މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި އިންޑިއާގެ ތާރީޚީ ރަސްކަމެއްގެ ވާހަކައެއް ކިޔައިދިން ފިލްމު "ރާޖާ ޝިވާޖީ" އަކީ، އެ ފިލްމުގެ ލީޑް އެކްޓަރު ރިތޭޝް ދޭޝްމުކްގެ ކެރިއަރުގެ އެންމެ ފުރިހަމަ މަސައްކަތް ކަމަށް ފިލްމު ކްރިޓިކް ތަރަން އަދާރްޝް ބުނެފިއެވެ.
މި ފިލްމަށް ތަރަން 4.5 ތަރީގެ ރޭޓިންގްއެއް ދީފައިވާއިރު، މިއީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖަށް އެރުވި ވަރަށް ފުރިހަމަ އިހުތިރާމެއް ކަމަށް ތަރަން ވަނީ ސިފަކޮށްފައެވެ. އަދި ހަމަ އެއާއެކު ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ރިތޭޝްކޮށްފައިވާ މަސައްކަތަކީ ވެސް އާދަޔާ ޚިލާފު މޮޅު މަސައްްކަތެއްގެ ގޮތުގައި ތަރަން ވަނީ ސިފަކޮށްފައެވެ.
"ފިލްމު "ރާޖާ ޝިވާޖީ" އަކީ ޗަތުރަޕަތީ ޝިވާޖީ މަހާރާޖުގެ ހިތްވަރާއި، ކެރުމާއި، ދުރުވިސްނުމަށް ސިނަމާގެ ޒަރީއާއިން ކުރެވޭ ވަރަށް ބޮޑު އިހުތިރާމެއް. މިއީ ފަހުރާއި ގައުމީ ލޯބީގެ ޝުއޫރުތަކުން ފުރިގެންވާ، ހިތްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެ ފަދަ ވާހަކައެއް" އަދާރްޝް ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ރިވިއުގައި ލިޔެފައިވެއެވެ.
މިފަދަ މުހިންމު ތާރީޚީ ވާހަކައެއް ފިލްމެއްގެ ގޮތުގައި ގެނެސްދިނުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ރިތޭޝް ވަނީ ވަރަށް ކެރިގެން އަދި ޔަގީންކަމާއެކު މިކަން ކާމިޔާބުކޮށްފައި ކަމަށް ތަރަން ބުނެފައިވެއެވެ.

ފިލްމު "ރާޖާ ޝިވާޖީ"ގެ މުހިއްމު ތަރިން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/އެމްއެސްއެން
ރިވިއު ނިންމާލަމުން ތަރަން ބުނީ، ފިލްމު "ރާޖާ ޝިވާޖީ" އަކީ ސިނަމާގެ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. މިއީ ބަލާ މީހާ ފަހުރުވެރިކޮށްދޭ، އަދި ހިތްވަރު ލިބިދޭނެ ފިލްމެއް ކަމަށާއި މިއީ އިންޑިއާގެ ތާރީޚަށް ޝައުގުވެރިކަން ހުރި ކޮންމެ މީހަކުވެސް ބަލާލުން މުހިންމު ފިލްމެއް ކަމަށް ތަރަން ވަނީ ބުނެފައެވެ.
މި ތާރީޚީ ފިލްމުން ދައްކުވައިދެނީ މަރާތާގެ ވެރިޔާ ޝިވާޖީގެ ޒުވާން ދުވަސްވަރާއި، 'ސްވަރާޖްޔަ' (އަމިއްލަ މިނިވަން ދައުލަތެއް) އުފެއްދުމަށް އޭނާ ކުރި މަސައްކަތާއި، އޭރުގެ ބާރުގަދަ ފަރާތްތަކާ ދެކޮޅަށް ކުރި ހަނގުރާމަތަކެވެ.
ޗަތުރަޕަތީ ޝިވާޖީ މަހާރާޖަކީ އިންޑިއާގެ ހުޅަނގު ސަރަހައްދުގައި މަރާތާ އެމްޕަޔަރު ބިނާކުރި ވަރުގަދަ ޝަހްސިއްޔަތެކެވެ. އޭނާ ވަނީ ޑެކަން ސަލްޓަނޭޓްތަކާއި މުގާލް އެމްޕަޔަރާ ދެކޮޅަށް ހަނގުރާމަކޮށް، އަމިއްލަ މިނިވަން ރަސްކަމެއް ގާއިމުކޮށްފައެވެ.
އެގޮތުން 1663 ވަނަ އަހަރު ޕޫނޭގައި މުގާލް ޖެނެރަލް ޝާއިސްތާ ޚާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާއެއް ދީ، އެ ސަރަހައްދުގައި މުގާލުންގެ ބާރު ކަނޑުވާލިއެވެ. އަދި 1664 ވަނަ އަހަރު މުގާލުންގެ މުހިންމު ބަނދަރެއް ކަމަށްވާ ސޫރަތަށް ހަމަލާދީ، އެމީހުންގެ ވިޔާފާރިއަށް ބޮޑެތި ގެއްލުންތަކެއް ދިނެވެ.
ޖިއޯ ސްޓޫޑިއޯސް އާއި މުމްބާއީ ފިލްމް ކޮމްޕެނީގެ ދަށުން ޖިއޯތީ ދޭޝްޕާންޑޭ އާއި ޖެނީލިއާ ދޭޝްމުކް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގެ މުހިއްމު ރޯލްތަކުން ސަންޖޭ ދަތު، އަބީޝޭކް ބައްޗަން، ވިދްޔާ ބާލަން، ބާގްޔަޝްރީ، މަހޭޝް މަންޖްރޭކަރު، ޖެނީލިއާ ދޭޝްމުކް، ފަރުދީން ޚާން އަދި ބޮމަން އިރާނީ ފެންނާނެއެވެ.