މިއިން ދުވަހަކު މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ނުކޮށްދޭ ވަރަށް މި ސަރުކާރުން ކޮށްދީފި: އިހުސާން

ހޯމް މިނިސްޓަރު އަލީ އިހުސާން: ވިދާޅުވީ މިއިން ދުވަހަކު މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ނުކޮށްދޭ ވަރަށް މި ސަރުކާރުން ކޮށްދީފި ކަމަށް -- ސަން ފޮޓޯ/ މުޙައްމަދު މާވީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތާރީޚުގައި ދުވަހަކުވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ނުކޮށްދޭ މިންވަރަށް އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ. އޭގެ ތެރޭގައި މަޖިލީހުގައި މަޑުޖެހިފައި އޮތް މުހިންމު ގާނޫނުތައް ތަންފީޒުކުރުމާއި ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ.

  • މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމުގައި ސަރުކާރުން ތާރީޚީ ކުރިއެރުންތަކެއް ހޯދާފައިވާކަން
  • އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ތަންފީޒުކުރަން ފެށުން
  • މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އިސްކަންދިނުން
  • ދޭސީންނާއި ބިދޭސީން ތަފާތުކުރުމެއްނެތި މަސައްކަތުގެ އަގު ވަޒަންކޮށް ހައްގުތައް ހިމާޔަތްކުރުން
  • ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދާކަން

ރާއްޖޭގެ ތާރީޚުގައި މީގެ ކުރިން ދުވަހަކުވެސް މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ނުކޮށްދޭ މިންވަރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާ ބެހޭ ވަޒީރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މިއަދު މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ކުރީގެ މަޖިލީހުގައި މަޑުޖެހިފައި އޮތް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ އާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނު ތަންފީޒުކުރުން ކަމަށެވެ. އަދި މިހާރު އެ ގާނޫނުތަކަށް އަމަލުކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ހަމައެއާއެކު މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ ގޮތުން ހުރި ގިނަ މައްސަލަތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ރައީސް މަގުފަހިކޮށްދެއްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އޮކިއުޕޭޝަން ސޭފްޓީއާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ގާނޫނަކީ އޭރުގައި މަޖިލީހުގައި މަޑަޖެހިފައި އޮތް ގާނޫނެއް. ރައީސުލްޖުމްހޫރިއްޔާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެންމެ ފުރަތަމަ ވެސް ވަރަށް އަވަހަށް އެ ގާނޫނު ތަންފީޒުކުރެއްވި. އެއަށް ޢަމަލުކުރުމުގެ މަސައްކަތް މިހާރު އަޅުގަނޑުމެންގެ ކުރިއަށް މި ގެންދަނީ،" އިހުސާން ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

"...ހަމަ އެއާއެކު މަސައްކަތްތެރިންގެ ޙައްޤުތަކާ ގުޅޭ ވަރަށް ބައިވަރު މައްސަލަތައް، އެ މައްސަލަތައް އަވަހަށް ނިންމޭނެ މަގު ހޯދައިދީ، އެ މަގު ފަހިކޮށްދީ، ރައީސް ވަނީ އެ މައްސަލަތައް ޙައްލުކޮށްދެއްވަން ފަށްޓަވާފައި. އަދި މިހާތަނަށް ނުބެލޭވަރަށް، ތާރީޚުގައި ދުވަހަކު ނުބެލޭވަރަށް އެ މައްސަލަތައް ބަލައި، މަސައްކަތްތެރިންގެ ޙައްޤުތައް މި ދަނީ ކަށަވަރުކޮށްދެމުން،" އިހުސާން އިތުރަށް ވިދާޅުވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ހައްގުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މީގެ ކުރިން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް މުޖުތަމައުގެ ތެރޭގައި އޮތީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގެ މަގުތަކުގައި ކުރިއަށްގެންދިޔަ ހިނގާލުމުގައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ނަމަވެސް، ރާއްޖެ ބިނާކުރުމުގައި މަސައްކަތްކުރާ ކޮންމެ މީހަކީވެސް، އެއީ ދޭސީއެއް ނުވަތަ ބިދޭސީއެއް ކަމުގައިވީ ނަމަވެސް، އެ މީހެއްގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ ރައީސްގެ ވިސްނުންފުޅު ކަމުގައި އޭނާ ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް، އެ މައްސަލަ މިހާރު އެއްކޮށްހެން ހައްލުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ އަމާޒަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް، ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށްވެސް ވަޒީރު އިހުސާންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް