މިއަދުގެ ޑިޖިޓަލް މާހައުލުގައި މަޢުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ޚަބަރާއި މަޢުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިގްތިޞާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ވާހަކަދައްކަވަމުންނެވެ.
ޝަރީފްގެ ވާހަކަފުޅުގައި މާލީ ދާއިރާއާއި މީޑިއާގެ ދާއިރާއަކީ އެއް ދާއިރާއެއް އަނެއް ދާއިރާއަކާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާކަން ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މަޢުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވެއެވެ.

ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގައި ބީއެމްއެލްގެ ސީއީއޯ ޝަރީފް ވާހަކަދައްކަވަނީ....
މިއީ ހަމައެކަނި ކަސްޓަމަރުންނަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި ކޮރެސްޕޮންޑެންޓް ބޭންކިން ގުޅުންތަކަށް ވެސް އަސަރުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
މީޑިއާގެ ދައުރާއި މަސްއޫލިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، ޚަބަރުތަކާއި މަޢުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށެވެ.
"ހަގީގަތާ ޚިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން، އެއްވެސް ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު އެންމެ މުއައްސަސާއަކަށް ކުރުމަށްވުރެ ބޮޑަށް މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮވޭ،" ސީއީއޯ ވިދާޅުވިއެވެ.

ވިލާނޯޓިކާގައި މިއަދު ފެށި 21 ވަނަ އޭޝިއާ މީޑިއާ ސަމިޓްގެތެރެއިން.....
ޓެކްނޮލޮޖީގެ ކުރިއެރުމާއެކު ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫންކަން ފާހަގަކުރައްވައި، އޭގެ ހަގީގީ މަގްސަދަކީ އެންމެން ބައިވެރިކުރުމާއި، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުން ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މަޢުލޫމާތުގެ ތެދުވެރިކަމާއި ފަންނީ އަޚުލާޤު ހިފެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މީޑިއާ ބަލައިގަންނަނީ ޤައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައެވެ. މިގޮތުން ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާއާއި މީޑިއާ ކުރިއެރުވުމަށް ބޭންކުން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޕީއެސްއެމްއާއި އޭޝިއާ ޕެސިފިކް އިންސްޓިއުޓް ފޯ ބްރޯޑްކާސްޓިން ޑިވެލޮޕްމަންޓް ގުޅިގެން ބާއްވާ މި ސަމިޓަކީ ރާއްޖޭގައި ބޭއްވޭ މިފަދަ ފުރަތަމަ ސަމިޓެވެ. މި ސަމިޓްގެ މެއިން ސްޕޮންސަރަކީ ވެސް ބީއެމްއެލްއެވެ.