭޑީއެޗްޑީ ބަލިމީހުންނަށް ބޭސް ހޯދުމަށް ފަސޭހަވެގެންދިޔުން

އެޓެންޝަން ޑެފިސިޓް ހައިޕާ އެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ) ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމުގައި، ފަސްޓްލައިން ޓްރީޓްމަންޓަށް ބޭނުންކުރާ ބޭހުގެ ބާވަތެއް ކަމަށްވާ މިތައިލްފެނިޑޭޓް މިއަދުން ފެށިގެން ލިބޭނެ ގޮތް ހަމަޖެއްސުމަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަރާރަކުން މިއަދު ކަނޑައަޅުއްވައިފިއެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 3-4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޢަމަލުކުރަން ފަށާފައެވެ.

މި އިޞްލާޙާ އެކު، އޭޑީއެޗްޑީ ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ މިތައިލްފެނިޑޭޓް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހިރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެހޭނެއެވެ.

https://sun.mv/221627

މި ބަދަލު ގެންނެވީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއް އިޞްލާޙުކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ނެރުއްވި ނަންބަރު 10/2026 ޤަރާރުގެ ދަށުންނެވެ. މި ނިންމެވުމަކީ ނޭޝަނަލް ޑުރަގު ކޮންޓްރޯލް ކައުންސިލުން ހުށަހަޅުއްވާފައިވާ ލަފަޔާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހު ނިންމެވި ނިންމެވުމެކެވެ.

މި ބޭސް ލިބޭނެ ގޮތް ހެދުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހެޅުއްވުމުން، އެ ޤާނޫނުގެ ޖަދުވަލު އެކެއްގައި ހިމެނޭ މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ލިސްޓުގެ 89 ވަނަ ނަންބަރުގައިވާ މިތައިލްފެނިޑޭޓް، އެ ލިސްޓުން އުނިކޮށް، ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއްގެ ގޮތުގައި އެ ބޭސް ހަމަޖެއްސުމަށް މަޖިލީހުން ވަނީ ރުހުން ދީފައެވެ.

https://sun.mv/221823

މިގޮތަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ 11 މޭ 2026 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ.

މި ބަދަލާ އެކު އޭޑީއެޗްޑީއަށް ފަރުވާ ހޯދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ބޭސް ލިބުމުގެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް