ވިންޑޯޒް 11 އަށް "އެކްސްބޮކްސް މޯޑް" ތައާރަފުކުރަން ފަށައިފި

މިއީ ކޮންޓްރޯލަރު ބޭނުންކޮށްގެން ގޭމް ކުޅޭ ފަރާތްތަކަށް ޚާއްސަ ފީޗާއެއް ---

މައިކްރޯސޮފްޓުން ވިންޑޯޒް 11 ބޭނުންކުރާ ޕީސީތަކަށް "އެކްސްބޮކްސް މޯޑް" ތައާރަފުކުރަން ފަށައިފިއެވެ.

ހޮވައިލެވޭ ވަކި މާކެޓްތަކަކަށް މިހާރު ދޫކުރަން ފަށާފައިވާ މި ފީޗާގެ ސަބަބުން ޑެސްކްޓޮޕް، ލެޕްޓޮޕް އަދި ޓެބްލެޓްތަކުގައިވެސް ކޮންސޯލްތަކުން ފެންނަ ފަދަ ގޭމިން އިންޓަފޭސްއެއް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މޯޑަކީ މީގެ ކުރިން "އާރް.އޯ.ޖީ އެލައި" ފަދަ އަތުން ހިފާ ގޭމިން ޑިވައިސްތަކުގައި ބޭނުންކުރި "އެކްސްބޮކްސް ފުލް ސްކްރީން އެކްސްޕީރިއަންސް" އަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޯޑެކެވެ. މިއީ ޚާއްސަކޮށް ކޮންޓްރޯލަރު ބޭނުންކޮށްގެން ގޭމް ކުޅޭ ފަރާތްތަކަށް ފަސޭހަވާނެހެން ފަރުމާކޮށްފައިވާ، އަދި އެކި ޕްލެޓްފޯމްތަކުގެ ގޭމްތައް އެއްތަނަކުން ފެންނާނެ އިންތިޒާމެކެވެ.

މާރިޗު މަހު އިއުލާންކުރި މި ފީޗާ ބައެއް މާކެޓްތަކަށް ރިލީޒްކުރަން ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. މައިކްރޯސޮފްޓްގެ އެކްސްބޮކްސް ވަޔާ ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ކުރިއަށް އޮތް ހަފުތާތަކުގައި އެ މާކެޓްތަކުގެ އިތުރު ޔޫޒަރުންނަށް މި މޯޑް ލިބެމުންދާނެއެވެ.

އެކްސްބޮކްސް މޯޑްގެ އެހީގައި އެކްސްބޮކްސް ގޭމް ޕާސް، ސްޓީމް އަދި އެޕިކް ގޭމްސް ސްޓޯ ފަދަ ތަފާތު ޕްލެޓްފޯމްތަކުގެ ގޭމްތައް އެއް ލައިބްރަރީއަކުން ފެންނާނެއެވެ. މީގެ ސަބަބުން ކޮންމެ ސްޓޯރަކުން އިންސްޓޯލްކޮށްފައި ހުރި ގޭމެއް ނަމަވެސް، ސީދާ މި މޯޑުގެ ތެރެއިން ލޯންޗުކޮށްލެވޭނެއެވެ. އަދި ގޭމް ކުޅެ ނިންމާލުމަށްފަހު ވަރަށް ފަސޭހަކަމާއެކު އަނބުރާ ވިންޑޯޒް 11 ގެ އާދައިގެ ޑެސްކްޓޮޕަށް ބަދަލުކޮށްލެވޭނެއެވެ.

ތަފާތު ޑިވައިސްތަކަށް މި ފީޗާ ލިބޭގޮތް މިހާރުވަނީ ހަދާފައި ---

މި އަޕްޑޭޓް ހޯދުމަށްޓަކައި ވިންޑޯޒް 11 ގެ ސެޓިންގްސް އަށް ގޮސް، ވިންޑޯޒް އަޕްޑޭޓްގެ ދަށުން "ގެޓް ދަ ލޭޓެސްޓް އަޕްޑޭޓްސް އޭޒް ސޫން އޭޒް ދޭ އާ އެވައިލަބަލް" އޮޕްޝަން އޮން ކުރަން ޖެހެއެވެ. އެއަށްފަހު ޕީސީއަށް މި ފީޗާ ލިބުމުން، ސެޓިންގްސް މެދުވެރިކޮށް އެކްސްބޮކްސް މޯޑް އެކްޓިވޭޓް ކުރެވޭނެއެވެ.

މައިކްރޯސޮފްޓުން ބުނި ގޮތުގައި މި މޯޑް ތައްޔާރުކޮށްފައިވަނީ ގޭމް ކުޅޭ މީހުންގެ ޚިޔާލަށް ބިނާކޮށް، ވިންޑޯޒްގައި ކޮންސޯލެއްގެ ފަސޭހަކަން ގެނެސްދިނުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޔޫޒަރުންގެ ފާޑުކިޔުންތަކާއެކު މި ފީޗާ އިތުރަށް ތަރައްގީ ކުރަމުންދާނެ ކަމަށްވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް