ބަޔާން ބަލިކޮށް ޕީއެސްޖީ ފައިނަލަށް، ތަށި ދިފާއުކުރަން އާސެނަލްއާ ދެކޮޅަށް

މެޗުން މޮޅުވުމާއެކު ޕީއެސްޖީގެ ކުޅުންތެރިން އުފާފާޅުކުރަނީ--

ޔޫރަޕްގެ އެންމެ ޝަރަފުވެރި ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްގެ ޕީއެސްޖީ ޖާގަ ހޯދައިފިއެވެ.

ޕީއެސްޖީ ފައިނަލަށް ދަތުރުކުރީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި 5-4 އިން ޕީއެސްޖީ މޮޅުވެފައި އޮތުމުން، އެ ޓީމަށް ފައިނަލުގެ ޖާގަ ލިބުނީ 6-5 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

ބަޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު މި ފޯރިގަދަ މެޗު ފަށައިގެން ތިންވަނަ މިނިޓުގައި، އޮސްމާން ޑެމްބެލޭ ވަނީ ލަނޑެއް ޖަހައި ޕީއެސްޖީއަށް އުއްމީދު އާކޮށްދީފައެވެ.

މެޗުގެ ބޮޑު ބައިގައި ބަޔާންއިން ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޕީއެސްޖީގެ ކައުންޓަރ އެޓޭކްތައްވެސް ފެނުނީ ވަރަށް ނުރައްކާތެރިކޮށެވެ.

ޚާއްޞަކޮށް ޕީއެސްޖީގެ ޒުވާން ތަރި ޑިޒަޔާ ޑުއޭ ފޮނުވާލި ހަމަލާތައް ހުއްޓުވުމުގައި ބަޔާންގެ ތަޖުރިބާކާރު ކީޕަރު މެނުއެލް ނޯޔާ ވަނީ މުހިންމު ސޭވްތަކެއް ކޮށްފައެވެ.

ބަޔާންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ގޮތުގައި ދެއްކި 4 ވަނަ މިނިޓުގައެވެ.

އަލްފޮންސޯ ޑޭވީސް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އިނގިރޭސި ފޯވާޑް ހެރީ ކޭންއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 55 ވަނަ ލަނޑެވެ. ނަމަވެސް، މި ލަނޑާއެކުވެސް ބަޔާންއަށް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދޭ ގޮތެއް ނުވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅޭ ބޮޑު ފައިނަލުގައި ޕީއެސްޖީ ނުކުންނާނީ އިނގިރޭސި ކްލަބް އާސެނަލްއާ ދެކޮޅަށެވެ.

މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު