ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލް މުހިއްމު ރޯލަކުން ފެންނާނެ ފިލްމު "ބަންދަރު"ގެ ޓީޒާ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމު "ބަންދަރު" އަކީ ކުޅަދާނަ ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ޑައިރެކްޓްކޮށްފައިވާ އެކްޝަން ތުރިލާއެކެވެ. މިއީ ބޮބީ އާއި އަނޫރާގް އެކީގައި މަސައްކަތްކުރި ފުރަތަމަ ފިލްމުވެސް މެއެވެ.
އުމުރުން 57 އަހަރުގެ އެކްޓަރާ އެކު "ބަންދަރު"އިން ފެންނާނެ އިތުރު ތަރިންގެތެރޭ، ސާނިއާ މަލްއުތުރާ، ސަޕްނާ ޕައްބީ، ރިތިކް ރޯޝަންގެ ލޯބިވެރިޔާ ސާބާ އާޒާދު، އިންދަރުޖީތު ސުކްމަރަން، ރިދީ ސެން، ޖޯޖޫ ޖޯޖް، ރާން ބީ ޝެޓީ އަދި ޖިތެންދުރަ ޖޯޝީ ހިމެނެއެވެ.

ފިލްމު "ބަންދަރު"ގެ މަންޒަރެއްގައި ބޮބީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މި އަންނަ މަހުގެ ފަސް ވަނަ ދުވަހު ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމު "ބަންދަރު" އަކީ، މިދިޔަ އަހަރުގެ ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ޓީއައިއެފްއެފް)ގައި ވެސް ޕްރީމިއާކޮށްފައިވާ ފިލްމެކެވެ. އެ ފެސްޓިވަލްގައި ފިލްމަށް ލިބުނު ތަރުހީބަށް ރިއާޔަތްކޮށް ސިނަމާތަކުގައި ފިލްމު ރިލީޒްކުރުމާ އެކު ފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އަނޫރާގް ވަނީ ބުނެފައެވެ.
ވަރަށް ތަފާތު މައުޟޫއުތަކަށް ބިނާކޮށް ފިލްމު އުފައްދަން މަޝްހޫރު ޑައިރެކްޓަރު އަނޫރާގް އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ ފެބްރުއަރީ މަހު ޒީ5އިން ޕްރީމިއާކުރި "ކެނެޑީ"އެވެ. ސަނީ ލިއޯން އާއި ރާހުލް ބަޓް މުހިއްމު ރޯލެއް ކުޅެފައިވާ "ކެނެޑީ" އަކީ 2023ގައި 'ކާންސް ފިލްމް ފެސްޓިވަލް'ގައި ޕްރިމިއާކޮށް އޯޑިއަންސްގެ ބޮޑު ތަރުހީބެއް ލިބުނުެ ފިލްމެކެވެ.