ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ރާމިޒް މިއަދު އަވަހާރަވެއްޖެއެވެ.
ރާމިޒް އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ.
ރާމިޒްގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި މައްޔިތާއަށް ޒިޔާރަތްކުރުން މިއަދުގެ 11:00 އިން ފެށީގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.
ރާމިޒް އަވަހާރަވުމުން، ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.
ރައީސްގެ ތައުޒިޔާ މެސެޖުގައިވަނީ ރާމިޒު، މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން ކުރައްވައި، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ގައުމަށް ޚިދުމަތް ކުރައްވާފައިވާކަން ފާހަގަކުރައްވައިފައެވެ.
މަރްހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެ މަނިކުފާނު ވަނީ ދުއާދަންނަވާފައެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ގއ. ވިލިނގިލީ ދާއިރާގެ މެންބަރުކަން ކުރެއްވި ރާމިޒު އަވަހާރަވި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާމިޒަމީ އެ މަނިކުފާނާއެކު އެއް ފިކުރެެއްގައި ސިޔާސީ މަސައްކަތް ކުރެއްވި، ވަރަށް ޚިދުމަތްތެރި، ނުހަނު ސާދާ އަދި މަޑުމައިތިރި ކަމާއި ވިސްނުންތެރިކަމާއެކު ޢަމަލުތައް ބެހެއްޓެވި މެންބަރެއް ކަމަށެވެ.
"އަދި ފަތުރުވެރިކަމުގެ ދާއިރާގައި ނުހަނު ޚިދުމަތްތެރި، އޭނާގެ ދާއިރާއަށް ވަރަށް ގިނަގުނަ ޚިދުމަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ." އަބްދުއްރަހީމް ލިޔުއްވާފައިވެއެވެ.
ރާމިޒް މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލުކުރެއްވި ދުވަސްވަރު، އޭނާގެ ޖިމްނާސްޓިކްސް ހުނަރަށް ފާހަގަކޮށްލެވުނެވެ. އަދި ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށް ފަހު، ޚާއްސަ މަޖިލީހުގައި ގއ. އަތޮޅުގެ މެންބަރުކަން ކުރެއްވިއެވެ.