ސެމްސަންގް ގެލެކްސީ އެސް25 ސީރީޒްގެ ފޯނުތަކަށް، އެންޑްރޮއިޑް 16 އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ވަން ޔޫއައި 8.5"ގެ ސްޓޭބަލް އަޕްޑޭޓް ދުނިޔޭގެ އެކި މާކެޓްތަކަށް ދޫކުރަން ފަށައިފިއެވެ.
މިދިޔަ ހަފުތާގައި ދެކުނު ކޮރެއާގައި ފުރަތަމަ ތައާރަފުކުރި މި އަޕްޑޭޓް، މިހާރު އެމެރިކާގެ އިތުރުން އިންޑިއާގެ މާކެޓްތަކުން ވެސް ލިބެން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގައި މި އަޕްޑޭޓްގެ ސައިޒަކީ ގާތްގަނޑަކަށް 4.4 ޖީބީ އެވެ. މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ކެނެޑާ، ޗައިނާ، އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ އަދި ފްރާންސް ފަދަ ގައުމުތަކަށް ވެސް މި އަޕްޑޭޓް ލިބޭނެ ކަމަށް ބެލެވެއެވެ.
ވަން ޔޫއައި 8.5 އާއެކު، މީގެ ކުރިން ހަމައެކަނި އެންމެ ފަހުގެ ގެލެކްސީ އެސް26 ސީރީޒްއަށް ހާއްސަކޮށްފައިވާ "ގެލެކްސީ އޭއައި"ގެ ގިނަ ފީޗާތަކެއް އެސް25 ގެ ފޯނުތަކަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި އޭޖެންޓިކް އޭއައި، ކްރިއޭޓިވް ސްޓޫޑިއޯ، ކޯލް ސްކްރީނިންގް، އަދި އިތުރަށް ފުރިހަމަކޮށްފައިވާ ބިކްސްބީގެ ހިދުމަތްތައް ހިމެނެއެވެ.
މި އަޕްޑޭޓް ލިބޭ ފޯނުތަކުގެ ތެރޭގައި ގެލެކްސީ އެސް25، އެސް25 ޕްލަސް އަދި އެސް25 އަލްޓްރާ ހިމެނެއެވެ. އަދި ގެލެކްސީ އެސް24 ސީރީޒް، ޒީ ފޯލްޑް 7، ޒީ ފްލިޕް 7 އަދި ގެލެކްސީ ޓެބް އެސް11 ސީރީޒްގެ ޑިވައިސްތަކަށް ވެސް މިހާރު ވަނީ ކޮރެއާގައި މި އަޕްޑޭޓް ދޫކޮށްފައެވެ.
ސެމްސަންގްގެ ކުރީގެ މޮޑެލްތައް ކަމަށްވާ އެސް23 ސީރީޒް އަދި ފޭން އެޑިޝަން (އެފްއީ) މޮޑެލްތަކަށް ވެސް ކުރިއަށް އޮތް ހަފުތާތަކުގައި މި އަޕްޑޭޓް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި އައު އަޕްޑޭޓާއެކު ފޯނުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އޭޕްރީލް މަހުގެ ސެކިއުރިޓީ ޕެޗް ވެސް ލިބިގެންދާނެއެވެ.