ދުނިޔޭގެ 35 އަށްވުރެ ގިނަ ގައުމެއްގައި އެއް ވަގުތެއްގައި ބާއްވާ، ދުނިޔޭގެ އެންމެ ބޮޑު ސިންކްރޮނައިޒްޑް ހާފް މެރަތަން "ވަން ރަން ގްލޯބަލް" ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މިއީ މި ބައިނަލްއަގުވާމީ ދުވުމުގައި ރާއްޖެ ބައިވެރިވާ ފުރަތަމަ ފަހަރެވެ. މި ދުވުން ރާއްޖޭގައި އިންތިޒާމު ކުރަނީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިންގެ ޖަމިއްޔާއެއް ކަމަށްވާ "ވީރަން މޯލްޑިވްސް" އާއި ވަން ރަން ގްލޯބަލް ގުޅިގެންނެވެ.
މި ތާރީޚީ ދުވުން އޮންނާނީ 23 މެއި 2026 ވާ ހޮނިހިރު ދުވަހު ހުޅުމާލޭގައެވެ. "ވަން ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ، އަދި އެއް ވަގުތެއްގައި އެންމެ ގިނަ މީހުން ދުވި ހާފް މެރަތަންގެ ގޮތުގައި ދެ ފަހަރަށް ގިނިސް ވޯލްޑް ރެކޯޑް ހާސިލްކޮށްފައިވާ ދުވުމެކެވެ.
2026 ވަނަ އަހަރު ބާއްވާ މި ދުވުމުގައި މުޅި ދުނިޔެއިން 250,000 އަށްވުރެ ގިނަ ދުވުންތެރިން އެއް ވަގުތެއްގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެކުރިން ވީ ރަން އިން އިންތިޒާމުކޮށްގެން ރާއްޖޭގައި ބޭއްވި ދުވުމެއްގެ ތެރެއިން--
ހުޅުމާލޭގެ ހިތްގައިމު މަގުތަކުގައި ބާއްވާ މި އިވެންޓުގައި އެކި ފެންވަރުގެ ދުވުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ތަފާތު ދުރުމިންތައް ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި 21.1 ކިލޯމީޓަރުގެ ހާފް މެރަތަންގެ އިތުރުން، 10 ކިލޯމީޓަރާއި، 5 ކިލޯމީޓަރު އަދި ކުޑަކުދިންނަށް ޚާއްސަ 1 ކިލޯމީޓަރުގެ ދުވުން ހިމެނެއެވެ.
މިއީ ހަމައެކަނި މުބާރާތެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ދުވުންތެރިން މުޅި ދުނިޔެއާއެކު ދުވާކަން ހާމަކޮށްދޭ މުހިންމު ހަރަކާތެއް ކަމަށް ވީރަން މޯލްޑިވްސް އިން ބުނެއެވެ.
މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://werunmaldives.com/product/one-run-2026/ މެދުވެރިކޮށް ރެޖިސްޓްރީ ކުރެވޭނެއެވެ.
ވީރަން މޯލްޑިވްސް އަކީ ރާއްޖޭގައި ދުޅަހެޔޮ ދިރިއުޅުމަކާއި ދުވުމުގެ ސަގާފަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މި ބައިނަލްއަގުވާމީ ޕާޓްނަޝިޕަކީ ރާއްޖޭގެ ދުވުމުގެ ދާއިރާ ދުނިޔޭގެ ޗާޓަށް އެރުވުމަށް އެ ޖަމިއްޔާއިން ކުރާ އެންމެ ބޮޑު އެއް މަސައްކަތެވެ.