ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ޕީއެސްޖީ އާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 5-4 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފިއެވެ.
ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގެ ކުރީކޮޅު ބަޔާންގެ ލުއިސް ޑިއާޒްއަށް ވިލިއަމް ޕާޗޯ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.
ނަމަވެސް، ޕީއެސްޖީގެ ކްވާރަޝްކޭލިއާ ކާމިޔާބުކުރި ހިތްގައިމު ލަނޑާއި، ޔާއޯ ނެވޭސް ބޮލުން ޖެހި ލަނޑާއެކު ޕީއެސްޖީން މެޗުގެ ނަތީޖާ އަނބުރާލިއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން މައިކަލް އޮލީސޭ ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި އަލްފޮންސޯ ޑޭވީސް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން އޮސްމާން ޑެމްބެލޭ ވަނީ ޕީއެސްޖީއަށް އަލުން ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިގެން ޕީއެސްޖީން މެޗުގެ ކޮންޓްރޯލް ނަގައި، އިތުރު ދެ ލަނޑު ކާމިޔާބުކުރިއެވެ. ކްވާރަޝްކޭލިއާ އާއި ޑެމްބެލޭ ޖެހި ލަނޑުތަކާއެކު ޕީއެސްޖީއަށް ތިން ލަނޑުގެ ބޮޑު ލީޑެއް ލިބިގެންދިޔައެވެ.
އެހެންނަމަވެސް، ބަޔާން އިން ހިތްވަރު ދޫނުކޮށް ކުޅެ، ޑަޔޮޓް އުޕަމެކާނޯ އާއި ލުއިސް ޑިއާޒް ޖެހި ލަނޑުތަކާއެކު ފަރަގު ކުޑަކުރިއެވެ.
މެޗު ނިމުނުއިރު ޕީ.އެސް.ޖީ އަށް ހަނި ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، ބަޔާންގެ ދަނޑުގައި އަންނަ ބުދަ ދުވަހު ކުޅޭ ދެވަނަ ލެގަކީ ދެ ޓީމަށްވެސް ފުރުސަތު އޮތް ފޯރިގަދަ މެޗަކަށް ވާނެއެވެ.
މި މެޗުން މޮޅުވާ ބަޔަކު ބުޑަޕެސްޓްގައި އޮންނަ ފައިނަލުގައި ބައްދަލުކުރާނީ އާސެނަލް ނުވަތަ އެތުލެޓިކޯ މެޑްރިޑާއެވެ.