ފިލްމު 'ކިންގް'ގެ ސެޓުގައި ނަގާފައިވާ ފޮޓޯތައް ދައުރު ނުކުރުމަށް އެދެފި

އެކްޓަރު ޝާހްރުކް ޚާން އަދި ފިލްމު ޑައިރެކްޓަރު ސިދާތު އާނަންދު--ފޮޓޯ/ނިއުސް18

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހްރުކް ޚާން ލީޑް ރޯލް ކުޅޭ ފިލްމު "ކިންގް"ގެ ސެޓުުގައި ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް ދާދިފަހުން ލީކުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އަދި ވީޑިއޯތައް ވެސް ދައުރު ނުކުރުމަށް ޑައިރެކްޓަރު ސިދާތު އާނަންދު އެދިއްޖެއެވެ.

މި އަހަރުގެ ޑިސެމްބަރު މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ފިލްމު "ކިންގް"ގެ ލީކުވެފައިވާ ފޮޓޯތަކުން ފެންނާނީ ޝާހްރުކްއާ އެކު ފިލްމުގެ މުހިއްމު ރޯލްއަކުން ފެންނާނެ ބަތަލާ ދީޕިކާ ޕަދުކޯން އެކީގައި މަންޒަރެއް ޝޫޓްކުރާ ތަނެވެ.

ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ ޝޫޓިންގް ދެކުނު އެފްރިކާގެ ކޭޕް ޓައުންގައި ކުރިއަށްދާއިރު މިއީ ބަތަލާ ދީޕިކާ ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނު ކުރުމަށްފަހު މަސައްކަތްކުރާ ދެ ފިލްމުގެ ތެރެއިން އެއް ފިލްމެވެ.

ސިދާތުގެ އާނަންދުގެ އަމިއްލަ ފިލްމު ކުންފުންޏާއި ޝާހުގެ ރެޑް ޗިލީޒް ގުޅިގެން ގެނެސްދޭ "ކިންގް"އަކީ ޚުދު ސިދާތު އަމިއްލައަށް ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު އޭނާގެ ޓީމުގެ ސަމާލުކަން ގެނެސް އެ މަންޒަރުތައް އިތުރަށް ދައުރު ނުކުރުމަށް ސިދާތު ވަނީ ބެލުންތެރިންގެ ކިބައިން އެދިފައެވެ.

ފިލްމު "ކިންގް"ގެ ޑައިރެކްޓަރު ސިދާތު އާނަންދު އަދި ލީކުވެފައިވާ ފިލްމު ސެޓުގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝާހު އާއި ދީޕިކާގެ އިތުރުން ފިލްމު "ކިންގް"ގެ ކާސްޓުގައި ހިމެނޭ އެހެން ތަރިންގެތެރޭ، ރާނީ މުކަރުޖީ، އަބީޝެކް ބައްޗަން، އަރްޝަދު ވަރްސީ، ޖެކީ ޝްރޮފް، ރާގަވް ޖުޔަލް، އަބޭ ވަރުމާ، ސޯރަބް ޝުކްލާ، އަނިލް ކަޕޫރް، ޖައިދީޕް އަހުލުވާތު، އަކްޝޭ އޮބެރޯއީ، ކަރަންވީރް މަލްއުތުރާ އަދި ފަހީމް ފަޒްލީ ހިމެނެއެވެ.

މީގެއިތުރުން "ކިންގް"ގެ ވަރަށް ހާއްސަ ރޯލަކުން ޝާހުގެ އަންހެން ދަރިފުޅު ސުހާނާ ޚާން ފެންނާނެއެވެ. މިއީ ނެޓްފްލިކްސްއިން ގެނެސްދިން "ދި އާޗީސް"އަށްފަހު ސުހާނާ ބޮޑު ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 24ގައެވެ.

comment ކޮމެންޓް