އިޒީގެ ދެލޯ ބޮޑުވިއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އިޒީއަށް ހީވީ ރަނގަޅަށެވެ. އޭނާ އޮފީހުން ނުކުތީއްސުރެ ކޮންމެވެސް މީހަކު ފާރަލީކަން ކަށަވަރު ވިއެވެ. ކޮންމެވެސް މީހަކަށް އިޒީގެ ހަގީގަތް އެނގެނީއެވެ. އޭނާގެ މާޒީވެސް މެއެވެ. އެކަމަކު ކާކު ހެއްޔެވެ؟ އިޒީގެ ހިތަށް އައީ އެންމެ ނަމެކެވެ.

"ރިޝާން..."

********

ހުރިހާ ކަމެއް ފެށުނީ އިޒީ އާއި ރިޝާންގެ ބައްދަލުވުމަށް ފަހުގައެވެ. ރިޝާންގެ އަމަލުތައް ހުރީ މީހަކަށް ޝައްކު ނުކުރެވޭނެފަދަ ގޮތަކަށް ނޫނެވެ. އިޒީއަށް ލިބުނު މެސެޖުތަކުގެ ފަހަތުގައި ހުރީ ރިޝާންނަމަ، އޭނާގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ކުއްލިއަކަށް އިޒީގެ ހަޔާތަށް ރިޝާން އައުމުގެ ފަހަތުގައި ކޮންމެވެސް ސިއްރެއް ފޮރުވިފައިވާނެއެވެ. އެ ކަމެއް ގުޅިފައިވީ އިޒީގެ މާޒީ އާއި ހެއްޔެވެ؟

"އަހަރެން ތީ ކާކުކަން ހޯދާނަން.." އިޒީ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

އިޒީ ގުޅަން ބޭނުންވި ނަންބަރު ހޯދަން ވަގުތުކޮޅެއް ނެގިއެވެ. ދެތިން ރިންގާއިއެކު ފޯނު ނެގި އަޑު އިވުނެވެ. އޭނާ އެއްޗެއް ބުނުމުގެ ކުރިން އެކޮޅުން ވާހަކަ ދައްކަން ފެށިއެވެ.

"ހާދަ ދުވަހެއް ފަހުންނޭ މި ނިކަމެތި އަޅުގަނޑުގެ މަތިން ތި ހަނދާންވީ؟..." ފޯނުގެ އަނެއްކޮޅުން ވާހަކަ ދެއްކީ ޒުވާން ފިރިހެނެކެވެ.

"މައުލޫމާތެއް ބޭނުންވެގެން..." އިޒީ ދިޔައީ ސީދާ މައުޟޫޢުއަށެވެ.

"އަޅުގަނޑަށް އެނގޭ އެނޫން ގޮތަކަށް އަޅުގަނޑަށް ނުގުޅުއްވާނެކަން..." ނިޝާން ވަގުތުން ރާގު ބަދަލުކޮށްލިއެވެ. "ވިދާޅުވޭ... މިފަހަރު ކޮންކަހަލަ ކޭސްއަކާ ގުޅޭ މައުލޫމާތެއް؟..."

"ތޭރަ އަހަރު ކުރީގެ އިންވެސްޓިގޭޝަނެއްގެ ތަފްސީލް ލިބިދާނެބާ؟..." އިޒީ ސުވާލުކުރީ ދެފިކުރެއްގައި ހުރެފައެވެ. އަމިއްލަ އެކްސިޑެންޓްގެ މައުލޫމާތު އެހެން މީހެއްގައި ކައިރިން އޮޅުންފިލުވުން އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.

"ހާދަ ކުރީގެ ކޭސްއެއް؟... އޭރު އަދި މިނިކަމެތި އަޅުގަނޑު ފުލުހުންގެ އިދާރާއާ ނުވެސް ގުޅެން..." ނިޝާން ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ތޭރަ އަހަރު ކުރީގެ ކޭސްތައްވެސް ހުންނާނެ ފައިލުކުރެވިފަ... މާދަމާ ޑިއުޓީއަށް ނުކުމެފަ އެންމެ ފުރަތަމަ ކުރާނީ ތިކަންތައް..."

"އޯކޭ..." އިޒީ ފޯނު ކަނޑައިލީ އިތުރު ތަފްސީލް ފޮނުވާނެކަމަށް ބުނެފައެވެ.

ނިދަން އުޅެއުޅެ އިޒީއަށް ނިދޭގޮތެއް ނުވިއެވެ. ހިނގައިދިޔަ ކަންތައްތަކާއިމެދު ވިސްނުން ނޫން ކަމެއް އޭނާއަށް ނުކުރެވުނެވެ. މައްސަލައަކީ ހަމައެކަނި އިޒީއަށް ފެންނަ ހުވަފެނެއް ނޫނެވެ. މައްސަލައަކީ އިޒީގެ ހަޔާތުގެ ކަންކަން މަޑުމަޑުން ބަދަލުވެގެންދާ ދިޔުމެވެ.

*********

ހެނދުނު އޮފީހަށް ދާން ތައްޔާރުވެގެން، އިޒީ ގެއިން ނުކުތްއިރު، މަގުމަތި ވަނީ ހަލަބޮލިވެފައެވެ. ދުއްވާ އެއްޗެހިން ތޮއްޖެހިފައިވާ މަގުތަކުގައި ހިނގާ މީހުންނަށް ޖާގައެއް ނެތެވެ. އެއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. އެހެނަސް، މިއަދު ތަފާތެވެ. މިއަދު އެ މަގު ވެފައިވީ އިޒީއަށް ބީރަށްޓެހި ތަނަކަށެވެ. ކުރީ ދުވަހު ހޮސްޕިޓަލަށް ދިޔައިރު ކުރެވުނު އިހުސާސް މިއަދުވެސް އޭނާއަށް ކުރެވެނީއެވެ. ގެއިން ނުކުތީއްސުރެ އިޒީގެ ހަރަކާތްތަކަށް މީހަކު ފާރަވެރިވާހެން ހީވަނީއެވެ.

އިޒީ ވަށައިގެން ނަޒަރު ހިންގައިލިއެވެ. ފިހާރައެއްގެ ކައިރީގައި ފިރިހެނަކު ހުއްޓެވެ. އެމީހާ ހުރީ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކާށެވެ. އޭނާ އެންމެ ފަހަރަކުވެސް އިޒީއަށް ބަލައިނުލައެވެ. އެ މޫނުން ޝައްކު ކުރެވޭ ކަހަލަ ކަމެއްވެސް ނުފެނެއެވެ. މަގުގެ އެއްފަރާތަށް ސައިކަލު ޕާކުކޮށްގެން އިތުރު ފިރިހެނަކު އިނެވެ. އެމީހާގެ ހަރަކާތްތައްވެސް ހުރީ ޝައްކު ކުރެވޭފަދަ ގޮތަކަށް ނޫނެވެ.

އިޒީގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ހާސްވެފައި ހުރިވަރުން، ޓެކްސީއަކަށް އަރާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ޓެކްސީގައިވެސް އެމީހަކު އިނދެފާނެތީއެވެ. އެކި ދިމަދިމާއަށް ބަލަމުން ހިނގަމުންދިޔައިރު، އިޒީއަށް ފުރަތަމަ ފަހަރަށް އަމިއްލަ ނަފުސާއިމެދު ފަރުވާކުޑަ ކުރެވުނެވެ. އަޑިގުޑަން މަގުތަކުން ފަޔަށް އެކިވަރުގެ އަނިޔާ ލިބުނެވެ. އެހާ ދުރުން އޮފީހާއި ހަމައަށް ހިނގާފައި ދިޔައިރު، އިޒީ ހުރީ ދާހިއްލާ ފޯވެފައެވެ.

"ގުޑް މޯނިންގް..." ލިފްޓަށް ވަންނަންދިޔަ އިޒީ ފެނުމުން ސާރާ ހިނިތުންވެލިއެވެ.

އިޒީ ޖަވާބެއް ނުދެއެވެ. އޭނާ ހުރީ އެހެން ދުނިޔެއެއްގައެވެ. ލިފްޓު ހުޅުވުނުއިރުވެސް އިޒީ ހުރީ ނުކުންނަން ނޭނގިފައެވެ. ލިފްޓްގެ ދޮރު ދެފަހަރަށް ލެއްޕިފައި ހުޅުވުނެވެ. ދެވަނަ ފަހަރަށް ދޮރު ހުޅުވުނު ވަގުތު، އިޒީގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކުރިމަތީގައި ހުރި ޔައިލްއެވެ. ޔައިލްގެ މޫނުން ފެންނަން ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

"ލޭޓް..." ޔައިލް އިޒީއަށް އޭނާގެ އަތުކުރީގައި އޮތް ގަޑި ދައްކައިލިއެވެ.

ޔައިލްގެ ކަޅުކަންގަދަ ދެބުމަ ކައިރިކޮށްލައިގެން ހުރިއިރު، އެ ތޫނު ނަޒަރު އިޒީގެ މޫނުން ފަޔަށް ހުއްޓުނެވެ. އިޒީގެ ފައިގެ ތަންތަން ހަލާކުވެ، މަށައިގެން ގޮސްފައި ހުއްޓެވެ. ބައެއް ތަންތަނުން ހުރީ ލޭ އައިސްފައެވެ. އެކަން އިޒީއަށްވުރެ ކުރިން އެނގުނީ ޔައިލްއަށެވެ.

ޔައިލް ފެނުމުން އިޒީގެ ހިތަށް ހަމަޖެހުން ލިބުނީ ކީއްވެކަން ހުދު އޭނާއަށްވެސް ނޭނގުނެވެ. އެ ހުރިހާއިރު ގަނެފައި ހުރި ބިރު ފިލައިގެން ގޮސް، ރައްކާތެރިކަން އިހުސާސްވިއެވެ. އިޒީ ލިފްޓުން ނުކުމެގެން ހިނގައިގަތުމުން، ޔައިލްއަށް ބޭއިހުތިޔާރުގައި އިޒީގެ އަތުގައި ހިފައިލެވުނެވެ. އިޒީ ވަގުތުން ޔައިލްގެ އަތް ފޮޅުވައިލިއެވެ.

"ކަމް ވިތް މީ..." ޔައިލް ވަނީ ލިފްޓަށެވެ.

އިޒީ ހިނގައިގަތީ އޭނާގެ ކެބިން އާއި ދިމާއަށެވެ. ޔައިލްގެ އަމުރަކަށް އިޒީ ތަބާނުވާނެކަން އޭނާއަށް މާ ކުރިންވެސް އެނގެއެވެ. ޔައިލް ލިފްޓްގައި މަޑުކުރީއެވެ. ލިފްޓްގެ ދޮރު ލެއްޕުނުއިރުވެސް އޭނާ ހުރީ އެތެރޭގައެވެ.

"ކަމެއް ގޯސްވީތޯ؟.." އިޒީގެ މޭޒުމަތީގައި ފައިލުތައް ބަހައްޓަމުން ސާރާ ސުވާލުކުރިއެވެ.

ސާރާގެ އަޑުގައި ކަންބޮޑުވުމުގެ އަސަރު އެކުލެވިގެން ވިއެވެ.

"އައިމް ފައިން..." ސާރާއަށް ބަލައިލުމެއްނެތި، އިޒީ ދިނީ ކުރު ޖަވާބެކެވެ.

ސާރާ ދިޔުމުން އިޒީއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ހަގީގަތުގައިވެސް އިޒީ ރަނގަޅު ހެއްޔެވެ؟ އިއްޔެ ޝިފްލީނެވެ. މިއަދު ސާރާއެވެ. މާދަމާ މުޅި އޮފީސް އެންމެންނަށް އިޒީގެ ނުތަނަވަސްކަން އެނގޭނެއެވެ. އެއީ އޭނާ ކުޑަކޮށްވެސް ބޭނުންވާ ގޮތެއް ނޫނެވެ. ގޮނޑީގައި ލެނގިލިގޮތަށް އިޒީއަށް ދެލޯ މަރައިލެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ފެންނަ ހުވަފެނެވެ. ހުވަފެނުގައި ހުދު ޔުނީފޯމުގައި ހުންނަނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ؟ އެކްސިޑެންޓްވީ ދުވަހު އިޒީވެސް ހުރީ އެފަދަ ޔުނީފޯމެއްގައެވެ.

ޔައިލް އެނބުރި އައިއިރު، އޭނާގެ އަތުގައި ކޮތަޅެއް އޮތެވެ. ލޯ މަރާލައިގެން އިން އިޒީ ސިހުނީ މީހަކު އޭނާ އިން ގޮނޑީގެ ދެ އަތްގަނޑުގައި ހިފަހައްޓައިލިކަމުގެ އިހުސާސް ކުރެވުމުންނެވެ. ލޯ ހުޅުވައިލި ވަގުތު ނުހަނު ކައިރިން ޔައިލްގެ މޫނު ފެނުމުން އިޒީ ދިޔައީ ސިއްސައިގެންނެވެ.

"ޝްޝްޝް.." ޔައިލް އޭނާގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ.

އިޒީ ހިމޭންވިއެވެ. ޔައިލް ގޮނޑީގެ ދެފަރާތުން ހިފަހައްޓައިގެން އޮތްގޮތުން އޭނާ އިނީ ގުޑިލަންވެސް ނުކެރިފައެވެ. ޔައިލް ޖަހައިގެން ހުރި ލުއި ސެންޓުގެ ވަސް އިޒީގެ ނޭފަތުގައި ހަރުލާފައި ވިއެވެ. އެ ތޫނު ދެލޯ އަމާޒުވެފައިވީ އިޒީގެ ދެލޮލަށެވެ. އެހާ ކައިރިން ޔައިލްގެ މޫނަށް ބަލަން ނުކެރިގެން އިޒީ އަވަހަށް އެހެން ދިމާއަކަށް ނަޒަރު ހުއްޓައިލިއެވެ. ޔައިލް ދުރަށްޖެހުނީ އިޒީ ތެޅިނުގަންނާނެކަން ކަށަވަރު ކުރުމަށްފަހުގައެވެ.

ޔައިލް ގެނައި ބޭސްކޮތަޅު ތިރީގައި ބާއްވާފައި، އިޒީގެ ފައިކައިރިއަށް ތިރިވިއެވެ. އިޒީ އިނީ ވާނުވާ ނޭނގިފައެވެ. ޔައިލްގެ އަތް އިޒީގެ ފައިގައި ބީހިލުމާއިއެކު، އޭނާ ފައި ދަމައިގަންނަން އުޅުނެވެ. ޔައިލް އެ ފުރުސަތެއް ނުދިނެވެ. އިޒީގެ ފައިން ފައިވާން ވަކިކޮށްލީ، މަޑުމަޑުން ބަލައިގެންނެވެ.

"ޖަސްޓް ފައިވް މިނެޓްސް..." ޔައިލް އެދުނެވެ.

އިޒީގެ ޖަވާބަކަށް ޔައިލް މަޑެއް ނުކުރެއެވެ. އިޒީގެ ފައިތިލައިން ހަލާކުވެފައިވަ ތަންތަނުގައި ބޭސްއަޅަން ފެށިއެވެ.

"އަމިއްލަ ނަފުސަށް ނުބަލާ އުޅޭ މީހުންނަށް މިއަށްވުރެ ބޮޑެތި ގެއްލުންވެސް ލިބޭނެ..." ބޭސްއަޅަން އިންއިރު، ޔައިލް ކުދިކިޔެވެ.

ނުރުހުމަށްވުރެ ބޮޑަށް އެ އަޑުގައިވީ އަޅާލުމާއި އޯގާތެރިކަމެވެ. އިޒީއަށް އެކަން އިހުސާސްވިއެވެ. ކީއްވެ ހެއްޔެވެ؟ ޔައިލްގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައި އިންދާ، ބޭސްއަޅާ ނިންމާފައި ޔައިލް އިޒީގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އިޒީ އަވަސް އަވަހަށް ފައިވާނަށް އަރައި، މޭޒާއި ވީ ފަރާތަށް ގޮނޑި އަނބުރައިލިއެވެ.

"ބަލައިގެން އުޅޭތި!..." މޭޒާއި ދިމާއަށް ހިނގައިގަންނަމުން ޔައިލް ބުނެލިއެވެ.

އިޒީ ހައިރާންވެފައި ޔައިލްގެ މޫނަށް ބަލައިލިއެވެ. އަނެއްކާވެސް އެ ޖުމުލައެވެ. ރިޝާންވެސް ބުނީ އެހެންނެވެ. ބަލައިގެން އުޅުމަށެވެ. އެމީހުން އެހެން ބުނުމުގެ ކުރިން ޔަގީނުންވެސް އިޒީ އުޅުނީ ބަލައިގެންނެވެ. އެކަމަކު މިއަދު އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.

********

އިޒީ އާއި ބައްދަލުކުރުމަށް ރިޝާން އައިސްހުރި ވާހަކަ ސާރާ ބުނުމުން، އިޒީގެ މެޔަށް ފިނިވެގެން ދިޔައެވެ. ބައްދަލުވުން ބާއްވާ ހޯލަށް އިޒީ ވަންއިރު، ރިޝާން ހުރީ ކުރީ ދުވަހެކޭ އެއްގޮތަށް ކުޑަދޮރުގެ ކައިރީގައި ބޭރު ބަލާށެވެ. އޭނާ ހެދުން އަޅައިގެން ހުރީވެސް ކުރީ ދުވަހެކޭ އެއްގޮތަށެވެ.

"ބައްދަލުވުމުގެ ދުވަސްތައް ހުރީ ޝެޑިއުލް ކުރެވިފައެއް ނޫންތޯ؟..." ޝައްކުގެ ނަޒަރަކުން ރިޝާނަށް ބަލަން ހުރެފައި އިޒީ ބުނެލިއެވެ.

ރިޝާން ފަސްއެނބުރުނެވެ. އިޒީއަށް ބަލައިލިއިރު، އެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ޔެސް.. ބައެއް ކަންކަން ޕްލޭނަށްވުރެ އަވަހަށްވެސް ހިނގައިދާނެ... އެކަމަކު ހީކުރި ވަރަށްވުރެ އަވަހަށް މި ބައްދަލުވީ..." ރިޝާން ބުނެލިއެވެ.

ރިޝާން އިށީނީ، އިޒީގެ ފަރާތުން ޖަވާބެއް ނުލިބެނީހެވެ. އެތަނުގެ ތެރޭގައި އަމަލުކުރެވޭނީ ރިޝާން ބޭނުންވާގޮތަށޭ ބުނާ ކަހަލައެވެ.

"ޓްރައި ނުކުރަންދޯ އަދި؟..." ރިޝާން އަހައިލިއެވެ.

"ކޮން ކަމެއްބާ؟..." އިޒީ ސުވާލުކުރިއެވެ. އޭރުވެސް އޭނާ ހުރީ ކޮޅަށެވެ.

"ހަނދާންކުރަން..." އިޒީ ސުވާލު ކުރިހާ އަވަހަށް ރިޝާން ޖަވާބުވެސް ދިނެވެ.

"ކޮން ކަމެއް ހަނދާންކުރަން؟..." އިޒީ އެނގޭކަމަށް ނުހެދީ، އޭނާގެ ބަލިފައި ރިޝާނަށް ދައްކަން ބޭނުން ނުވާތީއެވެ.

"އިށީނދެބަލަ... އިށީނދެގެންދޯ ވާހަކަ ދެއްކޭނީ..." ގޮނޑިއަށް އިޝާރާތް ކުރަމުން ރިޝާން އެދުނެވެ.

"މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކޮބައިތަ؟..." އިޒީ ހިތްހަމަނުޖެހުނެވެ. "ރަސްމީކަމެއް ނޫނިއްޔާ، ގޮސްލަނީ..."

"ތި ކޮންމެ ހަރަކާތަކަށް ފާރަވެރިވާ ބަޔަކު އެބަތިބި..." ރިޝާން އެންމެފަހުން ބުނެލިއެވެ.

އިޒީ ގަނޑުވިއެވެ. ރިޝާނަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހާ ފާޅުކަންބޮޑު ގޮތެއްގައި އެ ޖުމުލަ ބުނީ ކީއްވެ ހެއްޔެވެ؟

"ވަޓް؟..." އިޒީގެ ދެބުމަ ކައިރިވިއެވެ. ދެއަތް މުށްކެވުނެވެ.

"ބުނީމެއްނު ބައެއް ކަންކަން ފަސްލާ ފޮރުވައެއް ނުލެވޭނޭ... އެކަންކަން ނިއުޅެމުންދާ ވަރަކަށް، ބައެއް މީހުން ބިރުގަންނާނެ..." ރިޝާން އެއްވެސް ކަމެއް ފޮރުވާކަށް ނޫޅެއެވެ.

"ކާކު؟..." އިޒީއަށް އަހައިލެވުނެވެ. "އެމީހަކީ ކާކު؟..."

ރިޝާން ދޫކޮށްލީ ފުން ނޭވާއެކެވެ.

"ތި ހަނދާނުގަ އެކަން ނެތިއްޔާ، އޭގެ މާނައަކީ ތި އާންސާއަށް އަދި ރެޑީއެއް ނޫނޭ..." ރިޝާން ތެދުވިއެވެ. "އެކަނި ތަންތަނަށް ދާއިރު ބަލައިގެން އުޅޭތި!..."

އަނެއްކާވެސް އެ ޖުމުލައެވެ. މިފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟ އިޒީ ސުވާލު މާކެއްގެ ތެރެއަށް ދޫކޮށްފައި ރިޝާން ދިޔައީއެވެ. ޖެހި ބުދެއްހެން އިޒީ އެތައް އިރަކު ހުއްޓެވެ. އިއްޔެވެސް މިއަދުވެސް ހިނގި ކަންކަމަކީ އިޒީގެ ހީވުމެއް ނޫނެވެ. ރިޝާންގެ ވާހަކައިން އޭނާއަށް އެކަން ޔަގީންވެއްޖެއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު