އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި 20 ހަފްތާގެ މުސާރަ ދެނީ

އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުން. އެ ގްރޫޕުން ވަނީ 20 ހަފްތާގެ ބޯނަސް މުވައްޒަފުންނަށް ދޭން ނިންމާފައި. ފޮޓޯ/ގަލްފް ނިއުސް

އެމިރޭޓްސް ގްރޫޕުން ވަނީ 2025-2026 ވަނަ މާލީ އަހަރު އެ ކުންފުންޏަށް ލިބުނު ރެކޯޑު ފައިދާއާ ގުޅިގެން، ކުންފުނީގެ މުވައްޒަފުންނަށް 20 ހަފްތާގެ މުސާރަ ބޯނަސްގެ ގޮތުގައި އެއްފަހަރާ ދިނުމަށް ނިންމާފައެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ހާލަތާ ގުޅިގެން ދަތުރުފަތުރުގެ ދާއިރާއަށް ގޮންޖެހުންތަކާ ކުރިމަތިވި ނަމަވެސް، އެމިރޭޓްސް ގްރޫޕުގެ އާމްދަނީ ވަނީ 150.5 ބިލިއަން ދިރްހަމަށް އަރާފައެވެ. މި ބޮޑު ކާމިޔާބީއާ ގުޅިގެން އެމިރޭޓްސް އެއާލައިން އެންޑް ގްރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިޚް އަހުމަދު ބިން ސައީދު އަލް މަކްތޫމް ވަނީ މުވައްޒަފުންގެ ބުރަ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރައްވާފައެވެ. ކޮވިޑް-19 އަށް ފަހު ކުންފުނި ހޯދަމުން އައި ކުރިއެރުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު ދަނީ ހާލަތު ރަނގަޅުވެ ދަތުރުތައް އިތުރުކުރަމުންނެވެ. އެމިރޭޓްސް ގްރޫޕަކީ ދުބާއީގެ އިގްތިސާދަށް ވަރަށް މުހިންމު ހިއްސާއެއް ކުރާ ކުންފުންޏެކެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު 130،919 އަށް އިތުރުވެފައިވާއިރު، މިއީ ދުބާއީގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ދޭ އެއް ކުންފުންޏެވެ.

  • އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުންނަށް 20 ހަފްތާގެ މުސާރަ ބޯނަސްގެ ގޮތުގައި ދިނުން.
  • 2025-2026 ވަނަ މާލީ އަހަރު އެ ކުންފުންޏަށް 150.5 ބިލިއަން ދިރްހަމްގެ އާމްދަނީއެއް ލިބުން.
  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދަތިތަކާ ކުރިމަތިވި ނަމަވެސް ރެކޯޑު ފައިދާއެއް ހޯދުން.
  • ކުންފުނީގެ މުވައްޒަފުންގެ އަދަދު 8 އިންސައްތަ އިތުރުވެ، 130،919 އަށް އެރުން.

އެމިރޭޓްސް ގްރޫޕުން އެ ކުންފުނީގެ މުވައްޒަފުންނަށް 20 ހަފްތާގެ މުސާރަ ބޯނަސްގެ ގޮތުގައި އެއްފަހަރާ ދޭނެކަން އިއުލާނުކޮށްފިއެވެ.

އެގޮތަށް ނިންމީ 2025-2026 ގެ މާލީ އަހަރު ރެކޯޑް އަދަދަކަށް އެ ކުންފުންޏަށް ފައިދާ ވުމާ ގުޅިގެންނެވެ.

މެދުއިރުމަތީގައި މިހާރު އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރާފައި އޮތް ނަމަވެސް ދުބާއީގެ ފްލެގްޝިޕް އެއާލައިނަށް ވަނީ ރެކޯޑު އަދަކަށް އާމްދަނީ ލިބިފައެވެ.

އެމިރޭޓްސް އެއާލައިނާއި އޭވިއޭޝަން ސާވިސަސް އަމް ޑީއެންއޭޓާ އެކު ކާގޯ، ކެޓަރިން، ޓްރެވަލް، އަދި ރީޓެއިލް އޮޕަރޭޝަންތައް ހިމެނޭ ސަބްސިޑަރީ ކުންފުނިތަކުގެ މައްޗަށް އެކުލެވޭ އެމިރޭޓްސް ގްރޫޕަށް ލިބުނު އާމްދަނީ ވަނީ 150.5 ބިލިއަން ދިރްހަމަށް އަރާފައެވެ.

މުވައްޒަފުން ކުރާ ބުރަ މަސައްކަތް ބަލައިގަނެ އެކަމަށް ޝުކުރު އަދާކޮށް އެމިރޭޓްސް އެއާލައިން އެންޑް ގްރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް ޝެއިޚް އަހުމަދު ބިން ސައީދު އަލް މަކްތޫމް ވަނީ މުވައްޒަފުންނަށް ލިޔުމެއް ފޮނުވާފައެވެ.

ކޮވިޑް-19 އަށް ފަހު ވަރުގަދަ ކުރިއެރުމެއް ހޯދަމުން ދިޔަ އެމިރޭޓްސް ގްރޫޕަށް ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުންނެވެ. ހަނގުރާމައިގެ ސަބަބުން ދިމާވި ދަތިތައް ކޮންމެވެސް ވަރަކަށް ހައްލު ލިބި ދަތުރުތައް ވެސް އަންނަނީ މަޑުމަޑުން އިތުރު ކުރަމުންނެވެ.

ދުބާއީގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުނި ކަމަށްވާ އެމިރޭޓްސް ގްރޫޕްގެ މުވައްޒަފުންގެ އަދަދު އަށް ޕަސަންޓަށް އިތުރުވެ، 130،919 މުވައްޒަފުން އަންނަނީ އެ ގްރޫޕްގައި ވަޒީފާ އަދާކުރަމުންނެވެ. މިދިޔަ އަހަރު އެމިރޭޓްސް ގްރޫޕުން ވަނީ ވަޒީފާއަށް އެދި ހުށަހެޅި 3.5 މިލިއަން އެޕްލިކޭޝަންގެ ތެރެއިން 390،000 ކެންޑިޑޭޓުން ޝޯޓްލިސްޓްކޮށް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، ޔޫއޭއީގައި މަސައްކަތް ކުރުމަށް 9،700 އަށް ވުރެ ގިނަ މީހުން ނަގާފައެވެ.

އެ ގްރޫޕްގެ ކުރިއެރުމަކީ ދުބާއީގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޮކްސްޕޯޑު އިކޮނޮމިކްސް އިން 2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވެއެވެ.

comment ކޮމެންޓް