ޗެޓްޖީޕީޓީގެ އާ މޮޑެލް "ޖީޕީޓީ-5.5 އިންސްޓަންޓް" ނެރެފި

މިއީ ކުރީގެ މޮޑެލްއެކޭ އެއްފަދައިން އަވަސް މިނުގައި ޖަވާބު ދިނުމުގެ ގާބިލްކަން ހުރި މޮޑެލެއް --- ފޮޓޯ: އޭއައި

އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގެ ރަސްގެފާނު އޯޕަންއޭއައި ކުންފުނިން، ޗެޓްޖީޕީޓީގައި މިހާރު ބޭނުންކުރާ ޑީފޯލްޓް މޮޑެލްގެ ބަދަލުގައި "ޖީޕީޓީ-5.5 އިންސްޓަންޓް" ނަމަކަށް ކިޔާ އާ ފައުންޑޭޝަން މޮޑެލްއެއް އާންމުކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ނެރުނު މި މޮޑެލްއަކީ ކުރިން ބޭނުންކުރަމުން އައި ޖީޕީޓީ-5.3 އިންސްޓަންޓްގެ ބަދަލުގައި ބޭނުންކުރަން ފެށި މޮޑެލްއެކެވެ.

މި އާ މޮޑެލްއާ ގުޅޭގޮތުން އޯޕަންއޭއައި އިން ހާމަކުރި ގޮތުގައި، މިއީ ކުރީގެ މޮޑެލްއެކޭ އެއްފަދައިން އަވަސް މިނުގައި ޖަވާބު ދިނުމުގެ ގާބިލްކަން ހުރި ނަމަވެސް، ގާނޫނީ، ސިއްހީ އަދި މާލީ ދާއިރާ ފަދަ ނާޒުކު މައުލޫމާތުތަކުގައި ދޮގު މައުލޫމާތު ނުވަތަ "ހެލޫސިނޭޝަން" އުފައްދާ މިންވަރު ބޮޑުތަނުން މަދުކޮށްދޭނެ މޮޑެލްއެކެވެ.

މިދިޔަ މަހު ނެރުނު ޖީޕީޓީ-5.5 ސީރީޒްގެ މި އާ މޮޑެލްއަކީ ކޯޑިންގް އާއި އެކި ކަހަލަ އިލްމީ މަސައްކަތްތަކަށް ހާއްސަ ކުރިއެރުންތަކެއް ލިބިފައިވާ މޮޑެލްއެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ހިސާބު އިލްމުގެ އޭއައިއެމްއީ 2025 ޓެސްޓުން މި މޮޑެލް ވަނީ 81.2 ޕަސެންޓް މާކްސް ހޯދާފައެވެ. މިއީ ކުރީގެ މޮޑެލްއަށް ލިބުނު 65.4 ޕަސެންޓާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ.

މި އަޕްޑޭޓާއެކު އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ މައުލޫމާތު މެނޭޖްކުރުމަށް ގެނައި ބަދަލެވެ. އެގޮތުން ޕްލަސް އަދި ޕްރޯ ޔޫޒަރުންނަށް، އެމީހުން ކުރިން ކޮށްފައިވާ މުއާމަލާތްތަކާއި، ފައިލްތަކާއި އަދި ޖީމެއިލްއަށް ރިއާޔަތްކޮށް މައުލޫމާތު ހޯދައި، ވަކިވަކި ފަރުދުންނާ ގުޅޭގޮތަށް ޖަވާބު ދިނުމުގެ ގާބިލްކަން މި މޮޑެލްއަށް ލިބިގެންވެއެވެ.

މި ފީޗާ މިހާރު ވެބް ސައިޓުން ލިބެން ހުރިއިރު، ކުރިއަށް އޮތް ހަފްތާތަކުގައި މޯބައިލް އެޕްލިކޭޝަނަށާއި ހިލޭ ބޭނުންކުރާ ފަރާތްތަކަށް ވެސް މި ހިދުމަތް ލިބޭނެއެވެ.

މީގެ އިތުރުން، ޗެޓްޖީޕީޓީން ދޭ ޖަވާބުތައް ނަގާފައިވާ މަސްދަރުތައް ނުވަތަ "މެމޯރީ ސޯސް" ތައް ވެސް މިހާރު ޔޫޒަރުންނަށް ބަލައިލެވޭނެއެވެ. އަދި ބާގަނޑުތަކެއް ހުރި ނުވަތަ ނުބައި މައުލޫމާތެއް ހުރި މަސްދަރުތައް އުނިކުރުމުގެ ނުވަތަ އިސްލާހުކުރުމުގެ ބާރު ވެސް ބޭނުންކުރާ ފަރާތަށް ލިބިގެންވެއެވެ. އަދި މީހަކާ ޗެޓެއް ހިއްސާކުރި ނަމަވެސް، މި މަސްދަރުތައް އެހެން މީހުންނަށް ނުފެންނާނެ ކަމުގެ ޔަގީންކަން އޯޕަންއޭއައި އިން ވަނީ ދީފައެވެ.

މި ބަދަލާއެކު ކުރީގެ މޮޑެލްތައް އުނިކުރަމުންދާތީ ބައެއް ޔޫޒަރުންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް، މިއަހަރުގެ ފެބްރުއަރީ މަހު އުނިކުރި ޖީޕީޓީ-4އޯ މޮޑެލްއަކީ ގިނަ ބަޔަކު ވަރަށް ގަޔާވި "ޝަހުސިއްޔަތެއް" ހުރި މޮޑެލްއަކަށް ވުމުން، އެ މޮޑެލް އުނި ނުކުރުމަށް އެދި ބައެއް ފަރާތްތަކުން ޕެޓިޝަންގައި ސޮއިވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް، އާ އީޖާދުތަކާއެކު އޯޕަންއޭއައި އިން ދަނީ މޮޑެލްތައް އަޕްގްރޭޑް ކުރަމުންނެވެ.

comment ކޮމެންޓް