ބައިލައްކަ ރުފިޔާގެ އިނާމާއެކު އެސްޓީއޯ ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕް މާދަމާ ފަށަނީ

ކާސަލް ޗެސް ކުލަބާއި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ "އެސްޓީއޯ ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕް 2026 ފެށުމަށް ތައްޔާރުވެއްޖެއެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޗެސް އާކޭޑްގަ މި މުބާރާތް ކުރިއަށްދާނީ މެއި 7-9 ގެ ނިޔަލަށެވެ. މެޗުތައް ކުރިއަށްދާނީ ކޮންމެ ރެއަކު 7:00 އިން ފެށިގެންނެވެ.

ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕަކީ، މޯލްޑިވްސް ޗެސް އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބާއްވާ "10 އޮން 10" ރެޕިޑް ޗެސް މުބާރާތެކެވެ.

މުބާރާތުގެ މެޗުތައް ކުޅެމުންގެންދާނީ، ކޮންމެ ކުލަބެއް ކޮންމެ ކުލަބަކާއި ކުޅެންޖެހޭގޮތަށް ހަތް ބުރަށެވެ. މި މުބާރާތުގައި އެކި ކުލަބުތަކުން ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވާދަކުރާނެއެވެ.

ޗެމްޕިއަންޓީމަށް 50،000ރ. (ފަންސާސްހާސް ރުފިޔާ) އަދި ދެވަނައަށްދާ ޓީމަށް 10،000ރ. (ދިހަހާސް ރުފިޔާ) ކަނޑައެޅިފައިވާއިރު، މުޅި މުބާރާތުގެ އެންމެ ގިނަ ޕޮއިންޓު ހޯދާ ކުޅުންތެރިންނާއި، އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަދި މުބާރާތުގައި ޕޮއިންޓެއް ހޯދާ އެންމެ ހަގު ކުޅުންތެރިޔާ ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

2019 ވަނަ އަހަރުވެސް ކާސަލް ޗެސް ކުލަބުންވަނީ 10 ބޯޑުގައި ކުޅޭގޮތަށް ރެޕިޑް ޗެސް މުބާރާތެއް ބާއްވާފައެވެ. އެ މުބާރާތުގައި ބައިވެރިވެފައިވަނީ ހަތަރު ކުލަބަކުންނެވެ.

ނަމަވެސް މި އަހަރުގެ މުބާރާތުގައި ހަތް ކުލަބަކުން ބައިވެރިވެފައިވުމުން، މި އަހަރުގެ މުބާރާތަކީ، ވާދަވެރި އަދި އެހާމެ ފޯރިގަދަ މުބާރާތަކަށް ވެގެންދާނެއެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ކުލަބުތަކަކީ:

  • ކުލަބު ޑަބަލް އެއިޓް
  • ކުލަބު ޗެކްމޭޓް
  • ކާސަލް ޗެސް ކުލަބު އެންޑް އެކެޑަމީ
  • ޒުގްޒުވާންގ ޗެސް ކުލަބު
  • މޯލްޑިވްސް ޗެސް ކުލަބު
  • ޖީނިއަސް ޗެސް އެކެޑަމީ
  • ޕާސް ޕޯން ޗެސް ކުލަބު އެންޑް އެކެޑަމީ

ރާޒުވާއަކީ، ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި، ވަރަށްފޯރިއާއެކު ކުޅެމުންގެންދާ ބައިނަލްއަޤުވާމީ ކުޅިވަރެކެވެ. ނަމަވެސް މިފަދަ ބައިނަލްއަޤުވާމީ އެހެން ކުޅިވަރުތަކާއި ޚިލާފަށް ރާޒުވާއަކީ، ދިވެހިވަންތަ އަދި އިހުޒަމާނުއްސުރެ ރާއްޖޭގައި ކުޅެވެމުންއަންނަ ޒަމާންވީ ކުޅިވަރެކެވެ.

މި ކުޅިވަރުގެ ޚާއްޞަ ނަމުގެ އިތުރުން، މި ކުޅިވަރުގައި ބޭނުންކުރާ ހުރިހާ ކުޅިތަކަށާއި އަދި ކުޅިވަރު ކުޅުމުގައި ބޭނުންކުރާ އެކި އުކުޅުތަކަށް ޚާއްޞަ ދިވެހިބަސް އުފެދިފައިވާކަމީ މިކަމުގެ ސާފު ހެއްކެކެވެ.

ރާޒުވާއަކީ، ހުރިހާ ޢުމުރުފުރާއަކަށްވެސްފެތޭ، ސިކުނޑި ތާޒާކޮށްލާ، އަދި ތޫނުފިލިކަން އިތުރުކޮށްދޭ ކުޅިވަރެއްގެގޮތުގައި ފާހަގަކޮށްލެވޭ ކުޅިވަރެކެވެ.

ރާއްޖޭގައިވެސް މިކުޅިވަރު އާލާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިފަދަ ހަރަކާތްތަށް ކުންފުނިތަކުން ޚާއްޞަ އަހަންމިއްޔަތެއްދީގެން ސްޕޮންސަކުރެއެވެ.

މި ފަހަރުގެ "ބޮޑުރިޔާ ޗެސް ޗެމްޕިއަންޝިޕް 2026" ގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އެސްޓީއޯ އަކީ، ރާއްޖޭގެ އިޖުތިމާއީ މިފަދަ ކަންކަމުގައި ބައިވެރިވުން ބޮޑު ކުންފުންޏެކެވެ.

މި މުބާރާތުގެ މެޗްތައް ޔޫޓިއުބް އަދި ކާސަލްޗެސްކުލަބް.ކޮމް އިން ލައިވް ކުރަމުން ގެންދާނެ އެވެ.

މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރުގެ ގޮތުގައި ސަން އޮންލައިން މަސައްކަތްކުރަމުންދާއިރު އެސޯސިއޭޓް ޕާޓްނަރުންނަކީ، ޔަމޯ، އޯކިޑްސް އޯރާ، އިންކެޑް އަދި ގިޒްމޯއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު