ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިޔާ އަދި ބަތަލާ މަލައިކާ އަރޯރާގެ ދަރިފުޅު އަރްހާން ޚާން ކައިވެނި ކުރަން ބޭނުންނުވާ ކަމަށް މަލައިކާ ބުނެފިއެވެ.
މަލައިކާ ދީފައިވާ އެކި އިންޓަވިއުތަކެއްގައި، އޭނާގެ ދަރިފުޅު އަރުހާން ކައިވެނި ނުކުރުމަށާއި ކުދިން ނުހޯދުމަށް ނިންމާފައިވާކަން ވަނީ ހާމަކޮށްފައެވެ.
އަރުހާން އޭނާގެ މަންމަ ގާތު ބުނެފައި ވަނީ، މުސްތަޤުބަލުގައި މާމަ ކުދިން ލިބޭނެ ކަމުގެ އުންމީދު ކަނޑާލުމަށެވެ. އޭނާ މިފަދައިން ނިންމީ، ވައިގެ ނުސާފުކަން އިންތިހާއަށް ބޮޑުވެފައިވާ މިފަދަ ނުރައްކާތެރި ދުނިޔެއަކަށް ކުދިން އުފަންކުރަން ބޭނުންނުވާތީ ކަމަށް މަލައިކާ ވަނީ ބުނެފައެވެ.
ދަރިފުޅުގެ މި ވާހަކަތަކުން މަލައިކާއަށް ބޮޑު ހައިރާންކަމެއް ލިބުނު ނަމަވެސް، އޭނާ ވަނީ ދަރިފުޅުގެ ވިސްނުމަށް އިޙްތިރާމްކޮށް، ދިރިއުޅުމުގެ ތަޖުރިބާތައް ހޯދުމަށް ހިތްވަރުދީފައެވެ.

މަލައިކާ ދަރިފުޅު އަރްހާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، މަލައިކާ އާއި އަރުހާންގެ ދެމެދުގައި އޮންނަނީ މައިވަންތަކަމުގެ ގުޅުމަށްވުރެ ބޮޑަށް ގާތް އަދި ރަހްމަތްތެރި ކަމުގެ ގުޅުމެއް ކަމަށް މަލައިކާ ވަނީ ބުނެފައެވެ.
އަރުހާންގެ ފަރާތުން އާ ޖީލުގެ ވިސްނުންތަކާއި ދިރިއުޅުމުގެ އާ އުސޫލުތައް ދަސްވާ ކަމަށް މަލައިކާ ވަނީ ފާހަގަކޮށްފައެވެ. އަރުހާންގެ ބައްޕަ އެކްޓަރު އަދި ފިލްމު ޕްރޮޑިއުސަރު، އަރްބާޒް ޚާންއާ ވަކިވި ފަހުން، މަލައިކާ އާއި ދަރިފުޅުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.
ކައިވެންޏާއި ކުދިން ހޯދުމާ މެދު އަރުހާން ގެންގުޅޭ ހަރުދަނާ ވިސްނުމަކީ، ތިމާވެށީގެ ކަންބޮޑުވުންތައް ހުރި އޭނާގެ އުމުރުގެ އެހެން ޒުވާނުންގެ މެދުގައި ވެސް މަޤުބޫލު ވިސްނުމަކަށް ވެދާނެއެވެ.
ނަމަވެސް ޚިޔާލަކީ ބަދަލުވަމުންދާ އެއްޗެއް ކަމަށާއި އަރްހާން ޒަވާޖީ ހަޔާތެއް ފެށުމާ މެދު ދެކޭގޮތް ކުރިމަގުގައި ބަދަލުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މަލައިކާ ވަނީ ބުނެފައެވެ.