ލަންކާގެ ބަދަލުގައި ޑައިމަންޑް ޖުބިލީ މުބާރާތަށް އަފްގާނިސްތާން

އަފްގާނިސްތާނުގެ ގައުމީ ފުޓުބޯޅަ ޓީ--

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި އަންނަ ޖޫން މަހުގެ 1 އިން 10 އަށް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ކަޕް" ގައި ވާދަކުރަން ފުރަތަމަ ނިންމި ސްރީ ލަންކާ މުބާރާތުން ވަކިވުމާ ގުޅިގެން، އެ ޖާގަ އަފްގާނިސްތާނަށް ދީފިއެވެ.

ލަންކާއިން މުބާރާތުގައި ކުޅޭނެކަން ކުރިން އިއުލާނުކުރި ނަމަވެސް، ފަހުން ވަނީ އެކި އުޒުރުތައް ދައްކައި މުބާރާތުން ވަކިވެފައެވެ.

ބަންގްލަދޭޝްގެ ސީނިއާ ޓީމަށް މި މުބާރާތުގައި ބައިވެރިނުވެވުނީ، އެ ގައުމުގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ޔޫރަޕްގެ ގައުމެއް ކަމަށްވާ ސެން މެރީނޯއާ ދެކޮޅަށް މެޗެއް ކުޅެން ހަމަޖެހިފައި އޮތުމުންނެވެ.

މީގެ އިތުރުން ނޭޕާލަށް ވެސް އެ ގައުމުގެ ފުޓްބޯޅަ ހާލަތު މިވަގުތު އޮތްގޮތުން މުބާރާތުގައި ބައިވެރިވެވޭ ގޮތެއް ނުވިއެވެ.

މި ދަނޑިވަޅުގައި އަފްގާނިސްތާނުން ވަނީ މި ފުރުސަތުގެ ބޭނުންހިފުމަށް އަވަސްވެގަނެ، މުބާރާތުގައި ބައިވެރިވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އެންމެހާ އިދާރީ ކަންކަން މިހާރު ފަށާފައެވެ.

އަފްގާނިސްތާނަކީ 2003 އިން ފެށިގެން 2015 އާ ހަމައަށް ސާފް ސަރަހައްދުގައި ރާއްޖެއާ އެންމެ ވާދަވެރި އެއް ގައުމެވެ. އެ ގައުމުން ވަނީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މީގެއިތުރުން 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖް ކަޕްގެ ތިންވަނަ ހޮވި މެޗުގައި ރާއްޖެ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި ނަމަވެސް، އެ ޓީމަކީ އަބަދުވެސް ދިވެހި ސަޕޯޓަރުންގެ މެދުގައި މަގުބޫލު އަދި ވަރުގަދަ ކުޅުމެއް ދައްކާ ޓީމެކެވެ.

ރާއްޖޭގެ ގައުމީ ޓީމުން މިހާރު އަންނަނީ މި މުބާރާތަށް ތައްޔާރުވުމަށްޓަކައި މާލޭގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު