ދި މެންގްރޫވް ޗެމްޕިއަންޝިޕް 2026 ގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު އެފްސީ މާފަރުގެ މައްޗަށް 3-2 އިން ކުރިހޯދައި، މާޒިޔާ ޖޫނިއާސް އިން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިން މާލޭގައި ކުރިއަށްދާ ފަރިތަކުރުންތަކުގައި ބައިވެރިވާން ޖެހުމުން، އެ ކުޅުންތެރިން ނުލައި މާޒިޔާ އިން މިއަދުގެ މެޗަށް ނުކުތް ނަމަވެސް، އެޓީމުން ވަނީ ހިތްވަރުގަދަ ކުޅުމެއް ދައްކައި މެޗުގެ ނަތީޖާ އަނބުރާލާފައެވެ.
މެޗުގެ ފުރަތަމަ ލީޑު ނަގައި މާފަރުން ވަނީ މާޒިޔާ އަށް ވަރުގަދަ ޕްރެޝަރެއް ކުރިމަތިކުރުވާފައެވެ. މި ގޯލު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނިޒާމް (ޕީކޭ) އެވެ.

މުބާރާތުގެ ސެމީގައި ލަނޑު ޖެހުމަށްފަހު މާޒިޔާ ޖޫނިއާސް އިން އުފާފާޅުކުރަނީ-- ފޮޓޯ: ސިޑިބަރި
ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މާޒިޔާ އިން ވަނީ ކައިރިކައިރީގައި ދެ ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އައިދު މުހައްމަދު ޖަވާޒް ނަތީޖާ ހަމަހަމަކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން މުހައްމަދު އައިހަމް އަންވަރު ވަނީ މާޒިޔާ އަށް ލީޑު ނަގައިދީފައެވެ.
ދެވަނަ ހާފުގައި ވެސް މާޒިޔާ އިން ކުޅުން ވަރުގަދަކޮށް 79 ވަނަ މިނެޓުގައި ސަމްދޫހު މުހައްމަދު ޖަހައިދިން ގޯލާއެކު ލީޑު ފުޅާކުރިއެވެ.
މާފަރުގެ އިބްރާހީމް ޒަކަރިއްޔާ 86 ވަނަ މިނެޓުގައި ގޯލެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، މެޗުގެ ފަހު ވަގުތު މާފަރުގެ ނިޒާމް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމުމުން އެޓީމަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުސަތު ގެއްލިގެން ދިޔައެވެ.

މެޗުގައި ލަނޑުޖެހުމަށްފަހު މާޒިޔާ ކުޅުންތެރިން އުފާފާޅުކުރަނީ-- ފޮޓޯ: ސިޑިބަރި
މި ނިންމުމާއެކު މާފަރުގެ ސަޕޯޓަރުންނާއި ބެންޗުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
މި މުބާރާތުގެ ފައިނަލުގައި މާޒިޔާ އިން ވާދަކުރަން ޖެހޭނީ މިރޭ 9:00 ގައި ކުޅޭ ނައިފަރު ޗެލްސީ އާއި ޖިބިއްލީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
ޝަރަފުވެރި ފައިނަލް މެޗު ކުޅުމަށް ތާވަލުކުރެވިފައިވަނީ މި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ރޭގައެވެ.