އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕުގައި ބައިވެރިވާން މުޅި ރާއްޖެއަށް ހުޅުވާލަނީ

ރާއްޖެ ހޯދި ފުޓްސަލް ޓްރޮފީއާއެކު އެފްއޭއެމްގެ ރައީސް ޓޮމް، އަދި ގައުމީ ޓީމުގެ ކުޅުންތެރިން--

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ރާއްޖޭގެ ފުޓްސަލްގެ ކުރިމަގަށް އަމާޒުކޮށް، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބޮޑު ފުޓްސަލް ޗެމްޕިއަންޝިޕެއް ބޭއްވުމަށް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތާރިޤް (ޓޮމް) ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކުރެއްވި ގޮތުގައި، މި މުބާރާތުގެ ރަޖިސްޓްރޭޝަން އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލާނެއެވެ.

މިއީ އެފްއޭއެމްގެ ތާރީޚުގައި ވެސް މިހާ ފުޅާދާއިރާއެއްގައި އަތޮޅުތަކަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތް ކަމަށްވާއިރު، މުބާރާތް ރޭވިފައިވަނީ ރާއްޖޭގެ ފުޓްބޯޅަ އޮނިގަނޑާ އެއްގޮތަށް މައިގަނޑު ހަތަރު ރީޖަނަކަށް ބަހާލައިގެންނެވެ.

މި މުބާރާތުގެ ގްރޫޕްތައް ބަހާލާފައިވާ ގޮތަށް ބަލާއިރު، ނޯތު ރީޖަންގައި ހިމެނެނީ ހއ. އަތޮޅުން ފެށިގެން ޅ. އަތޮޅާ ހަމައަށް ހުރި އަތޮޅުތަކާއި ކުޅުދުއްފުށި ސިޓީއެވެ. ސެންޓްރަލް ރީޖަންގައި ކ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހިމެނޭއިރު، ސައުތު ރީޖަންގައި ހިމެނެނީ ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ހުރި ސަރަހައްދުތަކެވެ.

މީގެ އިތުރުން މާލެ ރީޖަން ޚާއްސަކޮށްފައިވަނީ މާލޭގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ކްލަބްތަކަށެވެ. މި އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކުޅުންތެރިއަކަށް ވެސް ގައުމީ ފެންވަރުގައި ހުނަރު ދައްކާލުމުގެ ހަމަހަމަ ފުރުސަތެއް ލިބިގެންދާނެއެވެ.

އެފްއޭއެމްގެ މި ނިންމުމަކީ ހަމައެކަނި މުބާރާތެއް ބޭއްވުމުގެ ބޭނުމުގައި ނިންމި ނިންމުމެއް ނޫނެވެ.

ރައީސް ތޯރިގު ވިދާޅުވި ގޮތުގައި މި މުބާރާތުގެ އެންމެ ބޮޑު މަގުސަދަކީ ޒުވާން ހުނަރުވެރި ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންނަށް ގައުމީ ފުޓްސަލް ޓީމުން ފުރުސަތު ހޯދައިދިނުމެވެ. އަދި އަމާޒަކީ ވަރުގަދަ ޓީމެއް އެކުލަވާލައި، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު