ވޯލްޑް ކަޕުގެ ބައެއް މެޗުތަކުގެ ޓިކެޓު އަގު 4000 ޑޮލަރަށްވުރެ މަތީގައި

އަންނަ މަހު ފެށުމަށް ތައްޔާރުވަމުންދާ ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނައިރު، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޓިކެޓްތައް އަދިވެސް ފީފާގެ ރަސްމީ ވެބްސައިޓުން ލިބެން އެބަހުއްޓެވެ.

ނަމަވެސް މިފަހަރުގެ އެންމެ ބޮޑު ވާހަކައަކީ ޓިކެޓްތަކުގެ އަގުބޮޑުވުމެވެ. ޑައިނަމިކް ޕްރައިޒިން ނިޒާމުގެ ދަށުން ޓިކެޓްތައް ވިއްކަން ފެށުމާއެކު، މެޗުތަކުގެ ޑިމާންޑަށް ބަލައި އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ބަލާއިރު، އެންމެ އަގުބޮޑުކޮށް އުޅެނީ އެމެރިކާ އާއި ޕެރަގުއޭ ބައްދަލުކުރާ މެޗެވެ. މި މެޗުގެ ޓިކެޓެއްގެ އަގު ވަނީ 4,105 އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި މުބާރާތުގައި އަލަށް ވާދަކުރާ ކުރަކާއޯ އާއި އައިވަރީ ކޯސްޓް ބައްދަލުކުރާ މެޗު 380 ޑޮލަރަށް ލިބެން ހުރިއިރު، މިއީ ގްރޫޕް ސްޓޭޖުގެ އެންމެ ހެޔޮ އަގުވެސްމެއެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކަށް ބަލާއިރު، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާގެ މެޗެއް ބަލާލަން 2,475 އާއި 2,925 ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކުރަންޖެހެއެވެ.

ބްރެޒިލްގެ މެޗުތައް އުޅެނީ 2,280 އާއި 2,310 ޑޮލަރާ ދެމެދުގައެވެ. މުބާރާތުގެ ސެމީ ފައިނަލުގެ އަގުތައް 9,000 އިން މަތީގައި އުޅޭއިރު، ފައިނަލް މެޗުގެ ޓިކެޓްތައް އަދި ވިއްކަން ނުފަށައެވެ.

ނުވިކި ހުރި ޓިކެޓްތައް މިހާރު ފީފާގެ ވެބްސައިޓްގެ "ލާސްޓް މިނިޓް ސޭލްސް" ސެކްޝަނުން ގަންނަން ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު