ޔައިލް ބޭނުންވި ކަންތައް ފުރިހަމަވީއެވެ. ދެން އޮތީ، އެ ކަންތަކުގައި ކުލަ ޖެއްސުމެވެ.
*********
"މި އަންނަނީ އެހެންވީމަ އެކަނި ގޮސްލާފަ..." ޔައިލް ފަސްއެނބުރި ހިނގައިގަތެވެ.
"މަޑުކުރޭ!...." އިޒީ ތެދުވިއެވެ.
އިޒީއަށް ފުރަގަސްދީގެން ހުރި ޔައިލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ތޭރަ އަހަރު ކުރީގެ ހާދިސާގެ ވާހަކަ ދައްކައިފިނަމަ، އިޒީ އެއްބަސްވާނެކަން އޭނާއަށް އެނގެއެވެ.
"ކޮބާ ފައިލު؟... ދިޔުމުގެ ކުރިން ބޭނުން ބަލާލަން..." ޔައިލް އާއި އަރައި ހަމަކުރަމުން، އިޒީ ބުނެލިއެވެ.
"އޭނަ ބޭނުންވަނީ ފުރަތަމަ ބައްދަލު....." ކެބިންއިން ނުކުމެފައި ޔައިލް ފަސްއެނބުރުނީ އިޒީ ނާންނަ ކަމަށް ހީކޮށެވެ. ޔައިލް ހުއްޓިދާނެކަމަށް ނުބަލާ ކުރިއަށްދިޔަ އިޒީ ލައިގަތީ ޔައިލްގެ ގައިގައެވެ. ޔައިލްއަށް ބޭއިހުތިޔާރުގައި އިޒީގެ ގައިގައި ހިފަހައްޓައިލެވުނެވެ.
ޔައިލް އާއި ދުރަށްޖެހުނުއިރު، އިޒީގެ ހިތުގެ ތެޅުން ވަނީ އިތުރުވެފައެވެ. އަބަދުވެސް އެހެން މީހުންނާއި ދުރުމިނެއް ބަހައްޓާ އިޒީއަށް ޔައިލްގެ އެ ބީހިލުމުން ކުރެވުނީ ކުރިން ނުކުރެވޭ ފޮނި، އައު އިހުސާސެކެވެ. އެ އިހުސާސްތައް ހުރީ އޭނާގެ މޫނުން ހާމަވާށެވެ. ޔައިލްއަށް އެމަންޒަރު ފެންނާކަށް އިޒީ ބޭނުމެއް ނުވިއެވެ. ޔައިލްއަށް މަޑުކުރުމެއްނެތި އިޒީ އަވަހަށް އޮފީހުން ނުކުތެވެ.
އިޒީ ދިޔަ ދިމާއަށް ބަލަން ހުރި ޔައިލް، އޭނާ ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލިއެވެ. މޭގައި އަތް ޖައްސައިލިއިރު، ކުރިން ދުވަހަކުވެސް ނުތެޅޭ ވަރަށް ޔައިލްގެ ހިތް ތެޅެމުން ދިޔައެވެ. އެއީ ޔައިލް ބިރުގަންނަންޖެހޭ ކަމެއް ހެއްޔެވެ؟ ނޫނެކެވެ. އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވޭހާ ޔައިލް ބަލިކައްޓެއް ނޫނެވެ. އިޒީގެ ފަހަތުން ދިޔައިރު، ޔައިލްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެއްޖެއެވެ.
********
އެހެން ދުވަސްދުވަހާއި ހިލާފަށް މަގުމަތީގައި ދުއްވާ އެއްޗެހި މަދެވެ. އެކުގައި ހިނގަމުން ދިޔަ ނަމަވެސް އިޒީ އާއި ޔައިލް އެކަކު އަނެކަކާއި ވާހަކައެއް ނުދައްކައެވެ. އިޒީ އަމިއްލަ ދުނިޔެއެއްގައި ހުރިއިރު، ޔައިލް ދިޔައީ ދެން ކަންތައް ވާނެ ގޮތަކާއި މެދުގައި ވިސްނަމުންނެވެ. ދެމީހުންގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ދުރުމިނެއް ހުއްޓަސް، ދެމީހުން ދިޔައީ އެކުގައި ކަން ބަލާ މީހަކަށް ނޭނގޭހައި ދުރެއް ނޫނެވެ. އެއީ އިޒީ ދުވަހަކުވެސް އެހެން މީހަކަށް ދިން ފުރުސަތެއް ނޫނެވެ. އެހާ ކައިރީގައި މީހަކު ހުންނަނަމަ އިޒީގެ ނޭވާއަށް އުނދަގޫވެއެވެ. އެހެނަސް، މިއަދު ތަފާތެވެ. މިއަދު އިޒީ ނުތަނަވަސްވަމުން ދިޔައީ މުޅީން އެހެން ކަމަކަށެވެ. އެއީ އޭނާގެ ބަސްނާހާ ހިތް، އަމިއްލަ ނަފުސަށް ނުކިޔަމަންތެރިވެދާނެތީއެވެ.
އިޒީގެ ނަޒަރު މަގުމައްޗަށް ހުއްޓިފައިވިޔަސް، ޔައިލްގެ ސަމާލުކަން ހުއްޓިފައިވީ އިޒީއަށެވެ. އިޒީގެ ކޮންމެ ހަރަކާތަކަށް އޭނާ ބަލަމުން ދިޔައީ ހަށިފާރަވެރިއަކު ފަދައިންނެވެ. އިޒީގެ ކުރިމަތިން މީހަކު އަންނަނަމަ، ޔައިލް އެދިމާއަކަށް ޖެހިލައެވެ. މަގާއި ވީ ފަރާތުން އިޒީ ހިނގާނަމަ، ދުއްވާ އެއްޗަކުން އިޒީގެ ގައިގައި ޖެހުމުގެ ފުރުސަތު ނުދޭން، ޔައިލް އެދިމާއަށް ދެއެވެ. އިޒީގެ ފައިދަށުގައި ހުންނަ އެއްޗެހި އެއްފަރާތްކޮށްލައެވެ. ޔައިލްއަށް ނޭނގުނަސް، އިޒީއަށް އެ ހުރިހާ ކަމެއް އެނގުނެވެ. ޔައިލްގެ އެންމެ ކުދިކުދި ކަންކަމުން ފެށިގެން، ބޮޑެތި ކަންކަން އެ ހިތުގައި ރައްކާ ކުރަމުން ދިޔައެވެ.
އެހެން މީހަކާއި އެކުގައި، ހާއްސަކޮށް ފިރިހެނަކާއި އެކުގައި ތަނަކަށް ދިޔުމަކީ އިޒީއަށް ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު، ޔައިލް އާއި އެކުގައި އޭނާއަށް އެފަދަ އިހުސާސެއް ނުކުރެވެނީ ކީއްވެ ކަމެއް އިޒީއަކަށް ނޭނގުނެވެ. ހަތަރުފަރާތުން ތަޅު އަޅުވައިގެން އުޅުނު ދިރިއުޅުމުން، ޔައިލްއަށް ޖާގައެއް ދެވުނީ އިޒީއަށް ނުވެސް އެނގި ހުއްޓައެވެ.
އިޒީގެ ފިޔަވަޅުތައް ހުއްޓުނީ ފޯނު ރިންގުވާން ފެށި އަޑު އިވުމުންނެވެ. އެ ހުރިހާއިރު މަގުމައްޗަށް ސަމާލުކަން ދީގެން ހުރެފައި ފޯނަށް ބަލައިލި ވަގުތުކޮޅު، ކުރިމަތިން ދުވެފައި އައި ކުޑަ ކުއްޖާ އިޒީގެ ގައިގައި ޖެހިގަނެފައި ދިޔައެވެ. އިޒީ ހުރީ އެފަދަ ކަމަކަށް ވިސްނައިގެން ނޫންކަމުން، އަރިއަޅާލައިގެން އޭނާ ދިޔައީ ފަހަތަށެވެ. ފަހަތުގައި ހުރި މީހެއްގެ ގައިގައި ޖެހުނުކަމުގެ އިހުސާސް އިޒީއަށް ކުރެވުނެވެ. އެމީހެއްގެ ބާރުގަދަ އަތުން އިޒީގެ ގައިގައި ހިފަހައްޓައި، އެމީހަކާއި ކައިރިކޮށްލީ ހުށިޔާރުކަމާއި އެކުގައެވެ. ހުރިހާ ކަމެއް ހިނގީ ނުހަނު އަވަހަށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.
އިޒީއަށް އިހުސާސްވީ، ޔައިލްގެ ހޫނުކަމެވެ. އެ ބާރުގަދަ އަތުގެ ތެރޭގައި އޭނާ ރައްކާތެރިކުރީ، އިޒީއަށް ހިޔާލަށްވެސް ގެނެވިފައި ނުވާފަދަ ގޮތަކަށެވެ. އޭގެ ކުރިން ފިލުމުތަކުން ފެންނަ އެފަދަ މަންޒަރުތަކަށް އޭނާ ޖޯކު ޖެހިއެވެ. ހަގީގީ ދިރިއުޅުމުގައި އެފަދަ ކަންކަން މުހިއްމު ނުވާނެއޭ ހީކުރިއެވެ. އެހެނަސް، މިއަދު އިޒީގެ އެ ވިސްނުން ބަދަލުވާން ފަށައިފިއެވެ. އިޒީގެ ހިތުގައި އުފަންވި ޖަޒުބާތުތައް އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލަފާނެހެން ހީވިއެވެ. ދެލޯ ބޮޑުކޮށްލިގޮތަށް އިޒީއަށް ހުރެވުނީ ނޭވާ ލާންވެސް ހަނދާން ނުވެފައެވެ. ވަށައިގެން ހިނގަމުންދިޔަ އެއްވެސް ކަމެއް އިޒީއަކަށް ނޭނގުނެވެ. އޭނާއަށް ހަމައެކަނި އިހުސާސް ކުރެވުނީ ޔައިލްގެ ގާތްކަމެވެ. އެ ހަށިގަނޑުގެ ހޫނުކަމެވެ. ދުވަމުންދިޔަ ފިރިހެންވަންތަ ލުއި ސެންޓްގެ ވަސް އިޒީގެ ނޭފަތުގައި ހަރުލާފައި ވިއެވެ.
"ބަލައިގެން..." ޔައިލް މަޑުމަޑުން ބުނި އެ ޖުމުލަ އިޒީގެ ކަންފަތުގައި ބީހުނީ ފިނި ވައިރޯޅިއެއް ފަދައިންނެވެ.
އިޒީގެ ނަޒަރު ހުއްޓިފައިވީ އޭނާގެ އުނަގަނޑުގައި ވަށައިލެވިފައިވާ ޔައިލްގެ ބާރުގަދަ އަތަށެވެ. ޔައިލް ހިފައިގެން ހުރީ އިޒީއަށް ތަދުވާހާ ބާރަކަށް ނޫނެވެ. އެހެނަސް، އެ ދެއަތުގެ ރައްކާތެރިކަން އެހެން ހުރިހާ ކަމަކަށްވުރެ ބާރުގަދަކަން އޭނާއަށް ޔަގީން ވިއެވެ.
ޔައިލް މަޑުމަޑުން އިޒީގެ އުނަގަނޑުން އަތް ދޫކޮށްލިއެވެ. އެހެނަސް، އޭނާ އިޒީ އާއި ދުރަކަށް ނުޖެހެއެވެ. ހަމަހޭވެރިކަންވުމުން، ޔައިލް އާއި ދުރަށްޖެހުނީ އިޒީ އަމިއްލަ އަށެވެ.
"ސޮރީ..." ޔައިލް ދެޖީބަށް އަތް ޖަހައިލީ، އޭނާގެ ބަސްނާހާ އަތް ދެވަނަ ފަހަރަށްވެސް ނުކިޔަމަންތެރިވެދާނެކަމުގެ ބިރަށެވެ.
"އިޓްސް އޯކޭ..." އިޒީ އަވަސް އަވަހަށް ބުނެލިއެވެ.
ކުރިއަށް ހިނގައިގަތްއިރުވެސް ދެމީހުންގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ.
އެހެން ކަމަކަށް ސަމާލުކަންދޭން މަސައްކަތް ކުރި ނަމަވެސް އިޒީއަށް އެކަމެއް ނުވިއެވެ. އޭނާއަށް ސިއްރުން ބެލުނީ ޔައިލްއަށެވެ. ޔައިލްގެ ފަރާތުން ފެންނަ އޯގާތެރި ސިފަތަކަށެވެ. އެތައް އަހަރެއް ވަންދެން އެހެން މީހުންނާއި ވަކި ދުރުމިނެއް ބެހެއްޓި އިޒީއަށް މިއަދު ޔައިލް ވެފައިވަނީ، ރައްކާތެރިކަން އިހުސާސް ކޮށްދޭ މީހަކަށެވެ. ޔައިލް ކައިރީގައި ހުންނަން ހިތް އެދެވެން ފެށިއެވެ.
"މިއަދު ކީއްވެ ތިހާ ސައިލެންޓީ؟..." ދެމީހުންގެ ދެމެދުގައިވި ހިމޭންކަމުން ޔައިލްގެ ހިތަށް އުނދަގޫ ކުރުވިއެވެ. ވަކި ހިސާބަކުން އެ ނުތަނަވަސްކަމުން ދުރުވާން އޭނާ ބޭނުންވިއެވެ.
"އަބަދުވެސް..." ޔައިލްގެ ޖުމުލަ ރަނގަޅުކޮށްލަމުން އިޒީ ބުނެލިއެވެ. "މިއަދު އެކަންޏެއް ނޫން..."
ޔައިލްގެ މޫނަށް ބަލައިލާފައި، އިޒީ އަނެއްކާވެސް މަގަށް ނަޒަރު ހުއްޓައިލިއެވެ.
"ނޫނޭ..." ޔައިލް ދެކޮޅު ހެދިއެވެ. "ކުރިން ތިހާ މަޑުން ނުހުރޭ... އަބަދު ތޮޅޭ ކުއްޖަކަށްވެފަ ހުންނާނީ..."
އިޒީއަށް ބަލައިލެވުނީ ޔައިލްގެ މޫނަށެވެ. ކުރިން ނުފެންނަ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ. ޔައިލް ވާހަކަ ދެއްކި ރާގާއި، އެވަގުތު މޫނުމަތީގެ އަސަރުތައް ހުރިގޮތުން މަޖާވެގެން އިޒީއަށް ހެވުނެވެ. އެ ހިނިތުންވުން ފެނުމުން، ޔައިލް އަޖައިބުވިއެވެ. އަބަދު ނުތަނަވަސްވެފައި ހުންނަ އިޒީގެ ހިނިތުންވުން އެ މޫނާއި ކިހާ ގުޅޭކަން އެކުއްޖާއަށް އެނގޭނެ ނަމައެވެ. ހީލާއިރު ކޮލަށް އެޅިފައިވާ އަޑިކޮޅު، އެ ރީތިކަން އެތައް ގުނައެއް އިތުރުކުރުވައެވެ.
"ދެޓްސް ނިއު..." އިރުކޮޅަކު އިޒީއަށް ބަލަން ހުރެފައި، ޔައިލް ހިނިތުންވެލިއެވެ. "ޔުއަރ ސްމައިލް..."
ކުރެވުނު ކަންތައް އިހުސާސްވުމުން، އިޒީ ވަގުތުން ހިމޭންވިއެވެ. ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ. ޔައިލް ބުނިހެން، ހިނިތުންވެވުނު ދުވަހެއް އޭނާގެ ހަނދާނުގައި ނެތެވެ.
"މީ އާންމު ކަމެއް ނޫން... ޑޯންޓް ގެޓް ޔޫޒްޑް ޓު އިޓް..." އިޒީ އަވަހަށް ބުނެލިއެވެ.
"މާ ލަސްވެއްޖެ..." ޔައިލްއަށް މަޖާވިއެވެ.
އިޒީ އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލީ އޭނާގެ މޫނުމަތީގެ އަސަރުތައް ޔައިލްއަށް ފެންނަން ބޭނުން ނުވާތީއެވެ.
"އިޒީ!..." ވަކި ހިސާބަކަށް ގޮސްފައި، ޔައިލްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ. "އެބަޖެހޭ އެހެން ތަނަކަށް ގޮސްލަން... މިތާ ކައިރި..."
"މިގަޑީ؟..." އިޒީއަށް އަހައިލެވުނެވެ.
"މި ކޭސްއާ ގުޅޭ ކަމެއް..." ޔައިލް ޖަވާބު ދިނެވެ. "އަހަންނަށް ހީވަނީ އިޒީވެސް އެނގެން ބޭނުންވާނެ ކަންނޭނގެ..."
ޔައިލްގެ ރާގު ހުރިގޮތުން އިޒީގެ ޝައުގުވެރިކަން އެކަން އަތުލިއެވެ.
"ކޮން ކަމެއް؟..." އިޒީ އަހައިލިއެވެ.
އިޒީގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޔައިލް އޭނާގެ ޖީބުން ނެގީ ފަތްޖަހާލާފައި އޮތް ކަރުދާސްތަކެކެވެ. އެ ކަރުދާސްތައް އިޒީގެ އަތަށް ދީފައި، ކިޔުމަށް އެދުނެވެ.
ފަހަރަކު ގަނޑެއް ބަލަމުންދިޔައިރު، އިޒީގެ މާބޮޑު ޝައުގުވެރިކަމެއް ނެތެވެ. އެއީ މުދަލަކަށް ގެއްލުން ލިބިގެން އޭގެ އެތައް އަހަރެއް ކުރިން މީހަކު ކޮށްފައިވާ ދައުވާއެކެވެ. ކުއްލިއަކަށް އިޒީގެ ލޮލުގައި އަޅައިގަތް ކަމަކުން، ކުރީގެ ގަނޑުތައް ބަލަން މަޖުބޫރު ކުރުވިއެވެ. އިޒީ ޔަގީންކުރަން ބޭނުންވީ އެންމެ ކަމެކެވެ. އެކަން ޔަގީންވުމުން، އޭނާގެ ދެލޯ ބޮޑުވިއެވެ.
"ތޭރަ އަހަރު ކުރި... ބޮޑުތަކުރުފާނުމަގު... ވާރޭ..." އިޒީ ފަހަރަކު ތަފްސީލެއް ކިޔައިލިއެވެ.
އިތުރު ތަފްސީލް ދޭށޭ ބުނާފަދަ ނަޒަރަކުން އިޒީ ބަލައިލީ ޔައިލް އަށެވެ.
"ތީ ކުރީގެ ކޭސްއެއް... ތޭރަ އަހަރު ކުރީގެ.... އޭރު ހިނގި އެހެން ކޭސްއަކަށް ކަނެކްޓުވާ ކޭސްއެއްވީމަ މި ދެއްކީ....." ޔައިލް ތަފްސީލް ދިނެވެ. އޭނާ ހުރީ އިޒީގެ މޫނުމަތީގެ އަސަރުތަކަށް ވިސްނައިގެންނެވެ.
"ކޮން ކޭސްއެއް؟.." އެ ސުވާލުކުރިއިރު، އިޒީގެ ހިތް ކިހާ ބާރަށް ތެޅުނުކަން އޭނާއަށް އެނގެއެވެ.
"ކުރިން ތި ކޭސްގަ، ހެކިވެރިންގެ މައުލޫމާތު އޮތް... އެކަމަކު، މިހާރު ނެތް..." ޔައިލް އިތުރު ތަފްސީލް ދިނެވެ.
އިޒީއަށް ފެނުނު ރިޕޯޓެކޭ އެއްގޮތަށް އެ ވޭދަނައިގެ ހެކިތައްވެސް ގެއްލުނީއެވެ. ނިޝާންވެސް ބުނީ އެފަދައިންނެވެ. ގެއްލުނީ ހަމައެކަނި ފުލުހުންގެ އިދާރާގައި ހުރި ހެއްކެއް ނޫނެވެ.
"ކީއްވެ މި ކޭސް ތި އިންވެސްޓިގޭޓް ކުރަނީ؟..." ޝައްކުގެ ނަޒަރުން ޔައިލްގެ މޫނަށް ބަލައިލަމުން އިޒީ ސުވާލުކުރިއެވެ.
ވަކި ޖަވާބެއް ނުދީ ޔައިލް އިރުކޮޅަކު ހުއްޓެވެ.
"ކޮންމެވެސް މީހަކު ތި ކޭސްތަކުގެ ހެކި ނައްތާލަން މަސައްކަތް ކުރާތީ..." ޔައިލް ޖަވާބު ދިނެވެ.
ޔައިލްގެ ޖަވާބު އިޒީއަށް ގަބޫލެއް ނުކުރެވުނެވެ.