ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ރާއްޖޭގެ އަމިއްލަ ކުންފުނިތަކާއި އޮފީސްތަކަށް ހުޅުވާލައިގެން ބާއްވާ "ސެކްޓާ ލީގު" ފުޓްސަލް މުބާރާތުގެ ފޯރި މިއަހަރު ބޮޑުތަނުން ގަދަވެ، ބައިވެރިވި ޓީމުތަކުގެ އަދަދު އިތުރުވެއްޖެއެވެ.
''ސަން'' އާއި މައުލޫމާތު ހިއްސާކުރައްވަމުން މުބާރާތް ބާއްވާ ކުލަބް މޯލްޑިވްސްއިން ބުނީ ޕްރައިވެޓް ސެކްޓާއަށް ބާއްވާ މި މުބާރާތުގައި މިހާތަނަށް 19 ޓީމު ބައިވެރިވެފައިވާ ކަމަށެވެ.
މިއީ މިދިޔަ އަހަރު މި މުބާރާތް އަލަށް ފެށިއިރު ބައިވެރިވި 15 ޓީމާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ފުރަތަމަ މުބާރާތަކީ ރާއްޖޭގައި ޕްރައިވެޓް ސެކްޓާއަށް ޚާއްސަކޮށްގެން ބޭއްވި މިފަދަ ފުރަތަމަ މުބާރާތެވެ.
މިއަހަރުގެ ސެކްޓާ ލީގު ބޭއްވުމަށް ރާވާފައިވަނީ ޖުމްލަ 20 ޓީމާއެކުއެވެ. އެއީ 20 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ޖުމްލަ 37 މެޗު ކުޅެފައިވާއިރު، އެ މުބާރާތުގެ ތަށި އުފުލާލާފައިވަނީ އެރީނާ ހޮޓެލްސް އިންނެވެ. ފައިނަލްގައި އެރީނާ ހޮޓެލްސްއާ ވާދަކޮށް ރަނަރަޕްގެ މަގާމު ހޯދީ ދި ހޯކްސް އެވެ.
ކްލަބް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލާފައެވެ.
މިއަހަރުގެ ސެކްޓާ ލީގު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ޖުލައި 21 އިން އޯގަސްޓް 17 ގެ ނިޔަލަށެވެ.
ކްލަބް މޯލްޑިވްސްގެ މިއަހަރުގެ ފުޓްސަލް ސީޒަންގެ ކަލަންޑަރަށް ބަލާއިރު، ޖުމްލަ ހަތް މުބާރާތެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. ސީޒަން ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ބާއްވާ "ކިންގްސް ކަޕް" އިންނެވެ.
މުޅި ފުޓްސަލް ސީޒަން ނިންމާލާ މުބާރާތަކަށް ސެކްޓާ ލީގު ހަމަޖައްސާފައިވާއިރު، މިއަހަރު މުޅިން އަލަށް "ކިޑްސަލް" ގެ ނަމުގައި އެކަޑަމީތަކަށް އަމާޒުކޮށްގެން މުބާރާތެއް ބާއްވަން ނިންމާފައިވާކަން އެއީ މިފަހަރުގެ ސީޒަނަށް ލިބޭނެ އިތުރު ފުރިހަމަކަމެކެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ދިގު މުއްދަތަކަށް ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ ކްލަބް މޯލްޑިވްސް އިން "ކްލަބް މޯލްޑިވްސް ކަޕް" ބާއްވަމުން އަންނަތާ މިހާރު 21 އަހަރު ވެފައިވެއެވެ.
ސަރުކާރުގެ ކުންފުނިތަކާއި އޮފީސްތަކުގެ މެދުގައި ބާއްވާ މި ޝަރަފުވެރި މުބާރާތުގެ އިތުރުން، ސެކްޓާ ލީގު ފަދަ އަމިއްލަ ކުންފުނިތަކަށް އަމާޒުކުރާ މުބާރާތްތަކުގެ ސަބަބުން ރާއްޖޭގެ ފުޓްސަލްގެ ފޯރި އަންނަނީ ދުވަހުން ދުވަހަށް ގަދަވަމުންނެވެ.
ކްލަބް މޯލްޑިވްސްގެ އަމާޒަކީ މިއަހަރުގެ ހުރިހާ މުބާރާތެއްވެސް ކާމިޔާބުކަމާއެކު ނިންމާލައި، ގިނަ މުވައްޒަފުންތަކަކަށް ކުޅިވަރުގެ ތެރެއިން އެކުވެރިކަން އާލާކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެޗްޑީސީ، އާރުޑީސީ، އެސްޓީއޯ، އެމްއެމް ސްޕޯޓްސް، ހޯކްސް އަދި ލިއޯ އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ސަން ސިޔާމް މީޑިއާއެވެ. މީގެއިތުރުން މުބާރާތުގެ މެޗުތައް އައިސް ނެޓްވޯކް، އެމްއެމް ޓީވީންވެސް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
އޮފިޝަލް ބޯލް ޕާޓްނަރަކީ މާކީ އެމްވީއެވެ. ޓެކްނޮލޮޖީ ޕާޓްނަރަކަށް ދިރާގު ހަމަޖެހިފައިވާއިރު، އިންޖިނިއަރިން ޕާޓްނަރަކީ ސެންޓިލިއަން މޯލްޑިވްސްއެވެ. އޮފިޝަލް ފޮޓޯގްރާފް ޕާޓްނަރަކަށް ފޮޓޯ މާސްޓާ ހަމަޖެހިފައިވާއިރު، ޕްރިންޓިން ޕާޓްނަރަކީ ދި ޕްރިންޓް އެވެ.
މުބާރާތުގެ މެޗުތައް ސަން ޕްލޭ މެދުވެރިކޮށް ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.