ރާއްޖެއަށް ޗައިނީޒް 8 ބޯލް، ސްނޫކާ، ކެރަމް ބިލިއާޑް ތައާރަފްކުރުމުގެ އަމާޒެއް

އެމްޕީބީއޭގެ ތިންވަނަ ދައުރަކަށް އިންތިޚާބުވި އަޙްމަދު ނާސިފް--

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) ގެ ރައީސްކަމުގެ ތިންވަނަ ދައުރާއެކު ރާއްޖެއަށް "ޗައިނީޒް 8 ބޯލް" އާއި، "ސްނޫކާ" އަދި "ކެރަމް ބިލިއާޑް" ތައާރަފްކުރަން ޕްލޭންކޮށްފައިވާ ކަމަށް އަޙްމަދު ނާސިފް ވިދާޅުވެއްޖެއެވެ.

އެމްޕީބީއޭގެ ތިންވަނަ ދައުރަކަށް އަޙްމަދު ނާސިފް އިންތިޚާބުވެވަޑައިގެން، ރާއްޖޭގެ ބިލިއާޑް ކުޅިވަރު އައު އުސްމިންތަކަކަށް ގެންދިއުމުގެ ބޮޑު ތަސައްވަރެއް އޭނާ ގެންގުޅުއްވައެވެ.

ހޮނިހިރު ދުވަހުގެރޭ ބޭއްވުނު އެސޯސިއޭޝަންގެ އިންތިޚާބުގައި ނާސިފް މި މަގާމު ދިފާއުކުރެއްވީ އެސޯސިއޭޝަނުގައި ހިމެނޭ މެމްބަރުންގެ 90 އިންސައްތަ ބޮޑު ތާއީދަކާއެކުގައެވެ.

މި އިންތިޚާބުގައި ނާސިފްގެ ނައިބަކަށް އަޙްމަދު މާހިދު ހޮވިވަޑައިގެންފައިވާއިރު، ހަޒާންދާރުގެ މަގާމަށް ފާތުމަތު ރައުފާ މުހައްމަދު ހާފިޒް ވަނީ އިންތިޚާބުވެފައެވެ. އަދި ހިންގާ ކޮމިޓީގައި ބިލިއާޑްގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ފަގީހާ އިބްރާހިމާއި، އަލީ ޝާވިން އަދި ޔޫސުފް ޒުބޭރު ހިމެނިވަޑައިގަތުމަކީ ކުޅިވަރުގެ ފަންނީ ކުރިއެރުމަށް ލިބުނު ބޮޑު ބާރެކެވެ.

އަލަށް އިންތިޚާބުވި ލީޑާޝިޕްގެ މެމްބަރުން--

ނާސިފްގެ ލީޑަޝިޕްގެ ދަށުން ވޭތުވެދިޔަ ދެ ދައުރަކީ ދިވެހި ބިލިއާޑަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް އައި ދުވަސްވަރެކެވެ. އޭނާ ފުރަތަމަ މަގާމާ ހަވާލުވިއިރު އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައި ހުރީ އެންމެ ހަތަރު ބިލިއާޑް މޭޒު ނަމަވެސް، މިދިޔަ ދެ ދައުރުގެ ތެރޭގައި އެ އަދަދު ވަނީ 18 އަށް އިތުރުކޮށްފައެވެ.

މި ކުރިއެރުމާއެކު، 2022 އަދި 2023 ވަނަ އަހަރު ރާއްޖޭގައި ބައިނަލްއަގުވާމީ ދެ މުބާރާތެއް ކާމިޔާބުކަމާއެކު ބާއްވައި، ރާއްޖެއަކީ "ސްޕޯޓްސް ޓޫރިޒަމް" ގެ މުހިންމު މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން، ޔޫތު އެކަޑަމީތައް ރަޖިސްޓްރީކޮށް، އަންހެން ކުޅުންތެރިންނަށް ކުޅިވަރުގެ ތެރެއިން ފުރުސަތުތައް ފަހިކޮށްދިނުމަކީ ނާސިފްގެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެވެ.

ކުރިއަށް އޮތް ހަތަރު އަހަރުގެ އައު ދައުރަށް އެކުލަވާލާފައިވާ މެނިފެސްޓޯގެ އެންމެ މުހިންމު އެއް ތަނބަކީ "ކިއު ސްޕޯޓްސް" ގެ ތިން ޑިސިޕްލިންއެއް ރާއްޖެއަށް އަލަށް ތައާރަފްކުރުމެވެ.

އެއީ ދުނިޔޭގެ މަގުބޫލުކަން ހޯދަމުން އަންނަ "ޗައިނީޒް 8 ބޯލް" އާއި، ސާކް ސަރަހައްދުގައި ނުހަނު ކުރިއަރާފައިވާ "ސްނޫކާ" އަދި "ކެރަމް ބިލިއާޑް" އެވެ.

"ސަން" އާއި ވާހަކަދައްކަވަމުން ނާސިފް ވިދާޅުވީ މި އައު ބާވަތްތައް ތައާރަފްކުރުމުން ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ އިތުރު ދޮރުތަކެއް ހުޅުވި، ރާއްޖޭގެ ބިލިއާޑްގެ ފެންވަރު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

އައު ދައުރުގެ ޕްލޭންތަކުގެ ތެރޭގައި ކުޅިވަރު އިތުރަށް ފުޅާކުރުމަށްޓަކައި ސްކޫލް ކުދިންނާއި ރިސޯޓް މުވައްޒަފުންނަށް ޚާއްސަ މުބާރާތްތައް ބޭއްވުން ހިމެނެއެވެ. މީގެ ބޭނުމަކީ އައު ޖީލެއް ބިލިއާޑަށް އަހުލުވެރިކުރުވައި، މި ކުޅިވަރަކީ އިންޑިވިޖުއަލް ކުޅިވަރެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ފުރުސަތުތަކެއް އޮތް ދާއިރާއެއްކަން ކުޅުންތެރިންނަށް ބުނެދިނުމެވެ.

އަދި އެންމެ ބޮޑު އުންމީދަކީ ސަރުކާރުގެ އެއްބާރުލުމާއެކު ހުޅުމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ބިލިއާޑް އެރީނާއެއް ގާއިމުކުރުމެވެ. މި އެރީނާއާއެކު ކުޅުންތެރިންގެ ތަމްރީނުތައް ވަރުގަދަވެ، ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރަށްވުރެ މަތީ ދަރަޖައަކަށް ގެންދިއުމަކީ ނާސިފާއި އޭގެ ޓީމުގެ މައިގަނޑު އަމާޒެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު