މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ސޮނެވާ ނަމޫނާއާއި، ރ. ފައިނު ކައުންސިލާ ގުޅިގެން އެ ރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ހިންގުމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިދިޔަ އަހަރުން ފެށިގެން އެމްއައިބީން އަންނަނީ ސޮނެވާ ނަމޫނާއާ އެކު، ތިމާވެއްޓާގުޅޭ މަޝްރޫޢުތަކުގައި އެކުގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މީގެ ކުރިން ބ. ގޮއިދޫގައި ވެސް ވަނީ މި ޕާޓްނާޝިޕްގެ ދަށުން ތިމާވެއްޓާގުޅޭ އެފަދަ މަޝްރޫޢެއް ހިންގާފައެވެ.
އެމްއައިބީން މަޢުލޫމާތުދިން ގޮތުގައި މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ފައިނުގައި، ކުނި މެނޭޖްކުރާ ގޮތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ހަތް ދުވަހުގެ ވޭސްޓް އޮޑިޓެއް ހިންގައި، ސިސްޓަމެއް ފަރުމާކުރުމަށް ބޭނުންވާ ބޭސްލައިނެއް ކަނޑައަޅާނެ ކަމަށް އެ ބެންކުން ބުންޏެވެ. އަދި، ކުނި މެނޭޖްކުރުމަށް ކޮންމެހެން ބޭނުންކުރަންޖެހޭ މެޝިނަރީތައް އިންސްޓޯލްކުރުމާއި، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ތަމްރީނުތައް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އެމްއައިބީން ބުންޏެވެ.

ފައިނުގައި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ މަޝްރޫޢެއް ފެށުމަށް އެމްއައިބީން އެމްއޯޔޫއެއްގައި ސޮއިކުރުން -- ފޮޓޯ/ އެމްއައިބީ
މީގެ އިތުރުން ވެސް ކުނިން ގަސްކާނާ އުފައްދާނެ ގޮތުގެ މައްޗަށް ބިނާކޮށް ކުރިޔަށް ގެންދާ ޒީރޯ ވޭސްޓް ވޯކްޝޮޕްތައް ފައިނުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ ބެންކުން ބުންޏެވެ.
މީގެ އިތުރުން، މައްސަރު ކަންތައްތަކާއި ދަރިމައިވުމުގެ ސިއްހަތާ ބެހޭ ގޮތުން ހޭލުންތެރިކުރުވުމަށް ބާއްވާ ސެޝަންތައް ވެސް އެ މަޝްރޫއުގެ ދަށުން ބާއްވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
އެ ބެންކުން ބުނި ގޮތުގައި، އެއީ އެމްއައިބީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން މުޖުތަމަޢުތައް ބާރުވެރިކޮށް، ދެމެހެއްޓެނިވި ތިމާވެށީގެ ތަރައްގީއަށް އެހީތެރިވެދިނުމަށް އެމްއައިބީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މަޝްރޫއެކެވެ.