"ތިހިރީ ވަރިކޮށްފަ... މިއަދުން ފެށިގެން ތީ މަގޭ އަނތްބެއް ނޫން."
އެ ބަސްތައް ކަންފަތާ ހަމައަށް ފޯރުމާއެކު އައިރާ ހުއްޓުން އެރިއެވެ. ހިނދުކޮޅަކަށް ހީވީ ހިތުގެ ހިނގުންވެސް މަޑުޖެހިލިހެންނެވެ. އޭނަގެ ވަށައިގެން މުޅި ދުނިޔެ އެނބުރިގަތް އިޙްސާސްއެއް އައިރާއަށް ކުރެވުނުއިރު، ސިކުނޑީގެ އެ ޖުމްލަތައް ތަކުރާރުވާން ފެށިއެވެ. ރިހާމް ނުކުމެގެން ދާން ފެށުމާއެކު، ނެތްހިތްވަރު ލާފައި އޭނައަށް ތެދުވެވުނެވެ. ވަރުނެތް ޙާލުގައި ގޮސް ރިހާމްގެ ކުރިމައްޗަށް އެރިއެވެ.
"ރިހާމް... ތިހެން ނުހަދާ... ހެޔޮނުވާނެ. އަހަރެންގެ އެއްވެސް މީހެއް ނެތޭ... އަހަރެން ވަރިނުކުރޭ... މީ ރިހާމްގެ ދަރިއެކޭ.... އަހަރެންމީ ތި ހީކުރާކަހަލަ މީހެއް ނޫނޭ..." އައިރާ ރިހާމްގެ ގައިގައި ބައްދައިލަން އުޅުނެވެ. ރޮމުން ގިސްލަމުންނެވެ. އެހެންނަމަވެސް ރިހާމްގެ ހަރު ހިތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކުޑަމިނުން އޭނަ އައިރާއަށް ބަލާވެސް ނުލިއެވެ. އޭނަގެ ހަށިގަނޑުގައި ވަށާލެވިފައިވާ އައިރާގެ އަތް ދުރުކޮށްލުން ވީ އުނދަގޫކަމަކަށެވެ. އެހެން ހުރެފައި ކުއްލިއަކަށް ރިހާމް ގެނައި ހަރަކާތާއެކު އައިރާގެ އެއް އަތުގައި ހިފާ ދުރުކޮށްލައިފިއެވެ. ކުޑަކޮށް ފަހަތަށް ދިޔަ އައިރާގެ ބަނޑަށް ތޫނު ތަދެއް އަރައިގެން ގޮސް އޭނައަށް ވޭނީ އާހެއް ބޭރުކޮށްލެވުނެވެ. އެހެންނަމަވެސް އެކަމަކަށް ރިހާމް ސަމާލުކަމެއް ނުދިނެވެ. އޭނަ ނުކުމެ ދޮރު ޖަހައިފިއެވެ.
އެ މަންޒަރު ފެނި އައިރާގެ ވޭނުގެ ބޮޅަށް ރިހުމެއް އިތުރުވެއްޖެއެވެ. އޭނަގެ ހިތް ހީވީ އުދާސްކަމާއި ހިތްދަތިކަމުގެ ރާޅުބާނީތަކެއްގެ ތެރެއަށް ގެނބިގެން ދިޔަހެންނެވެ. ތަކުލީފާ ނިކުމެއް ނެތް ގިލަންވެރިކަމެއްގެ ތެރެއަށް ޢަރަޤުވެގެން ދިޔަހެންނެވެ.
އުފާވެރި ދިރިއުޅުމަކަށްޓަކައި އައިރާ ދެކެމުން އައި ހުވަފެންތަކުގައި ރަނގަޅަށް ކުލަ ނުޖެހިގެން އުޅެނިކޮށް ބިލާހަކަށްވެގެން ހިނގައްޖެއެވެ. ކައިވެންޏަށް ދެއަހަރުވީއިރު، ކުރަމުން ދިޔަ އުންމީދުތައް ވިއްސިވިހާލިވެގެން ހިނގައްޖެއެވެ. ކައިވެނީގެ މަތިވެރި ގުޅުމުގައި ސިއްކަ ޖެހި އޭނަ ބިކަވެއްޖެއެވެ. އެވެސް އެންމެ ހިތްދަތި ގޮތުގައެވެ. ރިހާމް އޭނަގެ ބޮލުގައި އެޅުވި ދޮގު އިލްޒާމުތަކުގެ ކަސްތޮޅުތައް އޭނަގެ ހިތާ ޖިސްމުވެސް ގައިދުކުރަމުން ދިޔަ ފަދައެވެ. އޭނަ ރިހާމް ދެކެ ވީ ލޯތްބާއި ދިން ވަފާތެރިކަމުގައިވެސް މިއަދު އެއްވެސް އަގެއް ނެތެވެ. ތުންފަތް ފޫ އަޅުވާލާފައި ނުކުންނަމުން ދިޔަ އާހުތަކާ ގިސްލުންތަކާއެކު އައިރާއަށް ވޭނުގައި ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭރު އޭނަގެ ބަނޑަށް އަރަމުން ދިޔަ ތޫނު ތަދުގެ ސަބަބުން އެއްޗެއް ބުނަންވެސް އައިރާއަށް ދަތިވެއްޖެއެވެ.
"އައިރާ... އައިރާ... އޯކޭތަ؟ އައިރާ...." ޒަހްރާނަށް ހާސްކަމާއެކު ވާހަކަ ދެކެވުނުއިރު، އީލާފްވެސް އައިރާއަށް ގޮވަން ފެށިއެވެ. އަޅަމުންދިޔަ ވޭނުގެ ސަބަބުން އައިރާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ.
"ކުޑަބެ. އައި ތިންކް ވީ ޝުޑް ޓޭކް ހާރ ޓު ދި ހޮސްޕިޓަލް..." އީލާފްއަށް ބުނެވުނެވެ. އެހެން އެއްވެސް ކަމަކާ މެދު ވިސްނާކަށް ވަގުތެއް ނެތެވެ. ޒަހްރާން އޭނަގެ އަތްދަނޑި މައްޗަށް އައިރާ އުފުއްލައިލިއެވެ. އެއަށްފަހު ސޯފާގައި އައިރާ ބޭއްވިއެވެ. ކުރު ގެޅިލައިގެން އޮތް އައިރާގެ ދެލޮލުން އޭރުވެސް ކަރުނަ ފައިބަމުން ދިޔައެވެ. ހިތުގެ ރިހުމާއި، ގައިގައި އަޅަމުން ދިޔަ ވޭންތައް އެއްވެ، މީހާއަށް ވަނީ ކުއްލި ސިހުމަކާއި ގިލަންވެރިކަމެއް ގެނުވާފައެވެ. ދަރިފުޅާ މެދު އޭނަ ކަންބޮޑުވިއެވެ. ބަލިވެއިނީ ފުރަތަމަ ފަހަރު ނަމަވެސް ވަނީ ކީއްކަން އައިރާއަށް އެނގެއެވެ. އޭނަގެ ރުއިން އިތުރުވީ އެހެންވެގެންނެވެ.
ބޭއިޚްތިޔާރުގައި ޒަހްރާނަށް އޭނަގެ އަތް އުފުއްލާލާފައި އައިރާގެ ކޯތާފަތުގައި ޖައްސައިލާ އެ ކަރުނަތައް ފުހެދެވުނެވެ. އަމިއްލަ އިޙްސާސްތައް މީހާގެ ބާރުގެ ދަށަށް ގެންނަން އޭނަވަނީ ނުކުޅެދިފައެވެ. އައިރާގެ ދެލޮލުން އެގޮތަށް ކަރުނަ ފައިބަމުން ދާތަން ބަލާކަށް އޭނައަކަށް ކެތެއް ނުކުރެވުނެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތުގައި އައިރާއާ މެދު އިޙްސާސްތަކެއް ވެއެވެ. ކިތަންމެ ވަރަކަށް ފުރަގަސްދޭން ބޭނުންވެފައިވީ ނަމަވެސް، އެ ޖަޒުބާތުތަކަށް އިންކާރުކުރުމުގެ ޤާބިލްކަމެއް މިހާރަކު އޭނަގެ ކިބަޔަކު ނެތެވެ. އައިރާގެ ދެލޮލުން ފައިބަމުންދިޔަ ކޮންމެ ކަރުނަތިއްކަކާއެކު އޭނަގެ ހިތްވެސް ފިއްސަމުން ދިޔައެވެ.
އިތުރަށް އެންމެ ހިނދުކޮޅެއްވެސް މަޑުކުރުމެއްނެތި ޒަހްރާނާ އީލާފް އަވަސްވެގަތީ އައިރާ ގޮވައިގެން ގޮސްޕިޓަލަށް ދިޔުމަށެވެ. ކާރުގައި ދާން އުޅެފައިވެސް، އީލާފް ޚިޔާލުދިނީ އެންބިއުލާންސްއަށް ގުޅުމަށެވެ. ޒަހްރާން ބޯ ޖަހާލާފައި އެންބިއުލާންސްއަށް ގުޅިއެވެ. އެއަށްފަހު އޭނަ އައިރާ އަތްދަނޑި މައްޗަށް އުފުއްލައިލިއެވެ. ވޭނުގައި އޭރުވެސް އައިރާ ރޮމުން ދިޔައެވެ. އެންބިއުލާންސް އައީ ޒަހްރާން އައިރާ ގޮވައިގެން ގޮސް ބޭރަށް ނުކުތްތަނާ ހެންނެވެ. އޭނަ ގޮސް އައިރާ ސްޓްރެޗާއަށް އަރުވައިލިއެވެ.
އީލާފް އެންބިއުލާންސްއަށް އެރިއިރު، ޒަހްރާން ސައިކަލުގައި އެންބިއުލާންސްގެ ފަހަތުން ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ. އެމަރޖެންސީއަށް އައިރާ ވެއްދުމާއެކު އަވަސް ފަރުވާ ދޭން ފެށުނެވެ. ކާރޓެއިންތައް ދަމާލުމާއެކު އައިރާއަށް ފަރުވާދެމުން ދިޔަ މަންޒަރު ލޯ މައްޗަށް ފަރުދާވެގެން ދިޔައެވެ. ޒަހްރާނަށް އޭނަގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. އައިރާއާ އައިރާގެ ދަރިފުޅު ސަލާމަތުން ލެހެއްޓެވުމަށް އެދި އޭނައަށް ހެއްދެވި ފަރާތަށް ދުޢާ ކުރެވުނު އަދަދެއް ނޭނގެއެވެ. އީލާފްވެސް އައިސް ޒަހްރާންގެ ކޮނޑުގައި އަތް ޖައްސައިލިއެވެ. އޭނަވެސް ހުރީ ހާސްވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައެވެ.
"ހާދަ ގޯސް މީހެކޭ އެއީ..." އީލާފްއަށް ބުނެވުނެވެ.
"މިވަގުތަކު ނޫން އީލު..." ޒަހްރާނަށް ބުނެވުނެވެ. އޭނައަށް މިވަގުތު އެހެން އެއްވެސް ކަމަކާ ވިސްނޭގޮތެއް ނުވެއެވެ. ކަންބޮޑުވަނީ ހަމައެކަނި އައިރާއާ މެދުގައެވެ. އެ ނޫން އިތުރު ކަމަކާ މެދު ވިސްނުމަށް ސިކުނޑި ދިޔައީ އުޒުރުވެރިވަމުންނެވެ. އޭނަގެ ހިތުގައި އައިރާއަށްޓަކައިވާ ލޯބި އެކަމަށް ހުރަސް އަޅަނީއެވެ. އީލާފްވެސް ބޯ ޖަހާލައިފިއެވެ. ސިކުނޑީގެ ތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑާ އުތުރި އަރަމުންދިޔަ ސުވާލުތައް އޭނަ މިވަގުތު ޒަހްރާނާ ކުރަން ބޭނުންވިނަމަވެސް، އެއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ނޫންކަން ޚުދު އޭނައަށްވެސް ވިސްނުނީއެވެ. ވަގުތާ ޙާލަތުގެ ނާޒުކުކަން ވެސް މެއެވެ.
އިރުއިރުކޮޅުން ޑޮކްޓަރުންނާ ނަރުހުން އައިރާގެ ކައިރިއަށް ވަދެ ނުކުންނަމުން ދިޔައެވެ. އެއިން ކޮންމެ މީހެއްގެ މޫނުމަތީންވެސް ފެންނަނީ ހާސްކަމެކެވެ. އެހެންނަމަވެސް، އެ ނާޒުކު ވަގުތު ކޮޅުވެސް އެމީހުން އެމީހުންގެ މަސްއޫލިއްޔަތާ ޒިންމާ ފަރުވާތެރިކަމާއެކު، އަދާކުރަމުން ދިޔައެވެ. އެ މަންޒަރު ބަލަން ޒަހްރާނަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނުއިރު، އޭނަ އުޅެން ފެށިގޮތުން އީލާފް ވެސް އައިސް ދެފަހަރަކު ގޮނޑީގައި އިށީނުމަށް ޒަހްރާންގެ ކައިރީގައި ބުނެލައިފިއެވެ. އެހެންނަމަވެސް، އެކަމަށްވެސް ޒަހްރާންކުރީ އިންކާރެވެ. ނުކިޔަމަންތެރިކަމާއެކު ބާރަށް ތެޅެމުން ދިޔަ ހިތް އެ ޙާލުގައި ވަނިކޮށް، އިށީނދެ ހަމަޖެހޭނީވެސް ކިހިނަކުން ހެއްޔެވެ؟
ޒަހްރާންގެ އިންތިޒާރަށް ނިމުން އައީ، ގާތްގަނޑަކަށް ތިރީސް ވަރަކަށް މިނެޓްފަހުން ޑޮކްޓަރު ނުކުތުމުންނެވެ. އޭނަ ޒަހްރާންގެ ކައިރިއަށް އައިސް ހުއްޓުމާއެކު، ހިތް އަވަސްވެފައިވާ ޙާލު ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން ޒަހްރާނަށް ވާހަކަ ދެއްކެން ފެށުނެވެ.
"އައިރާ ކިހިނެއްތޯ ޑޮކްޓަރ؟ ބޭބީ... ބޭބީ އޯކޭތަ؟" ޒަހްރާނަށް ސުވާލުކޮށްލެވުނެވެ. އީލާފްވެސް ޒަހްރާންގެ ކައިރީގައި ހުރެ ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައެވެ. ޑޮކްޓަރުގެ ވާހަކަތަކާއެކު، ޒަހްރާނަށް އުދާސްކަމުގެ ނޭވާއެއް ދޫކޮށްލެވުމާއެކު، ދެ އަތުން މޫނު ފުހެލެވުނެވެ. އައިރާއަށް މިވަގުތު އޮތީ ނިދިފައިކަމަށް ބުނެ ޑޮކްޓަރު ދިޔުމާއެކު ޒަހްރާނާ އީލާފްއާ ދެމީހުން ގޮސް ކާރޓެއިންތައް ކުޑަކޮށް ކަހާލާފައި އައިރާއަށް ބަލައިލިއެވެ. ނިދިފައި ވިއެއްކަމަކު އައިރާއަށް އޭރުވެސް ކުޑަކުޑަކޮށް ގިސްލެވެމުން ދިޔައެވެ. މުޅި މޫނާ ނޭފަތްމަތިވެސް ވަނީ ރަތްވެފައެވެ. ދެލޯ ކައިރީގައި ދުޅަކަމެއްވީއިރު، އޭރުވެސް އެސްފިޔަތަކުގައި ތެތްކަމެއް ވިއެވެ. އައިރާގެ އަތަށް ވަނީ އައިވީއެއް ގުޅާފައެވެ. އެ ދެމީހުން އެތަނުގައި ތިއްބާ ނަރުސްކުއްޖަކު އައިސް އައިރާ ވާރޑަށް ބަދަލުކުރާ ވާހަކަ ބުނެލިއެވެ. ޒަހްރާން ބޯ ޖަހައިލުމާއެކު ނަރުސްކުއްޖާ، ހިނގައިގަންނަން އުޅުނެވެ.
"އެކްސްކިއުޒް...." އެހެންނަމަވެސް، ޒަހްރާން ނަރުސްކުއްޖާއަށް ގޮވާ ހުއްޓުވިއެވެ. އޭނަ ބޭނުންވީ އައިރާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރާށެވެ. އައިރާއަށް އަރާމު ބޭނުންވާނެކަން އެނގޭތީވެސް މެއެވެ. ވާރޑަކަށްވުރެ ޕްރައިވެޓް ރޫމެއް ހުރިހާ ގޮތަކުން ވެސް ފަސޭހަވާނެއެވެ. ނަރުސްކުއްޖާ ކަންތައްކުރަންވީ ގޮތް ކިޔައިދިނުމަށްފަހު އޭނައާ އެކު އައުމަށް ޒަހްރާނަށް އިޝާރާތްކޮށްލިއެވެ. ޒަހްރާންވެސް އީލާފްއަށް ބަލައިލުމަށްފަހު، އައިރާ ކައިރީގައި މަޑުކުރުމަށް ބުނެފައި ނަރުސްކުއްޖާއާއެކު ހިނގައިގަތެވެ.
މާގިނަ އިރެއްނުވެ އައިރާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވިއްޖެއެވެ. އޭރުވެސް އޭނައަށް އޮތީ ނިދިފައެވެ. މޫނުމަތީން ފެންނަމުން ދިޔައީ ވަރުބަލިކަމެކެވެ.
ދަންވަރު ބާރަޖެހިފަހުން ޒަހްރާން، އީލާފް ފޮނުވާލަންވެގެން އުޅުނެވެ. އީލާފް ދެކޮޅު ހެދިނަމަވެސް، އޭނައަށް، ޒަހްރާން، ވިސްނައިދިނީ މަންމަމެން ކަންބޮޑުވާނެކަމަށް ބުނެއެވެ. އީލާފް ގެއަށް ދިޔުމަށާއި އޭނަ އައިރާގެ ކައިރީގައި މަޑުކުރާނެކަމަށް ޒަހްރާން ބުނެލިއެވެ.
"މާދަން އަންނާނީ އޭ... އައިލް އަޕްޑޭޓް ޔޫ... އޯކޭ؟..." ޒަހްރާން ބޯ ޖަހައިލަމުން ބުރަ އަރުވައިލީ އޭނަގެ ބަސް ޤަބޫލުކުރާށޭ ބުނާފަދައަކުންނެވެ. އީލާފްވެސް އެންމެފަހުން އެއްބަސްވުމަށްފަހު، ޑްރައިވަރަށް ގުޅާފައި ބަލާ އައުމަށް އެދުނެވެ. އީލާފް ދިޔުމާއެކު ޒަހްރާން ގޮސް އައިރާ އޮތް އެނދުގެ ފައިލާކޮޅުގައި މަޑުކޮށްލިއެވެ. އޭނަ ވަރަށް ފުން ނަޒަރަކުން އައިރާއަށް ބަލައިލިއެވެ. އަދިވެސް ދެލޮލުގައި ދުޅަކަމެއްގެ އަސަރުވެއެވެ. އެމޫނުމަތީގައިވި ވަރުބަލިކަމަށްވެސް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް، މިހާރު ގިސްލުން އެކީ ކެނޑިއްޖެއެވެ. އައިރާ އޮތީ އަރާމުކޮށް ނިދާލާފައެވެ. މެދަށް ވުރެ ތިރިއަށް ގޮސްފައިވާ އައިވީ ފުޅިއަށް ޒަހްރާން އަވަސް ނަޒަރެއް ދިނެވެ.
ބޭއިޚްތިޔާރުގައި އޭނައަށް އައިރާއާ ކައިރިއަށް ފިޔަވަޅު އެޅެން ފެށުނެވެ. ޒަހްރާންގެ ނަޒަރު އައިރާގެ މޫނަށް އަނެއްކާވެސް ހުއްޓުނެވެ. އެ މައުސޫމްކަން އޭނަގެ ހިތާ ހަމައަށް ވާސިލްވެ، ހިތުގައި އަނެއްކާވެސް ބުނެދޭން ނޭނގޭ ޖަޒުބާތެއް ހޭލައްވާލައިފިއެވެ. ލަސްލަހުން ޒަހްރާން އޭނަގެ އަތް އުފުއްލައިލީ އައިރާގެ މޫނުގައި ބީހިލުމަށެވެ. އެހެންނަމަވެސް، ދެވަނަ ސިކުންތުގައި އޭނަ އަތް ގަޔާ ކައިރިކޮށްލުމަށްފަހު، އަނެއް އަތުން އެ އަތުގައި ހިފައްޓައިލީ އެކަން ނުކުރާށޭ ބުނެ އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އައިރާގެ ގައިގައި އެފަދަ ގޮތަކަށް ބީހުމުގެ ހައްޤެއް ހަޤީޤަތުގައި ނެތްކަމުގައި ޒަހްރާންގެ ސިކުނޑި ބުނެލީއެވެ. އޭނަ އެގޮތަށް އައިރާގެ ގައިގައި ބީހިލާކަށް ޚުދު އައިރާވެސް ނޭދޭނެއެވެ. އޭނަގެ ހިތުގައި އައިރާއާ މެދު އުފެދިފައިވަނީ އެއްވެސް އަމިއްލަ އެދުމެއް ނެތް ސާފު ޠާހިރު ލޯތްބެކެވެ.
ޒަހްރާން ގޮސް ލައިޓުތައް ނިއްވާލާފައި އެނދުގެ އެއްފަރާތުގައި ހުރި ލޭންޕު ދިއްލާލިއެވެ. އޮރެންޖު އަލިކަމުގެ ތެރެއިން އައިރާގެ މޫނު ފެންނަނީ ހުވަފެނީ ގޮތަކަށެވެ. އެމޫނަށް ބަލަހައްޓައިގެން އޭނައަށް އިރުކޮޅަކު ހުރެވުނެވެ. އެހެންނަމަވެސް އަމިއްލަ އިޙްސާސްތައް ހަމައަކަށް އަޅުވާލަމުން އޭނަ ގޮސް ސޯފާގައި އިށީނދެލިއެވެ. އެއަށްފަހު މޫނުގައި ދެއަތް ކާތާލާ މޫނު ފުހެލިއެވެ. ސޯފާއަށް ހަށިގަނޑު ދޫކޮށްލުމާއެކު، ވެފައިހުރި ވަރުބަލިކަމާއެކު ޒަހްރާނަށްވެސް ނިދިޖެހޭ ގޮތްވިއެވެ.
އޭނައަށް ދެން ހޭލެވުނީ ކޮޓަރިތެރެއަށް ފޭދިގެންދިޔަ މަޑުމަޑު ގިސްލުމުގެ އަޑަކާ އެކުގައެވެ. އައިރާ އޮތް އެނދަށް ބަލައިލުމާއެކު، އޭނަގެ ދެލޯ ރަނގަޅަށް ހުޅުވި އެސްފިޔަތަކުގައިވި ބަރުކަންވެސް އެކީ ފިލައިގެން ހިނގައްޖެއެވެ. ލައިޓްތައް ދިއްލައިލުމާއެކު ވައިސޫރިއެއްހާ ބާރުމިނުގައި ގޮސް އައިރާގެ އެނދުކައިރިއަށް ހުއްޓިއްޖެއެވެ. އޭރު އައިރާ އިނީ އެނދުގައި އިށީނދެލައިގެން ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެންނެވެ. ލިބެމުންދިޔަ ވޭންތަކެއްގެ ސަބަބުން މުޅި މީހާގެ ހަށިގަނޑުގައި މަޑުމަޑު ތުރުތުރު އެޅުމެއްގެ އަސަރުވެއެވެ.
"އައިރާ...." ޒަހްރާންގެ އޯގާތެރި އަޑު އިވުމާއެކު އައިރާ ޒަހްރާނަށް ބަލައިލިއެވެ.
"އަހަރެންގެ ބޭބީ... ބޭބީ..." ގިސްލެވޭ ޙާލު ވާހަކަ ދެއްކުން އައިރާއަށް ދަތިވެއްޖެއެވެ.
އޭރުވެސް ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އައިރާއަށް ލިބެމުން ދިޔަ ތަކުލީފުތައް ބަލަން ހުރި ޒަހްރާންގެ ހިތް އެދި ގޮވަން ފެށީ އައިރާ ގެނެސް އަތުތެރެއަށް ލާ ހައްޔަރުކޮށްލުމަށެވެ. އޭނަގެ އަތުގެ ހިމާޔަތް އައިރާއަށް ދިނުމަށެވެ. ލޯތްބާއި އޯގާތެރިކަމުގެ އަތަކުން އެ ކަރުނަތައް ފުހެދިނުމަށެވެ. އޭނައަށް ވެގެން ވާނަމަ ހިތާމައިގެ އެންމެ ކަރުނަ ތިއްކެއްވެސް އެ ދެލޮލުން ވެއްޓުނަކަ ނުދޭނެއެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމަކަށް އޭނަގެ ޒަމީރު ތަނެއް ނުދެއެވެ. އޭނަގެ އެފަދަ އަމަލުތަކުން އައިރާ ދެކޭނެ ގޮތް ނޭނގޭތީއެވެ. އެ ނިކަމެތި އަންހެން ކުއްޖާއަށް އެހީވާން ކައިރީގައި ހުރެދޭން ޒަހްރާން ބޭނުމެވެ. އެ ފުރުސަތު ގެއްލޭފަދަ ކަމެއް ކުރާކަށް އޭނަ ބޭނުމެއް ނޫނެވެ.
"އައިރާ... ހުއްޓާލަބަ...." ޒަހްރާނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭނަ އޯވަރބެޑް ޓޭބަލްމަތީގައި ހުރި ފެންފުޅިން ތައްޓަށް ފެން އަޅައިގެން އައިސް އައިރާއަށް ދިއްކޮށްލަމުން ފެންފޮދެއް ބޯލަން އެދުނެވެ. ދެފަރާތަށް ބޯ ހޫރައިލުމާއެކު، އައިރާ އެކަމުން މަނާވެގަތެވެ. މި ވަގުތު އޭނަގެ އަރުތެރެއިން އެއްޗެއް ދިރޭވަރަށް ވުރެ ބޮޑަށް އޭނަގެ މުޅި ހަށިގަނޑުގައި އެބަ ވޭން އަޅައެއެވެ. އެހެންނަމަވެސް ޒަހްރާންގެ އާދޭހާއެކު އައިރާ ކުޑަ ފެންފޮދެއް ބޮއިލިއެވެ.
"އަހަރެން މުޅިން އެކަނިވެއްޖެ." އައިރާގެ ދެތުންފަތް ފޫ ދުދުއްވާލާފައި ނުކުތް ލަފުޒުތަކާއެކު، އޭނައަށް އިސްޖަހައިލެވިއްޖެއެވެ. އަނެއްކާވެސް މިރޭގެ ހާދިސާ އޭނަގެ ސިކުނޑީގެ ތެރޭގައި ތަކުރާރުވާން ފެށިއެވެ. ހީވީ ކަޅާ ހުދުގެ މަންޒަރެއްގައި ކުލަޖެހެން ފެށިހެންނެވެ. މުޅި ހަޔާތް އިންދިރާސްވެއްޖެކަމުގެ އިޙްސާސްތައް އޭނަގެ އެތެރެ ހަށީގައި ނުފިލާ ގިލަންވެރިކަމެއް އުފައްދައިފިއެވެ. ދެކެމުން އައި ހުރިހާ ހުވަފެނަކީ ހިޔަންޏެއް ފަދައިން ކުލަ ނުވާނެ ބިލާހަކަށްވެ ނިމިއްޖެއެވެ. ހަށިގަނޑުގައި ފުރާނަ ހުއްޓަސް ހިތް މަރުވެއްޖެއެވެ. އުންމީދުތައް ކަފުނުގެ ތެރޭގައި ފޮރުވިއްޖެއެވެ. އަދި އެ އުންމީދުތަކާއެކު، އުފާވެރިކަންވެސް ވަޅުލެވިއްޖެއެވެ. އޭނައަށް މިއަދު ކުރިމަތިވެފައިވާ ހިތާމަތައް އެހެން އެއްވެސް އިންސާނަކަށް ތަޞައްވަރެއް ނުކުރެވޭނެއެވެ. ކެހިވެރިކަމުގެ މަޅިގަނޑެއް ކަރަށް މެހި ވާންވަމުން ދާފަދަ އިޙްސާސެއް އައިރާއަށް ކުރެވެން ފެށިއެވެ. އެކަމުގެ ސަބަބުން ނޭވާ ލުމަކީވެސް އިތުރު ތަކުލީފަކަށް ވެގެން ހިނގައްޖެއެވެ.
"އައިރާ... ހުއްޓާބަލަ.. ޕްލީޒް..." ހިތަށް ކެތް ނުކުރެވޭ ޙާލު އަނެއްކާވެސް ޒަހްރާން ބުންޏެވެ. "އަނެއްކާ އިތުރަށް ބަލިވެދާނެ."
"އަހަރެން މަރުވިޔަސް ދެރަވާނެ މީހަކު ނުހުންނާނެ..." އައިރާގެ ޖުމްލައިން ޒަހްރާނަށް ފެންތަށި އޯވަރބެޑް ޓޭބަލްމަތީގައި ބަހައްޓަމުން ގޮނޑި ދަމާލާފައި އިށީނދެވިއްޖެއެވެ.
"ތި ކަހަލަ ވާހަކަ ބުނާކަށް ނުވާނެއެއްނު އައިރާ..." ޒަހްރާނަށް ބުނެވުނެވެ.
"ދެން ކީކޭ އަހަރެން ބުނަންވީ؟ އިތުރަށް ދުނިޔެއާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތޭ ޒަހްރާން...." ބަލިކަށިވެފައިވާ ހިތުގެ ކުރިމަތީގައި އައިރާ އުންމީދު ކަނޑާލިއެވެ. ހިތްވަރުކޮށްކޮށް އޭނަ ވަރުބަލިވެއްޖެއެވެ. ދުނިޔެއާ މެދު ވަނީ ހުސް ޝަކުވާއެވެ. ޙަޔާތުގެ އަނދިރިކަމުގެ ތެރެއިން އޭނަ ސަލާމާތްކޮށްގެން ގެނެސް ރިހާމް އޭނަ އެ ވައްޓައިލީ އަނެއް އަނދިރިކަމުގެ ތެރެއަށެވެ. ދުރު ދުރަށް ދާންވެސް ކުޑަވެސް އަލިކަމެއް ފެންނާކަށް ނެތެވެ.
"އެހާވެސް ބޮޑަށް ރިހާމް ދެކެ ލޯބިވޭތަ؟ އެ ރަޙުމު ކުޑަ އަނިޔާވެރިޔާ ދެކެ އައިރާ އެހާވެސް ލޯބިވޭތަ؟" ޒަހްރާނަށް އެ ބަސްތައް ދުލަކުން ބޭރުކޮށެއް ނުލެވުނެވެ. ޝަކުވާގެ ބަސްތައް ވީ އޭނަގެ ހިތުތެރޭގައެވެ. އެންމެފަހަރަކުވެސް އައިރާ އޭނަގެ ވަށައިގެންވާ މާހައުލަށް ބަލައިލާނެނަމައެވެ. އޭނައަށް ބަލައިލާނެނަމައެވެ. އޭނަގެ ހިތުގެ ޙާލު ދެނެގަންނަން މަސައްކަތްކުރާނެ ނަމައެވެ. އޭނަ އައިރާއަށް އެހީތެރިވަނީ ހަމައެކަނި ޙަމްދަރުދީވާތީއެއް ނޫނެވެ. އެހެންނަމަވެސް، އެހިތުގައި އައިރާއަށްޓަކައި ވާ އިޙްސާސްތަކެއްގެ ސަބަބުންނެވެ. އެއީ އެވަގުތު އޭނަ ވިސްނަން ބޭނުންވި އެއްޗެއް ނޫންނަމަވެސް ބޭއިޚްތިޔާރުން އެފަދަ ގޮތަކަށް ވިސްނުނީއެވެ.
"ތިގޮތަށް ނުވިސްނަބަ އައިރާ... މީހަކު ޙަޔާތުން ދިޔަޔަސް ދިރިއުޅުން ހުއްޓުނީކީ ނޫނެއްނު. ކެތްތެރިވާން ވާނެ. އައިރާއަށްޓަކައި ލޯބި އެހިތުގައި ނުވާ މީހަކަށްޓަކައި ކަރުނަ އަޅަނީ ކީއްކުރަން؟ އައިރާއަކީ ތިހާ ބަލިކަށި މީހެއް ނޫނޭ. ޔޫ އާރ ސޯ ބްރޭވް... އެހެންނޫނީ މިހިސާބަށް ނާދެވުނީސް." ޒަހްރާނަށް ބުނެވުނެވެ. އޭނައަކީ މީގެ ކުރިން އެފަދަ ގޮތަކަށް ދުވަހަކުވެސް މީހަކަށް ނަޞޭހަތެއް ދިން މީހެއް ނޫންނަމަވެސް، މިއަދު އެކަން ކުރާކަށްވެސް އޭނައަކަށް އުނދަގުލެއް ނުވިއެވެ.
"ޒަހްރާނަށް ކޯންޗެއް އެނގެނީ؟ ޕްލީޒް ލީވް... އަހަރެން ބޭނުމީ އެކަނިވެލަން." އައިރާ އަތުގެ ނުފުށުން ކަރުނަ ފުހެލިނަމަވެސް، ތާޒާ ކަރުނަތައް އަނެއްކާވެސް ފައިބައިގަތެވެ.
"ޕްލީޒް..." އައިރާ އަނެއްކާވެސް ބުނެލިއެވެ. މިފަހަރު ޒަހްރާނަށް ބަލައިލުމެއް ނެތިއެވެ. ޒަހްރާންވެސް އިތުރު އެއްޗެއް ނުބުނެ ގޮސް ރޫމުން ނުކުތެވެ. އޭނައަށް ދޮރުގެ އެއްފަރާތު ފާރުގައި ލެނގިލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލެވުނެވެ. އައިރާއަށްޓަކައި ހިތް ރޮމުން ދިޔައިރު، ރިހާމްއާ މެދު ހިތުގައި ނަފްރަތު އުފެދިގެން ދިޔައެވެ. އައިރާގެ އެ ޙާލަތުގެ ޒިންމާ ނަގަން ޖެހޭނެ ހަމައެކަނި މީހަކީ ރިހާމްއެވެ. އައިރާގެ ދެލޮލުން ފައިބަމުން އެ ދާ ކަރުނަތަކުގެ އަސްލަކީވެސް ރިހާމްއެވެ.
*****
އޮފީހުގައި އޭނަގެ ކެބިންގައި، މޭޒު ދޮށުގައި ހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން ރިހާމް އިނެވެ. އޭރު އޭނަގެ މޫނުމައްޗަށް ތަފާތު ކުލަވަރުތައް އަރާ ފައިބަމުން ދިޔައެވެ. އެއްބައިފަހަރު ހުސްކަމެއް ފެންނަހެން ހީވެއެވެ. އަނެއް ބައިފަހަރު ހިތާމައިގެ އަސަރެއް ފާޅުވާހެން ވެސް ހީވެއެވެ. އަދި ބައެއް ފަހަރު، ރުޅިވެރިކަމެއް ފާޅުވެ ދެބުމަ ގޮށްޖަހާލައެވެ. އޭނައަށް އުނދަގޫކުރަނީ އައިރާގެ ކަރުނަތެކެވެ. އެ އާދޭސްތަކެކެވެ. އެހެންނަމަވެސް، އެ ހުރިހާ އިޙްސާސެއްގެ މައްޗަށް ރުޅިވެރިކަން އިސްކުރަން އޭނަ މަސައްކަތްކުރިއެވެ. އެއާއެކު ރިހާމް ދިޔައީ އޭނަގެ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތްކުރަމުންނެވެ. އޭނަ ކަންތައްކުރީ އެންމެ ރަނގަޅަށްކަމުގައި ބުނެދެމުންނެވެ. ލޯބިނުވާއިރު އައިރާއާ އެކީ އުޅުމުގެ ބޭނުމެއް ނެތެވެ. ވަކިން ޚާއްސަކޮށް އައިރާއަކީ އެފަދަ ދަށު ދަރަޖައިގެ އަންހެނަކަށް ވާނަމައެވެ. އައިރާގެ ބަނޑުގައި އެވަނީ އޭނަގެ ދަރިއެއްކަމާ މެދު ޝައްކުކުރާނެ ހުރިހާ ފުރުސަތެއް އެބަ އޮތެވެ. ޔަޤީނުންވެސް އައިރާއާ އެ ފިރިހެން މީހާއާ އޮންނަން ނުޖެހޭ ގުޅުމެއް އެބަ އޮތެވެ. އައިރާއާ އޭނަ ދުރުވިތާވެސް އެތަކެއް ދުވަހެކެކެވެ. އެގޭގައި ނުނިދާތާވެސް އެތަކެއް ދުވަހެކެވެ. ވަކިން ޚާއްސަކޮށް، ދާނިޔާއާ އިންފަހުން އޭނަ އައިރާ ކައިރިއަށް އެއްގޮތަކަށް ނުދެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވީއިރު އައިރާގެ ބަނޑުގައި އެވަނީ އޭނަގެ ދަރިއަކަށް ވާނެ ގޮތަކީ ނާދިރުކަމެކެވެ. އައިރާއަކީ ހާދަ ގޮތެއް ނެތް އަންހެނެކެވެ. މަންމަ އެބުނީ ހަމަ ތެދެކެވެ. އެކަހަލަ އަންހެނުން ދުވަހަކު ރަހގަޅެއް ނުވާނެއެވެ. މީހުންނަށް ދައްކަމުންދާ މައުސޫމްކަމުގެ ފަރުދާގައި ފޮރުވިފައިވާނީ ވިޔާނުދާކަމާއި، ގޮތްކުޑަކަމެވެ.
ހަށިގަނޑު ސީދާކޮށްލުމާއެކު ލީ ފުންނޭވާއާއެކު ރިހާމް އޮފީސް މޭޒުމަތީގައި ހުރި އެއްޗެހިތަކުގައި ޖެހިޖެހީނުން އުކާލައިފިއެވެ. އެވަގުތު ރިހާމްގެ ފޯނު ރިންގްވިއެވެ. ގުޅަނީ ދާނިޔާކަން އޭނައަށް އެނގެއެވެ. އޭނަ އެތަނަށް އައިފަހުންވެސް ދާނިޔާގެ ސާޅީހަކަށް މިސްކޯލު އޭނައަށް ލިބިއްޖެއެވެ. އެހެންނަމަވެސް، އެ ފޯނު ނަގާ ޚިޔާލެއް ރިހާމް ނުކުރެއެވެ. އޭނަ ހުރީ އެކަނިވެލަން ބޭނުންވެފައި ކަމަށްވާތީއެވެ. އައިރާއާ މެދު ވިސްނެމުން ދިޔައީތީ އެ ޚިޔާލުތަކުން ސިކުނޑި މިންޖުކުރުމަށް އޭނަ ބޭނުންވިއެވެ.
ތިނެއް ޖަހާ ބޮޑުވިފަހުން ރިހާމް ގޮނޑިން ތެދުވިއެވެ. އެއަށްފަހު ޓައިލްސްތަކުގެ މައްޗަށް އުކާލެވިފައިވާ އެއްޗެހިތަކަށް ބަލައިލިއެވެ. އެހެންނަމަވެސް އެ އެއްޗެހި ނަގާ ތަރުތީބު ކުރުމުގެ ޚިޔާލެއް އޭނަގެ ނެތެވެ. އެދިޔަ ގޮތަށް ގޮސް އޮފީހުން ނުކުމެ ކާރަށް އަރާ ގެއާ ދިމާލަށް ދުއްވައިލިއެވެ.
ރިހާމް ގޮސް ގެއަށް ވަތްއިރު، ގޭތެރޭގައި ރަސްކަން ކުރަމުން ދިޔައީ ހިމޭންކަމެކެވެ. ދިއްލާފައިވާ އޮރެންޖުކުލައިގެ ބޮކީގެ ފަނޑުއަލިކަން ގޭތެރެއަށް ފެތުރިފައި ވެއެވެ. ލަސްފިޔަވަޅުތަކެއްގައި، ސިޑިން އޭނަ އެރީ މައްޗަށެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަނުމާއެކު، ހުރިހާ ލައިޓެއް ދިއްލާލައިގެން ކޮޓަރީގައި ދެކޮޅަށް ހިނގަމުން ދިޔަ ދާނިޔާ، އެ އައި ގޮތަށް އައިސް ރިހާމްގެ ގައިގައި ބައްދައިގަތެވެ.
"ރިހާމް... ކިހިނެއްވީތަ؟ ކޮންތާކުތަ ތިއުޅުނީ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ..." ދާނިޔާ ބުނެލިއެވެ. އޭނަ ރިހާމްއާ ދުރުވެލާ ފުންކޮށް ރިހާމްއަށް ބަލައިލިއެވެ.
"ސޮރީ. އޮފީހުގަ އިނީ..." ރިހާމް އާދައިގެ ގޮތަކަށް ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ދާނިޔާ ކުޑަކޮށް ނުރުހުންވީ ރިހާމް އައިރާގެ ކައިރިއަށް ދިޔަހެން ހީވުމުންނެވެ. އެހެންނަމަވެސް، އެވަގުތު އެކަމަކާ ބެހޭގޮތުން އެއްވެސް ސުވާލެއް އޭނަ ނުކުރެއެވެ. ދާނިޔާ ރިހާމްގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. އޭނަ އިސްވެ ރިހާމްއަށް ދަޢުވަތު ދިނުމުން ރިހާމްވެސް އެ ދަޢުވަތު ޤަބޫލުކޮށް މަރްޙަބާ ކިޔެވެ. މިވަގުތު ޚުދު ރިހާމްވެސް ބޭނުންވަނީ ހުރިހާކަމުން ސިކުނޑި މިންޖުކުރުމަށް ކަމަށްވާތީއެވެ. ޚާއްސަކޮށް އައިރާގެ ޚިޔާލުތަކުންނެވެ.
*****
ފަތިހު ފަހެއްޖަހަން އުޅެނިކޮށް އައިރާގެ އައިވީ ފުޅި ހުސްވެއްޖެއެވެ. ޒަހްރާން ގޮސް އެވާހަކަ ނަރުސްކުދިންނަށް އަންގައިލުމަށްފަހު، އައިއިރުވެސް އައިރާ އޮތީ ސީލިންގަށް ނަޒަރު ހުއްޓާލައިގެންނެވެ. ރޮއިރޮއިފައި ހަމަޖެހުނުފަހުން އައިރާ ވަނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. އޭނަގެ ސިކުނޑީގައިވި އެއްޗެއް ދެނެގަންނަން ޒަހްރާންވެސް ވަނީ ނުކުޅެދިފައެވެ.
(ނުނިމޭ)