މެންޗެސްޓަރ ޔުނައިޓެޑް އަތުން 3-2 އިން ބަލިވި މެޗަށްފަހު، ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް، ވީއޭއާރްގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކޮށްފިއެވެ.
މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ބެންޖަމިން ސެސްކޯ ޖެހި ލަނޑަކީ އަތުގައި ބޯޅަ ޖެހިފައިވާ ލަނޑެއް ކަމަށް ލިވަޕޫލުން ވަކާލާތުކުރި ނަމަވެސް، ވީއޭއާރުން ނިންމީ އެއީ ސައްހަ ލަނޑެއް ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މޭޒުމަތީގައި އަތުން ޖަހަމުން ސްލޮޓް ބުނީ، މި ސީޒަނުގައި ވީއޭއާރްގެ ކޮންމެ ނިންމުމެއް ލިވަޕޫލާ ދެކޮޅަށް ދިއުމަކީ މިހާރު އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫން ކަމަށާއި، މިއީ މުޅި ސީޒަނުގައި ފެންނަމުންދާ އާދައެއް ކަމަށެވެ.
ނަމަވެސް ސްލޮޓް ގަބޫލުކުރާ ގޮތުގައި ލިވަޕޫލް ބަލިވީ ހަމައެކަނި ރެފްރީގެ ނިންމުންތަކަކުން ނޫނެވެ. އޭނާ ފާހަގަކުރި ގޮތުގައި ލިވަޕޫލްގެ ކުޅުންތެރިންނަށް ހެދޭ ގޯސްތަކުގެ ސަބަބުން ބައިކޮޅަށް ފީކަޅާ ލަނޑުތަކެއް ވަންނަމުންދާ ކަމަށާއި، މިކަމާ މެދު އަމިއްލައަށް ވިސްނަންޖެހޭ ކަމަށެވެ.
ޚާއްޞަކޮށް ޔުނައިޓެޑްގެ ދެވަނަ ލަނޑަކީ ލިވަޕޫލުން ނުރައްކާތެރި ހިސާބަކުން ބޯޅަ ގެއްލުވާލުމުގެ ނަތީޖާ ކަމަށް އޭނާ އެއްބަސްވިއެވެ.
މި ބައްޔާއެކު ލިވަޕޫލުން މި ސީޒަނުގައި ބަލިވި އަދަދު 11 އަށް އަރާފައިވާއިރު، ހުރިހާ މުބާރާތެއްގައި ބަލިވި އަދަދު މިހާރު ވަނީ 18 އަށް އަރާފައެވެ. މިއީ 2009-10 ވަނަ އަހަރަށް ފަހު ލިވަޕޫލްގެ ތާރީޚުގައި އެންމެ ގިނައިން ބަލިވި އެއް ސީޒަނެވެ.
މި މެޗުން ލިވަޕޫލް ބަލިވުމުގައި މުހިންމު ކުޅުންތެރިންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތައްވެސް ބޮޑު ދައުރެއް ކުޅުނެވެ. އެގޮތުން ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހާއި އަލެކްޒެންޑަރ އިސާކް އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބިއިރު، އެޓީމުގެ ފުރަތަމަ ދެ ކީޕަރުން ނެތުމުން ތިންވަނަ އަދި ހަތަރުވަނަ ކީޕަރު ބޭނުންކުރަން ޖެހުނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ފަރާތުން ފެނުނީ ވަރަށް ބަލިކަށި ކުޅުމެކެވެ. ނަމަވެސް ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް 2-2 އިން އެއްވަރުކުރި ނަމަވެސް، މެޗުގެ ފަހުކޮޅު މެކް އެލިސްޓާއަށް ހެދުނު ގޯހަކުން ކޮބީ މައިނޫ ވަނީ ޔުނައިޓެޑަށް މޮޅުކޮށްދިން ލަނޑު ޖަހައިދީފައެވެ.
ޔުނައިޓެޑުން މި މޮޅާއެކު އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުކުރިއިރު، މިއީ 2015-16 ވަނަ އަހަރަށްފަހު އެޓީމުން ލީގުގައި ލިވަޕޫލްގެ މައްޗަށް "ލީގު ޑަބަލް" ނުވަތަ ދެ މެޗުންވެސް ކުރިހޯދި ފުރަތަމަ ފަހަރެވެ.
ލިވަޕޫލްގެ ކޯޗު ސްލޮޓް ބުނީ، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް ބާކީ ހުރި ތިން މެޗުން މަދުވެގެން ތިން ޕޮއިންޓް ހޯދަން މަޖުބޫރު ކަމަށެވެ. އަދި މި ސީޒަން ނިމުމުން ލިވަޕޫލަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވަނީ އިޝާރާތް ކުރައްވާފައެވެ.