\"މާފުކުރުމަކީ ހިތަށް ލިބޭ އަމާން ކަމެކެވެ. މީސްތަކުންނަށް މާދުކުރާ މީހާއަށް ﷲގެ ހަޟުރަތުން މަތިވެރި ސަވާބާއި ދަރުމަ ލިބެއެވެ. ހިތް ސާފުކުރާށެވެ."
***
ކިތަންމެ ގަދަ ރުޅިއެއް އަޔަސް އޭނަ އަމިއްލަ ސިކުނޑިއަށް ވިސްނައިދީގެން ރުޅި މައިތިރިކުރުމުގައި ކާމިޔާބުކުރެއެވެ. މަންމަ ނިޔާވުމުގެ ހިތާމައިން އަރައިނުގަނެވެނީއެވެ. މަރުވާންދެންވެސް އެ ހިތާމައާއި މޮޅިވެރިކަން އޭނަގެ ހިޔަނިފަދައިން އެކީގައި ވާނެއެވެ. އޭނަ ޖެހޭނީ ކޮއްކޮމެންގެ ހައްގުގައި ގުރުބާނީ ވާށެވެ.
ފަޖުރުގެ ތަރި ފައުޅުވީއިރު އޭނަ ތެދުވެ ވުޟޫކޮށްލައިގެން ނަމާދަށް އަވަސްވެގަތެވެ. ނަމާދާއި ޒިކުރަކީ ހިތާއި ސިކުނޑީގެ ފަރުވާއެކެވެ. ނަމާދަށް ރައްކާތެރިވަންޏާ ނަމާދުން ހަމަ ޖާދޫއެއްފަދައިން ރަަގަޅު އަސަރުތަކެއްކުރެއެވެ.
ކަންޒާ ގަސްތަކަށް ފެންދޭން ހުރެފައި ކުއްލިއަކަށް ހުއްޓުން އެރީ މާޒީގެ ދުވަހެއް އޭނަގެ ސިކުނޑީގައި ޖެހިގަތުމުންނެވެ. އޭނައަށް އެ މަންޒަރު ފެނުނީ ފިލްމެއްގެ ލަސް ދުވެއްޔެއް ގޮތަށެވެ. އޭނަގެ އަމިއްލަ ނަފުސް ތަންކޮޅެއް ޅަކޮށް ފުސްކޮށް ފެނުނެވެ. އޭނަ އެ ފިރިހެންކުއްޖާގެ މޭގައި އަތްއަޅާ ކޮށްޕައިލީ ރުޅިވެރިކަމާއި ނަފްރަތާއެކު އެކީގައެވެ. އެއާއެކު މުޅި ދުނިޔެވެސް އެނބުރިގަތެވެ. އެފިރިހެންކުއްޖާގެ ބޯ ކޮންކްރީޓް ތަޅުމުގައި ޖެހުނު އަޑު ކަންފަތުގައި ގުގުމައިލިއެވެ. އެއާއެކު ފެނުނީ ބާރު ދުއްވެއްޔެއްފައި އައި ކާރަކާއެކު މަންމަގެ ހަޅޭކުގެ އަޑެވެ. މަންމަ ހަރަކާތެއް ނެތިފައި އޮތްވައެވެ. އޭނަގެ ނަފުސަށް ލިބުނު ސިހުމާއި ހިތާމައާއެކު ބޮލުގައި ދެއަތުން ހިފަހައްޓައިލަމުން ފަހަތަށް އެޅުނު ފިޔަވަޅާއެކު އަރި އަޅައިލިއެވެ. އެއާއެކު ކޮންމެވެސް މީހެއްގެ ގައިގާ އަޅައިގަތެވެ.
އޭނަ ސިހިފައި ދުރަށް ޖެހުނެވެ.
"ކަންޒާ؟ ހާދަ ބިރުން...ކިހިނެއްވެފަ؟"
އެ ބިރުގަނެފައިވާ ބޮޑު ދެލޮލާއި ކާދިންގެ ކަޅި ބައްދަލުވިއެވެ. ލަފުޒުތަކުން ބަޔާން ނުކުރެވޭފަދަ ފުން އިހުސާސްތަކެއްކުރެވުނެވެ. ކުށްވެރިކަމުގެ އިހުސާސާއިއެކު ތަދާއި ވޭނެވެ. ހަގީގަތް ހާމަކުރަން އޭނަގެ ޟަމީރު ބާރުއެޅިއެވެ.
"އެއީ ހަމަ ކާދިން.."
"ތިބުނީ ކީކޭ؟"
"އެ އެކްސިޑެންޓް...އެދުވަހު ކާދިންގެ މޭމަތީގައި އަތް އަޅާ ކޮށްޕައިލި މީހަކީ އަހަރެން....."ކަންޒާގެ ލޮލުން ކަރުނަ ހިލުނެވެ."ތެދަށް ބުނަންޏާ ރުޅީގެ ޖަޒުބާތުގައި ކުރެވުނުކަމެއް އެއީ.ހިތަކަށް ނާރާ ކާދިންއަށް އެހާ ބޮޑު އަނިޔާއެއް ވެދާނެއޭ...ބޮލަށް ގެއްލުމެއް ލިބި ހަނދާންތަކާއި ވަކިވާން ޖެހިދާނެއޭ..އެއީ އަހަރެންގެ ކުށް..."
ކާދިންގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނަގެ ލޮލުގެ ފުރަގަހުގައި އިހުސާސްތަކުގެ ތޫފާނެއް ދަތުރުކުރަމުން ދިޔައެވެ. އޭނަކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"ކަންޒާ..އެއީ މީގެ އެތައް އަހަރުކުރީގެ ވާހަކައެއް..އެއްވެސް ވަރަކަށް އެދުވަސްތަކުގެ ހަނދާނެއްނެތް..އެކަަކު އެދުވަހުގެ ލަކުނުތައް ދެމީހުންގެ ހަށިގަނޑުގައި އެބަހުރި...."
"ކާދިން..އަހަރެން މާފަށް އެދެން.. ކާދިންއަށް ލިބުނު ވޭނާއި ގެއްލުމަށް..މާފު ދިނުމަކީ ކޮންމެހެން އެމީހަކު ކުރިކަމެއް އޯކޭވެގެނެއް ދޭން ޖެހޭ އެއްޗެއްނޫން. އޭގެ މާނައަކީ ތިމާ އަމާންކަމާއި ހަމަޖެހުން އަދި އާޚިރަތުގެ އަގު މާ ބޮޑަށް ވަޒަންކުރަމޭ.. ރުޅިއަށްވުރެ.. އެހެންވެ އަމިއްލަ ނަފުސަށްޓަކާ ނަމަވެސް އެކަން ދޫކޮށްލާން ޖެހޭނީ..."
"ހަމައެކަނި ކަންޒާގެ ކުށެއްނޫން..ދިރިއުޅުމުގައި ތަފާތު ހާލަތްތައް އަންނާނެ، އެކްސިޑެންޓްތައް ހިނގާނެ.. ބައެއްފަހަރު ސަލާމަތްވޭ..އަހަރެމެން ޖެހޭނީ އެއިން އިބުރަތް ލިބިގަންނަން..އަދި ބައެއްފަހަރު މާފުކުރުމަކީ ކުރިއަށް ދެވޭނެ އޮތް ހަމަ އެކަނި މަގު..."
"އެކަމަކު އަހަންނަށް..ހަނދާން ނައްތައެއްނުލެވޭނެ..އަބަދަށް ހިތުގައިވާނެ.."
"އަހަރެންވެސް ހަދާން ނެތްކަމީ ނަސީބެއް. ނޫނީ ތިކަމާއިހުރެ އިތުރު ސްޓްރެސްއަކަށްވާނީ..އެކަމަށް އެއްބަސްވުމަކީ ފުރަތަމަ ފިޔަވަޅު. އަހަރެމެންނަށް އެކީގައި އެކަމާއި ކުރިމަތިލެވިދާނެ..ކަންޒާ ފުރުސަތުދީފިއްޔާ..."
ވިލާގެ ބެލްކަނީގައި ހުރެގެން މެހެރް އެ މަންޒަރުތައް ދެކެމުން ދިޔައެވެ. އެދެމީހުންގެ އެއޮތް ގުޅުމުގެ ނާޒުކްކަމާއިމެެދު އަދި ކަންޒާގެ ނުލަފާކަން ފެނި އެހިތުގައި ރައްކާތެރިކަމުގެ ޝުއޫރުތައް ހޭލައިގަތެވެ. ބަދަލުހިފަން އަންހެނަކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ކަންޒާގެ ހަގީގަތް ރަގަޅަށް އެނގިހުރެ އެދެމީހުންގެ ގުޅުމަށް އޭނަ އެއްބަސްވުމަކީ އެކަށީގެންވާކަމެއްނޫނެވެ. އެ އަންހެންކުއްޖާ އެއްފަހަރުވަނީ ކާދިން މަރައިލަންވެގެން ގަސްތުގައި ހަމަލާއެއް ދީފައެވެ. ކާދިން އެއުޅެނީ އެކަމުން އަރައިނުގަނެވިގެންނެވެ. ކޮންމެވެސް ނުބައި ތުހުމަތެއް އަޅުވާފައި މި އަންހެނާ ކާދިންގެ ހަޔާތުން ނެރެލަންވީއެވެ.
***
އިރުއޮއްސެމުން ދިޔައިރު ޖެހެމުން ދިޔަ މަޑު ވައިރޯޅިތަކާއެކު ގަސްތަކުގެ ހިޔަނި ބިމަށް އެޅިފައިވިއެވެ. ކަންޒާއިނީ އަތިރިމަތީގައި ގަލުން ހަދާފައިވާ ބެންޗެއްގައެވެ. އޭނަގެ ދެލޯ ހުއްޓިފައިވަނީ ދުރުން ފެންނަ ރާޅުތަކަށެވެ. މާޒީގެ ހިތި ހަގީގަތް ކާދިންއަށް ހާމަކުރުމުން ހިތުގައި ވަނީ ނޭގޭފަދަ އިހުސާސްއެކެވެ. އެކަން ކުރެވުނީ އެންމެ ރަގަޅަށް ބާވައެވެ.
"ކަންޒާ..ހާދަ އެކަނިވެރިކޮށް..."ކާދިން މަޑުފިޔަވަޅުތަކެއްގައި އައެވެ."މިތަނުގައި އިށީދެލިޔަސް މައްސަލައެއްނެތްތަ؟"
"އޯކޭ........މިހާރު ހިތަށް އަރަނީ އަމިއްލަ ނަފުސަށް މާފުދެވޭނެކަމެއް ނޭގެއޭ..."
ދެމީހުން ތިބީ ބެންޗުގެ ދެކޮޅުގައެވެ. އިތުރު ދެތިން މީހަކަށް އިށީދެވޭނެ ހުސް ޖާގަ މެދުގައި ހުއްޓެވެ.
"ކަންޒާ ތިއެދެނީ އަހަރެންގެ މާފަކަށް ނޫން..އަމިއްލަ ނަފުސަށް..އެއީ ހުރިހާކަމަކަށް ވުރެ އުދަގޫވާނެކަމެއް"
ކަންޒާއާއި ކާދިންގެ ނަޒަރު ސިކުންތުކޮޅަކަށް ނަމަވެސް ބައްދަލުވިއެވެ. ފުރަތަމަފަހަރަށް އޭނައަށް ކާދިންގެ ލޮލުން މަޑުމޮޅިކަމަށްވުރެ އެހެން ސިފައެއް ފެނުނެވެ. ތަދުގެ ތެރެއިން އުފެދުނު ހިތްވަރެވެ.
"ކާދިން...އަހަރެންދެކެ ރުޅިއެއް ނާދޭތަ؟"
"ނޫން..ރުޅިއެއްނާދޭ..ހިނގާދިޔަ ކަންތައްތަކުން އަހަރެމެންނަށް މިހިސާބަށް އާދެވުނީ..އެކަމަކު ރުޅިވެރިކަމަކީ މާޒީ...މިހާރު މިތަނުގައި އެކަމަށް ޖާގައެއްނެތް...ތަގުދީރު ދެމީހުން އެއްތަނަކަށް އަނެއްކާ ގެނައީ ކޮންމެވެސް ސަބަބެއް އޮތީމަ.."
"އަހަރެން ބޭނުމީ ކޮއްކޮމެން ރައްކާތެރިކުރަން..އެކުދިންނަށް ފިއުޗާއެއް ހޯދަދިނުން..ކުރި ކޮންމެ ކަމެއްގެ ފަހަތުގައި އޮތީ މާޒީގެ އެ ހިތްދަތިކަން.." ކަންޒާ ނިތްކުރީގައި ފިރުމައިލިއެވެ.
"ކަންޒާގެ ނިޔަތް ގޯހެއްނުން...ކޮންމެ ކަމެއްކުރީ ފެނުނުގޮތަށް..މިއަދު މި ހަގީގަތް ކިޔާދޭންވެސް ތިކުރީ ހިތްވަރު..އެއީ ހުރިހާ ކުށެއް ފޫބައްދައިލެވޭހާ ރަަގަޅުކަމެއް.."
"އަހަންނަށް ހީވަނީ މިއީ ހަކައެކަނި އަހަރެން އުފުލަން ޖެހޭ ބުރައެއްހެން.."
"ނޫން އެހެން ހީނުކުރޭ..ދެން މިހާރު އެދުވަސް ނިމުނީ.އަހަރެމެން އެކީގައި ކުރިއަށް ދާނީ...."ކާދިން ހިނިތުންވެލިއެވެ.
އެރޭ ވިލާގެ ހިމޭންކަމުގައި އިނދެ ކާދިންއާއިއެކު ދެކެވުނު ވާހަކަތަކައިމެދު ވިސްނައިލިއެވެ. ހިތާމައާއި އުފާވެރިކަންވީ މަސްހުނިވެފައެވެ. އެތައް އަހަރަަކަށްފަހު މާޒީގެ ކުށްތަކުން އަަރައިގަނެވި އެކަކު އަނެކަކަށް މާފުކޮށް އެކީ ދިރިއުޅެވިދާނެކަމާއިމެދު އުއްމީދުގެ ހުޅުކޮޅެއް އާވިއެވެ.
ނިދަން އެނދުގައި ޖައްސައިލިތަނާ އާރާގެ މެސެޖެއް ލިބުނެވެ."ޓިކެޓް ބުކްކޮށްފިން....ޓެސްޓް ހަދަން ފުރަތަމަ ދާން ޖެހެނީ...ދޮންތައަށް ހުރިހާ ޝުކުރެއް...އަހަރެމެންނަށް ހުރިހާކަމެއްކޮށްދެނީ ހަމައެކަނި ދޮންތަ..."
"ފުރަތަމަ ޝުކުރުވެރިވާންވީ ހެއްދެވި ފަރާތަށް..ދޮންތަ އަށް މިގަދަ މަގެއް ތަނަވަސްވީ އެފަރާތުގެ ރަހުމަތުން..."
އޭނަގެ ހިތަށްވެސް ބަޔާންނުކުރެވޭފަދަ އުފަލެއް ލިބުނެވެ. ކޮއްކޮމެންގެ މުސްތަގުބަލަށްޓަކާ އޭނައަށް މަސައްކަތްކުރެވިއްޖެއެވެ. ދެން އޮތީ އޭނަ އަމިއްލައަށް ކޮށަން އޮތް މަގެވެ. ކާދިންއާއެކީގައެވެ. މިއީ ލިބުނު އަނިޔާތަކުން ސަލާމަތްވާން ފެށޭ ވަގުތަކަށްވެސް ވެދާނެއެވެ.
***
ރޭގަނޑުގެ ކަނު އަނދިރިކަން މުޅި ރިސޯޓަށް ފެތުރިފައިވައިރު ފެންނަން ހުރީ ފާނޫޒުތަކުގެ ފަނޑު އަލި ފެންގަނޑަށް އެޅިފައިވާ މަންޒަރެެވެ. ގެތަކާއި ކައިރީގައި އޮތް ހަނި މަގަކުން ކަންޒާ އެކަނިމާ އެކަނި ހިނގާލާފައި ދިޔައެވެ. އޭނަގެ ހިތްވަނީ ހިތާމައާއި ރުޅިވެރިކަމާއި އަދި ކުށްވެރިކަމުގެ އިހުސާސްތަކުން ފުރިފައެވެ. ހިތަކީވެސް އިރުއިރުކޮޅާ ބަދަލުވާ އެއްޗެއްކަން އޭނައަށްވެސް ޔަގީންކުރެވިއްޖެއެވެ. މޫސުމް ފަދައިންނެވެ. ކުއްލިގޮތަކަށް ހިމޭންވި އޭނަގެ މަންމަގެ ހިނިތުންވުމުގެ ހަނދާންތައް ދުވަހަކުވެސް ހިތުން ފިލައިގެނެއް ނުދާނެއެވެ. އަދި މިހުރިހާ ކަމެއްގެ އަސްލު ކަމުގައިވި ފިރިހެންކުއްޖާ މިހާ ގާތުގައި ހުންނަން ޖެހުމުން ބަދަލު ހިފުމުެ ރޫހުވެސް ހިތުގައި އާލާވެގަންނަނީއެވެ.
ކާދިން ފެންޑާގެ ހަރުފަތްތައް ގިރާކޮށްފައި ތިރިއަށް ފައިބައިގެން އައީ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުންނެވެ. ވައިގެ ސަމާސާކަން ހައްގު ރީތި ވަރުގަދަ އިސްތަށިގަނޑެކެވެ. އޭނައަށް ކަންޒާ ފެނުމާއެކު ނުތަނަވަސްވެފައިވާކަން ފާހަގަވިއެވެ. ކޮނޑަށް ބާރުވެފައި ދެއަތް މުށްކަވާލެވިފައެވެ. އަދި އެ ކަޅު ދެލޮލުގައި ތޫފާނެއް ދައުރުވަމުންދާ ކަހަލައެވެ.
"ހަޔާ..."އޭނަ ވާހަކަދެއްކީ އޯގާތެރިކޮށެވެ."މިއީ އެކަނި ހިނގައިލަން ދާވަރަށްވުރެ ލަސް ގަޑިއެއް،،،އެކަނި އުޅުމަކީ ރަަގަޅުކަމެއްނޫން.."
ކަންޒާ ގަދަކަމުން ހިނިތުންވެލިއެވެ. އެ އަޑު ކަނޑިއެއްގެ މިޔަފަދައިން ތޫނެވެ."އަހަރެން....މި ނިކުމެލީ ތާޒާ ވައިކޮޅެއް ހޯދަން.."
"ކޮންމެވެސް ކަމަކާއި ހިތް ހަމަނުޖެހިފައި ހުރިހެން ހީވޭ..އަނެއްކާ މަގޭ ސަބަބުންތަ؟"
ކަންޒާގެ މޭ ފިތޭކަހަލަ އިހުސާސް ކުރެވުނެވެ. ކާދިންއަކަށް މުޅިން ހަގީގަތް ނޭގެނީއެވެ.ނުވިސްނެނީއެވެ. ކަންޒާ ދުރަށް ބަލަންފެށިއެވެ." ކާދިންއަކަށް ނުވިސްނެނީ....އެހެން މީހެއްގެ ފަރުވާކުޑަކަމުން ތިމާ ލޯބިވާ މީހަކު ގެއްލުކަމީ ކިހާވަރެއްގެ ކަމެއްކަން ބުނެދީފާނަންތަ؟"
ކާދިން ކުޑަކޮށް ސިހޭގޮތްވިއެވެ. މާޒީގެ ހަނދާންތަކައި ކަންޒާގެ ރުޅިވެރިކަމުން ހިތަށް އަސަރުތަކެއް ކުރިއެވެ."އަހަންނަށް މާޒީ ބަދަލެއް ނުކުރެވޭނެ..އެކަމަކު ކަންކަން ރަގަޅުކުރަން މަސައްކަތްކުރެވިދާނެ.. އެއީ އެހީއަކަށް ވާނެ ނަމަ..."
"އެވަރުން ނުފުދޭ..."ކަންޒާގެ އަޑު ބާރުވިއެވެ. އެތައް އަހަރެއްވާންދެން ހިފަހައްޓައިގެން ހުރި ރުޅިވެރިކަމާއި ހިތާމަތައް ބަންޑުންވީ ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމުންނެވެ."މަގޭ މަންމަ....މަންމަ ވަކިވެގެން ދިޔައީ..އަހަރެން މިހުންނަނީ ހުރިހާކަމެއް ރަަގަޅުކަމަށް ހެދިގެން.."
"އަހަންނަށް އެނގޭ...އެބަފެނޭ...ތިޔަ ހިތުގައި އޮތް ރުޅިއާއި ހިތާމަ...ތިޔަ ހުރިހާ ކަމެއް އެކަނިމާއެކަނި އުފުލާތާ މާ ގިނަ ދުވަސްވެއްޖެ..."
ކަންޒާގެ ލޮލުން ކަރުން ހިލުނެވެ."އިންސާފު ބޭނުންވުމަކީ ކޮބާކަމެއް ކާދިންއަކަށް ނޭގޭނެ..ތިމާއަށް ދިރިއުޅުން ދިން މީހާއަށްޓަކާ ބަދަލު ހިފަން ބޭނުންވުމަކީ ކޮންފަދަ އިހުސާސެއްކަން..."
ކާދިން ފުން ނޭވާއެއް ދޫކޮށްލިއެވެ."އާނ.ފަހަރެއްގައި އަހަންނަށް ނޭގިދާނެ..އެކަމަކު ކަންކަން ރަގަޅުކުރަން ބޭނުންވުމާއި ލޯބިވާ މީހުން ރައްކާތެރިކުރަން ބޭނުންވުމަކީ ކޮބާކަން ވިސްނޭ.."
ވަގުތުކޮޅަކަށް ދެމީހުންގެ ދޭތެރެއަށް ހިމޭންކަން ފެތުރުނެވެ. ގާތުން ކަޑުގެ ރާޅުތަކުގެ އަޑުއިވެމުން ދިޔައެވެ. ކަންޒާގެ މުށްކެވިފައިވާ އަތް މަޑުމަޑުން ދޫވިއެވެ. ނަމަވެސް އެ ލޮލުގައި ހުރި އަލިފާން ނުނުވެއެވެ.އޭނަ ބަދަލު ހިފަން ބޭނުމެވެ.މައްސަލައަކީ ކާދިންެ ކިބައިން ފެންނަ އޯގާތެރިކަމާއި ރަގަޅުކަމެވެ. އިހުސާންތެރިކަމެވެ.
"ތިއީ މާ ހިތްހެޔޮ އޯގާތެރި މީހެއް..އެކަމާއިހެދި މާ ބޮޑަށް ރުޅިގަދަވޭ..ނުލަފާ މީހަކަށް ވީނަމަ..ފޮނި ބޮޑާ ރުޅިގަދަ މީހަކަށް..."
ކާދިން ހިތާމަވެރިގޮތަކަށް ހީލިއެވެ."ހިތްހެޔޮކަމަކީ ބަލިކަށިކަމެއްނޫން. އަދި ތި ރުޅިއާއި ހިތާމައަށް އިހުތިރާމް ކުރަން. އޭގެ މާނައަކީ އެކަނިމާއެކަނި އެކަން އުފުލާކަށް ނުޖެހޭ ނޫނީ އެކަމާއިހެދި ކޮންމެހެން ކަންޒާ ގެ ދިރިއުޅުން ހަލާކުކޮށްލާކަށްވެސް ނުޖެހޭ..."
ކަންޒާގެ ނޭވާ ހުއްޓުނުހެން ހީވިއެވެ. އެތައް އަހަރަކަށްފަހު ހިތުގައި އޮތް ބަދަލުހިފުމުގެ ރޫހު ކުޑަކޮށް މަޑުވިއެވެ. މުޅިން ނިވުނީއެއްނޫނެވެ. ނަމަވެސް ކުށްވެރިކަމުގެ އިހުސާސާއި އޭނަގެ ހިތުގައި އުފެދުނު ކުޑަ އިތުބާރެއްގެ ސަބަބުން ބަދަލު ހިފަން އުދަގޫވެސް ވީއެވެ.
ނުނިމޭ