"ދީނީ އިލްމު އުނގެނުމަކީ މުސްލިމުންނަށް ވާޖިބެކެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް ވަގުތުކޮޅެއް އެކަމަށް ހުސްކޮށްލަންވާނެއެވެ. ދީނީ ކްލާހެއްގައި ބައިވެރިވުމާއި، ދަރުސްތައް ބެލުމާއި، ދީނީ ފޮތްތަކާއި ތަފްސީރުކިޔުންވެސް އޭގެ ތެރޭގައި ހިމެނެއެވެ. ބޭކާރު ކަންތައްތަކުގައި ވަގުތު ދުއްވައިލުމުގެ ބަދަލުގައި ދެދުނިޔެއަށްވެސް ފައިދާހުރި ކަމެއްގައި އުޅުން ރަގަޅެވެ."
***
ހަޔާ ކޮފީތަށްޓެއް ހިފައިގެން ގޮސް ކުޑަދޮރު ކައިރީގައި ހުރެ ބޭރަށް ބަލަންފެށިއެވެ. ވާރޭވެހޭ މަންޒަރުން ހިތަށް ހަމަޖެހުމެއްލިބުނެވެ. ކޮންމެ ކަމަކުން ފެންނަނީ ﷲތައާލާގެ ކުޅަދުންވަންތަކަމެވެ.
"ހަޔާ...."މިނާހްގެ އަޑު އިވުމުން ސިހުމާއެކު ހިތް އޮތްތަނުން ފުންމައިލިހެން ހީވިއެވެ. އަދިވެސް މިނާހްގެ އަޑުގައި މޮޅިވެރިކަންވިއެވެ. ދޮންބެ ކުއްލިއަކަށް ދުނިޔެއާއި ވަކިވެގެން ދިޔުމަކީ ހިތަށް ކުޅަދާނަވާނެކަމެއް ނޫނެވެ.
"ހޫނު ކޮފީ އެބަހުރި.." އޭނަގެ އަޑުގައި ކުރިން އެހުންނަ އުފާވެރިކަމެއްނެތެވެ.
"އަހަރެން އެނބުރި އައިފަހުން ހަޔާ އަހަންނާއި ދިމާލަށް ބަލާވެސް ނުލަން. ކުރާ ސުވާލަކަށް ޖަވާބު ދިނަސް ހަޔާ އަހަންނާއި ދުރުވެފައިވާކަން އެނގޭ.. ދޮންބެ އެހާ ބަލިވީމަ ފުރުމުން ތިހާ ހިތްހަމަނުޖެހުނީ؟"
ހަޔާ އެނބުރުނުއިރު އެލޯ ފުރިފައިވަނީ ބޮޑެތި ކަރުނަތިކިތަކުންނެވެ.
"ނޫން..ދޮންބެ ގާތަށް ދިޔުމަކީ މައްސަލައެއްނޫން..އެއްވެސް ޝަކުވާއެއްނެތް. އަހަރެންވެސް ދުޢާކުރިން..ކޮންމެ ރެއަކު ދުޢާކުރިން.." ހަޔާ ބުނެލިއެވެ.
"ހަޔާ..ކޮންމެވެސް ކަމެއް ވެއްޖެ..ހިތާމައަކީ ދެމީހަކު ދުރުކޮށްލުމަށްވުރެ ގާތްކޮށްދޭ އެއްޗެއް...ބުނެބަލަ....ކީއްވެ ހިތްހަމަނުޖެހިފައި ތިހުންނަނީ؟ އެކަނި ހިތާމައެއްނޫން...ތި ހަރަކާތްތަކުން އެހެން ކަމެއް ބުނެދޭ...."
"އަހަރެންގެ ހިތް ހަލާކުވީ މިނާހް ބުނި ބަސްތަކުންކަން އެނގޭތަ؟ ކައިވެނި ކެންސަލްކުރާށޭ ބުނުމުން ކުރެވޭނެ އިހުސާސް އެނގޭތަ؟ މަޑުކޮށްލާށޭ ނޫނޫ ލަސްކޮށްދޭށޭ ބުނި ނަމަ އަހަރެންވެސް އިންތިޒާރުގައި ހުންނާނަން. އާއިލާ މީހުންނާއި އެކުވެރިންނާއި ސްޓާފުންނަށް ކާޑު ފޮނުވާފައި ކެންސަލް ވެއްޖެއޭ ބުނަންވީމަ...."
"އެންމެނަށް އަންޑަސްޓޭންޑްވާނެ ދޯ...ހިތާމަައިގެ ވަގުތު ސެލެބްރޭޓްނުކުރެވޭނެކަން...އެހެން މީހުންގެ ގޮތެއް ނޭގޭ..އަހަންނަކަށް އެކަމެއް ނުވާނެ..އަދި ދޮންބެއާއި ގުޅުން ރަގަޅުވާން ފެށުމާއެކު...."މިނާހްއަށް ވެގެން އުޅޭގޮތް ރޭކާލުމުން ކުށްވެރިއެއްފަދައިން އިސްޖެހިއެވެ." އެވަގުތު ހުރީ ވަރަށް ބޮޑު ސިހުމެއްގައި، ދޮންބެ ދިޔައީ އަހަރެމެންނާއި ވަކިވަމުންކަން އެނގުނު ވަގުތު ބޭނުންކުރާނެ އެންމެ އެކަށީގެންވާ ލަފުޒެއް ވިސްނުމަކަށް ނައި...."
"އަހަންނަށްވެސް މާ ބޮޑަށް އިމޯޝަނަލްވެވުނީ....ވިސްނައިގަންނަން އުދަގޫވީ..."
"މިނާހް ތިއުޅެނީ މަރުގެ ހިތާމައިގާކަން އެނގޭ...އަހަރެންވެސް ހަމަ ވަރަށް ދެރަވޭ....ސަބަަބަކީ އަހަރެން މިހިތާމައާއެކު އެހެން ކަމެއްވެސް ތަހައްމަލުކުރަން ޖެހުމުން... ކައިވެނި ހުއްޓައިލިކަން އެނގުމުން އެންމެން އަހަންނަށް ޖޯކުޖެހި. ދެވަނަފަހަރަށްވެސް ނަސީބެއް ނެތޭ ބުނެ މަލާމާތްކޮށް ހީ ހެދި..އަހަރެންގެ ހިތަކީ ކުޅޭ އެއްޗެއްކަމުގައި އެންމެން ދެކުނީ..ދޮންތަވެސް ބުނި މިނާހް ކެންސަލްކުރިއޭ ބުނާނީ މެރީ ކުރަން ބޭނުންނުވާތީއޭ. ބޭބެ ރައްޓެހިވި ކުއްޖާއާއި ގުޅެން ބާއްވަން ބޭނުންނުވާނެއޭ....ފަހުން ހިތުގައި ބިރުވެރިކަން އުފެދެންފެށީ...ކޮންމެ ފަހަރަކު އެެހެން ވީމަ އަމިއްލަ ހާލަތާއިމެދު ކަންބޮޑުވީ..ހިތަށް އެރީ ގޯސްމީހަކަށް ވީމައޭ...ދެރަގޮތްގޮތްވަނީ..."
"ކީކޭ ބުނާނީ...އަހަރެންގެ ހިތް ނަގާފައި ދެއްކޭނެނަމަ......"
"އޭރު އެެހެން ދިމާވީމަ އަލުން މީހަކަށް އިތުބާރުކުރަން ފެށުނީ މިނާހްއާއި ދިމާވީމަ..އެކަމަކު ކެންސަލްއޭ ބުނިވަގުތު ހިތަށް އެރީ އެއްވެސް މީހަކު ބޭނުންނުވާ ކުއްޖެކޭ...."
"ހަޔާ...އަހަރެންގެ ލޮލަށް ބަލާލަބަލަ...އަހަންނަށް އެހެން ބުނެވުނުކަމަށްޓަކާ މާފަށް އެދެން...މިއައީ ހަމަ ހަޔާގެ ގާތަށް...އަހަރެންގެ ހިތުގައި އެހެން އެއްވެސް އަންހެންކުއްޖަކު ނެތް..ހަޔާ ނޫނީ..ބުނަން އުޅުނީ ކެންސަލްކުރާކަށް ނޫން..އެވަގުތު ކައިވެނި ކުރަން ނެތް ވާހަކަ ބުނަން އުޅުނީ... ދުވަހަކުވެސް ހަޔާ ދޫކޮށްލަން އަހަރެން ބޭނުމެއްނޫން. ފުރިހަމަ ނޫނަސް ބުނާބަހުގައި ހިފެހެއްޓުމަކީ ކިހާ މުހިއްމުކަމެއް ކަން އެނގޭ...."
"އަހަރެމެން އަލުން ތާރީޚެއް ކަނޑައަޅަމާ ހަޔާ. އެހެންމީހުންނަށްޓަކާއެއްނޫން..ދެ މީހުންގެ އުފަލަށްޓަކާ...."
ހަޔާގެ ހިތަށް ހަމަޖެހުމާއި ތަސައްލީ ލިބުނީ ޒަޚަމެއް ގަނޑުފެނުން ތެންމާލަދޭފަދައިންނެވެ. ހުރިހާބުރައެއް އެއްފަހަރާ ފިލައިގެން ދިޔަހެން ހީވިއެވެ.
"ހަ މަސްފަހުން ސާދަވިލޭރެއެއްގައި ކިހިނެއްވާނެ..ހުކުރުދުވަަހަކަށް މިވަނީވެސް..."
އޭރު ވާރޭ ތިކިތަކުގެ އަޑު އިވެމުން ދިޔައީ ލޯބީގެ ރާގެއްހެންނެވެ. މިއީ އިރާދަކުރެއްވިައްޔާ ފެށުމެވެ.
***
ހަމަސްފަހުން
އެއީ ހަނދުވަރުދޭ ހިމޭން ރެއެކެވެ.އުދަރެހުގައި ވިލާކޮޅެއްގެ އެއްވެސް އަސަރެއްނެތެވެ. މާލޭގެ ހަލަބޮލިކަމާއި ދުރުގައި ކުޑަރަށެއްގައި ކައިވެނީގެ ހަފްލާއޮތީ ތައްޔާރުކުރެވިފައެވެ. ބަގީޗާގެ ކޮންމެ ދިމާލަކުން ދުވަނީ ފިނިފެންމަލާއި، އޯކިޑް އަދި ލިލީފަދަ މާމެލާމެލީގެ ހިތްގައިމު ވަހެވެ. ގަސްތަކުގައި ދިއްލާފައިވާ ބޮކިތައް ފިޔަޖަހާގޮތުން ހީވަނީ އުޑުގައިވާ ތަރިތައް ބިމަށްފައިބާފައިވާ ހެންނެވެ.
ހަޔާ ލޯގަނޑުކުރިމަތީގައި ހުރީ ހުދުކުލައިގެ ކައިވެނި ހެދުމެއްގައި ނިކަން ޒީނަތްތެރިވެލައިގެންނެވެ. ބުރުގާވެސް ނިކަން ރީތިކޮށް އަޅާފައެވެ. އެ މޫނުމަތިން ކުރިން ހުންނަ ހާސްކަމެއްނެތެވެ. އުފާވެރިކަމުގެ ނޫރުންް ދިއްލިފައިވާ ލޮލެވެ. ހިތުގައި އޮތް ބިރުވެރިކަން ޔަގީންކަމަށް ބަދަލުވުމުންނެވެ.
ކައިވެނީގެ މަޖިލީހަށް އޭނަ ނިކުތް ވަގުތު އެންމެންގެ ނަޒަރު އޭނައަށް ހުއްޓުނެވެ. މީގެ ހަޔެއްކަ މަސްކުރިން މަލާމާތްކުރި ދޫތައް ބަންދުވިއެވެ. އެންމެންގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. ކައިވެނީޣެ ހެދުމުގައި ފެންނަލެއް ނަލަކަމުންނެވެ. މިނާހްވެސް ހުރީ އިންތިޒާރުގައެވެ. އޭނަ ލައިގެން ހުރި ކޯޓުގައި ފެންނަނީ ވަރަށް ހައިބަތު ހުރިގޮތަކަށެވވެ. ހަޔާ ފެނުމުން ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. މިއީ ހަމައެކަނި ލޯތްބެއްނޫނެވެ. ދިރިއުޅުމުގެ ބައިވެރިޔާ ފެނުމުން ފަޚުވެރިވެސްވިއެވެ.
"އެއްބަސްވަން....."މިނާހްގެ އެކުރު ޖުމްލައާއެކު ދެމީހުންގެ ދިރިއުޅުން އެކަތިގަނަޑަކަށްވިއެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އޭނައަށް ހަޔާގެ އަތުގައި ހިފައިލެވުނެވެ. އެއަތް ގަނޑުފެންކޮޅެއްފަދައެވެ.
"މިފަހަރު ހަޔާގެ އަތުން ދޫކޮށެއްނުލާނަން.." މިނާހް ހަމައެކަނި އޭނައަށް އިވޭވަރަށް ބުނެލިއެވެ."މިއީ އަހަރެމެންގެ ދާއިމީ ފެށުން.."
"އިންޝާﷲ.."ހަޔާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފެނުނެވެ. އޭނައަށް އިހުސާސްވީ ކުރިން ލިބުނު ހުރިހާ ދެރައަކާއި ހިތާމައަކީ މި ފުރިހަމަ ވަގުތަށްޓަކާ މިންވަރު ކުރެއްވި އިމްތިހާނުތައް ކަމަށެވެ. ކައިރިން އިވޭ ރާޅުތަކާއި ބަގީޗާގެ މީރުވަހާއި މިނާހްގެ އަތުގެ ހޫނުކަން އޭނައަށް ބުނެދިނީ އެންމެ ވާހަކައެކެވެ.
ކެތްތެރިންނަށް އޮތީ އުފާވެރިކަމެވެ.
***
މިނާހްމެންގެ ކައިވެނީގެ ހަފްލާ ނިމި މީހުންތައް މަދުވަމުން ދިޔަ ވަގުތެވެ. އާސީން އެކަނިމާއެކަނި ގޮސް ގޮނޑުދޮށަށް ނުކުތީ ހަނދުވަރުގެ ރީތިކަން ދެކެލުމަށެވެ. ހަނދުވަރަކީ ޕާޓީގެ ފޮޓޯތަކަށް ލިބޭނެ އިތުރު ފުރިހަމަކަމެކެވެ. މިނާހްގެ ކައިވެނި ފުރިހަމަވުމުން އޭނަގެ ހިތަށްވަނީ ހަމަޖެހުމެއް ލިބިފައެވެ. ނަމަވެސް ކުއްލިއަކަށް ދޮންބެގެ މަތިން ހަނދާންވެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ. މިރޭ މަދުވަނީ ދޮންބެއެވެ. ޔަލްވީވެސް ޕާޓީއަށް އައީ ނިކަން ހިތްވަރުކޮށްފައެވެ. ބަނޑަށް ހަމަސްވީއިރުވެސް ގަޔަށް ދޫކޮށް އޮތް ހެދުމުގެ ސަބަބުން އެކަމެއް ނޭގެއެވެ. ޔަލްވީގެ ހުރިހާވެސް އުފަލަކީ ލިބެން އުޅޭ ދަރިފުޅެވެ. އަޔާޝް ދިޔައީ އޭނައައި އަމާނާތެއް ހަވާލުކޮށްފައެވެ.
"ހައި...."ލީވަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ކަނދުރާގެ ލޯލިތައްވެސް ކޮޅަށް ޖެހުނެވެ. އެކަނި ހުއްޓާ ލީވަންގެ ސިފައިގާ ޖިންނިއަކު އައީހެއްޔެވެ؟ އޭނަ ކަންބޮޑުވެފައި ހުރެ އެނބުރި ބަލައިލުމާއެކު ފެނުނީ ލީވަންއެވެ.
"ލީވަން...މިތާ؟"
"އަހަރެން އައުމުން ހިތްހަމަނުޖެހުނީތަ އަނެއްކާ؟" ލީވަން އެއްބުމަ އަރުވައިލިއެވެ.
"ނޫން ނޫން...އެހެނެއްނޫން.."އޭނައަށް ބުނެވުނީ ތަންކޮޅެއް އަވަހަށެވެ.
"އަހަރެން މިހިރީ މިކަހަލަ އެކަނިވެރި ފުރުސަތެއް ނުލިބިފައި..ވަރަށް ދުވަސްވެއްޖެ ހަމަ ކައިރިއަށް އައިސް މިހެން ބުނަން ބޭނުންވެފައި ހުންނަތާ..އެކަމަކު ދިމާވި ހާލަތުގެ ސަބަބުން ފަސްކުރަން މަޖުބޫރުވީ."
އޭނަގެ ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. މިރޭވެސް އޭނައަށް ސިއްރުން ލީވާންގެ ހަރަކާތްތަކަށް ފާރަލެވުނެވެ.
"އަހަންނަށްވެސް ނޭގުނު ކީއްވެކަމެއް ކިހިނެއްވެގެން ކަމެއް..އަންހެންކުދިން ވަރަށް ފެނޭ....ނަމަވެސް އާސީ ފެނުނު ވަގުތު ހިތް ބުނީ ސޯލް މޭޓްއޭ....އެފަހުން ކޮންމެ ރެއަކުހެން މަގޭ ޑްރީމްސްތަކަށް އަންނަ ހަމައެކަނި އަންހެންކުއްޖަކީވެސް އާސީ..އެހެންވެ ބޭނުންވީ އެ ހުވަފެން ހަގީގަތަކަށްވާން......މުޅި އުމުރުގެ ބައިވެެރިޔާކަމުގައި ވާން.." ލީވަން އޭނަގެ ޖީބުން ރަތްކުލައިގެ ކުޑަ ފޮށްޓެއްނެގިއެވެ. އަދި ކުޑަކަކޫ މައްޗަށް ތިރިވެ އެ ފޮށި ހުޅުވައިލިއެވެ. އޭގެ ތެރޭގައި އޮތް އަލިމަހުގެ އަނގޮޓި ހަނދުވަރުގެ އަލީގައި ވިދާ ބަބުޅަމުން ދިޔައެވެ. އޭނަގެ ލޮލުން އަންނަންފެށީ އުފާވެރިކަމުގެ ކަރުނައެވެ.
"ވިލް ޔޫ މެރީ މީ؟"
"ޔެސް....."އާސީން ހީލަމުން އަތްތިލަ ދިއްކޮށްލިއެވެ.
އާއިލާގެ އެހެން މީހުންނަށްވެސް އެ މަންޒަރު ފެނުނެވެ. މިނާހްއާއި ހަޔާ އަދި ޔަލްވީގެ މޫނުމަތިންވެސް އުފާވެރިކަން ފެނުނެވެ. އެކަކު އަނެކަކަށްޓަކާ މިންވަރުކުރައްވާފައިވާ މީހުން ކޮންމެެވެސް ގޮތަކުން ގުޅޭނެކަން މިރޭ ސާބިތުކޮށްދީފިއެވެ.އެ ރެއަކީ ހަމަ އެއް ކައިވެންޏެއްގެ އުފަލެއްނޫނެވެ. އާ ލޯތްބެއްގެ ބިންގާ އެޅުނު ބަރަކާތްތެރި ރެއެކެވެ.
***
އުދަރެސް އަޅިކުލައިގެ ވިލާތަކުން ފުރިފައިވާ އަނދިރިކަން ގަދަ ރެއެކެވެ. ކުއްލިއަކަށް ޖެހެންފެށި ބާރު ވަޔާއެކު ގަސްތައް ނުކިޔަމަންތެރިކަމާއެކު ހޫރިގަތެވެ. ރުކުގެ ފަންތައް އެކި ދިމަ ދިމާލަށް ތަޅައިގަންނަ އަޑު އިވެނީ ބިރުވެރި އެކަމަކު ހިތްގައިމު މިއުޒިކެއްފަދައިންނެވެ. އެއާއެކު ވިދާލި ވިދުވަރުގެ ސަބބަުން މުޅި ރަށް އެކީ އަލިވެގެން ދިޔުމާއެކު ފުން އަނދިރިކަމުގެ ތެރެއަށް ގެނބުނެވެ. ޖެހި ބާރު ގުގުރީގެ އަޑުފަށްގަނޑަށް މީހުންގެ ހިތްތައްވެސް ރޫރޫއަޅާވަރުވިއެވެ. މާގިނައިރެއްނުވެ ބޯކޮށް ވާރޭ އޮއްސައިގަތެވެ. ވާރޭގެ ބޮޑެތި ތިކިތައް ޓިނު ފުރާޅުތަކުގައި ޖެހޭ އަޑުފަށްގަނޑުން ފަޒާ ގުގުމައިލިއެވެ.
މި ހަލަބޮލިކަމާއި ތަންކޮޅެއް ދުރުގައި ގޭގެ ފިނި ކޮޓަރިއެއްގައި ތިބޭއިރު ކުރެވެނީ ތަފާތުު އިހުސާސެކެވެ. ކުޑަދޮރުން ބޭރަށް ބަލާއިރު ގަދަ ވަޔާއެކު ކޮޅުކޮޅަށް ހެލިލާ ގަސްތަކާއި ވާރޭގެ ފަރުދާގެ ފަހަތުން ފެންނަ ހޮޅިބުރިތަކުގެ އަލިވެސް ހީވަނީ ކުރެހުމެއްހެންނެވެ. މަޑު ރަޖާގަނޑެއްގެ ދަށުގައި ކޮފީއާއިއެކު މިނާހްގެ ދެމަފިރިން ތިބިއިރު ވާރޭގެ ނާނާގެ ސަބަބުން ލޮލަށް ނިދީގެ އަސަރުވެސް ވެރިވެފައިވިއެވެ.
ދެމީހުން ގެ މައުޟޫއަކީ ގެއަށް މެދުވެރިވި ކުއްލި ހިތާމައެވެ. އަދިވެސް ސަލާހުއްދީންއާއި ތަގުވާގެ ލޮލުން ކަރުނަ ނުހިކެއެވެ. އަޔާޝްދެކެ ދެމަފިރިން ލޯބިވާވަރު ސާބިތުކޮށްދެނީ އަޔާޝްގެ ނަން އިވުނަސް ލޮލުން ފާއްދާލާ ކަރުނަތިކިތަކެވެ.
"ދޮންބެ ބަލިވުމުގެ ހަތަރުވަރަކަށް ދުވަސްކުރިން ގުޅާފައި ވާހަކަދެއްކި... މުޅިންވެސް މަންމަގެ ވާހަކަ ދެކެވުނީ. މަންމައަށް ބޭނުންވަނީ ސޯލިހު ދަރިއެކޭ...މާނުއަށް އެކަހަލަ މީހަކަށް ވުމުގެ ފުރުސަތު އެބައޮތޭ..މަންމައަށްޓަކާ ނަމަވެސް ޗޭންޖުވާށޭ...ދޮންބެ އެގޮތަށް ވާހަކަދެއްކި ސަބަބެއްވެސް ނޭގޭ..ހަޔާ އަހަންނަށް ހެލްޕްވެދޭނަން ދޯ އެފަދަ މީހަކަށްވާން؟" މިނާހްގެ ލޯ ހަޔާގެ މޫނުން ކައްސާނުލައެވެ."ކައިވެނީގެ ފަހުން ހުޅުވަން ބުނި މެއިލް އިން ދޮންބެގެ ހިތް ހެޔޮކަމާއި އަހަރެމެންނަށްޓަކާ ދުއާކުރިވަރު އެނގުނީ..."
"އިންޝާﷲ.އެންމެން އެކީގައި ޖަންނަތުގައި ވުމަށްވުރެ ބޭނުން އެހެން ކަމެއްނެތް..މި ދުނިޔެއަކީ އެސްފިޔަ ޖަހާލާ ހިނދުކޮޅެއްގެ ތަނެއް.. ކޮންމެ ދުވަހަކު އެތައް ތުއްތު އަދި ޒުވާން ފުރާނައެއް ދެމިއޮތުމުގެ އާލަމަށް ދަތުރުކުރޭ....ގައިޑެންސްއަކީ ހަމަ ﷲތައާލާގެ ފަރާތުން ލިބޭއެއްޗެއް. ކޮންމެ ނަމާދެއްގައި ފާތިހާ ސޫރަތް ކިޔަވާއިރު އަހަރެމެން އެކަމަށް އެދި ދުޢާކުރަން...މިހާރުވެސް މާނު ތިިޔަ ދަނީ ހަމަ ރަގަޅު މަގުން...އެހެން ފިރިހެނުންނާއި ވަރަށް ތަފާތު..ސްޓައިލިޝް ރީތި އަންހެންކުއްޖަކު ފެނުނަސް ބަލާނުލާ. ތަގުވާވެރިން ބެލުން ތިރިކުރޭ...."
"އަހަރެންގެ ލޮލަށް ހަމަ ފެންނަނީ އެންމެ އަންހެންކުއްޖެއް..."މިނާހް ސަމާސާކޮށްލިއެވެ.
ހާދަ އަރާމު ރެއެކޭ.އަނެއްހެން ބިރުވެރި އެކަމަކު އޭގެ ޒާތުގައި ފުރިހަމަ ރެއެއް... ވާރޭގެ އަޑުއަހަން ހޫނު ރަޖާގަނޑެއްގެ ތެރޭ އޮވެ ނިދައިލުމަކީ ދުނިޔެއިން ލިބޭނެ އެންމެ ބޮޑު އެއް އަރާމު."
" ސްވިޒަލޭންޑަށް ފުރާ ދުވަސް މިޖެހުނީ..އެކޮޅުގައި ވާރޭގެ ބަދަލުގައި ސްނޯ ފައިބަމުންދަނީ....މި ފިނިކަން ނުވާނެ އެކައްޗަކަށްވެސް...ސްނޯއާއި ކުއިލްޓާއި ހޫނު ކޮފީއާއި މަގޭ ހަޔާއާއިއެކު ކޮންކަހަލަ ވައިބް އެއް އަންނާނީ؟ ކާންޓް ވެއިޓް ހަމަ.." އޭނަ ހަޔާގެ އަތަށް ފިތައިލިއެވެ.
***
ދެތިން ދުވަސްފަހުން ދެމީހުންވެސް މާމުއިހަނދުގެ އުފާވެރި ދަތުރުގައި ސްވިޒަލޭންޑްގެ ވިލެޖެއްގައި ތިބީ ހުރިހާ ޚިޔާލެއް އެއްފަރާތްކޮށްފައި ހަމައެކަނި އުފާކޮށްލުމަށެވެ.ފަރުބަދަމަތީގައި ހުރި ލަކުޑި ކޮޓެޖުގެ ބޭރުން ފެންނަނީ މުޅިންވެސް ހުދުކަމެވެ. ބޯކޮށް ސްނޯ ފައިބަމުންދިޔައިރު ހަޔާ ހުރީ ކުޑަ ކުއްޖެއް ފަދައިން އުފަލުން ފޮޅިފައެވެ. އޭނާ ގެ ހުނަރުވެރިކަން ފެންނަމުން ދިޔައީ ހަދަމުން ދިޔަ ސްނޯމޭންއިންނެވެ. އެ މަސައްކަތް ނިންމައިލުމަށްފަހު ލައިގެން ހުރި ރަތްކުލައިގެ ކޯޓުގެ ޖީބުން ރަތްކުލައިގެ ކުޑަ ހިތެއް ނެގިއެވެ.
"މިއީ މީނަގެ ހިތް......"އޭނަ އެ ހިތް ސްނޯމޭންގެ މޭމަތީގައި ހަރުކޮށްލިއެވެ.
މިނާހް ހުރީ ކޮޓެޖުގެ ދޮރުމަތީގައެވެ. އަތުގައި ހުރި އާވި އަރާވަރަށް ހޫނު ކޮފީ ތަށިން ކޯވަރެއް ބޯލަމުން ހަޔާގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެ ލޮލުން ފެންނަނީ ފުން ލޯތްބެވެ.
"މާނު. ބަލާބަލަަ. މި ސްނޯމޭންގެ ހިތް މިހާރު ކިހާ ރީތި.."ހަޔާ ގޮވާލިއެވެ.
އޭނަ މަޑުމަޑުން ހިނގަމުންގޮސް ހަޔާއާއި ކައިރިވެލިއެވެ. އަދި އޭނަގެ ހޫނު އަތުން އެ ފިނި ގަނޑުފެންފަދަ ފިނި އަތުގައި ހިފަހައްޓައިލިއެވެ.
"އެނގޭތަ ހަޔާ؟ ކޮލެޖުގައި އުޅުނުއިރު ރައްޓެހިން އަހަންނަށް ކިޔާ އުޅޭ ނަމެއް އޮވޭ......." އޭނަ ބުނެލިއެވެ.
ހަޔާ ހައިރާންވެފައި ބަލާލިއެވެ. "ކޮން ނަމެއް؟"
"ކޯލްޑް ހާޓް...... ފިނި ހިތެއްގެ ވެރިޔާ....." އޭނަ ކުޑަކޮށް ހީިލިއެވެ."އޭރު އެއްވެސް އަންހެން ކުއްޖަކާ ވާހަކައެއް ނުދައްކަން. އެމީހުން ހީކުރީ އަހަރެންގެ ހިތަކީ ސްނޯ ފަދަ ފިނި އިހުސާސެއް ނެތް ހިތެއް ކަމަށް......"
ހަޔާ ލޯ ބޮޑުކޮށްލިއެވެ.
"އެކަމަކު އެމީހުންނަށް ނޭނގޭ ކަމަކީ އަހަރެންގެ ހިތް ރައްކާކޮށްފައި އޮތީ ހަމައެކަނި ހަޔާއަށްޓަކައިކަން އަހަރެންގެ ލޮލުގައި އަބަދުވެސް ހުރީ ހަޔާގެ ތަަސްވީރު. މި ހިތް ހޫނުވީ އަދި މި ހިތުގައި ވިންދު ޖަހަންފެށީ ހަމައެކަނި ހަޔާ ފެނުނު ދުވަހު."
ހަޔާގެހިތް އުފަލުން ފުރުނެވެ. ބޭރުން ޖެހެމުންދިޔަ ފިނި ވަޔަށްވުރެ މިނާހުގެ އެ ލަފުޒުތަކުން އޭނާގެ ހަށިގަނޑަށް ލިބުނު ހޫނުކަން މާ ބޮޑެވެ.
"އެހެންވީމާ މިއީ އަސްލު ސްނޯމޭން އަކީ؟" ހަޔާ އޭނަގެ މޭގައި ބޯ އަޅާލަމުން ސަމާސާކޮށްލިއެވެ.
"އާނ އެކަމަކު މިހާރު މި ހިތުގައި އޮތީ ހަޔާ ދިން އެ ރަތްކުލައިގެ ލޯބި........" މިނާހް ހަޔާގެ ނިތްކުރީގައި ބޮސް ދިނެވެ.
ވަށައިގެން ސްނޯ ފައިބަމުންދިޔަ އެ ދެމީހުން އެކަކު އަނެކަކުގެ އަތުގެ ހޫނުކަން ލިބިގަންނަމުން ދިޔައިރު މުޅި ދުނިޔެ ހުއްޓިފައިވާ ކަހަލައެވެ.
ނިމުނީ