ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އަޅަން އަންގައިފި

ގުގުރާ ވިދަނީ--

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވިދާ ގުގުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ވިދާ ގުގުރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި ދުވަސްވަރު މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

އެގޮތުން ބައެއް ސަތަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، މީގެ ގަޑިއެއްހައިއިރު ކުރިން ވަނީ ޔެލޯ އެލާޓުވެސް ނެރެފައިއެވެ. ޔެލޯ އެލާޓު ނެރެފައިވަނީ ބާރަށް ގުގުރާނެ ކަމަށް ލަފާކޮށްފައިއެވެ. އެގޮތުން މި ޔެލޯ އެލާޓު ނެރެފައިވަނީ ހެނދުނު 9:10 އިން މެންދުރު 13:00 އާއި ހަމައަށެވެ.

މި އެލާޓާއި ގުޅިގެން އެންޑީއެމްއޭއިން ވަނީ ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

"މޫސުމާއި ބެހޭ ޤައުމީ އިދާރާއިން, ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަ ކުރުމަށް ދުރާލާ ތައްޔާރުވެ ފިޔަވަޅުއަޅުއްވާ!" އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓުގައި އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން އެންޑީއެމްއޭއިން ވަނީ ވިދާ ގުގުރުމުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި އަންނަނިވި ފިޔަވަޅުތައް އެޅުމަށް އިރުޝާދު ދީފައެވެ:

  • ހާމަ ތަންތަނާއި ޓެރެސް ފަދަ އުސް ތަންތަނުން ދުރުހެލިވުން.
  • އިމާރާތްތަކުގެ އެތެރޭގައި މަޑުކުރުން.
  • ބޭރުގައި އުޅޭނަމަ ވިއްސާރައިން ހިޔާވުމަށް އުސް ތަންތަން ކައިރީގައާއި ގަސްދޮށުގައި ނުތިބުން.
  • އިލެކްޓްރޯނިކް ސާމާނު ކަރަންޓުން ނައްޓާލުމާއި، އެފަދަ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން.
  • ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި، ތެމިފައިވާ ތަކެއްޗާއި ދަގަނޑުފަދަ ތަކެތިން ދުރުހެލިވުން.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވެސް ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީ ހިތަދުއަށެވެ. އެ ރަށަށް 46.1 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑުކުރެވިފައިވެއެވެ.

މީގެ އިތުރުން ފ. ބިލެއްދޫއަށް 33 މިލިމީޓަރު އަދި ހުޅުމީދުއަށް 32.4 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

comment ކޮމެންޓް