4 މަސް ފަހުން ސްޓެލްކޯއަށް އެމްޑީއެއް، މަގާމަށް 29 އަހަރު ޚިދުމަތްކުރި އަޒްވާރު

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އަލަށް އައްޔަންކުރި އަޒްވާރު --

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހަތަރު މަސް ދުވަސް ވަންދެން ހުސްކޮށް އޮތުމަށްފަހު، އެ މަގާމަށް ޑޮކްޓަރ އަލީ އަޒްވަރު ވަނީ އައްޔަނުކުރައްވާފައެވެ. އޭނާއަކީ ހަކަތައިގެ ދާއިރާގައި ނަވާވީސް އަހަރުގެ ދިގު ތަޖުރިބާއެއް ހޯއްދަވާފައިވާ، އަދި ސްޓެލްކޯގެ އެކި ފަންތީގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާ ވަނީ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

  • ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑޮކްޓަރ އަލީ އަޒްވަރު އައްޔަނުކުރެއްވުން
  • މަގާމު ހުސްކޮށް އޮންނަތާ ހަތަރު މަސް ދުވަސް ފަހުން އައްޔަނުކުރެއްވުން
  • ޑޮކްޓަރ އަޒްވަރަކީ ހަކަތައިގެ ދާއިރާގައި ނަވާވީސް އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެއް
  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފައިވުން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮތްތާ ހަތަރު މަސް ދުވަސް ފަހުން، އެ މަގާމަށް އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފިއެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒްވަރު މި މަގާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ. މި މަގާމު ހުސްވީ އެންމެ ފަހުން މި މަގާމުގައި ހުންނެވި، ސަރުކާރުގެ މަސްކުންފުނި މިފްކޯގެ ސީއީއޯކަމަށް މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރުމަށްފަހު ވަކިކުރި އަހްމަދު ޝަމާހު، ސްޓެލްކޯއިން ވެސް ވަކިކުރުމުންނެވެ.

ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 29 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 1997ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒްވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަގާމުތައް ފުރުއްވާފައެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އަލަށް އައްޔަންކުރި އަޒްވާރު --

އެގޮތުން ސޭލްސް އެންޑް މާކެޓިން، ބިލިން ސާވިސަސް، އަދި ބިޒްނަސް ޑިވެލޮޕްމަންޓް ފަދަ ދާއިރާތައް އިސްވެ ހިންގަވާފައިވާއިރު، އެންމެ ފަހުން އޭނާ ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައެވެ.

މީގެ އިތުރުން ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ)ގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ އެގްޒެކެޓިވް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ސްޓެލްކޯގެ ބޯޑު މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޑރ. އަޒްވަރު ވަނީ ނިއުޒީލެންޑުގެ ވިކްޓޯރިއާ ޔުނިވަސިޓީ އޮފް ވެލިންޓަނުން ޕީއެޗްޑީ ހާސިލުކުރައްވާފައެވެ.

އޭނާގެ ޕީއެޗްޑީ ދިރާސާ ބިނާކުރެއްވީ ކުދި ޖަޒީރާ ގައުމުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފެތުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން ނޭޝަނަލް ޔުނިވާސިޓީ އޮފް ސިންގަޕޫރުން މާސްޓާ އިން ޕަބްލިކް ޕޮލިސީ އަދި އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ޝެފީލްޑުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

ސްޓެލްކޯގެ އިތުރުން، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ނޮންއެގްޒެކެޓިވް ޑައިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައިވާ ޑރ. އަޒްވަރަކީ ބައިނަލްއަގްވާމީ ގިނަ ސެމިނާތަކުން ތަޖުރިބާ ހޯއްދަވައި ތަމްރީނުތަކެއް ފުރިހަމަކުރައްވައިފައިވާ، ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއިން ވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ.

https://sun.mv/220597

އެންމެ ފުރަތަމަ މި ސަރުކާރުގައި ސްޓެލްކޯގެ އެމްޑީކަމަށް އައްޔަންކުރެއްވީ އެ ކުންފުނީގައި 27 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ހުސައިން ފަހުމީއެެވެ.

ފަހުމީ އެ ކުންފުނިން ވަކިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އެއަށް ފަހު މިނިސްޓަރެއްގެ ފެންވަރުގައި އޭނާއަށް ވަނީ, ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމު ދެއްވައިފައެވެ.

ނަމަވެސް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި, އަބްދުލް މަތީން އެ މަގާމުން މި މަހު ކުރީކޮޅު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ފަހުމީ ވަނީ ބަދަލުކޮށްފައެވެ.

comment ކޮމެންޓް