ޝިއާއުގެ މަރު: ޝާހިލް ކޯޓަށް ހާޒިރުނުކުރެވުމުން ޚުލާސާ ބަޔާން އިއްވަން އޮތް އަޑު އެހުން ކެންސަލް

ކްރިމިނަލް ކޯޓުގެ އަޑުއެހުން ނިންމާލުމަށްފަހު ޝާހިލް ގެންދަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މާލޭގައި 2022 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް ޝިއާއު މުޙައްމަދު ސަޢީދު މަރާލި މައްސަލައިގައި ދައުވާ ލިބޭ ޢަލީ ޝާހިލް ކޯޓަށް ހާޒިރުނުކުރެވުމުން، ޚުލާސާ ބަޔާން އިއްވުމަށް އިއްޔެ ތާވަލުކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. އޭނާ ހާޒިރުނުކުރެވުނު ސަބަބު އަދި ސާފެއް ނުވެއެވެ. ޝާހިލްގެ މައްޗަށް އެހެން މައްސަލަތަކެއް ސާބިތުވެ މިހާރު ވެސް އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއު މަރާލުމަށްފަހު ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގެއެވެ. ކްރިމިނަލް ކޯޓުން މަސައްކަތްކުރަމުން އަންނަނީ މި މަހުގެ ތެރޭގައި މައްސަލައިގެ ހުކުމް އިއްވުމަށެވެ.

  • ޝިއާއުގެ މަރުގެ މައްސަލައިގައި ޚުލާސާ ބަޔާން އިއްވަން އޮތް އަޑުއެހުން ކެންސަލްވެއްޖެއެވެ.
  • އަޑުއެހުން ކެންސަލްވީ ދައުވާ ލިބޭ ޢަލީ ޝާހިލް ކޯޓަށް ހާޒިރުނުކުރެވުމުންނެވެ.
  • ޝާހިލް މިހާރު ވެސް އަންނަނީ ސިއްރު މައްސަލަތަކެއްގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.
  • ޝިއާއު މަރާލުމަށްފަހު ވެސް ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން ޕޯސްޓްމޯޓަމުން ހާމަވެއެވެ.
  • މި މައްސަލައިގެ ހުކުމް މި މަހުގެ ތެރޭގައި ކުރަން ކޯޓުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މާލޭގެ ގެއެއްގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވައި ފެނުނު ޝިއާއު މުޙައްމަދު ސަޢީދުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ ފ. ނިލަންދޫ، ފިނިފެންމާގޭ ޢަލީ ޝާހިލް ކޯޓަށް ހާޒިރުކޮށް ނުދެވުމުން، އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުން ކެންސަލްކޮށްފިއެވެ.

ދެހާސްބާވީސް ވަނަ އަހަރު، މާލޭގެ ގެއެއްގައި އަނިޔާވެރިކޮށް ޒުވާން އަންހެން ކުއްޖަކު މަރާލާފައި އޮތް މައްސަލައިގެ ދައުވާ ލިބޭ ޝާހިލްގެ މައްޗަށް ސިއްރު ބައެއް މައްސަލަ ސާބިތުވެ، މިހާރު އަންނަނީ ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

އަދި އެ އަހަރުން ފެށިގެން ބަންދުކޮށްފައި ހުރި ޝާހިލްގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުން އިއްޔެ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އޮތް ނަމަވެސް، ޝާހިލް ހާޒިރުކޮށް ނުދެވުމުން ޚުލާސާ ބަޔާން އިއްވުން އަނެއްކާވެސް ވަނީ ފަސްވެފައެވެ.

ނަމަވެސް ޝާހިލް ކޯޓަށް ހާޒިރުކޮށް ނުދެވުނު ސަބަބެއް ސާފުވެފައެއް ނުވެއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ޝަރީއަތަށް ތިން އަހަރުވެފައި ވާއިރު، ޝާހިލް ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ އޮގަސްޓު 7، 2022ގައެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނި ގޮތުގައި، ޝިއާއު މަރާލުމަށް ފަހު ވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީފައިވާކަން އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ހާމަވެއެވެ. އަދި، ޝިއާއު މަރަށް ހުށަހެޅުނީ ޝާހިލްގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުންކަން ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

މި މައްސަލައިގެ ހުކުމް، މި މަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކުރިން ބުނެފައެވެ.

comment ކޮމެންޓް