އޮސަސޫނާ ބަލިކޮށް ބާސާއިން ތަށި ކަށަވަރުކުރުމާ ފިޔަވަޅެއް ގާތަށް

އޮސަސޫނާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން--

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން އޮސަސޫނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައި، ބާސެލޯނާއިން ޖެހިޖެހިގެން ދެވަނަ ފަހަރަށް ލީގު ތަށި އުފުލާލުމާ ގާތަށް ޖެހިލައިފިއެވެ.

އެސްޓާޑިއޯ އެލް ސަދާރުގައި ކުޅުނު މި ފޯރިގަދަ މެޗުން ލިބުނު މޮޅާއެކު، ތާވަލުގެ އެއްވަނާގައި ބާސެލޯނާ މިހާރު އޮތީ 14 ޕޮއިންޓުގެ ބޮޑު ލީޑަކާ އެކުގައެވެ.

ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ބާސެލޯނާއަށް ލީގު ޗެމްޕިއަންކަން މިރޭ ކަށަވަރުވުމުގެ ފުރުސަތު އެބައޮތެވެ. އެއީ އާދިއްތަ ދުވަހު އެސްޕަންޔޯލާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން އެޓީމު މޮޅުނުވެއްޖެ ނަމައެވެ.

ނަމަވެސް ރެއާލް މޮޅުވެއްޖެ ނަމަ، އަންނަ މޭ މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ބާސާއަށް ތަށި ކަށަވަރުވާނެއެވެ.

ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ނަތީޖާ ބަދަލުވީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކަސް ރަޝްފޯޑްގެ ތަފާތު މޮޅު ކުޅުމާއެކުގައެވެ. ރަޝްފޯޑް ނަގައިދިން ހިތްގައިމު ހުރަހަކުން ތަޖުރިބާކާރު ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވަދެ ބާސާއަށް ކުރިހޯދައިދިނެވެ.

އޭގެ ފަސް މިނެޓު ފަހުން މެދުތެރެއަށް ކުޅޭ ފާމިން ލޮޕޭޒް ދިން މޮޅު ޕާހަކުން ފެރާން ޓޮރޭޒް ވަނީ ބާސާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

އޮސަސޫނާގެ ރައުލް ގާސިއާ ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ބާސެލޯނާއިން ވަނީ ހުށިޔާރުކަމާއެކު މެޗު ނިންމާލައި ލީގުގައި އެޓީމުން ހޯދަމުންދާ 10 މެޗުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު